ކީރިތި ޤުރްއާން ކިޔަވަން ދަސްކުރުމުގައި، ކިޔަވަން ތަމްރީނުވުމުގެ މަރުޙަލާ އާއި ޢަމަލީ މަރުޙަލާ
ކޮންމެ ކަމެއްގައި ވެސް، އެކަމަކަށް ތަމްރީނުވުމުގެ މަރުޙަލާ އާއި ޢަމަލީ މަރުޙަލާއެއް އޮންނާނެއެވެ. އެއީ ކުރާ ކަމެއް، ރަނގަޅަށް ފުރހަމައަށް ކުރުމަށްޓަކައި، ކޮންމެހެން ވެސް ލާޒިމު ދެ މަރުޙަލާއެކެވެ.
ކީރިތި ޤުރްއާނަކީ، މުސްލިމުންނަށް އެ ފޮތަކާ ނުލައި ނޫޅެވޭނެ، ހަމައެކަނި ފޮތެވެ. މުސްލިމުން އެންމެ ބޮޑަށް އިސްކަންދޭންޖެހޭ ފޮތަކީ، ކީރިތި ޤުރްއާނެވެ. ކީރިތި ޤުރްއާން ކިޔަވަން މަސައްކަތް ކުރާ ގޮތުން، ކީރިތި ޤުރްއާނަށް ދެވޭ އިސްކަން ނުވަތަ މުހިންމުކަން ހާމަވެގެންދާނެއެވެ. އިޚްލާޞްތެރިކަން ހުރި މިންވަރު ހާމަވެގެންދާނެއެވެ.
ކީރިތި ޤުރްއާން ކިޔަވަން ދަސްކުރުމުގައި، ކިޔަވަން ތަމްރީނުވުމުގެ މަރުޙަލާ
ކީރިތި ޤުރްއާން ކިޔަވަން ދަސްކުރުމުގައި، ކިޔަވަން ތަމްރީނުވުމުގެ މަރުޙަލާ އަކީ، ކީރިތި ޤުރްއާން އުނގެނި ދަސްކުރާ މަރުޙަލާއެވެ. މި މަރުޙަލާގައި އިސްކަންދޭނީ، އަކުރުން އަކުރަށް، ކަލިމައިން ކަލިމައަށް އަދި އާޔަތުން އާޔަތަށް ކީރިތި ޤުރްއާން ބިނާކުރުމަށެވެ. އޭރުން ދަރިވަރުންނަށް ކިޔޭ ކުށްތައް މަދުވުމާއެކު، ތަޖުވީދުގެ ހަމަތަކާ އެއްގޮތަށް، ކީރިތި ޤުރްއާން ކިޔެވުމުގެ ވިސްނުން ދަރިވަރުންގެ ކިބާގައި އުފެދި ތަރައްޤީވެގެން ދާނެއެވެ. މި މަރުޙަލާ ފުރިހަމަކުރާނީ، ކީރިތި ޤުރްއާން ބިނާވެފައިވާ ގޮތަށް، އެ ތަރުތީބުން އެކުލަވާލެވިފައިވާ ކިޔުމުގެ ތަމްރީނުތަކާ އެއްގޮތަށް ކިޔައިގެންނެވެ.
ކިޔަވަން ތަމްރީނުވުމުގެ މަރުޙަލާއަށް ޚާއްޞަ ކިޔުމުގެ ތަމްރީނުތައް
توضيح | حرف بعد حرف | كلمة بعد كلمة | آية بعد آية | معلّم | كيفية البيان | مقابلة | إقتداء
ކީރިތި ޤުރްއާން ކިޔަވަން ދަސްކުރުމުގައި، ޢަމަލީ މަރުޙަލާ
ކީރިތި ޤުރްއާން ކިޔަވަން ދަސްކުރުމުގައި، ޢަމަލީ މަރުޙަލާއަކީ، ކީރިތި ޤުރްއާން ކިޔަވަން ތަމްރީނުވުމަށްފަހު، އާޔަތްތަކާއި ސޫރަތްތަކަށް އިސްކަންދީގެން، ޤުރްއާން ކިޔަވާ މަރުޙަލާއެވެ. ނުވަތަ އަޅުކަމެއްގެ ގޮތުގައި ޚާއްޞަކޮށްގެން، ޚަތިމުކުރުމަށް ކިޔަވާ މަރުޙަލާއެވެ. މި މަރުޙަލާގައި ޚަތިމުކުރުމާއި، ހިތު ދަސްކުރުންފަދަ، ހަމައެކަނި ޢަމަލީ ބަޔާ ގުޅިހުރި ކަންކަން ޚާއްޞަ ކުރެވިދާނެއެވެ. ނަމަވެސް، ކީރިތި ޤުރްއާން ކިޔަވަން ތަމްރީނުވުމުގެ މަރުޙަލާ ފުރިހަމަ ނުކޮށް، ހަމައެކަނި ޢަމަލީ މަރުޙަލާ އަށް އިސްކަން ދިނުމަކީ، ކީރިތި ޤުރްއާން ކިޔަވަން ދަސްކުރުމުގައި، އެއްގޮތަކަށް ވެސް، ޞައްޙަ ރަނގަޅު ގޮތެއް ނޫނެވެ. އެއީ ނުފިރުކެނީސް ދުވަން އުޅުން ކަހަލަ ކަމެކެވެ.
“ނުފިރުކެނީސް ދުވަން ނޫޅޭށެވެ” މި ބުނުމަކީ، ކޮންމެ ކަމެއްގައިވެސް ކެތްތެރިކަމާއެކު، އެންމެ ފުރަތަމަ ކުރަންޖެހޭ އަސާސީ ކަންކަން ފުރިހަމަކުރުމަށްފަހު ނޫނީ، ބޮޑެތި ކަންކަމަށް، ނުވަތަ މަތީ މަރުޙަލާއަށް، ނުވަތަ އެކަމެއްގެ ޢަމަލީ މަރުޙަލާއަށް ނުދިއުމަށް، ނަޞޭޙަތްތެރިވުމުގެ ގޮތުން، ބުނާ ބުނުމެކެވެ.
މި ބަހުން ނެގޭ މާނަތަކަކީ:-
1- ފިޔަވަޅަކަށްފަހު ފިޔަވަޅެއް ފުރިހަމުކުރުން:- ކޮންމެ ކަމެއްގައިވެސް ކާމިޔާބީއާ ހަމައަށް، ވާޞިލްވެވޭނީ، ކުދިކުދި މަރުހަލާތައް ފުރިހަމަކޮށްގެންނެވެ.
2- ތައްޔާރުވުން:- އެއްވެސް މަސައްކަތެއް ފެށުމުގެ ކުރިން، އެކަމަކަށް ބޭނުންވާ ތަމްރީނާއި މަޢުލޫމާތުތައް، ފުރިހަމަ ނުކުރާނަމަ، އެކަމަކީ ދާއިމީ ކަމަކަށް ނުވާނެއެވެ. އަދި އެ ދަސްކުރާ ކުރާކަމަކުން، ޤާބިލު މީހަކަށް ނުވެވޭނެއެވެ.
3- އުނގަންނައިދިނުން:- ކުޑަކުއްޖަކު ހިނގަން ދަސްކުރުމުގެ ކުރިން ފިރުކެން ޖެހޭ ފަދައިން، ކޮންމެ ކަމެއް ފަށާއިރުވެސް، އަސާސީ ކަންކަން ދަސްކުރަން ޖެހޭނެއެވެ.
ކީރިތި ޤުރްއާން ކިޔަވަން ތަމްރީނުވުމުގެ މަރުޙަލާ ފުރިހަމަ ނުކޮށް، ޢަމަލީ މަރުޙަލާއަށް އިސްކަން ދިނުމުގެ ސަބަބުން، ދިމާވާނެ މައިގަނޑު މައްސަލަތައް
1- ކިޔޭ ކުށްތައް ގިނަވުން.
2- ކިޔޭ ކުށްތައް އިޞްލާޙުކުރަން އުނދަގޫވުން.
3- ކިޔޭ ކުށްތައް އިޞްލާޙުކުރަން ފޫހިވުން. ( އުނގެނި ދަސްކުރަން ބޭނުން ނުވުން )
4- ކުށް ކިޔޭ ކަމަށް ނުވަތަ ނޭނގޭކަން ޤަބޫލުކުރަން ދަތިވުން.
5- ކުށްތައް އިޞްލާޙުކުރުމަށްފަހު، ދަސްކޮށް ފަރިތަކޮށް އާދަކުރަން އުނދަގޫވުން.
6- ކީރިތި ޤުރްއާން އުނގެނި ދަސްކުރަން ބޭނުން ނުވުން.
7- ކީރިތި ޤުރްއާން ކިޔެވުމުގައި، އެއްވެސް ޒިންމާއެއް ނަގަން ބޭނުން ނުވުމާއި ވިސްނަން ބޭނުން ނުވުން.
8- އަކުރުން އަކުރަށް، އަދި ކަލިމައިން ކަލިމައަށް، ވަކި ތަރުތީބަކުން، ތަޖްވީދުގެ ޤަޥާޢިދުތަކާމެދު ވިސްނަން އުނދަގޫވުން.
9- ކީރިތި ޤުރްއާން ބަލައިގެން އަދި ނުބަލައި ކިޔަވަން އުނދަގޫވުން.
10- ކީރިތި ޤުރްއާނުން ދަސްކުރާ މިންވަރު އަވަހަށް ހަނދާން ނެތުން.
ލިޔުނީ:- ޝުޢައިބު ޢަލީ