ކީރިތި ޤުރްއާން އުނގެނި ދަސްކުރުމުގައި ފަސޭހަކުރުން
– ކީރިތި ޤުރްއާން އުނގެނި ދަސްކުރުމުގައި ފަސޭހަކުރުމަކީ، ކިޔަވަން ދަސްކުރުމުގައި، އުނދަގޫ ކަންކަން ފާހަގަކޮށް ފަސޭހަކުރުމެވެ.
– ކީރިތި ޤުރްއާން އުނގެނި ދަސްކުރުމުގައި، އުނދަގޫ ކަންކަން ފަސޭހަ ނުކުރާނަމަ، ދާއިމީ ގޮތަކަށް، ކީރިތި ޤުރްއާން ކިޔަވަން ދަސްނުކުރެވޭނެއެވެ.
– އުނދަގޫ ކަންކަން ފަސޭހަ ކުރުމުގެ ކުރިން، އެންމެ ފުރަތަމަ ކުރަންޖެހޭ ކަމަކީ، އުނދަގޫ ކަންކަން ފާހަގަކުރުމެވެ.
– އުނދަގޫ ކަންކަން ފާހަގަ ކުރެވޭނީ، ކިޔުމުގެ ތަމްރީނުތަކާ އެއްގޮތަށް ކިޔައިގެންނެވެ.
– ހަމައެކަނި އާޔަތްތަކާއި ސޫރަތްތައް ކިޔައިގެން، ކީރިތި ޤުރްއާން ކިޔަވަން ދަސްކުރާނަމަ، ފާހަގަކުރެވޭނީ، ބައެއްކަހަލަ އުނދަގޫ ކަންކަމެވެ.
– ކިޔުމުގެ ތަމްރީނުތަކާ އެއްގޮތަށް، ކީރިތި ޤުރްއާން ކިޔަވަން، ދަރިވަރުން ބޭނުން ނުވާ އެންމެ ބޮޑު ސަބަބަކީ، އަޞްލު ފެންވަރު ހާމަވާތީއެވެ.
ކީރިތި ޤުރްއާން ކިޔަވަން ދަސްކުރުމުގައި، އުނދަގޫ ކަންކަން ފާހަގަކުރުމަށް ޚާއްޞަ ކިޔުމުގެ ތަމްރީނުތައް
|
1 |
تَوْضِيحْ | 2 | حَرْفٌ بَعْدَ حَرْفٍ | 3 |
كَلِمَةٌ بَعْدَ كَلِمَةٍ |
|
4 |
آيـَـةٌ بَعْدَ آيَــةٍ | 5 | سُورَةٌ بَعْدَ سُورَةٍ | 6 |
مُعَلِّمٌ |
|
7 |
كَيْفِيَّةُ ﭐلْبَيَان | 8 | مُقَابَلَة | 9 |
إِقْتِدَاء |
– ކީރިތި ޤުރްއާން ކިޔަވަން ދަސްކުރުމުގައި، ފަސޭހަކުރުން ބިނާވެފައިވަނީ، މައިގަނޑު ތިން ބައެއްގެ މައްޗަށެވެ.
1- ކީރިތި ޤުރްއާން ކިޔެވުމަށް، ޠަބީޢީ އަޑު ފަސޭހަކުރުން.
2- ކީރިތި ޤުރްއާން ކިޔެވުމަށް، ލޮލުގެ ޙަރަކާތް ފަސޭހަކުރުން.
3- ކީރިތި ޤުރްއާން ކިޔެވުމަށް، ދުލާއި އަނގައިގެ ޙަރަކާތްތައް ފަސޭހަކުރުން.
ކީރިތި ޤުރްއާން ކިޔެވުމަށް، ޠަބީޢީ އަޑު ފަސޭހަކުރުން
– މިއީ ކީރިތި ޤުރްއާން ކިޔެވުމަށް، ކިޔަވާ މީހާގެ ޠަބީޢީ އަޑު ފަސޭހަކުރުމެވެ.
– ކީރިތި ޤުރްއާން ކިޔެވުމަށް އެކަށީގެންވާ ގޮތަށް، އަދި އެކަށީގެންވާ މިންވަރަށް، ކިޔަވާ މީހާގެ ޠަބީޢީ އަޑު ފަސޭހަ ނުކުރެވޭނަމަ، ތަޖުވީދުގެ ޤަޥާޢިދުތަކާ އެއްގޮތަށް، ކީރިތި ޤުރްއާން ކިޔެވުމަކީ، ފަސޭހަ ކަމަކަށް ނުވާނެއެވެ.
– ކީރިތި ޤުރްއާން ކިޔެވުމަށް އެކަށީގެންވާ ގޮތަށް، އަދި އެކަށީގެންވާ މިންވަރަށް، ކިޔަވާ މީހާގެ ޠަބީޢީ އަޑު، ހުރިހާ ވަޤުތެއްގައި، ތައްޔާރުވެފައި ހުރުމަކީ ދުރުކަމެކެވެ.
ކިޔަވާ މީހާގެ ޠަބީޢީ އަޑު ފަސޭހަކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް
ހ. ކީރިތި ޤުރްއާން ކިޔެވުމުގައި، އަޑަށް ދެމުން ގެނެވޭ އަދި އަޑަށް ބާރުލެވޭ ޙާލަތްތައް ޚާއްޞަކޮށް ތަކުރާރުކޮށް ކިޔުން.
– ކީރިތި ޤުރްއާން ކިޔެވުމުގައި، އަޑަށް ދެމުން ގެނެވޭ އަދި އަޑަށް ބާރުލެވޭ ޙާލަތްތަކަކީ:-
1- ދެމޭ ޙާލަތްތައް.
2- އިތުރަށް ދެމޭ ޙާލަތްތައް.
3- އިތުރަށް ޣުންނަ ކުރެވޭ ޙާލަތްތައް.
ށ. ޤުރްއާން ކިޔެވުމުގައި، ކިޔަވާ ފިލާވަޅުގެ ފުރަތަމަ ކޮޅުގެ އާޔަތްތައް ތަކުރާރުކުރުން.
ކީރިތި ޤުރްއާން ކިޔެވުމަށް، ލޮލުގެ ޙަރަކާތް ފަސޭހަކުރުން
– މިއީ ބަލައިގެން ކިޔެވުމުގައި، ފަސޭހަކުރުމެވެ.
– ބަލައިގެން ކިޔެވުން ފަސޭހަކުރެވޭނީ، ކީރިތި ޤުރްއާން ބިނާވެފައިވާ ތަރުތީބުން، ކަނާތުން ވާތަށް ލޮލުގެ ޙަރަކާތް ތަކުރާރުކޮށްގެންނެވެ.
– މާނައަކީ ވަކި ތަރުތީބަކުން ތަކުރާރުކޮށް ބަލައިގެން ކިޔަވައިގެންނެވެ.
ލޮލުގެ ޙަރަކާތް ފަސޭހަކުރުމަށް އަޅަން ޖެހޭ މައިގަނޑު ފިޔަވަޅުތައް
1- ކިޔަން ނުޖެހޭ އަކުރުތައް ދެނެގަތުން.
2- ބައެއް ފަހަރު ކިޔަންޖެހޭ އަކުރުތަކާއި، އެ އަކުރުތައް ކިޔޭ ޙާލަތްތަކާއި ކިޔަން ނުޖެހޭ ޙާލަތްތައް ދެނެގަތުން.
3- ދުލާއި އަނގައިގެ ޙަރަކާތަށްވުރެ ލޮލުގެ ޙަރަކާތަށް އިސްކަން ދިނުން.
4- ލޮލުގެ ޙަރަކާތާއި ދުލާއި އަނގައިގެ ޙަރަކާތް އެއްވަރު ކުރެވޭނެފަދަ ސްޕީޑެއް އިޚްތިޔާރުކުރުން.
5- ކީރިތި ޤުރްއާން ބިނާވެފައިވާ ތަރުތީބުން، އަތުގެ ޙަރަކާތަށް ފަރިތަވުން.
6- ކީރިތި ޤުރްއާން ބިނާވެފައިވާ ތަރުތީބުން އެކުލަވައިލެވިފައިވާ ތަމްރީނުތަކާ އެއްގޮތަށް ތަކުރާރުކޮށް ކިޔުން.
ލޮލުގެ ޙަރަކާތް ފަސޭހަކުރުމަށް ޚާއްޞަ ތަމްރީނުތައް
|
1 |
تَوْضِيحْ + مُعَلِّمْ | 2 | حَرْفٌ بَعْدَ حَرْفٍ + مُعَلِّمْ | 3 |
كَلِمَةٌ بَعْدَ كَلِمَةٍ + مُعَلِّمْ |
|
4 |
آيـَـةٌ بَعْدَ آيَــةٍ + مُعَلِّمْ | 5 | كَيْفِيَّةُ ﭐلْبَيَان + مُعَلِّمْ | 6 |
مُقَابَلَة + مُعَلِّمْ |
|
7 |
إِقْتِدَاء + مُعَلِّمْ |
|
ކީރިތި ޤުރްއާން ކިޔެވުމަށް، ދުލާއި އަނގައިގެ ޙަރަކާތްތައް ފަސޭހަކުރުން
– މިއީ ކީރިތި ޤުރްއާން އުނގެނި ދަސްކުރުމުގައި، ދުލާއި އަނގައިގެ ޙަރަކާތުގެ ނިސްބަތުން، އުނދަގޫ ކަންކަން ފާހަގަކޮށް، އެފަދަ ކަންކަން ފަސޭހަކުރުމެވެ.
– ދުލާއި އަނގައިގެ ޙަރަކާތުގެ ނިސްބަތުން، އުނދަގޫ ކަންކަން ފާހަގަކޮށް، އެފަދަ ކަންކަން ފަސޭހަކުރުން ބެހެނީ ތިން ބަޔަކަށެވެ. އެއީ….
1- ތަޖުވީދުގެ ޤަޥާޢިދުތަކާ އެއްގޮތަށް، އަކުރު ފަސޭހަކުރުން.
– މިއީ ޢަރަބި އަކުރުތަކުގެ އަޑު ނެރުމުގައި، ދިމާވާ އުނދަގޫ ކަންކަން ފަސޭހަކުރުމެވެ.
– އަކުރު ފަސޭހަކުރުމުގެ ކުރިން ކުރަންޖެހޭ ކަމަކީ، އުނދަގޫ އަކުރުތަކާއި އުނދަގޫވާ ޙާލަތްތައް ފާހަގަކުރުމާއެކު، އަކުރުގެ އަޑު ނެރެން ދަސްކުރުމެވެ.
– އަކުރުގެ ޞައްޙަ އަޑު ނެރެން ދަސްކުރެވޭނީ ދެ ގޮތަކުންނެވެ. އެއީ
ހ. ނަމޫނާ ކިޔުމެއް އަޑު އަހައި، އަކުރުގެ އަޑު ޞިފަކޮށްގެން.
ށ. މަޚްރަޖާއި ޞިފަތައް ދަސްކޮށްގެން.
ތަޖުވީދުގެ ޤަޥާޢިދުތަކާ އެއްގޮތަށް، އަކުރު ފަސޭހަކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް
ހ. ކީރިތި ޤުރްއާން ކިޔަވަން ދަސްކުރާ މަރުޙަލާގައި، ލަސް ސްޕީޑެއް އިޚްތިޔާރުކުރުން.
ށ. އުނދަގޫ އަކުރުތަކާއި އުނދަގޫވެދާނެ އަކުރުތައް ފާހަގަކޮށް، އެފަދަ އަކުރުތައް ކިޔުމުގައި ޚާއްޞަ ލަސްކަމެއް އިޚްތިޔާރުކުރުން.
ނ. ހުރިހާ އަކުރަކަށް އެއް މިންވަރަކަށް ފަސޭހަކަން ނުދިނުން.
ރ. ފިލީގެ ސަބަބުން، އަކުރުގެ އަޑަށް އަންނަ ތަފާތު ބަދަލުތަކަށް ރިޢާޔަތް ކުރުން.
ބ. އަކުރު ފަސޭހަ ކުރުމަށް ޚާއްޞަ ކިޔުމުގެ ތަމްރީނުތަކާ އެއްގޮތަށް ކިޔުން.
2- ތަޖުވީދުގެ ޤަޥާޢިދުތަކާ އެއްގޮތަށް، ކަލިމަ ފަސޭހަކުރުން.
– މިއީ ކީރިތި ޤުރްއާނުގެ ކަލިމަތައް ކިޔުމުގައި، ދިމާވާ އުނދަގޫ ކަންކަން ފަސޭހަކުރުމެވެ.
ތަޖުވީދުގެ ޤަޥާޢިދުތަކާ އެއްގޮތަށް، އަކުރު ފަސޭހަކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް
ހ. ޢަރަބި އެއް އަޑު އަނެއް އަޑާ ތަފާތުކުރަން ދަސްކޮށް ފަރިތަކޮށް އާދަކުރުން.
ށ. ޢަރަބި ވަޒަންތައް ދަސްކޮށް ފަރިތަކޮށް އާދަކުރުން.
ނ. ޢަރަބި އަޑުތަކާއި ޢަރަބި ވަޒަންތައް ގުޅުވަން ދަސްކޮށް ފަރިތަކޮށް އާދަކުރުން.
ރ. އުނދަގޫ ކަލިމަތަކާއި އުނދަގޫވެދާނެ ކަލިމަތައް ދަސްކޮށް ފަރިތަކޮށް އާދަކުރުން.
ބ. ތަޖުވީދުގެ އެކި ޤަޥާޢިދުތަކާ ގުޅޭ ކަލިމަތައް ވަކިކޮށް ދަސްކޮށް ފަރިތަކޮށް އާދަކުރުން.
ޅ. ކަލިމަ ފަސޭހަކުރުމަށް ޚާއްޞަ، ކިޔުމުގެ ތަމްރީނުތަކާ އެއްގޮތަށް ކިޔުން.
3- ތަޖުވީދުގެ ޤަޥާޢިދުތަކާ އެއްގޮތަށް، އާޔަތް ފަސޭހަކުރުން.
– މިއީ ކީރިތި ޤުރްއާނުގެ އާޔަތްތައް ކިޔުމުގައި، ދިމާވާ އުނދަގޫ ކަންކަން ފަސޭހަކުރުމެވެ.
– ތަޖުވީދުގެ ޤަޥާޢިދުތަކާ އެއްގޮތަށް، އާޔަތް ފަސޭހަކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް:-
ހ. އާޔަތް ފަސޭހަކުރުމަށް ޚާއްޞަ ކިޔުމުގެ ތަމްރީނުތަކާ އެއްގޮތަށް ކިޔުން.
އަކުރާއި ކަލިމަ އަދި އާޔަތް ފަސޭހަކުރުމަށް ޚާއްޞަ ކިޔުމުގެ ތަމްރީނުތައް
|
1 |
تَوْضِيحْ + مُعَلِّمٌ | 2 | حَرْفٌ بَعْدَ حَرْفٍ + مُعَلِّمٌ | 3 |
كَلِمَةٌ بَعْدَ كَلِمَةٍ + مُعَلِّمٌ |
|
4 |
آيـَـةٌ بَعْدَ آيَــةٍ + مُعَلِّمٌ | 5 | كَيْفِيَّةُ ﭐلْبَيَان + مُعَلِّمٌ | 6 |
مُقَابَلَة + مُعَلِّمٌ |
|
7 |
إِقْتِدَاء + مُعَلِّمٌ |
|
އަކުރު ކަލިމަ އަދި އާޔަތް ފަސޭހަކުރުމުގައި مُعَلِّمْ ކޮށް ކިޔެވުން
– مُعَلِّم މިބަހުގެ ލުޣަވީ މާނައަކީ :- އުނގަންނައިދޭމީހާއެވެ.
– މި ފޮތުގައި مُعَلِّم މި ނަން ޚާއްޞަކުރެވިފައިވާނީ، ކީރިތި ޤުރްއާން ކިޔެވުމުގައި، ތަކުރާރު ކުރަމުން އަކުރު، ކަލިމަ ގުޅުވުމަށެވެ.
– މިގޮތަށް مُعَلِّم ކޮށް ކިޔަވާއިރު ތަކުރާރުކުރާނީ، ކިޔާ އެއް ކަލިމައެކެވެ. ނުވަތަ ކިޔާ އެއް އާޔަތެކެވެ.
– مُعَلِّم ކޮށް ކިޔަވާއިރު ތަކުރާރުކުރާނީ މަދުވެގެން ތިން ފަހަރުއެވެ.
– مُعَلِّم ކޮށް ކިޔަވާއިރު، ގިނަވެގެން ތަކުރާރުކުރާނީ، ދަސްކޮށް ފަރިތަކޮށް އާދަކުރެވޭ މިންވަރަށެވެ.
– އަކުރާއި ކަލިމަ އަދި އާޔަތް ފަސޭހަ ކުރުމުގައި، ހުރިހާ ޙާލަތެއްގައިވެސް مُعَلِّم ކޮށް ކިޔެވުމަކީ ވަރަށް މުހިންމު ކަމެކެވެ.
– ސަބަބަކީ ތަކުރާރުކޮށް ނުކިޔާނަމަ، އަކުރާއި ކަލިމަ އަދި އާޔަތް ކިޔުމުގައި، އުނދަގޫ ކަންކަން ފަސޭހަ ނުކުރެވޭނެތީއެވެ.
– ކީރިތި ޤުރްއާން އުނގެނި ދަސްކުރުމުގައި، އުނދަގޫ ކަންކަން، ފަސޭހަ ނުކުރުމުގެ ސަބަބުން، ނުބައިކޮށް ކީރިތި ޤުރްއާން ކިޔެވޭނަމަ، އެއީ ގަސްތުގައި ކުށްކިޔުމެވެ.
ޚުލާޞާ
– ކީރިތި ޤުރްއާން ހިތު ދަސްކުރަން ފެށުމުގެ ކުރިން، ހުރިހާ ގޮތަކުން ވެސް، ކީރިތި ޤުރްއާން ފަސޭހަކުރުމަކީ، ވަރަށް މުހިންމު ކަމެކެވެ.
– ޚާއްޞަކޮށް ތިރީގައިވާ ބައިތައް ފަސޭހަ ކުރަންޖެހޭނެއެވެ.
1- ކީރިތި ޤުރްއާން ކިޔެވުމަށް، ޠަބީޢީ އަޑު ފަސޭހަކުރުން.
2- ކީރިތި ޤުރްއާން ކިޔެވުމަށް، ލޮލުގެ ޙަރަކާތް ފަސޭހަކުރުން.
3- ކީރިތި ޤުރްއާން ކިޔެވުމަށް، ދުލާއި އަނގައިގެ ޙަރަކާތްތައް ފަސޭހަކުރުން.
– މިބައިތައް ފަސޭހަކުރުމެއް ނެތި، ކީރިތި ޤުރްއާން ހިތު ދަސްކުރަން މަސައްކުރެވޭނަމަ، ހިތު ދަސްކުރަން އުނދަގޫވުމާއެކު، ހިތު ދަސްކުރާ މިންވަރު އަވަހަށް ހަނދާން ނެތުމަށް، މަގުފަހިވާނެއެވެ.
– ބަލައިގެން އަދި ނުބަލައި ކިޔަވަން ދަސްކުރާ ފިލާވަޅުތަކުން، އެންމެ އަވަހަށް ހަނދާން ނެތޭނީ، އުނދަގޫ ބައިތަކެވެ.
ލިޔުނީ:- ޝުޢައިބު ޢަލީ / ހުސްއެދުރުން-2