ކީރިތި ޤުރްއާނުން ދަސްކުރާ ފިލާވަޅު ދަސްކޮށް ފަރިތަކޮށް އާދަނުކުރެވެނީސް ވަރުބަލިވަނީ ކީއްވެ؟
ކިތަންމެ ގިނައިން ވާހަކަ ދެއްކިޔަސް ވަރުބަލި ނުވޭ !!! އެކަމަކު ޤުރްއާން ފިލާވަޅު ދަސްކޮށް ފަރިތަކޮށް އާދަނުކުރެވެނީސް ވަރުބަލިވޭ!!! ކީއްވެ؟
ކީރިތި ޤުރްއާނުން، ބަލައިގެން ކިޔަވަން ދަސްކުރާ ފިލާވަޅާއި ނުބަލައި ކިޔަވަން ދަސްކުރާ ފިލާވަޅުތައް، ރަނގަޅަށް ދަސްކޮށް ފަރިތަކޮށް އާދަނުކުރެވެނީސް، ވަރުބަލި ވުމަކީ، ވަރަށް ގިނަ މީހުންނަށް ދިމާވާ ކަމެކެވެ. މިގޮތަށް ދިމާވާނަމަށް، ދަސްކުރާ ޤުރްއާން ފިލާވަޅުތައް، ދަސްކޮށް ފަރިތަކޮށް އާދަކުރެވޭ މިންވަރަށް، ތަކުރާރުކޮށް ކިޔުމަކީ، ވަރަށް ދަތިކަމަކަށް ވެގެންދާނެއެވެ. އަދި ކީރިތި ޤުރްއާން ހިތު ދަސްކުރުމަށް އުނދަގޫވެގެންދާނެއެވެ. ޢާންމުކޮށް މިގޮތަށް ދިމާވަނީ، ޤުރްއާން ފިލާވަޅު ދަސްކުރުމުގައި، ހަމައެކަނި ރީތިކޮށް ރާގަށް ކިޔަވާތީއެވެ.
ކީރިތި ޤުރްއާން ކިޔެވުމަކީ، އަޑާއި ނޭވާ އަދި ދުލުގެ ޙަރަކާތާ ގުޅިފައިވާ ކަމެކެވެ. އެކަމުގެ ސަބަބުން، ހުރިހާ ޙާލަތެއްގައި ރީތިކޮށް ރާގަށް ކިޔަވާނަމަ، ދަސްކުރާ ފިލާވަޅު ދަސްކޮށް ފަރިތަކޮށް އާދަނުކުރެވެނީސް، ވަރުބަލިވެގެން ހުއްޓާލަން ޖެހެއެވެ. ސަބަބަކީ، ރީތިކޮށް ރާގަށް ޤުރްއާން ކިޔަވާނަމަ، އަޑާއި ނޭވާ އަދި ދުލުގެ ޙަރަކާތް ބޭނުންކުރަންޖެހޭ ގޮތާއި ތަރުތީބު، ޢާންމު ޙާލަތާ ތަފާތުވާތީއެވެ. ރީތިކޮށް ރާގަށް ކިޔެވުމުގައި، ނޭވާ އާއި އަޑު ބޭނުންކުރެވޭނީ، ތަންކޮޅެއް މަތީ ޚާއްޞަ ދަރަޖައަކުންނެވެ. އެކަމުގެ ސަބަބުން، އަވަހަށް ވަރުބަލިވާނެއެވެ. އަވަހަށް ވަރުބަލިވާނަމަ، ދަސްކުރާ ފިލާވަޅު ދަސްކޮށް ފަރިތަކޮށް އާދަކުރެވޭ މިންވަރަށް، ތަކުރާރުކޮށް ފިލާވަޅު ކިޔުމަށް، ހުރަސް އެޅޭނެއެވެ.
ކީރިތި ޤުރްއާނުން ދަސްކުރާ ފިލަވަޅު ދަސްކޮށް ފަރިތަކޮށް އާދަނުކުރެވެނީސް، ވަރުބަލިވާ މައްސަލަ ޙައްލުކުރާނީ ކިހިނެއް؟
ކީރިތި ޤުރްއާނުން ދަސްކުރާ ފިލަވަޅު ދަސްކޮށް ފަރިތަކޮށް އާދަނުކުރެވެނީސް، ވަރުބަލިވާ މައްސަލަ ޙައްލުކުރާނީ، ޤުރްއާން ފިލާވަޅު ދަސްކުރާއިރު، އެންމެ ފުރަތަމަ ރީތިކޮށް ރާގަށް ކިޔެވުމުގެ ކުރިން، ބަޔާންކޮށްދޭ ގޮތަށް ކިޔައިގެންނެވެ. ބަޔާންކޮށްދޭ ގޮތަށް ކިޔުމާއި، ރީތިކޮށް ރާގަށް ކިޔެވުމަކީ، ތަފާތު ދެ ކަމެކެވެ. ބަޔާންކޮށްދޭ ގޮތަށް ކިޔުމަކީ، ބަޔާން ކުރުމެކެވެ. ރީތިކޮށް ރާގަށް ކިޔެވުމަކީ، ހުށައަޅައި ދިނުމެކެވެ. ޙަޤީޤަތުގައި ހުށައެޅުމަކީ، ދަސްކުރުމަށްފަހު ކުރަންޖެހޭ ކަމެކެވެ. އެހެންވީމަ، ކީރިތި ޤުރްއާނުން ދަސްކުރާ ފިލާވަޅު، ދަސްކޮށް ފަރިތަކޮށް އާދަނުކުރެވެނީސް، ވަރުބަލިވާނަމަ، އެންމެ ރަނގަޅު ގޮތަކީ، ބަޔާންކޮށްދޭ ގޮތަށް ކިޔުމަށްފަހު، ރީތިކޮށް ރާގަށް ކިޔެވުމެވެ. އޭރުން ޤުރްއާން ފިލާވަޅުތައް ދަސްކޮށް ފަރިތަކޮށް އާދަކުރަން، ވަރަށް ބޮޑަށް ފަސޭހަވެ، ކީރިތި ޤުރްއާން ހިތު ދަސްކުރަން ފަސޭހަވެގެންދާނެއެވެ.
ކީރިތި ޤުރްއާން އުނގެނުމުގައި كَيْفِيَّةُ ﭐلْبَيَان
– كَيْفِيَّةُ ﭐلْبَيَان އަކީ:- ބަޔާންކޮށްދޭ ގޮތަށް ކިޔެވުމެވެ.
– މިއީ ވާހަކަދައްކާ ގޮތްތަކުގެ ތެރެއިން ކީރިތި ޤުރްއާން ކިޔެވުމަށް ޚާއްޞަ ކުރެވިފައިވާ ގޮތަށް ކިޔެވުމެވެ.
– ޢާންމުކޮށް މި ގޮތަށް ކިޔަވަނީ ޚުތުބާ ނުވަތަ ދީނީ ދަރުސްދެވޭ ޙާލަތްތަކުގައެވެ.
– މި ޙާލަތްތަކުގައި ކީރިތި ޤުރްއާނުގެ އާޔަތްތައް ކިޔެވޭނީ އަޑުއަހާ މީހާއަށް ބަޔާންކޮށްދޭ ގޮތަށެވެ.
– ފިލާވަޅު ދަސްކުރުމުގައި ރީތިކޮށް ރާގަށް ކިޔެވުމުގެ ކުރިން މިގޮތަށް ކިޔައި ފަރިތަކޮށްލާށެވެ.
كَيْفِيَّةُ ﭐلْبَيَان ގެ ސަބަބުން ކިޔެވުމަށް ލިބޭނެ ކުރިއެރުން
– كَيْفِيَّةُ ﭐلْبَيَان ގެ ސަބަބުން ކިޔެވުމަށް ލިބޭނެ ކުރިއެރުންތައް ބެހެނީ 4 ބަޔަކަށެވެ.
1- ބަލައިގެން ކިޔެވުމަށް ލިބޭނެ މައިގަނޑު ކުރިއެރުންތައް.
ހ. އަވަހަށް ވަރުބަލި ނުވާ ގޮތަށް، ތަކުރާރުކޮށް ގިނައިން ކިޔުމަށާއި މުރާޖަޢާކުރަން ފަސޭހަވުމާއެކު ކިޔަވާ މިންވަރު އިތުރުކުރަން ފަސޭހަވުން.
2- ނުބަލައި ކިޔެވުމަށް ލިބޭނެ މައިގަނޑު ކުރިއެރުންތައް.
ހ. އަވަހަށް ވަރުބަލި ނުވާ ގޮތަށް، ތަކުރާރުކޮށް ގިނައިން ކިޔުމަށާއި މުރާޖަޢާކުރަން ފަސޭހަވުމާއެކު ކިޔަވާ މިންވަރު އިތުރުކުރަން ފަސޭހަވުން.
3- تَجْوِيد ގެ ޤަޥާޢިދުތަކަށް ޢަމަލުކުރުމުގައި ލިބޭނެ މައިގަނޑު ކުރިއެރުންތައް.
ހ. ކީރިތި ޤުރްއާނަކީ ޢަރަބި ބަހުން އޮތް ފޮތަކަށް ވެފައި، ޢަރަބި ބަހުގެ އަޞްލަކީ ވާހަކަދެއްކުން ކަމުގައިވާތީ، ބަޔާންކޮށްދޭ ގޮތަށް ކިޔެވުމުން ޢަރަބި އަޑުން ކިޔަވަން ފަސޭހަވެގެން ދިއުން.
ށ. އަކުރުތަކުގައި ފިލި، ސުކުން އަދި ތަޝްދީދުޖެހޭ ހިނދު އަންނަ އެކި ބަދަލުތަކަށް ދޫ ފަރިތަވުން.
ނ. ކިޔެވުމުގައި ޘާބިތުކަން ލިބި ދޫ މައްޗަށް ފަރިތަވުން.
ރ. އަކުރާއި ކަލިމަ ގުޅުވުމުގައި އުފެދޭ تَجْوِيد ގެ އެކި ޤަޥާޢިދުތަކަށް ޢަމަލުކުރަން ފަރިތަވުން.
ބ. އަކުރުތަކުގެ މަޚްރަޖާއި ޞިފަތަކަށް ( އަކުރުގެ އަޑަށް ) ރައްކާތެރިވެގެން ކިޔެވުމަށް އާދަވުން.
ޅ. ކިޔަވަމުން ދާއިރު تَجْوِيد ގެ އެކި ބައިތަކާމެދު ވިސްނަން ފަސޭހަވުން.
ކ. تَجْوِيد ގެ ޢިލްމީބައި ދަސްކުރުމަށްފަހު، ކިޔަވަމުން ދާއިރު އެބައިތައް ފާހަގަކުރަން ފަސޭހަވުން.
4- އަޑާއި ރާގަށް ލިބޭނެ މައިގަނޑު ކުރިއެރުންތައް.
ހ. ރާގު ވުޖޫދުވުމުގެ އަޞްލުތައް ކަމުގައިވާ އަކުރުން އަކުރަށް އަދި ކަލިމައިން ކަލިމައަށް އަޑާއިރާގުގެ އެކި ދަރަޖަތައް ދިނުމަށް ފަސޭހަވެ ރީތިކޮށް ރާގަށް ކިޔެވުމަށް މަގުފަހިވުން.
ށ. މާނައިގެ ގޮތުން އެކި ކަލިމަތަކަށް އަޑާއި ރާގުން ދޭންޖެހޭ ދަރަޖަތައް ދިނުމަށް ފަސޭހަވުން.
ލިޔުނީ:- ޝުޢައިބު ޢަލީ / ހުސްއެދުރުން-2