ހަމަ ޙަޤީޤަތުގައިވެސް ކީރިތި ޤުރްއާން ހިތު ދަސްކުރަން އުނދަގޫތަ؟
ކީރިތި ޤުރްއާން ހިތު ދަސްކުރުމަށް، ވަރަށް އުނދަގޫކަމަށް ވަރަށް ގިނަ މީހުން ބުނެއެވެ.
މިކަމުގައި ދައްކަންޖެހޭ ވާހަކަތައް ގިނައެވެ.
ކީރިތި ޤުރްއާން ހިތު ދަސްކުރަން އުނދަގޫވާ، ކޮންމެ މީހަކީ، ފާފަތަކަށް އަރައިގަންނަ މީހެއް ކަމަށް ނުބުނެވޭނެއެވެ. އަދި ކީރިތި ޤުރްއާން ހިތު ދަސްކުރަން ފަސޭހަ ކޮންމެ މީހަކީ، ފާފަތަކާ ދުރު ސާފު، ދީންވެރި ތަޤްޥާވެރި މީހެއްކަމަށް ނުބުނެވޭނެއެވެ.
އެމީހަކު ބީރައްޓެހި އެއްޗެއް ހިތު ދަސްކުރުމަކީ، ނުވަތަ ހިތުގައި ރައްކާކުރުމަކީ، ފަސޭހަ ކަމަކަށް ނުވާނެއެވެ. އެއީ އެކަމުގެ ޠަބީޢަތެވެ. ކީރިތި ޤުރްއާން ހިތު ދަސްކުރުން، ފަސޭހަކުރަން ބޭނުންވާނަމަ، ތިން ގޮތަކުން، ކީރިތި ޤުރްއާން ފަސޭހަކުރާށެވެ. އޭރުން ހިތު ދަސްކުރަން ފަސޭހަ ވެގެންދާނެއެވެ. އިންޝާﷲ
އެ ތިން ކަމަކީ:-
1- ކީރިތި ޤުރްއާން ކިޔެވުމަށް، ޠަބީޢީ އަޑު ފަސޭހަކުރުން.
2- ކީރިތި ޤުރްއާން ކިޔެވުމަށް، ލޮލުގެ ޙަރަކާތް ފަސޭހަކުރުން.
3- ކީރިތި ޤުރްއާން ކިޔެވުމަށް، ދުލާއި އަނގައިގެ ޙަރަކާތްތައް ފަސޭހަކުރުން.
ޢާންމުކޮށް މި ކަންކަން ފަސޭހަކުރާ މަރުޙަލާތައް އަންނަނީ، ކީރިތި ޤުރްއާން އުނގެނި ދަސްކުރުމުގައެވެ. އެހެންވީމަ ކީރިތި ޤުރްއާން އުނގެނި ދަސްނުކޮށް، ހިތު ދަސްކުރަން މަސައްކަތް ކުރާ ދަރިވަރުންނަށް، ހިތު ދަސްކުރަން އުނދަގޫވެދާނެއެވެ.
އަކުރު ފިލި އަދި ކަލިމަ ސޫރަތް ފަށާ ދަރިވަރުންނަށް، ތަކުރާރުކޮށް ނަމޫނާ ކިޔެވުމާ އެއްގޮތަށް ކިޔުމުގެ ސަބަބުން، ނުބަލައި ކިޔަވަން އެނގުމަކީ، ޙަޤީޤީ މާނާގައި ހިތު ދަސްވުމެއް ނޫނެވެ. ނުވަތަ އެއީ ހިތު ދަސްކުރުމުގެ ހުނަރު ހުރިކަމުގެ ޢަލާމާތެއް ވެސް ނޫނެވެ. އެ މަރުޙަލާތަކުގައި ކިޔަވާ ކުދިންނަށް ފަސޭހައިން ހިތު ދަސްވާ ސަބަބަކީ، އެކުދިންނަކީ ހެދި ބޮޑުވުމުގެ ޚާއްޞަ މަރުޙަލާއެއްގައި ތިބި ކުދިން ތަކަކަށް ވާތީއެވެ. ބޮޑުވާ ވަރަކަށް އެކަމުގައި، ވަރަށް ބޮޑެތި ބަދަލުތަކެއް އަންނާނެއެވެ.
އެހެންވީމަ މިކަމުގެ ޙައްލަކީ، ކީރިތި ޤުރްއާން ބަލައިގެން ކިޔަވަން ދަސްކޮށް ފަރިތަކޮށް އާދަކުރުމުގެ ސަބަބުން، ނުބަލައިގެން ކިޔަވަން ދަސްވާ ގޮތަށް، ވަކި ތަރުތީބަކުން، ކީރިތި ޤުރްއާން އުނގެނި ދަސްކުރުމެވެ. ޙަޤީޤީ މާނާގައި، ކީރިތި ޤުރްއާން ހިތު ދަސްކުރުމަކީ އެއީއެވެ. އަދި ހިތު ދަސްކޮށްފައިވާ ފިލާވަޅު މުރާޖާ ކުރުމުގައިވެސް، އެންމެ ރަނގަޅު ގޮތަކީ، ނުބަލައި ކިޔުމުގެ ބަދަލުގައި، ބަލައިގެން ކިޔެވުމެވެ. އޭރުން ހަދާނުގައި ހަރުލާ ގޮތާއި މިންވަރު އިތުރަށް ވަރުގަދަވެގެންދާނެއެވެ. އިންޝާﷲ
އަޅުގަނޑުގެ އުފަން ރަށުން އަޅުގަނޑަށް ތަޖުރިބާކުރެވުނު ކަމެކެވެ. އޭރު އަޅުގަނޑުގެ އުފަން ރަށުގައި، ކީރިތި ޤުރްއާން ހިތު ދަސް މީހުން ވަރަށް ގިނައެވެ. ނަމަވެސް ބައެއް މީހުން ފަހުން ހަނދާންނެތުނެވެ. އަދި ކުރިން ހިތު ދަސްކުރި މީހުންނަށް، ހަނދާނުގައި ހަރުލެއްވުމަށް ވަރަށް ދަތިވިއެވެ. ކިތަންމެ ގިނައިން ކިޔެވިޔަސް، އެކަންވަނީ ވަރަށް ދަތިކަމަކަށެވެ. އެކަމުގެ ސަބަބުން، ކުރިން ކީރިތި ޤުރްއާން ހިތު ދަސްކުރި މީހުންނާއި، ހިތު ދަސްކުރަން މަސައްކަތް ކުރަމުން އައި އެތައް ބަޔަކު އެކަން ހުއްޓާލިއެވެ. ސަބަބަކީ، މިކަމުގައި ރަނގަޅު ޙައްލެއް ރަނގަޅު މަގެއް ރަސްމީ ޞިފައެއްގައި ކޮށައިދެވިފައި ނުވާތީއެވެ.
ޢާންމުކޮށް، މިގޮތަށް ދިމާވަނީ، ކީރިތި ޤުރްއާން ހިތު ދަސްވެފައިވާ މީހުންނާއި، ކީރިތި ޤުރްއާން ހިތު ދަސްކުރާ މީހުން، ބަލައިގެން ކިޔެވުން ދޫކޮށް، ހަމައެކަނި ނުބަލައި ކިޔަވާތީއެވެ. ކީރިތި ޤުރްއާން ހިތު ދަސްވުމަކީ، މުޞްޙަފަށް ބަލަން ނުވަތަ މުޞްޙަފްގައި ބީހުމަށް، ލަދުގަންނަން ޖެހޭ ސަބަބެއް ނޫނެވެ. ކީރިތި ޤުރްއާން ހިތު ދަސްކުރުމުގެ މަޤްޞަދަކީ، ހަމައެކަނި ނުބަލައި ކީރިތި ޤުރްއާން ކިޔެވުމެއް ނޫނެވެ. ކީރިތި ޤުރްއާން ހިތު ދަސްކުރުމުގެ ޙަޤީޤީ މަޤްޞަދަކީ ނުވަތަ ބޭނުމަކީ، ކީރިތި ޤުރްއާން ހިތުގައި ރައްކާކުރުމެވެ. މަޝްހޫރުވުމަށް ނުވަތަ ފައިސާ ހޯދުމަށް، ހަމައެކަނި ނުބަލައި ކިޔެވުމަކީ، ނުވަތަ ވަޤުތީ ހިތު ދަސްކުރުމަކީ، އިސްލާމް ދީން ދަންނަ ކަހަލަ އިޚްލާޞްތެރި ރައްކާކުރުމެއް ނޫނެވެ.
ލިޔުނީ:- ޝުޢައިބު ޢަލީ / ކީރިތި ޤުރްއާން ހިތުގައި ރައްކާކުރުން