ކީރިތި ޤުރްއާން އުނގެނި ދަސްކުރާ މީހާގެ ކިބާގައި އުފެދޭ ބޮޑާ ކަމާއި ކިބުރުވެރިކަން
ޤަލަމަކާއި ފަންސުރަކުން ވެސް، އުނގެނޭ މީހާގެ ކިބާގައިވާ ބޮޑާކަމާއި ކިބުރުވެރިކަން ދެނެގަނެވިދާނެއެވެ.
ފަންސުރުން ލިޔުމުގެ ބޭނުމަކީ، ލިޔާ އެއްޗެއް ފޮހެވޭ ގޮތަށް ލިޔުމެވެ. އަދި ޤަލަމުން ލިޔުމުގެ ބޭނުމަކީ، ލިޔާ އެއްޗެއް ނުފޮހެވޭ ގޮތަށް ލިޔުމެވެ. ޤަލަމާއި ފަންސުރުން ލިޔުމުގެ މަޤްޞަދާއި ބޭނުން ވަރަށް ސާފެވެ.
ނަމަވެސް އުނގެނި ދަސްކުރާ ގިނަ މީހުން ޤަލަމާއި ފަންސުރުން ލިޔުމުގެ މަޤްޞަދާއި ބޭނުމާމެދު ނުވިސްނައެވެ. އުނގެނޭ ގިނަ މީހުން، ޤަލަމާއި ފަންސުރު ބޭނުން ކުރުމުގައި ވެސް ދައްކަނީ، އެމީހުންގެ ކިބާގައި ހުންނަ ބޮޑާކަމާއި ކިބުރުވެރިކަމެވެ. އުނގެނޭ ގިނަ މީހުން ޤަބޫލުކުރާ ގޮތުގައި، ފަންސުރުން ލިޔުމަކީ، ވަރަށް ދަށް ކަމެކެވެ. އެއީ ކުޑަ ކުދިންނަށް ޚާއްޞަ ކަމެކެވެ. ނަމަވެސް ފަންސުރުން ލިޔަނީ، ކީއްވެގެން ކަން އެފަދަ މީހުންނަށް ވަރަށް ސާފުކޮށް އެނގެއެވެ.
އުނގެނޭ ގިނަ މީހުން ޤަބޫލުކުރާ ގޮތުގައި، ޤަލަމުން ލިޔުމަކީ، ވަރަށް މޮޅު ކަމެކެވެ. އެއީ މޮޅެތި މީހުން ކުރާ ކަމެކެވެ. އެފަދަ މީހުން ޤަބޫލުކުރާ ގޮތުގައި، އެއީ ބޮޑެތި މީހުންނަށް ޚާއްޞަ ކަމެކެވެ. ނަމަވެސް ޤަބޫލުކުރަން ޖެހޭ ޙަޤީޤަތަކީ، ޤަލަމުން ލިޔުނަސް އަދި ފަންސުރުން ލިޔުނަސް، ބައެއް ޙާލަތުގައި ފޮހޭ ރަބަރުވެސް މުހިންމުވާނެ ކަމެވެ. މާނައަކީ ފޮހޭ ރަބަރުން ފޮހެވޭ ގޮތަށް، ބައެއް ޙާލަތްތަކުގައި، ފަންސުރުން ވެސް، ލިޔަން ޖެހޭނެ ކަމެވެ. އެކަމަކީ ކުޑަކުދިންނާއި ބޮޑެތި މީހުންގެ މެދުގައި، ތަފާތުކުރަންޖެހޭ ސަބަބެއް ނޫނެވެ. ވީއިރު، އުނގެނި ދަސްކުރާ ދަރިވަރަށް، ފަންސުރުން ލިޔުމަކީ ވަރަށް ދަށް ކަމެއްގެ ގޮތުގައި ބުނެދީ އެގޮތަށް ވިސްނައިދިނުމަކީ، ވަރަށް ނުބައި ތަރުބިއްޔަތެކެވެ.
އުނގެނި ދަސްކުރުމަކީ، ވަކި ތަރުތީބަކުން، ވަކި ގޮތަކަށް، ވަކި ޚާއްޞަ މަރުޙަލާތަކެއް ފުރިހަމަ ކުރަންޖެހޭ ގޮތަށް ކުރާ ކަމެކެވެ. ނަމަވެސް ދަރިވަރުންނަށް ދެވޭ ތަރުބިއްޔަތުގެ ސަބަބުން، އެ ދަރިވަރުންގެ ކިބާގައި، އުނގެނި ދަސްކުރުމާ މުނާސަބު ވިސްނުމެއް ނުހުރެއެވެ. އެކަމުގެ ސަބަބުން، ވަކި ތަރުތީބަކުން، ވަކި ގޮތަކަށް، ވަކި ޚާއްޞަ މަރުޙަލާތަކެއް ފުރިހަމަ ކުރަންޖެހޭ ގޮތަށް، އުނގަންނައި ދިނުމަށް ކުރާ މަސައްކަތްތައް ކާމިޔާބުކުރުމަށް، ވަރަށް ބޮޑަށް ހުރަސް އެޅިގެންދެއެވެ.
އުނގެނި ދަސްކުރާ މީހާ ކިތަންމެ ވަރަކަށް ބޮޑާވެ ކިބުރުވެރި ވިޔަސް، ފަންސުރުން ލިޔާނަމަ ފޮހެވޭނެއެވެ. އަދި ބައެއް ޙާލަތްތަކުގައި ލިޔަންޖެހޭނީ ވެސް، ފޮހެވޭ ގޮތަށެވެ. އަދި ފަންސުރުގެ ޙަޤީޤަތާއި ޠަބީޢަތް ބަދަލެއް ވެސް ނުކުރެވޭނެއެވެ.
ހަމައެގޮތަށް، ކީރިތި ޤުރްއާނުގެ ޠަބީޢަތާއި ޙަޤީޤަތް ވެސް ބަދަލެއް ނުކުރެވޭނެއެވެ. ކީރިތި ޤުރްއާން ކިޔަވަން ދަސްކުރުމުގެ ފެށުމަކީ، ޢަރަބި އަކުރުތަކުގެ އަޑާއި ޢަރަބި ވަޒަންތައް ގުޅުވުމެވެ. އޭގެ ފަހުން އަންނަ ހުރިހާ މަރުޙަލާތަކެއް ބިނާވެފައިވާނީ، ވާނުވާ އެނގޭ ގޮތަށް، ޢަރަބި އަކުރުތަކުގެ އަޑާއި ޢަރަބި ވަޒަންތައް ގުޅުވުމުގެ މައްޗަށެވެ.
ވީއިރު ކީރިތި ޤުރްއާން އުނގެނި ދަސްކުރުމަށް އަންނަ މީހުންގެ ތެރެއިން، ޢަރަބި އަކުރުތަކުގެ އަޑާއި ޢަރަބި ވަޒަންތައް ގުޅުވަން ދަސްކޮށް ފަރިތަކޮށް އާދަކުރުމަކީ، ވަރަށް ދަށް ކަމެއް ކަމަށް ޤަބޫލުކުރާ މީހާއަކީ، ބޮޑާ ކިބުރުވެރި މީހެއްކަމަށް ނުބެލެވޭނެ ހެއްޔެވެ؟ އެފަދަ ބައެއް މީހުން ޤާބޫލުކުރާ ގޮތުގައި، އެއީ ކުޑަކުދިންނަށް ޚާއްޞަ ކަމެކެވެ. ނަމަވެސް، ގިނަ ދިވެހިން، ކުޑައިރު އެބައިތައް ދަސްކޮށްފަ ހުންނަނީ، ރަނގަޅަކަށް ނޫނެވެ. އެކަމުގެ ސަބަބުން، ކީރިތި ޤުރްއާން ކިޔެވުމުގެ ޢިލްމު ޙާޞިލްކުރަން ދަތިވެއެވެ. އެހެންވީމަ، އެންމެ ފުރަތަމަ އިޞްލާޙުކުރަންޖެހޭނީ ވެސް، އެފަދަ ކަންކަމެވެ. ސަބަބަކީ، އެއީ ލަޙްނު ޖަލީގެ ކުށް ކިޔޭ އެންމެ ބޮޑު ސަބަބު ކަމުގައި ވާތީއެވެ.
އުނގެނި ދަސްކުރުމަކީ، ވަކި ތަރުތީބަކުން، ވަކި ގޮތަކަށް، ވަކި ޚާއްޞަ މަރުޙަލާތަކެއް، ފުރިހަމަ ކުރަންޖެހޭ ގޮތަށް، ކުރާ ކަމެއްކަން އެނގޭ އިރުވެސް، ކީރިތި ޤުރްއާން ކިޔަވަން ދަސްކުރުމަށް އަންނަ ގިނަ މީހުން ބޭނުންވަނީ، ވަޤުތުން އާޔަތް ނުވަތަ ސޫރަތް ކިޔަވާށެވެ. ގިނަ މީހުން ބޭނުންވަނީ، ވަޤުތުން ބަޤަރާ ސޫރަތުން ފަށާށެވެ. ސަބަބަކީ، ގިނަ ދިވެހިން ޤަބޫލުކުރާ ގޮތުގައި، ކީރިތި ޤުރްއާނުގެ 30 ވަނަ ފޮތަކީ، ކުޑަ ކުދިންނަށް ޚާއްޞަ ފޮތެކެވެ. އެފަދަ މީހުން ޤަބޫލުކުރާ ގޮތުގައި، 30 ވަނަ ފޮތުގެ ސޫރަތްތައް ކިޔެވުމަކީ، ވަރަށް ދަށް ކަމެކެވެ. ގިނަ ދަރިވަރުންނަށް ލިބިފައިވަނީ، އެ ތަރުބިއްޔަތެވެ. ސަބަބަކީ ބެލެނިވެރިން އެގޮތަށް ޤަބޫލުކުރާތީއެވެ.
ކީރިތި ޤުރްއާން ކިޔަވަން ދަސްކުރަން އަންނަ މީހާއަށް، ނޭނގޭކަން ޚުދު އޭނާއަށް ވެސް އެނގެއެވެ. ނަމަވެސް ވަކި ތަރުތީބަކުން، ވަކި ގޮތަކަށް، ވަކި ޚާއްޞަ މަރުޙަލާތަކެއް ފުރިހަމަ ކުރަންޖެހޭ ގޮތަށް، ކީރިތި ޤުރްއާން ކިޔަވަން ދަސްކުރާކަށް ބޭނުމެއް ނުވެއެވެ. ބޭނުންވަނީ ވީހާވެސް އަވަހަކަށް ޚަތިމުކުރާށެވެ. ބޭނުމަކީ އެނގޭކަން ދެއްކުމެވެ. އެއީ އެންމެ ނުރައްކާތެރި ބާވަތުގެ ދެއްކުންތެރިކަމެވެ.
އުނގެނި ދަސްކުރާ މީހާ ކިތަންމެ ވަރަކަށް ބޮޑާވެ ކިބުރުވެރި ވިޔަސް، ފަންސުރުގެ ޙަޤީޤަތާއި ޠަބީޢަތް ބަދަލެއް ނުކުރެވޭނެއެވެ. ހަމައެގޮތަށް އުނގެނި ދަސްކުރުމަށް އަންނަ މީހާ، ކިތަންމެ ވަރަކަށް ބޮޑާވެ ކިބުރުވެރި ވިޔަސް، ކީރިތި ޤުރްއާނުގެ ޠަބީޢަތް ބަދަލެއް ނުވާނެއެވެ. ޙަޤީޤީ މާނާގައި އިޚްލާޞްތެރިކަމާއެކު، ކީރިތި ޤުރްއާން ކިޔަވަން ދަސްކުރަން ބޭނުންވާނަމަ ޖެހޭނީ، ރުހުނަސް ނުރުހުނަސް، ކީރިތި ޤުރްއާނުގެ ޠަބީޢަތާ އެއްގޮތަށް އުނގެނި ދަސްކުރާށެވެ.
ފަންސުރުން ލިޔުމަށް ދަރިވަރުން ނުރުހޭ އެންމެ ބޮޑު ސަބަބަކީ، މުޖުތަމަޢުގައި ޤަބޫލުކުރާ ގޮތާއި ބައެއް ބެލެނިވެރިންގެ ފަރާތުން ލިބޭ ގޯސް ތަރުބިއްޔަތެވެ. މުޖުތަމަޢުގެ ގިނަ މީހުން ޤަބޫލުކުރާ ގޮތުގައި، ފަންސުރުން ލިޔުމަކީ ދަށް ކަމެކެވެ. ޤަލަމުން ލިޔުމަކީ މޮޅު ކަމެކެވެ. އެކަމުގެ ސަބަބުން، ފަންސުރުން ރަނގަޅަށް ލިޔަން ނޭނގޭ ކުއްޖާވެސް، ލިޔަން ބޭނުންވަނީ ޤަލަމުންނެވެ. ބޭނުން ވަނީ، މީސްތަކުންނަށް އޭނާއަކީ، އެނގޭ މޮޅު މީހެއްކަން ދެއްކުމެވެ. އެކަމުގެ ސަބަބުން، އެފަދަ ދަރިވަރުންނަށް ލިޔެވޭ ކުށްތައް ގިނަވެ، އެފަދަ ކުށްތައް ދާއިމީ ވެއެވެ.
ހަމައެގޮތަށް، ކީރިތި ޤުރްއާން، އަވަހަށް ޚަތިމުކުރުމާއި، އަވަހަށް ހިތު ދަސްކުރުމާއި، ޤުރްއާން މުބާރާތްތަކުން ވަނަ ހޮވުމަކީ، ވަރަށް މޮޅު ކަންކަން ކަމުގައި، ޤަބޫލުކުރާ މީހުން، ދިވެހިންގެ ތެރޭގައިވެސް ގިނައެވެ. އެކަމުގެ ސަބަބުން، ނެތިގެންދަނީ ކީރިތި ޤުރްއާން އުނގެނި ދަސްކުރުމެވެ. އަދި އެކަމުގެ ސަބަބުން، ކޮންމެ މީހަކުވެސް ބޭނުންވަނީ، އުނގެނި ދަސްކުރުމެއް ނެތި، ވަޤުތުން އާޔަތް ނުވަތަ ސޫރަތްތައް ކިޔަވާށެވެ. ބޭނުންވަނީ ކުރުމަގަކުން ނަތީޖާއަށް ވާޞިލުވުމަށެވެ.
އެކަމުގެ ސަބަބުން، ކީރިތި ޤުރްއާން ކިޔަވަން ދަސްކުރުމުގައި، ބޭސިކް ބައިތައް ރަނގަޅަށް ނޭނގޭ ދަރިވަރުންވެސް ބޭނުންވަނީ، ރަނގަޅަށް އުނގެނި ދަސްކުރުމެއް ނެތި، އާޔަތް ނުވަތަ ސޫރަތް ކިޔާށެވެ. ބޭނުންވަނީ، މީސްތަކުންނަށް އޭނާއަކީ، އެނގޭ މޮޅު މީހެއްކަން ދެއްކުމެވެ. އެކަމުގެ ސަބަބުން، އެފަދަ ދަރިވަރުންނަށް ކިޔޭ ކުށްތައް ގިނަވެ، ކުށްތައް އިޞްލާހުކުރަން ދަތިވާނެއެވެ. އަދި އެކަމުގެ ސަބަބުން، އެފަދަ އެކުށްތައް ދާއިމީ ވެއެވެ.
ކީރިތި ޤުރްއާން ކިޔެވުމަކީ، ދާއިމީ ކަމެއްކަމުގައި ދެކި، އެގޮތަށް ޤަބޫލުކުރާނަމަ، ދާއިމީކޮށް ސާބިތުވެވޭ މިންވަރަށް، ކީރިތި ޤުރްއާން ކިޔަވަން ދަސްކުރާ މީހާ، އަބަދުވެސް ޚާއްޞަ ކުރާނީ، ކީރިތި ޤުރްއާން އުނގެނި ދަސްކުރުމެވެ. އޭގެ ބަދަލުގައި ދެއްކުންތެރިކަން އިސްކުރާ މީހާ ބޭނުންވާނީ، އުނގެނި ދަސްކުރުމެއް ނެތި، ކުރުމަގަކުން މީސްތަކުންނަށް އޭނާއަކީ، މޮޅު މީހެއްކަން ދެއްކުމެވެ. އެއީ ވަރަށް ނުރައްކާތެރި ކަމެކެވެ.
ލިޔުނީ:- ޝުޢައިބު ޢަލީ