ޙައްޤު ގޮތުގައި ކީރިތި ޤުރްއާން އުނގެނި ދަސްކޮށް، ކީރިތި ޤުރްއާން ކިޔަވަން ބޭނުންވާނަމަ، ކިޔަވާ ދަރަޖައަށް ވާޞިލުވާށެވެ. ކިޔެވޭ ދަރަޖަ އިޚްތިޔާރު ނުކުރާށެވެ.
ކީރިތި ޤުރްއާން ކިޔަވަން ދަސްކުރާ މީހުންގެ ތެރޭގައި ޢާންމުކޮށް އޮންނަނީ، ދެ ދަރަޖައެކެވެ. އެއީ
1- ކިޔެވޭ ދަރަޖަ
– މިއީ އަމިއްލަ އިޚްތިޔާރެއް ނެތި، ނުވަތަ ވާނުވާ ނޭނގި ކީރިތި ޤުރްއާން ކިޔަވާ މީހުންގެ ދަރަޖައެވެ.
2- ކިޔަވާ ދަރަޖަ
– މިއީ އަމިއްލަ އިޚްތިޔާރުން، ނުވަތަ ވާނުވާ އުނގެނި ދަސްކޮށްގެން، ކީރިތި ޤުރްއާން ކިޔަވާ މީހުންގެ ދަރަޖައެވެ.
ކީރިތި ޤުރްއާން ކިޔެވޭ މީހުންނާއި ކިޔަވާ މީހުން
ކީރިތި ޤުރްއާން ކިޔެވޭ މީހުން
މިއީ ހަމައެކަނި، ކީރިތި ޤުރްއާން އަޑު އަހައިގެން ދަސްކޮށްފައިވާ މީހުންނާއި، އެގޮތަށް ދަސްކުރަން މަސައްކަތް ކުރާ މީހުންނެވެ. އެފަދަ މީހުން އިތުރު މަޢުލޫމާތެއް އަޑު އަހާކަށް ބޭނުމެއް ނުވާނެއެވެ. އިތުރު ކަމަކާމެދު ވިސްނާކަށް ވެސް ބޭނުމެއް ނުވާނެއެވެ. އެފަދަ މީހުން ބޭނުންވާނީ، ހަމައެކަނި، ކީރިތި ޤުރްއާން ކިޔާލާށެވެ. މާނައަކީ އެފަދަ މީހުން އެންމެ ފުރަތަމަވެސް ބޭނުންވާނީ، އާޔަތް ނުވަތަ ސޫރަތް ކިޔާށެވެ. އެކަމުގެ ސަބަބުން، އެފަދަ މީހުން ތިބޭނީ، ކިޔެވޭ މީހެއްގެ ދަރަޖާގައެވެ. އެފަދަ މީހުންނަށް ވަކި ޚާއްޞަ ތަރުތީބަކުން، އުނގެނި ދަސްކުރުމުގެ ވިސްނުމެއްގައި، ކީރިތި ޤުރްއާން ކިޔެވުމަކީ، ވަރަށް ދަތިކަމަކަށް ވާނެއެވެ.
ހަމައެކަނި ކިޔެވޭ މީހެއްގެ ދަރަޖާގައި ހުރުމުގެ ސަބަބުން، އަކުރުން އަކުރަށް އަދި ކަލިމައިން ކަލިމައަށް، ކީރިތި ޤުރްއާން ބިނާކުރުމަކީ، އެދަރަޖާގައި ތިބޭ މީހުންނަށް، ވަރަށް ދަތިކަމަކަށް ވެގެންދާނެއެވެ. އެކަމުގެ ސަބަބުން، އަކުރުން އަކުރަށް އަދި ކަލިމައިން ކަލިމައަށް ވިސްނަން އުނދަގޫވެ، ކަލިމަ ބިނާކުރުމަށާއި ކަލިމަތައް ވަކިކޮށް ދެނެގަތުމަށް ދަތިވެގެންދާނެއެވެ. އެއީ ކީރިތި ޤުރްއާން ކިޔަވަން ދަސްކުރުމުގައި ރަނގަޅު ގޮތެއް ނޫނެވެ.
ކިޔެވޭ މީހާގެ ދަރަޖައިގެ ސަބަބުން ލިބޭނެ ބައެއް ގެއްލުންތައް
1- ދަސްކުރަމުންދާ ވަރަކަށް ދަސްކުރި ޤުރްއާން ފިލާވަޅުތައް ހަނދާން ނެތުން.
ކިޔެވޭ ދަރަޖާގައި ހުންނަ މީހާ އަބަދުވެސް އިސްކަން ދޭނީ، އާޔަތްތަކާއި ސޫރަތްތަކަށެވެ. އާޔަތްތަކާއި ސޫރަތްތައް ބިނާކުރުމަށް، އިސްކަމެއް ނުދޭނެއެވެ. އެކަމުގެ ސަބަބުން، އެންމެ އާދައިގެ ބޭސިކް ބައިތައް، ވަރަށް އަވަހަށް ހަނދާން ނެތިގެން ދާނެއެވެ. އޭގެ ތެރޭގައި، އަކުރުގެ ނަމާއި ފިލިތަކުގެ ނަން، އަދި އަކުރާއި ފިލި ގުޅޭ ގޮތާއި ގުޅުވާނެ ގޮތް އަދި ތަރުތީބު ވެސް، ހަނދާން ނެތިގެން ދާނެއެވެ. އެކަމުގެ ސަބަބުން، ޖެހިގެން އޮތް ފިލާވަޅަށް، ތައްޔާރުވެވޭ މިންވަރަށް، ޤުރްއާން ފިލާވަޅު ދަސްކޮށް ފަރިތަކޮށް އާދަކުރަން ދަތިވާނެއެވެ.
2- ތަޖުވީދުގެ ޤަޥާޢިދުތައް ނަގައިގަތުމަށް އުނދަގޫވުން.
ކިޔެވޭ ދަރަޖާގައި ހުރުމުގެ ސަބަބުން، އިސްކަން ދެވޭނީ، އާޔަތްތަކާއި ސޫރަތްތައް ފެށިގެން ގޮސް ނިޔަލަށް ކިޔުމަށެވެ. އެކަމުގެ ސަބަބުން، އަކުރުގެ ނަމާއި ފިލިތަކުގެ ނަން، އަދި އަކުރާއި ފިލި ގުޅޭ ގޮތާއި ގުޅުވާނެ ގޮތް އަދި ތަރުތީބު ވެސް، ހަނދާން ނެތިގެން ދާނެއެވެ. އަދި އެކަމުގެ ސަބަބުން، ތަޖުވީދުގެ ޤަޥަޢިދުތައް ދަސްކުރާނެ ގޮތާއި ތަރުތީބު ވިސްނައިގަތުމަށް އުނދަގޫ ވެގެންދާނެއެވެ. އެކަމުގެ ސަބަބުން، ތަޖުވީދުގެ ޤަޥާޢިދުތައް ދަސްކުރަން އުނދަގޫ ވެގެންދާނެއެވެ. ތަޖުވީދުގެ ޤަޥާޢިދުތައް އުފެދޭނީ، ދެ އަކުރުގެ ދެމެދުގައެވެ. ދެ އަކުރު ދެމެދުގައި ތަޖުވީދުގެ ޤަޥާޢިދުތައް އުފެދޭ ޢާންމު ސަބަބަކީ، ފިއްޔާއި ސުކުނެވެ. އެހެންވީމަ، ކީރިތި ޤުރްއާން ކިޔެވޭ ދަރަޖަ އިޚްތިޔާރުކުރުމަކީ، އެއްގޮތަކަށް ވެސް ރަނގަޅު ގޮތެއް ނޫނެވެ.
ކިޔެވޭ ދަރަޖާގައި ހުންނަ މީހާގެ ފަރާތުން ފެންނާނެ ޢަލާމާތްތައް
1- تَوْضِيح ކޮށްގެން ކިޔަވަން ނޭނގުމާއި ނުފަރިތަވުން.
2- حَرْفٌ بَعْدَ حَرْفٍ އާ އެއްގޮތަށް، ކިޔަވަން ނޭނގުމާއި ނުފަރިތަވުން.
3- كَلِمَةٌ بَعْدَ كَلِمَةٍ އާ އެއްގޮތަށް، ކިޔަވަން ނޭނގުމާއި ނުފަރިތަވުން.
4- آيَةٌ بَعْدَ آيَةٍ އާ އެއްގޮތަށް، ކިޔަވަން ނޭނގުމާއި ނުފަރިތަވުން.
– ޚުލާޞާކޮށް ބުނާނަމަ، ކިޔެވޭ ދަރަޖާގައި ހުންނަ މީހަކަށް، އަކުރުން އަކުރަށް، ކަލިމައިން ކަލިމައަށް އަދި އާޔަތުން އާޔަތަށް، ކީރިތި ޤުރްއާން ބިނާކުރާކަށް ނޭނގޭނެއެވެ. އަދި އެގޮތަށް ބިނާކުރުމުގައި، ޢަމަލުކުރެވޭ ތަޖުވީދުގެ އެކި ޤަޥާޢިދުތަކާއި، އެފަދަ ޤަޥާޢިދުތަކަށް ޢަމަލުކުރެވޭ ތަރުތީބު ނަގައިގަންނާކަށް ނޭނގޭނެއެވެ. އަދި ކިޔުމުގައި އަންނަ ބަދަލުތަކާއި ގެންނަ ބަދަލުތަކެއް ނޭނގޭނެއެވެ.
ކިޔެވޭ މީހާގެ ދަރަޖައަށް ވާޞިލުވެވޭ މައިގަނޑު ސަބަބުތައް
1- އަމިއްލަ އިޚްތިޔާރުން ކިޔުމެއް ނެތި، ހަމައެކަނި މީހަކާ އެއްކޮށް ނުވަތަ މީހެއްގެ އަޑު ދަށުން ކިޔުމަށް އިސްކަން ދިނުން.
2- تَوْضِيح ކޮށްގެން ކިޔަވަން ދަސްކޮށް ފަރިތަކޮށް އާދަނުކުރުން.
3- حَرْفٌ بَعْدَ حَرْفٍ އާ އެއްގޮތަށް، ކިޔަވަން ދަސްކޮށް ފަރިތަކޮށް އާދަނުކުރުން.
4- كَلِمَةٌ بَعْدَ كَلِمَةٍ އާ އެއްގޮތަށް، ކިޔަވަން ދަސްކޮށް ފަރިތަކޮށް އާދަނުކުރުން.
5- آيَةٌ بَعْدَ آيَةٍ އާ އެއްގޮތަށް، ކިޔަވަން ދަސްކޮށް ފަރިތަކޮށް އާދަނުކުރުން.
6- ކަލިމަ ބިނާކުރަން ދަސްކޮށް ފަރިތަކޮށް އާދަނުކުރެވެނީސް، އާޔަތްތަކާއި ސޫރަތް ކިޔުމަށް އިސްކަން ދިނުން.
7- ކަލިމައިގެ ޢިލްމު ރަނގަޅަށް، ދަސްކޮށް ފަރިތަކޮށް އާދަނުކުރެވެނީސް، ހަމައެކަނި އާޔަތްތައް ކިޔުމާއި ޚަތިމުކުރުމަށް އިސްކަން ދިނުން.
8- އާޔަތުގެ ޢިލްމު ރަނގަޅަށް، ދަސްކޮށް ފަރިތަކޮށް އާދަނުކުރެވެނީސް، ހަމައެކަނި އާޔަތްތައް ކިޔުމާއި ޚަތިމުކުރުމަށް އިސްކަން ދިނުން.
9- އާޔަތްތަކާއި ސޫރަތްތައް ދަސްކުރަން ފަށާ ހިސާބުން، ކީރިތި ޤުރްއާން ބިނާވެފައިވާ ތަރުތީބުން، އެކުލަވާލެވިފައިވާ ކިޔުމުގެ ތަމްރީނުތަކާ އެއްގޮތަށް ކިޔުން ދޫކޮށްލުން.
10- ކީރިތި ޤުރްއާން އުނގެނި ދަސްކުރުމެއް ނެތި، ހަމައެކަނި މުބާރާތްތަކަށް ފަރިތަކުރުމާއި ހިތު ދަސްކުރުމަށް އިސްކަން ދިނުން.
ކީރިތި ޤުރްއާން ކިޔަވާ މީހުން
ކީރިތި ޤުރްއާން ބިނާވެފައިބާ ތަރުތީބުން އެކުލަވާލެވިފައިވާ، ކިޔުމުގެ ޚާއްޞަ ތަމްރީނުތަކާ އެއްގޮތަށް ބަލައިގެން، ޤުރްއާން ފިލާވަޅު ދަސްކޮށް ފަރިތަކޮށް އާދަކުރާނަމަ، އެކަމުގެ ސަބަބުން ވާޞިލުވެވޭނީ، އިޚްތިޔާރުން ކިޔަވާ މީހާގެ ދަރަޖައަށެވެ. މާނައަކީ ވާނުވާ އެނގިގެން ކިޔަވާ މީހާގެ ދަރަޖައަށެވެ.
ޚުލާޞާ
ކީރިތި ޤުރްއާން އުނގަންނައި ދިނުމުގައި އެންމެ ފުރަތަމަ ކުރަންޖެހޭ ކަމަކީ، ކިޔަވަން ދަސްކުރަން އަންނަ މީހާ، ކިޔެވޭ ދަރަޖައިން ކިޔަވާ ދަރަޖައަށް ބަދަލުކުރުމެވެ. އުނގަންނައިދިނުން ކާމިޔާބުކުރެވޭނީ އޭރުންނެވެ. ކިޔެވޭ ދަރަޖައިން ކިޔަވާ ދަރަޖައަށް، އުނގެނެން އަންނަ މީހާ ބަދަލުކުރެވޭނީ، ކީރިތި ޤުރްއާން އުނގެނި ދަސްކުރުން ޚާއްޞަކޮށްގެންނެވެ. އަދި ކިޔަވާ މީހާގެ ދަރަޖައަށް ވާޞިލްވެވޭ ގޮތަށް، އުނގެނި ދަސްކުރުން ފުރިހަމަކުރެވޭނީ، ތިރީގައިވާ ތަމްރީނުތައް ޚާއްޞަކޮށްގެންނެވެ.
1- تَوْضِيح ކޮށްގެން ކިޔަވަން ދަސްކޮށް ފަރިތަކޮށް އާދަކުރުން.
2- حَرْفٌ بَعْدَ حَرْفٍ އާ އެއްގޮތަށް، ކިޔަވަން ދަސްކޮށް ފަރިތަކޮށް އާދަކުރުން.
3- كَلِمَةٌ بَعْدَ كَلِمَةٍ އާ އެއްގޮތަށް، ކިޔަވަން ދަސްކޮށް ފަރިތަކޮށް އާދަކުރުން.
4- آيَةٌ بَعْدَ آيَةٍ އާ އެއްގޮތަށް، ކިޔަވަން ދަސްކޮށް ފަރިތަކޮށް އާދަކުރުން.
= ލިޔުނީ:- ޝުޢައިބު ޢަލީ =