ޤުރްއާން މުދައްރިސުން ތައްޔާރު ހެއްޔެވެ؟ އެންމެ ފުރަތަމަ ތައްޔާރުވާން ޖެހޭނީ ޤުރްއާން މުދައްރިސުންނެވެ.
ކީރިތި ޤުރްއާން މަޖުބޫރު މާއްދާއަކަށް ހެދުމާއެކު، ކީރިތި ޤުރްއާން ކިޔަވަން ދަސްކުރުމަށް، މީގެ ކުރިން މަސައްކަތް ނުކުރާ ދަރިވަރުންނާއި، ކީރިތި ޤުރްއާން ކިޔަވަން އުނދަގޫ ދަރިވަރުން، ކީރިތި ޤުރްއާން އުނގެނި ދަސްކުރަން، ވަރަށް ބޮޑަށް މަސައްކަތް ކުރާނެއެވެ. އެކަން އެގޮތަށް ކުރުމަށް، ދަރިވަރުންނަށް މަޖުބޫރުވާނެއެވެ. އަދި މިހާރަށްވުރެ ބޮޑަށް، މުދައްރިސުންނަށް އެއްބާރުލުން ދިނުމަށް، ބެލެނިވެރިންނަށް ވެސް މަޖުބޫރުވާނެއެވެ.
މި ބަދަލުތަކުގެ ސަބަބުން، ކީރިތި ޤުރްއާން އުނގަންނައި ދިނުމުގައި، ވަކި ޚާއްޞަ އޮނިގަނޑެއްގެ ތެރެއަށް ވަނުމަށް، ޤުރްއާން މުދައްރިސުންނަށް މަޖުބޫރުވާނެއެވެ. ކީރިތި ޤުރްއާން މަޖުބޫރު މާއްދާއަކަށް ހެދުމާ ދެކޮޅަށް، ވާހަކަ ދައްކާ، މަދު ޤުރްއާން މުދައްރިސުން، ޙަޤީޤަތުގައި ބިރު ގަންނަނީ، އެކަން އެގޮތަށް ކުރަންޖެހޭނެކަން އެނގޭތީއެވެ.
ކީރިތި ޤުރްއާން މަޖުބޫރު މާއްދާއަކަށް ހެދުމާއެކު، ކީރިތި ޤުރްއާނުން ފާސްވުމަށް، ގިނަ ދަރިވަރުންތަކެއް ބޭނުންވާނެއެވެ. ބެލެނިވެރިން ވެސް އެކަމަށް ދަރިވަރުންނަށް މަޖުބޫރުކުރަން ފަށާނެއެވެ. އެހާ ހިސާބުން، ޤުރްއާން މުދައްރިސުންގެ އަޞްލު ފެންވަރު ތިލަވާން ފަށާނެއެވެ. ކީރިތި ޤުރްއާން އުނގަންނައި ދިނުމުގައި، މިހާރުގެ ޙާލަތަށް ބަލާއިރު، ޢާންމުކޮށް ފެންނަނީ، އާޔަތްތަކާއި ސޫރަތްތައް މުދައްރިސުންގެ އަޑު ދަށުން ކިޔުއްވާ ތަނެއެވެ. އެނޫން އާ ގޮތެއް އާ ތަރުތީބަކަށް، އިސްކަން ދޭ ތަނެއް ވަރަށް ނުފެނެއެވެ. ބައެއް ސްކޫލްތަކުގައި، ދަރިވަރުންނަށް އާޔަތްތަކާއި ސޫރަތްތައް، އަމިއްލައަށް ކިޔަން ނޭނގުމުން، އެފަދަ ދަރިވަރުންނަށް، ޤުރްއާނުގެ އާޔަތްތަކާއި ސޫރަތްތައް ލިޔެދެނީ، ދިވެހި އަކުރުތަކާއި ފިލިތަކުންނެވެ. އެއީ ހުއްދަ ކަމެއް ނޫނެވެ. ދިވެހި ރާއްޖޭގެ ރަސްމީ ތަޢުލީމުދޭ ނިޒާމުގެ ތެރޭގައި، އެފަދަ ކަމެއް ހިނގުމަކީ، ބަލައިގަނެވޭނެ ކަންކަމެއް ނޫނެވެ.
ޤުރްއާން ޓީޗިންގ ހަދާފައިވާ މުދައްރިސަކަށް، ޤުރްއާން އުނގަންނައި ދިނުމުގައި، ގޮތް ހުސްވެ، ދިވެހި ބަހުން، ކީރިތި ޤުރްއާން ލިޔެދީގެން، ޤުރްއާން ކިޔަވައިދޭންޖެހޭ ހިސާބަށް، ކަންކަން ދިއުމަކީ، ޓީޗިންގ ހެދުމުގައި، މުދައްރިސުންނަށް، ކީރިތި ޤުރްއާން އުނގަންނައިދޭންޖެހޭ ގޮތާއި ތަރުތީބު، ދަސްކޮށްދެވިފައި ނެތް ކަމުގެ ޢަލާމާތެކެވެ. ކީރިތި ޤުރްއާން އުނގަންނައިދިނުމުގައި، މުދައްރިސުން ގޮތް ހުސްވެ، ދިވެހި ބަހުން ޤުރްއާން ލިޔެދީގެން ކިޔަވައިދޭން ޖެހޭ ހިސާބަށް، ދާންޖެހޭ އެންމެ ބޮޑު ސަބަބަކީ، ނުބައިކޮށް ޤުރްއާން ޓީޗިންގ ހެދުމެވެ. ޙަޤީޤަތުގައި ޤުރްއާން ޓީޗިންގ ކޯހެއް ނަމަ، އެންމެ ބޮޑު އިސްކަމެއްދޭނީ، ޤުރްއާން އުނގަންނައިދޭން ޖެހޭ ގޮތާއި ތަރުތީބަށެވެ. ޤުރްއާން ފިލާވަޅުތައް ދަސްކޮށްދޭން ޖެހޭ ގޮތާއި ތަރުތީބަށެވެ. ނަމަވެސް، ޤުރްއާން ޓީޗިންގ ހަދާފައިވާ ގިނަ މުދައްރިސުންގެ ކިބާގައި، އެކަންކަން ފުރިހަމައެއް ނުވެއެވެ.
ކަމެއް ނޭނގޭ ބަޔަކު ނުވަތަ އެކަމެއް ކުރަން އުނދަގޫ ބަޔަކު، އެކަމެއް އުނގެނި ދަސްކުރުމަށް، މަސައްކަތް ކުރަން ފަށާ ހިސާބުން، އެކަމެއް ދަސްކޮށްދޭ އެދުރުންގެ ޙަޤީޤީ ފެންވަރު ހާމަވާން ފަށާނެއެވެ. ކީރިތި ޤުރްއާން މަޖުބޫރު މާއްދާއަކަށް ހެދުމާއެކު، ކީރިތި ޤުރްއާނުން ފާސްވުމަށް ގިނަ ދަރިވަރުންތަކެއް ބޭނުންވާނެއެވެ. ބެލެނިވެރިން ވެސް އެކަމަށް، ދަރިވަރުންނަށް މަޖުބޫރުކުރަން ފަށާނެއެވެ. އެހާ ހިސާބުން، ޤުރްއާން މުދައްރިސުންގެ އަޞްލު ފެންވަރު ތިލަވާން ފަށާނެއެވެ. އެހިސާބަށް ދިއުމުން، ކީރިތި ޤުރްއާން އުނގަންނައި ދިނުން ހަރުދަނާކުރަން މުދައްރިސުންނަށް މަޖުބޫރުވާނެއެވެ. އަދި މީގެ ކުރިން ޢަމަލުކުރަމުން އައި ގޮތަށް، ބަލައިގެން ކިޔަވަން ދަސްކުރަންޖެހޭ ފިލާވަޅުތައް، ނުބަލައި ކިޔައިދިނުމުން، ދަސްވެއްޖެކަމަށް ބުނެ، އޮޅުވާލި ގޮތަށް، ދެން އޮޅުވައެއް ނުލެވޭނެއެވެ.
އަދި ކީރިތި ޤުރްއާން އުނގަންނައިދިނުމުގައި، ހަމައެކަނި އާޔަތްތަކާއި ސޫރަތްތައް އަޑު ދަށުން ކިޔުއްވައިގެން، މޮޅެތި ކުދިންނަށް ޚާއްޞަވާގޮތަށް، ބޭނުން ކުރަމުން އައި، އުނގަންނައިދިނުމުގެ ތަރުތީބު ބަދަލުކޮށް ހަރުދަނާކުރަން، މުދައްރިސުންނަށް މަޖުބޫރުވާނެއެވެ. އެކަމުގެ ސަބަބުން، ކީރިތި ޤުރްއާން އުނގަންނައިދިނުމުގައި، ނޭނގޭ ކުދިންނާއި އެނގޭ ކުދިން، އަދި އުނދަގޫ ކުދިންނާއި ފަސޭހަ ކުދިން، އަދި މޮޅެތި ކުދިން ވެސް، ހިމެނޭ ގޮތަށް، ޖުމުލަކޮށް ހުރިހާ ފެންވަރަކަށް ވެސް، އެކަށީގެންވާ ގޮތަށް، ކީރިތި ޤުރްއާނާ މުނާސަބު، ޚާއްޞަ ތަރުތީބެއް ޚާއްޞަކުރުމަށް މަޖުބޫރުވާނެއެވެ.
އެހެންވީމަ ކީރިތި ޤުރްއާން މަޖުބޫރު މާއްދާއަކަށް ހެދުމަކީ، މުދައްރިސުންނާއި ބެލެނިވެރިން އަދި ދަރިވަރުން ވެސް، ޒިންމާދާރުވާނެ ސަބަބެކެވެ. ވީހާވެސް އަވަހަކަށް، ކީރިތި ޤުރްއާން މަޖުބޫރު މާއްދާއަކަށް ހަދަންޖެހެއެވެ.
ޤުރްއާން މުދައްރިސުން ތައްޔާރު ހެއްޔެވެ؟ އެންމެ ފުރަތަމަ ތައްޔާރުވާން ޖެހޭނީ ޤުރްއާން މުދައްރިސުންނެވެ.
ލިޔުނީ:- ޝުޢައިބު ޢަލީ