ކީރިތި ޤުރްއާން މަޖުބޫރު މާއްދާއަކަށް ހެދުމާއެކު، ޤުރްއާން މުދައްރިސުން ތަމްރީނުކުރާ ގޮތް ބަދަލުކޮށް ހަރުދަނާ ކުރަންޖެހެއެވެ. ސަބަބަކީ މަޖުބޫރު މާއްދާއަކަށް ހެދުމާއެކު ކިޔަވައިދިނުން ވެސް އެއްގޮތް ކުރަންޖެހޭތީއެވެ.
ކީރިތި ޤުރްއާން އުނގަންނައިދޭ އެދުރުންނަކީ، ދީނީ ގޮތުންނާއި ދުނިޔަވީ ގޮތުން ވެސް، އެތައް ބައެއްގެ އުންމީދުތަކާ ގުޅިފައިވާ ބައެކެވެ. އެއީ މީސްތަކުންނަށް ކީރިތި ޤުރްއާން އުނގެނުން ފަސޭހަކޮށްދީ ލުއިކޮށްދިނުމުގެ ޒިންމާއާ ޙަވާލުވެފައިވާ، އެކަންކަމާމެދު ސުވާލުވެވޭނެ ބައެކެވެ. ކީރިތި ޤުރްއާން އުނގަންނައި ދިނުމަކީ، ހަމައެކަނި ކީރިތި ޤުރްއާން ކިޔައިދިނުމެއް ނޫނެވެ. އެއީ އުނގެނި ދަސްކުރުމެކެވެ. އެކަމުގައި މީސްތަކުންނަށް ފަސޭހަވާނެ ގޮތްތައް ތަޢާރަފްކޮށްދިނުން ހިމެނެއެވެ. ކީރިތި ޤުރްއާން އުނގެނި ދަސްކުރަން ބޭނުންވާ މީހުންނަށް، އުނގެނި ދަސްކުރާނެ ގޮތާއި ތަރުތީބު އެކުލަވާލައި ފަސޭހަކޮށް ދިނުމަކީ، އުނގަންނައިދޭ އެދުރުންގެ ޒިންމާއެކެވެ. ދީނީ ވާޖިބެކެވެ.
ކީރިތި ޤުރްއާން އުނގަންނައިދޭ އެދުރުން ތަމްރީނުކުރުމުގައި، އެންމެ ބޮޑު އިސްކަމެއް ދޭންޖެހޭ ކަމަކީ، ދަރިވަރުންނަށް ފިލާވަޅު ފޯރުކޮށް ދޭނެ ގޮތާއި ތަރުތީބު އަދި ދަރިވަރުންނަށް ފިލާވަޅު ފަސޭހަކޮށްދޭނެ ގޮތާއި ތަރުތީބު، އެދުރުންނަށް ދަސްކޮށްދިނުމެވެ. އެގޮތުން، އެދުރުން ތަމްރީނުކުރުމުގައި، މައިގަނޑު ގޮތެއްގައި އެގާރަ ކަމަކަށް އިސްކަން ދޭން ޖެހެއެވެ.
1- މަޢުލޫމާތު ފޯރުކޮށްދޭނެ ގޮތާއި ތަރުތީބު.
– މިއީ ދަރިވަރުންނަށް އެކި މަޢުލޫމާތުތައް ފޯރުކޮށްދިނުމުގައި، ދަރިވަރުންގެ ޙާލަތަށާއި ފެންވަރަށް އަދި ޢުމުރަށް ރިޢާޔަތްކޮށްގެން، ފޯރުކޮށްދެވޭ މަޢުލޫމާތުތަކަށް، ބަދަލު ގެންނާނެ ގޮތާއި، މަޢުލޫމާތުތައް ތަރުތީބުކުރާނެ ގޮތް މުދައްރިސުން ދަސްކުރުމެވެ.
2- ޤުރްއާން ފިލާވަޅު ފޯރުކޮށްދޭނެ ގޮތާއި ތަރުތީބު.
– މިއީ ޤުރްއާން ފިލާވަޅުތައް ދަސްކޮށްދިނުމަށް، ދަރިވަރުންނަށް ޤުރްއާން ފިލާވަޅު ކިޔައިދޭނެ ގޮތާއި ތަރުތީބު މުދައްރިސުންނަށް ދަސްކޮށްދިނުމެވެ.
3- ތަޖުވީދު ފިލާވަޅުތައް ފޯރުކޮށްދޭނެ ގޮތާއި ތަރުތީބު.
– މިއީ ދަރިވަރުންގެ ޙާލަތަށާއި ފެންވަރަށް އަދި ޢުމުރަށް ރިޢާޔަތްކޮށްގެން، ތަޖުވީދު ފިލާވަޅުތައް ދަރަޖަކުރުމަށްފަހު، އުނގަންނައިދިނުމުގައި ތަރުތީބު ކުރާނެ ގޮތް މުދައްރިސުންނަށް ދަސްކޮށްދިނުމެވެ.
4- ކުށްތައް ފާހަގަކުރުމާއި ކުށްތައް އިޞްލާޙުކުރާނެ ގޮތާއި ތަރުތީބު.
– މިއީ ދަރިވަރުންގެ ޙާލަތަށާއި ފެންވަރަށް އަދި ޢުމުރަށް ރިޢާޔަތްކޮށްގެން، ކުށްތައް ފާހަގަކުރުމާއި ކުށްތައް އިޞްލާޙުކުރާނެ ގޮތާއި ތަރުތީބު މުދައްރިސުންނަށް ދަސްކޮށްދިނުމެވެ.
5- ފެންވަރު ވަޒަންކުރާނެ ގޮތާއި ފެންވަރު ވަޒަންކުރާނެ ގޮތުގެ ތަރުތީބު.
– މިއީ ދަރިވަރުންގެ ޙާލަތަށާއި ފެންވަރަށް އަދި ޢުމުރަށް ރިޢާޔަތްކޮށްގެން، ފެންވަރު ވަޒަންކުރާނެ ގޮތާއި ފެންވަރު ވަޒަންކުރާނެ ގޮތުގެ ތަރުތީބު މުދައްރިސުންނަށް ދަސްކޮށްދިނުމެވެ.
6- ޤުރްއާން ފިލާވަޅު ދަސްކުރަން ކިޔާނެ ގޮތާއި ތަރުތީބު.
– މިއީ ދަރިވަރުންގެ ޙާލަތަށާއި ފެންވަރަށް އަދި ޢުމުރަށް ރިޢާޔަތްކޮށްގެން، ޤުރްއާން ފިލާވަޅު ދަސްކުރަން ކިޔާނެ ގޮތާއި ތަރުތީބު މުދައްރިސުންގެ ފަރާތުން ދަރިވަރުންނަށް، ފޯރުކޮށްދެވޭ މިންވަރަށް، މުދައްރިސުންނަށް ދަސްކޮށްދިނުމެވެ.
7- ދަރިވަރުންނަށް ފިލާވަޅުތައް ފަސޭހަކޮށްދޭނެ ގޮތާއި ތަރުތީބު.
– މިއީ ދަރިވަރުންގެ ޙާލަތަށާއި ފެންވަރަށް އަދި ޢުމުރަށް ރިޢާޔަތްކޮށްގެން، ދަރިވަރުންނަށް ފިލާވަޅުތައް ފަސޭހަކޮށްދޭނެ ގޮތާއި ތަރުތީބު މުދައްރިސުންނަށް ދަސްކޮށްދިނުމެވެ.
8- ދަރިވަރަށް ނޭނގިއްޖެނަމަ ދެން ކުރިއަށް ދާންވީ ގޮތާއި ތަރުތީބު.
– މިއީ ދަރިވަރުންގެ ޙާލަތަށާއި ފެންވަރަށް އަދި ޢުމުރަށް ރިޢާޔަތްކޮށްގެން، ދަރިވަރަށް ނޭނގިއްޖެނަމަ ދެން ކުރިއަށް ދާންވީ ގޮތާއި ތަރުތީބު މުދައްރިސުންނަށް ދަސްކޮށްދިނުމެވެ.
9- ދަރިވަރަށް އުނދަގޫ ވެއްޖެނަމަ ދެން ކުރިއަށް ދާންވީ ގޮތާއި ތަރުތީބު.
– މިއީ ދަރިވަރުންގެ ޙާލަތަށާއި ފެންވަރަށް އަދި ޢުމުރަށް ރިޢާޔަތްކޮށްގެން، ދަރިވަރަށް އުނދަގޫ ވެއްޖެނަމަ، ދެން ކުރިއަށް ދާންވީ ގޮތާއި ތަރުތީބު މުދައްރިސުންނަށް ދަސްކޮށްދިނުމެވެ.
10- ކީރިތި ޤުރްއާން ހިތު ދަސްކުރާނެ ގޮތާއި ތަރުތީބު.
– މިއީ ދަރިވަރުންގެ ޙާލަތަށާއި ފެންވަރަށް އަދި ޢުމުރަށް ރިޢާޔަތްކޮށްގެން، ކީރިތި ޤުރްއާން ހިތު ދަސްކޮށްދޭނެ ގޮތާއި ތަރުތީބު މުދައްރިސުންނަށް ދަސްކޮށްދިނުމެވެ.
11- ކިޔަންވީ ޢަދަދާއި ކިޔަންވީ މިންވަރު އަދި ކިޔަންވީ ގޮތް.
– މިއީ ދަރިވަރުންގެ ޙާލަތަށާއި ފެންވަރަށް އަދި ޢުމުރަށް ރިޢާޔަތްކޮށްގެން، ދަސްކުރާ ފިލާވަޅު، ކިޔަންވީ ޢަދަދާއި ކިޔަންވީ މިންވަރު އަދި ކިޔަންވީ ގޮތްތައް މުދައްރިސުންނަށް ދަސްކޮށްދިނުމެވެ.
ޤުރްއާން މުދައްރިސުން ތަމްރީނުކުރުމަށް، ދިވެހި ރާއްޖޭގައި މިހާރު ހިންގާ ކޯސްތަކުން، މިކަންކަން ޙާޞިލްކުރެވޭ ހެއްޔެވެ؟
މި ހުރިހާކަމެއް ޙާޞިލްކުރެވޭ ގޮތަށް، ޤުރްއާން މުދައްރިސުން ތަމްރީނުކުރެވޭނީ، ޤުރްއާން މުދައްރިސުން ތަމްރީނުކުރުމުގައި، އާޔަތްތަކާއި ސޫރަތްތައް ކިޔަން އިސްކަން ދިނުމުގެ ބަދަލުގައި، ކީރިތި ޤުރްއާން ބިނާވެފައިވާ ތަރުތީބަށް އިސްކަން ދީގެންނެވެ. ޢަމަލީ ގޮތުން އެ ތަރުތީބަށް ކިޔަވަން މަޖުބޫރުކޮށްގެންނެވެ. ޤާބިލް މުދައްރިސުން އުފެއްދޭނީ އޭރުންނެވެ.
ކީރިތި ޤުރްއާން ބިނާވެފައިވަނީ، 114 ސޫރަތުގެ މައްޗަށެވެ. ކޮންމެ ސޫރަތެއް ބިނާވެފައިވަނީ، އާޔަތްތަކެއްގެ މައްޗަށެވެ. އަދި ކޮންމެ އާޔަތެއް ވެސް ބިނާވެފައިވަނީ، ކަލިމަތަކެއްގެ މައްޗަށެވެ. އަދި ކޮންމެ ކަލިމައެއް ވެސް ބިނާވެފައިވަނީ، އަކުރުތަކެއްގެ މައްޗަށެވެ. ވީމާ އުނގެނުމަށް އަންނަ އެންމެން، ހަމަހަމަ ވާގޮތަށް އުނގަންނައިދޭން ބޭނުންވާނަމަ، އުނގަންނައިދޭން ޖެހޭ ތަރުތީބަކީ، އަކުރުން އަކުރަށް، ކަލިމައިން ކަލިމައަށް އަދި އާޔަތުން އާޔަތަށް ސޫރަތުން ސޫރަތަށެވެ.
ކީރިތި ޤުރްއާން ބިނާވެފައިވާ ތަރުތީބުން އެކުލަވާލެވިފައިވާ ކިޔުމުގެ ބައެއް ތަމްރީނުތައް
1- تَوْضِيحْ
2- حَرْفٌ بَعْدَ حَرۡفٍ
3- كَلِمَةٌ بَعْدَ كَلِمَةٍ
4- آيـَـةٌ بَعْدَ آيَــةٍ
5- سُورَةٌ بَعْدَ سُورَةٍ
މިފަދަ ތަމްރީނުތަކާ އެއްގޮތަށް، ކިޔަވަން މަޖުބޫރުވާ ގޮތަށް، އަދި އުނގަންނައިދޭން މަޖުބޫރުވާ ގޮތަށް، މުދައްރިސުން ތަމްރީނު ކުރެވިއްޖެނަމަ، ކީރިތި ޤުރްއާނާ މުނާސަބުވާ ގޮތަށް، ކީރިތި ޤުރްއާން ބިނާވެފައިވާ ތަރުތީބުން، ކީރިތި ޤުރްއާން އުނގަންނައިދިނުން، އެއްގޮތް ކުރެވިގެންދާނެއެވެ. އަދި އުނގަންނައިދިނުމުގައި، ކުރިމަތިވާ މައްސަލަތައް ޙައްލުކުރަން ފަސޭހަވެގެން ދާނެއެވެ. އެއްގޮތުން ކާމިޔާބު ނުވެއްޖެނަމަ، އިތުރު އެތައް ގޮތެއް އޮންނާނެއެވެ. މުދައްރިސުންނަށް ގޮތް ހުސްވެ، ކީރިތި ޤުރްއާން ދިވެހިބަހުން ލިޔެދީގެން، ކިޔަވައިދޭންޖެހޭ ހިސާބަށް ކަންކަން ނުދާނެއެވެ.
ޤުރްއާން މުދައްރިސުން ތަމްރީނުކުރުމުގައި، ދިވެހި ރާއްޖޭގެ ޙާލަތު
ދިވެހި ރާއްޖޭގައި، ޤުރްއާން މުދައްރިސުން ތަމްރީނު ކުރުމަށް ހިންގާ ޓީޗިންގ ކޯސްތަކުގައި، ކުރިން މި ބުނި ކަންކަމަށް އިސްކަމެއް ދެވިފައެއް ނުވެއެވެ. އޭގެ ބަދަލުގައި އިސްކަންދެނީ، މުދައްރިސުންގެ ކިޔެވުން އިޞްލާޙުކުރުމަށެވެ. ޙަޤީޤަތުގައި، މުދައްރިސުންގެ ގޮތުގައި ޚާއްޞަވުމަށް މަސައްކަތް ފަށަންޖެހޭނީ، ކީރިތި ޤުރްއާން އުނގެނި ދަސްކޮށްފައިވާ މީހުންނެވެ. ސަބަބަކީ އެންމެ ހެޔޮ މީހާއަކީ، ކީރިތި ޤުރްއާން، އުނގެނި ދަސްކޮށް، އެހެން މީހުންނަށް އުނގަންނައިދޭ މީހާކަމުގައި ބަޔާންވެފައިވާތީއެވެ. ތިމާއަށް ކުށް ނުކިޔޭ މިންވަރަށް، ކީރިތި ޤުރްއާން އުނގެނި ދަސްކޮށްފައިނުވާ މީހަކަށް، އެހެން ބަޔަކަށް އުނގަންނައިދެވޭ މިންވަރަށް، ތައްޔާރުވެވޭނެ ކަމަށް ޤަބޫލެއް ނުކުރެވެއެވެ. އެންމެ ހެޔޮ މީހާއަށް ވާން ބޭނުންނަމަ، އެންމެ ފުރަތަމަ ތިމާގެ ނަފްސަށް ޚާއްޞަކޮށް، ކީރިތި ޤުރްއާން އުނގެނި ދަސްކުރަން ޖެހެއެވެ. އެހެން މީހުންނަށް އުނގަންނައިދޭން ޖެހޭނީ އޭގެ ފަހުންނެވެ.
ދިވެހި ރާއްޖޭގައި ހިންގާ، ޤުރްއާން ޓީޗިންގ ކޯސްތަކުގައި، ބައިވެރިވާ ގިނަ މީހުންނަކީ، ކީރިތި ޤުރްއާން އުނގެނި ދަސްކުރަންޖެހޭ މަރުޙަލާ ފުރިހަމަކުރަން ޖެހޭ މީހުންނެވެ. މާނައަކީ ރަނގަޅަށް ކީރިތި ޤުރްއާން އުނގެނި ދަސްކޮށްފައި ނުވާ މީހުންނެވެ. އެކަމުގެ ސަބަބުން، އެފަދަ ކޯސްތަކުގައިވެސް އިސްކަން ދެވެނީ، މުދައްރިސުންގެ ކިޔެވުން އިޞްލާޙުކުރުމަށެވެ. މުދައްރިސުންގެ ކިޔެވުން އިޞްލާޙުކުރުމަށް، ޤުރްއާން ފިލާވަޅުތައް ކިޔުއްވުމުގައި އިސްކަން ދެނީވެސް، އާޔަތްތަކާއި ސޫރަތްތައް ކިޔުއްވުމަށެވެ. އެކަމުގެ ސަބަބުން، އެގޮތަށް ޓީޗިންގ ހަދާ މުދައްރިސުންނަށް ހީވެފައި އޮންނަނީ، ކީރިތި ޤުރްއާން އުނގަންނައި ދިނުމަކީ، ހަމައެކަނި، އާޔަތްތަކާއި ސޫރަތްތައް އަޑު ދަށުން ކިޔައިދިނުން ކަމަށެވެ. އަދި އެކަމުގެ ސަބަބުން، ދަރިވަރުންނަށް ފިލާވަޅު ފޯރުކޮށްދޭނެ ގޮތާއި ތަރުތީބު ދަސްކޮށް ދިނުމަށް، އެއްވެސް މިންވަރަކަށް އިސްކަމެއް ނުދެވެއެވެ. މިކަން މިގޮތަށް ދިމާވުމުގެ ސަބަބުތަކުގެ ތެރޭގައި، ޤުރްއާން ޓީޗިންގ އާއި އެހެނިހެން މާއްދާތަކުގެ ޓީޗިންގ އެއްގޮތް ކުރުން ހިމެނެއެވެ. އެއީ ޤުރްއާން އުނގަންނައިދޭ އެދުރުން ތަމްރީނުކުރުމުގައި، ހަމަޖެހޭ ރަނގަޅު ގޮތެއް ނޫނެވެ.
ދިވެހި ރާއްޖޭގައި ހިންގާ ޤުރްއާން ޓީޗިންގ ކޯސްތަކުގައި، ޢާންމުކޮށް ޢަމަލުކުރާ ގޮތަކީ، ތަފާތު މަޢުލޫމާތުތަކާއި، ފާޑުފާޑުގެ ތިއަރީތައް ކިޔަވައިދިނުމަށްފަހު، އެސައިމަންޓުތަކުގެ ނަމުގައި، ދަރިވަރުންނާ އެކި މަސައްކަތްތައް ޙަވާލުކުރުމެވެ. އެކަމުގެ ސަބަބުން، ދަރިވަރުންގެ މެދުގައި އުފެދޭ ވާދަވެރިކަމުގެ ސަބަބުން، ޤުރްއާން އުނގަންނައިދޭނެ ގޮތާއި ތަރުތީބު ކަނޑައެޅުމުގައި އޮންނަނީ، އެކަކު އަނެކަކާ ވާދަވެރި، ވީހާވެސް ބޮޑަކަށް ތަފާތުކުރުމުގެ ރޫޙެކެވެ. ކީރިތި ޤުރްއާން ބިނާވެފައިވާ ތަރުތީބުން، އުނގަންނައިދިނުން އެއްގޮތް ކުރާކަށް އިސްކަމެއް ނުދެއެވެ. ކީރިތި ޤުރްއާނާ މުނާސަބު ގޮތްތަކާއި މުނާސަބު ނޫން ގޮތްތައް ތަފާތުކުރުމަށް، އިސްކަމެއް ނުދެއެވެ. ކޮންމެ މީހަކުވެސް އެމީހަކަށް ވިސްނޭ ގޮތެއް ލިޔެލަނީއެވެ. ކީރިތި ޤުރްއާން އުނގަންނައިދޭ އެދުރުން ތަމްރީނުކުރުމުގައި، މިއީ އެއްގޮތަކަށް ވެސް ރަނގަޅު ގޮތެއް ނޫނެވެ.
މިކަމުގެ އެންމެ ބޮޑު ހެއްކަކަކީ، އެގޮތަށް ގިނަ މުދައްރިސުންތަކެއް ތަމްރީނުކޮށްގެން ވެސް، އަދިވެސް ނަތީޖާ ނެރެން އުނދަގޫވުމެވެ. މިކަމުގައި އެންމެ ރަނގަޅު ޙައްލަކީ، ކީރިތި ޤުރްއާން އުނގަންނައިދޭން ޖެހޭ ގޮތާއި ތަރުތީބު ކަނޑައެޅުމުގައި، ކީރިތި ޤުރްއާން ބިނާވެފައިވާ ތަރުތީބަށް އިސްކަންދިނުމެވެ. އަދި އެގޮތަށް ހުރިހާ މުދައްރިސުން ތަމްރީނުކުރުމެވެ. ކީރިތި ޤުރްއާން މަޖުބޫރު މާއްދާއަކަށް ހަދާއިރު، އުނގަންނައި ދިނުން އެއްގޮތް ކުރުމަކީ، ވަރަށް މުހިންމު ކަމެކެވެ.
ލިޔުނީ:- ޝުޢައިބު ޢަލީ