އަކުރު އަދި ކަލިމާގައި ތަޖުވީދުގެ ޤަޥާއިދުތަކަށް ޢަމަލުކުރުމާއި އަކުރުގެ ނަމުގައި، ތަޖުވީދުގެ ޤަޥާޢިދުތަކަށް ޢަމަލުކުރުން
އަކުރުގައި ތަޖުވީދުގެ ޤަޥާޢިދުތަކަށް ޢަމަލުކުރުން
– މިއީ ވަކިވަކި އަކުރުތައް އަދާކުރުމުގައި، ތަޖުވީދުގެ ޤަޥާޢިދުތަކަށް ޢަމަލުކުރުމެވެ.
– އޭގެތެރޭގައި އަކުރުގެ މަޚްރަޖާއި ޞިފަތައް ފުރިހަމަކުރުމާއި، ފިލި ފުރިހަމަ ކުރުންފަދަ ކަންކަން ހިމެނެއެވެ.
– ޢާންމުކޮށް، ތަޖުވީދުގެ ޤަޥާޢިދުތަކަށް ޢަމަލުކުރަން ފަށާނީ، އަކުރަށް ޚާއްޞަ ޤަޥާޢިދު ތަކުންނެވެ.
ކަލިމާގައި ތަޖުވީދުގެ ޤަޥާޢިދުތަކަށް ޢަމަލުކުރުން
– މިއީ، مُقَطَّعَاتْ ގެ އަކުރުތަކުގެ ނަމަށް ޚާއްޞަ ކަލިމަތައް ފިޔަވައި، އެނޫން ކަލިމަތަކުގައި، ތަޖުވީދުގެ ޤަޥާޢިދުތަކަށް ޢަމަލުކުރުމެވެ.
– އޭގެ ތެރޭގައި ދެމުމާއި އިތުރަށް ދެމުން އަދި އިތުރަށް ޣުންނަކުރުން ފަދަ ތަޖުވީދުގެ އެކި ޤަޥާޢިދުތައް ހިމެނެއެވެ.
– މިފަދަ ކަލިމަތަކުގައި، ތަޖުވީދުގެ ޤަޥާޢިދުތަކަށް ޢަމަލުކުރެވޭ ޙާލަތްތަކަށް، ނަން ކިޔުމުގައި، ނަމުގެ ފަހަތަށް، كَلِمى، މި ނަން ބޭނުންކުރެވެއެވެ.
އަކުރުގެ ނަމުގައި ތަޖުވީދުގެ ޤަޥާޢިދުތަކަށް ޢަމަލުކުރުން
– މިއީ، مُقَطَّعَاتْ ގެ އަކުރުތަކުގެ ނަމަށް ޚާއްޞަ ކަލިމަތަކުގައި، ތަޖުވީދުގެ ޤަޥާޢިދުތަކަށް ޢަމަލުކުރުމެވެ.
– އަކުރުގެ ނަމަށް ޚާއްޞަ ކަލިމަތަކުގައި، ތަޖުވީދުގެ އެކި ޤަޥާޢިދުތަކަށް ޢަމަލުކުރެވޭނީ، ކީރިތި ޤުރްއާނުގެ 29 ސޫރަތެއް ފެށުމުގައި އަންނަ، مُقَطَّعَاتْ ގެ އަކުރުތައް އަދާކުރުމުގައެވެ.
– މިޙާލަތުގައި، ތަޖުވީދުގެ ޤަޥާޢިދުތަކަށް ޢަމަލުކުރުމަކީ، އަކުރުގައި ތަޖުވީދުގެ ޤަޥާޢިދުތަކަށް، ޢަމަލުކުރުން ކަމުގައި ބުނުމަކީ، އެއްގޮތަށްކަށް ވެސް ރަނގަޅު ގޮތެއް ނޫނެވެ.
– މިފަދަ ކަލިމަތަކުގައި، ތަޖުވީދުގެ ޤަޥާޢިދުތަކަށް ޢަމަލުކުރެވޭ ޙާލަތްތަކަށް، ނަން ކިޔުމުގައި، ނަމުގެ ފަހަތަށް، حَرْفِى، މިނަން ބޭނުންކުރެވެއެވެ.
މިޘާލު
حم * عسق
މި އަކުރުތައް ގުޅުވައިގެން ކިޔޭ ގޮތް ( حَا مِيمْ عَينْ سِينْ قَافْ )
– މި އަކުރުތަކުގެ ތެރެއިން حَا އަދާކުރުމުގައި އަންނަ ދެމުމަކީ، އަކުރުގައި އަންނަ ދެމުމެކޭ ނުބުނެވޭނެއެވެ. އެއީ އަކުރުގެ ނަމުގައި އަންނަ ދެމުމެކެވެ. އަދި حَا އަދާ ކުރުމުގައި، ވަކި އަކުރަކަށް ދެމުން ނިސްބަތް ކުރެވޭނަމަ، ނިސްބަތް ކުރެވޭނީ، މައްދު أَلِفْ އަށެވެ.
– މި އަކުރުތަކުގެ ތެރެއިން مِيمْ އަދާކުރުމުގައި އަންނަ ދެމުމަކީ، އަކުރުގައި އަންނަ ދެމުމެކޭ ނުބުނެވޭނެއެވެ. އެއީ އަކުރުގެ ނަމުގައި އަންނަ ދެމުމެކެވެ. އަދި مِيمْ އަދާ ކުރުމުގައި، ވަކި އަކުރަކަށް ދެމުން ނިސްބަތް ކުރެވޭނަމަ، ނިސްބަތް ކުރެވޭނީ، މައްދު يَا އަށެވެ.
– މި އަކުރުތަކުގެ ތެރެއިން عَيْنْ އަދާކުރުމުގައި އަންނަ ދެމުމަކީ، އަކުރުގައި އަންނަ ދެމުމެކޭ ނުބުނެވޭނެއެވެ. އެއީ އަކުރުގެ ނަމުގައި އަންނަ ދެމުމެކެވެ.
– މި އަކުރުތަކުގެ ތެރެއިން سِينْ އަދާކުރުމުގައި އަންނަ ދެމުމަކީ، އަކުރުގައި އަންނަ ދެމުމެކޭ ނުބުނެވޭނެއެވެ. އެއީ އަކުރުގެ ނަމުގައި އަންނަ ދެމުމެކެވެ. އަދި سِينْ އަދާ ކުރުމުގައި، ވަކި އަކުރަކަށް ދެމުން ނިސްބަތް ކުރެވޭނަމަ، ނިސްބަތް ކުރެވޭނީ، މައްދު يَا އަށެވެ.
– މި އަކުރުތަކުގެ ތެރެއިން قَافْ އަދާކުރުމުގައި އަންނަ ދެމުމަކީ، އަކުރުގައި އަންނަ ދެމުމެކޭ ނުބުނެވޭނެއެވެ. އެއީ އަކުރުގެ ނަމުގައި އަންނަ ދެމުމެކެވެ. އަދި قَافْ އަދާ ކުރުމުގައި، ވަކި އަކުރަކަށް ދެމުން ނިސްބަތް ކުރެވޭނަމަ، ނިސްބަތް ކުރެވޭނީ މައްދު أَلِفْ އަށެވެ.
– حم * عسق މި އަކުރުތައް އަދާކުރުމުގައި، އަންނަ އިތުރަށް ޣުންނަ ކުރެވޭ ޙާލަތްތަކަކީ، އަކުރުގައި އަންނަ އިތުރަށް ޣުންނަ ކުރެވޭ ޙާލަތެކޭ ނުބުނެވޭނެއެވެ. އެއީ ދެ އަކުރެއްގެ ނަން ގުޅުވުމުގައި އަންނަ، އިތުރަށް ޣުންނަ ކުރެވޭ ޙާލަތެކެވެ.
ނޯޓް:-
– ألم ( أَلِفْ لَامْ مِّيمْ ) މި އަކުރުތައް އަދާކުރުމުގައި އަންނަ، مَدُّ لَازِمْ حَرْفِى مُثَقَّلْ ގެ ޙާލަތަކީ، އަކުރުގައި އަންނަ ޙާލަތެއް ނޫނެވެ. އެއީ ދެ އަކުރެއްގެ ނަން ގުޅުވުމުގައި އަންނަ ހާލަތެކެވެ.
ޚުލާޞާ
– ތަޖުވީދު ޢިލްމުގައި، އަކުރުގެ ނަމުގައި އުފެދޭ، ތަޖުވީދުގެ ޚާއްޞަ ޤަޥާޢިދުތަކަށް، ޢަމަލުކުރެވޭ ޙާލަތްތަކަށް ނަން ކިޔުމުގައި، حَرْفِى ގެ ނަން ޚާއްޞަކޮށްފައިވަނީ، އެއީ އޭގެ ޒާތުގައި، ވަކިވަކި އަކުރުތަކުގައި އަންނަ ޙާލަތްތަކަކަށް ވާތީއެއް ނޫނެވެ. حَرْفِى ގެ ނަން ކިޔުމުގެ ބޭނުމަކީ، ޙާލަތްތައް ތަފާތުކުރަން ފަސޭހަކޮށްދިނުމެވެ. އެހެންވީމަ كَلِمى އޭ ބުނެފިނަމަ، އޭގެ މާނައަކީ، އަކުރުތަކުގެ ނަން ފިޔައި، އެހެން ކަލިމަތަކުގައި އަންނަ ޙާލަތްތަކެވެ. حَرْفِى އޭ ބުނެފިނަމަ އޭގެ މާނައަކީ، އަކުރުގެ ނަމުގައި އަންނަ ޙާލަތްތަކެވެ. އަލިފްބާގެ އަކުރުތަކުގެ ނަންތައް ރަނގަޅަށް ދަސްކުރުމަކީ ތަޖުވީދު ޢިލްމުގެ ފެށުމެވެ.
ލިޔުނީ:- ޝުޢައިބު ޢަލީ