ނޭވާ ކުރުވުމާއި ނޭވާ އިތުރުވުމުގައި، ކީރިތި ޤުރްއާނުގެ އާޔަތްތައް
– ކީރިތި ޤުރްއާން ކިޔެވުމުގައި، ނޭވާ ކުރުވުމަކީ، އެއް ނޭވާއިން ކިޔަވަން ދަތިވުމެވެ.
– ކީރިތި ޤުރްއާން ކިޔެވުމުގައި، ނޭވާ އިތުރުވުމަކީ، އެއް ނޭވާއިން ކިޔަވަން ފަސޭހަވުމެވެ.
– އާޔަތްތަކޭ ބުނެވެނީ، ކީރިތި ޤުރްއާނުގައި، ވަކި އާޔަތެއްގެ ގޮތުގައި ކަނޑައެޅިފައިވާ އާޔަތްތަކެވެ.
– އެފަދަ އާޔަތްތައް ވަކި ކުރާނީ އާޔަތްތަކުގެ ނަންބަރުންނެވެ.
– ދިގު އާޔަތެއް ނަމަ، މާނަ ފުރިހަމަވާ ގޮތަށް، އެއް ނޭވާއިން ކިޔާލެވޭ މިންވަރަކީ ވެސް އާޔަތެކެވެ.
– މިއީ މިފިލާވަޅުގައި އާޔަތް މާނަކުރާ ގޮތެކެވެ.
– ނޭވާ ކުރުވުމާއި ނޭވާ އިތުރުވުމުގައި، ކީރިތި ޤުރްއާނުގެ އާޔަތްތައް ބެހެނީ ދެ ބަޔަކަށެވެ. އެއީ ….
1- އަވަހަށް ނޭވާ ހުސްވާ އާޔަތްތައް.
– މިފަދަ އާޔަތްތައް ކިޔުމުގައި، އަވަހަށް ނޭވާ ހުސްވެ ނޭވާ ކުރުވާނެއެވެ.
2- އަވަހަށް ނޭވާ ހުސްނުވާ އާޔަތްތައް.
– މިފަދަ އާޔަތްތައް ކިޔުމުގައި، އަވަހަށް ނޭވާ ހުސްވެ، ނޭވާކުރުވުމުގެ މައްސަލައެއް ދިމާނުވާނެއެވެ.
އަވަހަށް ނޭވާ ހުސްވާ އާޔަތްތައް
– ކީރިތި ޤުރްއާނުގެ އާޔަތްތަކުގެ ތެރެއިން އަވަހަށް ނޭވާ ހުސްވާ އާޔަތްތަކަކީ:-
1- هَمْسُ ގެ އަކުރުތަކުގެ ތެރެއިން، ث ح خ س ش ص ف ه މި އަކުރުތައް އަންނަ އާޔަތްތައް.
– މި އަކުރުތަކަށް، هَمْسُ ގެ ޞިފަ ދިނުމުގެ ސަބަބުން، ނޭވާ ދޫވާނެއެވެ.
– އެކަމުގެ ސަބަބުން، ނޭވާ ހުސްވުން އަވަސްވެ ނޭވާ ކުރުވާނެއެވެ.
2- ދެމޭ ޙާލަތްތަކާއި އިތުރަށް ދެމޭ ޙާލަތްތައް އަދި އިތުރަށް ޣުންނަކުރެވޭ ޙާލަތްތައް އަންނަ އާޔަތްތައް.
ދެމޭ ޙާލަތްތައް
– މިއީ ހަމައެކަނި މައްދުގެ އަކުރުތައް އަންނަ ޙާލަތްތަކެވެ.
އިތުރަށް ދެމޭ ޙާލަތްތައް
– މިއީ މައްދުގެ އަކުރުތަކުގެ ފަހަތަށް، أَلِفْ އާއި سُكُونْ އަންނަ ޙާލަތްތަކެވެ. އަދި ލީންގެ އަކުރުތަކުގެ ފަހަތަށް، سُكُونْ އަންނަ ޙާލަތްތަކެވެ.
އިތުރަށް ޣުންނަ ކުރެވޭ ޙާލަތްތައް
– މިއީ نُونْ , مِيمۡ ގައި تَشْدِيدْ ޖެހިފައިވާ ޙާލަތްތަކާއި، ޣުންނައާއެކު إِدْغَامْ ކުރެވޭ ޙާލަތްތައް އަދި إِخْفَاء ކުރެވޭ ޙާލަތްތަކާއި إِقْلَابْ ކުރެވޭ ޙާލަތްތަކެވެ.
އާޔަތްތައް ކިޔެވުމުގައި، މި ތިން ޙާލަތަށް ސަމާލުވުން، މުހިންމުވާ ސަބަބުތައް
1- ކީރިތި ޤުރްއާން ކިޔެވުމުގައި، މި ތިން ޙާލަތުގެ ސަބަބުން އަވަހަށް ނޭވާ ހުސްވާނެތީއެވެ.
2- ކީރިތި ޤުރްއާން ކިޔަވަން ފެށުމުގެ ކުރިން، އަޑު ތައްޔާރުކުރުމަށް، މި ތިން ޙާލަތް ޚާއްޞަކުރެވޭތީއެވެ.
3- މި ތިން ޙާލަތުގެ ސަބަބުން، ޢަރަބި ބަހުން ވާހަކަ ދެއްކުމާއި، ކީރިތި ޤުރްއާން ކިޔެވުން ތަފާތުވާތީއެވެ.
ޚުލާޞާ
– މިފަދަ އަކުރުތަކާއި ޙާލަތްތައް އިތުރުވާ ވަރަކަށް، އެފަދަ އާޔަތްތައް ކިޔުމުގައި، އަވަހަށް ނޭވާ ހުސްވެ ނޭވާ ކުރުވާނެއެވެ.
– އަދި ދެމޭ ސަބަބާއި، އިތުރަށް ދެމޭ ސަބަބުގެ ފަހަތަށް، هَمْسُ ގެ އަކުރުތައް އައުމުން ނޭވާ ހުސްވުން އަވަސްވެ އިތުރަށް ނޭވާ ކުރުވާނެއެވެ.
އަވަހަށް ނޭވާ ހުސްނުވާ އާޔަތްތައް
– މިއީ ކީރިތި ޤުރްއާނުގެ އާޔަތްތަކުގެ ތެރެއިން، ދެމޭ ޙާލަތްތަކާއި އިތުރަށް ދެމޭ ޙާލަތްތައް އަދި އިތުރަށް ޣުންނަކުރެވޭ ޙާލަތްތައް ނާންނަ އާޔަތްތަކެވެ.
– އަދި هَمْسُ ގެ އަކުރުތަކުގެ ތެރެއިން، ث ح خ س ش ص ف ه މި އަކުރުތައް ނާންނަ އާޔަތްތަކެވެ.
ލިޔުނީ:- ޝުޢައިބު ޢަލީ / ހުސްއެދުރުން-2