ކީރިތި ޤުރްއާން ހިތު ދަސްކުރުމުގައި އެންމެ މޮޅު އިތުރު ގޮތް
ކީރިތި ޤުރްއާން ހިތު ދަސްކުރުމުގައި، އެންމެ މޮޅު އިތުރު ގޮތަކީ، ބަލައިގެން ކިޔަވަން ދަސްކުރާ ފިލާވަޅުތައް، ދަސްކޮށް ފަރިތަކޮށް އާދަކުރުމުގެ ސަބަބުން، ނަތީޖާއެއްގެ ގޮތުން، ނުބަލައި ކިޔަވަން ދަސްވާ ގޮތަށް، ކީރިތި ޤުރްއާން ހިތު ދަސްކުރުމެވެ. މިގޮތަށް ކީރިތި ޤުރްއާން ހިތު ދަސްކުރެވޭނީ، ވަކި ޢަދަދެއް ކަނޑައެޅުމެއް ނެތި، ކޮންމެ މީހަކުވެސް، އެމީހަކަށް ބަލައިގެން ކިޔަވަން ދަސްކޮށް ފަރިތަކޮށް އާދަކުރެވޭ މިންވަރަށް، ޤުރްއާނުން ދަސްކުރާ ފިލާވަޅުތައް ކިޔައިގެންނެވެ.
ކީރިތި ޤުރްއާން ހިތު ދަސްކުރުމުގައި، ބަލައިގެން ކިޔަވަން ދަސްކުރާ ފިލާވަޅުތައް، ދަސްކޮށް ފަރިތަކޮށް އާދަކުރުމުގެ ސަބަބުން، ނަތީޖާއެއްގެ ގޮތުން، ނުބަލައި ކިޔަވަން ދަސްވާ ގޮތަށް، ކިރިތި ޤުރްއާން ހިތު ދަސްކުރުމުގެ ސަބަބުން ލިބޭނެ މައިގަނޑު ފައިދާތައް:-
1- ކީރިތި ޤުރްއާން ހިތު ދަސްކުރުން ކާމިޔާބު ނުވިކަމުގައި ވިޔަސް، ކީރިތި ޤުރްއާން ކިޔަވަން ނޭނގޭ މީހަކަށް ނުވުން.
ބަލައިގެން ކިޔަވަން ދަސްކުރާ ފިލާވަޅުތައް، ދަސްކޮށް ފަރިތަކޮށް އާދަކުރުމެއް ނެތި، ކީރިތި ޤުރްއާން ހިތު ދަސްކުރަން މަސައްކަތް ކުރުމުގެ ސަބަބުން، ހިތު ދަސްކުރުން ކާމިޔާބު ނުވާ ދަރިވަރުންނަށް، ނުބަލައި ކިޔަވަން ނޭނގުމާއެކު، ބަލައިގެން ވެސް ކިޔަވަން ނޭނގެއެވެ. އެކަމުގެ ސަބަބުން، ދަރިވަރުން ކީރިތި ޤުރްއާނާ ދުރަށް ދެއެވެ.
ނަމަވެސް، ކީރިތި ޤުރްއާން ހިތު ދަސްކުރުމުގައި، ބަލައިގެން ކިޔަވަން ދަސްކުރާ ފިލާވަޅުތައް، ދަސްކޮށް ފަރިތަކޮށް އާދަކުރަމުން، ކީރިތި ޤުރްއާން ހިތު ދަސްކުރާ ދަރިވަރުންނަށް، ހިތު ދަސްކުރުން ކާމިޔާބު ނުވިކަމުގައި ވިޔަސް، ކީރިތި ޤުރްއާން އެނގެންޖެހޭ ޢާންމު މިންގަނޑަށް، ކީރިތި ޤުރްއާން ކިޔަވަން އެނގޭނެއެވެ. އެ މިންގަނޑަކީ، ތަޖުވީދުގެ ހަމަތަކާ އެއްގޮތަށް، ބަލައިގެން ކިޔަވަން އެނގުމެވެ.
2- ނުބަލާ ކިޔަވާ ފިލާވަޅު ޞިފަކުރަން އެނގުން.
ކީރިތި ޤުރްއާން ހިތު ދަސްކުރުމުގައި، ބަލައިގެން ކިޔަވަން ދަސްކުރާ ފިލާވަޅުތައް، ދަސްކޮށް ފަރިތަކޮށް އާދަކުރުމުގެ ސަބަބުން، ނަތީޖާއެއްގެ ގޮތުން، ނުބަލައި ކިޔަވަން ދަސްވާ ގޮތަށް، ކީރިތި ޤުރްއާން ހިތު ދަސްކުރުމުން، ނުބަލައި ކިޔަވާއިރު، ކިޔަވާ މިންވަރު ވަކި ތަރުތީބަކުން ޞިފަކުރަމުން ބިނާކުރަން ދަސްކޮށް ފަރިތަކޮށް އާދަކުރެވޭނެއެވެ. އެކަމުގެ ސަބަބުން، ނުބަލައި ކިޔަވަން ދަސްކުރާ ފިލާވަޅު އަވަހަށް ހަނދާން ނުނެތޭނެއެވެ. އަދި އަވަސް އަވަހަށް މުރާޖާކުރާކަށް ވެސް ނުޖެހޭނެއެވެ.
3- ކީރިތި ޤުރްއާން ހިތު ދަސްކުރަން ފަސޭހަ ގޮތްތައް ކަމަށް ބުނެ، އެކި ޢަދަދު ތަކުން ބިނާކޮށްފައިވާ، ތަފާތު ގޮތްތަކުގެ ( މެތަޑް ތަކުގެ ) ސަބަބުން، އުފެދޭ ޝުބުހަ ތަކުން ސަލާމަތްވުން.
ކީރިތި ޤުރްއާން ހިތު ދަސްކުރުމަށް، ވަރަށް ފަސޭހަ، ވަރަށް މޮޅު ގޮތްތައްކަމަށް ބުނެ، ވަރަށް ގިނަ މީހުން އެމީހުންގެ ތަޖުރިބާއިން، ޤުރްއާން ހިތު ދަސްކުރުމަށް، ޤުރްއާން ފިލާވަޅު ކިޔަވަން ޖެހޭ ވަކި ޢަދަދުތަކެއް ކަނޑައަޅައިގެން، އެއީ ޤުރްއާން ހިތު ދަސްކުރަންޖެހޭ ގޮތް ކަމަށް ބުނެ ދަރިވަރުންނަށް އެތަރުތީބުން އެ ޢަދަދުތަކަށް ކިޔަވަން މަޖުބޫރުކުރެއެވެ. ނަމަވެސް އެއީ އެއްގޮތަކަށް ވެސް ރަނގަޅު ގޮތެއް ނޫނެވެ.
ދަސްކުރާ ޤުރްއާން ފިލާވަޅުތައް، އެއް ޢަދަދަކަށް ކިޔައިގެން، ކޮންމެ މީހަކަށް ވެސް، ކީރިތި ޤުރްއާން ހިތު ދަސްވާނެކަމަށް ބުނުމަކީ، އެއްގޮތަކަށް ވެސް ހަމަޖެހޭ ބުނުމެއް ނޫނެވެ. ސަބަބަކީ ގުދުރަތީގޮތުން އެކި އިންސާނުންގެ ޙާލަތު ތަފާތުވާނެތީއެވެ. އެހެންވީމަ، ބަލައިގެން ކިޔަވަން ދަސްކުރާ ފިލާވަޅު، ދަސްކޮށް ފަރިތަކޮށް އާދަކުރުމުން، ނަތީޖާއެއްގެ ގޮތުން، ހިތު ދަސްވާގޮތަށް، ޤުރްއާން ފިލާވަޅު ދަސްކުރެވޭނަމަ، އެއީ މިންވަރާއި ޢަދަދުގެ ގޮތުން، ހުރިހާ އިންސާނުންނާވެސް އެކަށީގެންވާ ގުޅޭ ގޮތަކަށް ވާނެއެވެ.
4- ބަލައިގެން ކިޔަވަން ދަސްކުރުމާއި، ހިތު ދަސްކުރުން އެއްފަހަރާ ޙާޞިލްވުން.
ކީރިތި ޤުރްއާން ހިތު ދަސްކުރުމުގައި، ބަލައިގެން ކިޔަވަން ދަސްކުރާ ފިލާވަޅުތައް، ދަސްކޮށް ފަރިތަކޮށް އާދަކުރުމުގެ ސަބަބުން، ނަތީޖާއެއްގެ ގޮތުން، ނުބަލައި ކިޔަވަން ދަސްވާ ގޮތަށް، ކީރިތި ޤުރްއާން ހިތު ދަސްކުރުމުން، ބަލައިގެން ކިޔަވަން ދަސްވުމާއެކު ހިތު ދަސްވާނެއެވެ. އެކަމުގެ ސަބަބުން، ހިތު ދަސްކުރުމަށް، ވަކި ވަޤުތެއް ވަކި ފިލާވަޅެއް ޚާއްޞަކުރަން ނުޖެހި، ވަރަށް ފަސޭހައިން ކީރިތި ޤުރްއާން ހިތު ދަސްކުރެވޭނެއެވެ.
ޚުލާޞާ
ބަލައިގެން ކިޔަވަން ދަސްކޮށް ފަރިތަކޮށް އާދަކުރުމެއް ނެތި، ހަމައެކަނި ނުބަލައި ކިޔަވަން ދަސްކުރުމުން، އެކަމުގެ ނަތީޖާއަކީ، ދަރިވަރުން ކީރިތި ޤުރްއާނާ ދުރުވުން ކަމުގައި ވެދާނެއެވެ. ދިވެހި ރާއްޖޭގެ ވަރަށް ގިނަ ރަށް ރަށުން މިކަން ތަޖުރިބާ ކުރެވިއްޖެއެވެ. އެހެންވީމަ ދަރިވަރުންނަށް މަޖުބޫރުކުރަންވީ، ބަލައިގެން ކިޔަވަން ދަސްކުރާ ފިލާވަޅު، ރަނގަޅަށް ދަސްކޮށް ފަރިތަކޮށް އާދަކުރުމަށެވެ. ސަބަބަކީ، ޤުރްއާން ފިލާވަޅަށް އާދަވުމުން، ކީރިތި ޤުރްއާނަށްޓަކައި، ހިތާއި ސިކުނޑި ތަނަވަސްވެ ހިތު ދަސްކުރަން ފަސޭހަވެގެންދާނެތީއެވެ. ނުވަތަ ހިތު ދަސްވާނެތީއެވެ. އޭރުން ހިތު ދަސްކުރުމަށް، ވަކިން މަސައްކަތް ކުރާކަށް ނުޖެހޭނެއެވެ. ޙަޤީޤީ މާނާގައި ޤުރްއާން ހިތު ދަސްކުރާ މީހާގެ ހިތް އަލިވާނީ އޭރުންނެވެ. ޙަޤީޤީ މާނާގައި ޤުރްއާން ހިތު ދަސްކުރުމަކީ އެއީއެވެ.
ލިޔުނީ:- ޝުޢައިބު ޢަލީ