ކީރިތި ޤުރްއާން އުނގެނި ދަސްކުރުމުގައި ސުވާލާއި ޖަވާބު ޚާއްޞަކުރުން
– ކޮންމެ ޢިލްމެއް އުނގެނި ދަސްކުރިކަމުގައި ވިޔަސް، ވަކި ތަރުތީބަކުން ސުވާލާއި ޖަވާބު ޚާއްޞަކުރުމަކީ ވަރަށް މުހިންމު ކަމެކެވެ.
– ވަކި ތަރުތީބަކުން ސުވާލާއި ޖަވާބު ޚާއްޞަކުރެވޭނީ ކީރިތި ޤުރްއާން އުނގެނި ދަސްކުރުމުގައެވެ.
– އަވަހަށް ޚަތިމުކުރުމާއި، ޤުރްއާން މުބާރާތްތަކަށް ފަރިތަކުރުމާއި، އަދި ހަމައެކަނި އާޔަތްތަކާއި ސޫރަތްތައް ކިޔުމަށް، އިސްކަން ދެވޭނަމަ، ވަކި ތަރުތީބަކުން ސުވާލާއި ޖަވާބު ޚާއްޞަކުރަން އުނދަގޫވާނެއެވެ.
– ކީރިތި ޤުރްއާން އުނގެނި ދަސްކުރުމުގައި، ވަކި ތަރުތީބަކުން ސުވާލާއި ޖަވާބު ޚާއްޞަކުރުމަކީ، ވަރަށް މުހިންމު ކަމެކެވެ.
– އެކަމުގެ ސަބަބުން، ޙަޤީޤީ މާނާގައި، އުނގެނޭ މީހާ އާއި ކީރިތި ޤުރްއާނާ ދެމެދު އޮންނަ ގުޅުން ވަރުގަދަ ވެގެންދާނެއެވެ.
– އޭގެ އެންމެ ރީތި އެންމެ ފުރިހަމަ މިސާލަކީ ވެސް ހަމަ ކީރިތި ޤުރްއާނެވެ.
– ކީރިތި ޤުރްއާނުގެ ބައެއް ސޫރަތްތަކުގައި އާޔަތްތައް ތަރުތީބުކުރެވިފައިވަނީ، އުނގެނި ދަސްކުރުމުގައި، އިންސާނާގެ ޠަބީޢަތާ ގުޅޭ ގޮތަށެވެ.
– ތިރީގައިވާ އާޔަތްތަކަށް ވިސްނާލުމުން، އުނގެނި ދަސްކުރުމުގައި، ސުވާލާއި ޖަވާބު ޚާއްޞަކުރުމުގެ މުހިންމުކަން އެނގި ހާމަވެގެންދާނެއެވެ.
| ﴿1﴾ الْقَارِعَةُ |
| ހިތްތަކަށް ބިރުވެރިކަން ގެނެސްދޭ ޤިޔާމަތް ދުވަހެވެ. |
| ﴿2﴾ مَا الْقَارِعَةُ |
| ހިތްތަކަށް ބިރުވެރިކަންގެނެސްދޭ ޤިޔާމަތް ދުވަހަކީ، ކޮންދުވަހެއް ހެއްޔެވެ؟ |
| ﴿3﴾ وَمَا أَدْرَاكَ مَا الْقَارِعَةُ |
| އަދި ހިތްތަކަށް ބިރުވެރިކަން ގެނެސްދޭ ޤިޔާމަތް ދުވަހަކީ، ކޮންދުވަހެއްކަން ކަލޭގެފާނަށް އަންގައިދިނީ ކޮންއެއްޗެއްތޯއެވެ؟ |
| ﴿4﴾ يَوْمَ يَكُونُ النَّاسُ كَالْفَرَاشِ الْمَبْثُوثِ |
| ވިއްސިވިހާލިވެގެންދާ ކޮކާތަކެއް ފަދައިން މީސްތަކުންވާނޭ ދުވަހެވެ. |
| ﴿5﴾ وَتَكُونُ الْجِبَالُ كَالْعِهْنِ الْمَنفُوشِ |
| އަދި ބުރުވައިލެވޭ ކެހެރިތަކެއް ފަދައިން ފަރުބަދަތައް ވާނޭދުވަހެވެ. |
– އިސްވެދިޔަ އާޔަތްތަކުގެ ތަރުތީބަށް ބަލާއިރު، ފުރަތަމަ އާޔަތުގައި އެވަނީ، އަނެކާގެ ހިތުގައި ސުވާލެއް އުފެދޭނެ ފަދަ ކުރު ތަޢާރަފެކެވެ. ނުވަތަ ކުރު މަޢުލޫމާތެކެވެ.
– އެއަށްފަހު ދެން އަންނަ އާޔަތްތަކުގައި އެވަނީ ސުވާލެކެވެ.
– އަދި އޭގެ ފަހުން އަންނަ އާޔަތްތަކުގައި އެވަނީ، ސުވާލުތަކުގެ ޖަވާބެވެ. ނުވަތަ ޖަވާބު ދިނުމަށް ބޭނުންވާ މަޢުލޫމާތުތަކެވެ.
– ޢިލްމެއް ހާޞިލް ކުރުމުގައި، އިންސާނާގެ ހިތާއި ސިކުނޑި މަސައްކަތްކުރާ ގޮތުގެ ޠަބީޢަތް މި ތަރުތީބުން އެނގި ހާމަވެއެވެ.
– އުނގެނި ދަސްކުރުމުގައި ވަކި ތަރުތީބަކުން ސުވާލުތައް ކުރިމަތިވާނަމަ، އުނގެނި ދަސްކުރުމުގެ ޞިފަ ޖެހި، އުނގެނި ދަސްކުރުމަށް އެކަށީގެންވާ ގޮތަށް އަދި އެކަށީގެންވާ މިންވަރަށް، އިންސާނާގެ ހިތާއި ސިކުނޑި މަސައްކަތް ކުރާނެއެވެ.
– އެހެންވީމަ ޢިލްމެއް ޙާޞިލްކުރާނެ ރަނގަޅު ގޮތާއި ތަރުތީބު ވެސް، ކީރިތި ޤުރްއާނުން ސާބިތުވެއެވެ.
– ކީރިތި ޤުރްއާން އުނގެނި ދަސްކުރުމުގައި ސުވާލާއި ޖަވާބު ޚާއްޞަކުރުން ބެހެނީ ދެ ބަޔަކަށެވެ. އެއީ..
1- އުނގެނި ދަސްކުރުމުގައި ސުވާލާއި ޖަވާބު ޚާއްޞަކުރުން.
2- އިމްތިޙާނު ކުރުމުގައި ސުވާލާއި ޖަވާބު ޚާއްޞަކުރުން.
އުނގެނި ދަސްކުރުމުގައި ސުވާލާއި ޖަވާބު ޚާއްޞަކުރުން
– މިއީ ކީރިތި ޤުރްއާން އުނގެނި ދަސްކުރުމުގައި، ދަރިވަރުންގެ ފެންވަރާއި ޢުމުރަށް އަދި ދަރިވަރުންގެ ޙާލަތަށް ރިޢާޔަތްކޮށްގެން، ކީރިތި ޤުރްއާން ބިނާވެފައިވާ ތަރުތީބުން ސުވާލާއި ޖަވާބު ޚާއްޞަކުރުމެވެ.
– އެހެން ގޮތަކަށް ބުނާނަމަ، މިއީ އުނގަންނައިދިނުމުގެ ތެރެއިން ނުވަތަ އުނގަންނައިދޭ ވަޤުތު ސުވާލާއި ޖަވާބު ޚާއްޞަ ކުރުމެވެ.
– ކީރިތި ޤުރްއާން އުނގެނި ދަސްކުރުމުގައި، ސުވާލާއި ޖަވާބު ޚާއްޞަ ކުރުން ބިނާވެފައިވަނީ، ހަތަރު ބައެއްގެ މައްޗަށެވެ.
1- ސުވާލާއި ޖަވާބު ޚާއްޞަކުރާ ގޮތް.
– ކީރިތި ޤުރްއާން އުނގެނި ދަސްކުރުމުގައި، ސުވާލާއި ޖަވާބު ޚާއްޞަކުރާނީ، މައިގަނޑު ގޮތެއްގައި އަނގަބަހުންނެވެ.
– ނަމަވެސް ދަރިވަރުންގެ ޢުމުރާ ގުޅޭ ގޮތަށް، ލިޔުމުން ވެސް ސުވާލާއި ޖަވާބު ޚާއްޞަ ކުރެވިދާނެއެވެ.
– އެކަމަކު ކީރިތި ޤުރްއާން އުނގެނި ދަސްކުރުމުގައި، ކިޔުމުން ވިޔަސް އަދި ލިޔުމުން ވިޔަސް ޚާއްޞާކުރާނީ، ކުރު ސުވާލާއި ކުރު ޖަވާބެވެ.
2- ސުވާލާއި ޖަވާބު ޚާއްޞަކުރާ ތަރުތީބު.
– ކީރިތި ޤުރްއާން އުނގެނި ދަސްކުރާ މަރުޙަލާގައި، ސުވާލާއި ޖަވާބު ޚާއްޞަކުރުމުގައި ތަރުތީބުކުރާނީ، ކަނާތުން ވާތަށެވެ.
– އަދި އެންމެ ފުރަތަމަ އިސްކަންދޭނީ އެންމެ މުހިންމު ޤަޥާޢިދުތަކަށެވެ.
– އެންމެ މުހިންމު ޤަޥާޢިދުތަކުގެ މައިގަނޑަކީ، ކީރިތި ޤުރްއާން ކިޔެވުމާއި ޢަރަބި ބަހުން ވާހަކަ ދެއްކުމާ ތަފާތުކުރަންޖެހޭ ޙާލަތްތަކެވެ. އެއީ
ހ. ދެމޭ ޙާލަތްތައް.
ށ. އިތުރަށް ދެމޭ ޙާލަތްތައް.
ނ. އިތުރަށް ޣުންނަކުރެވޭ ޙާލަތްތައް.
– ކީރިތި ޤުރްއާން އުނގެނި ދަސްކުރާ މަރުޙަލާގައި، ސުވާލާއި ޖަވާބު ޚާއްޞަކުރުމުގައި، މި ޙާލަތްތަކަށް، އެންމެ ބޮޑަށް އިސްކަން ދޭންޖެހޭ ސަބަބަކީ، ކީރިތި ޤުރްއާން ކިޔަވަން އުނދަގޫވުމުގެ ސަބަބުން، ނުވަތަ ނުފަރިތަވުމުގެ ސަބަބުން، އެންމެ ފަސޭހައިން، ކީރިތި ޤުރްއާނަށް އިތުރުކުރެވޭނީ، މި ޙާލަތްތައް ކަމުގައިވާތީއެވެ.
– ސުވާލާއި ޖަވާބު ޚާއްޞަކުރުމުގައި، އިސްކަންދޭންޖެހޭ މުހިންމު ހުރިހާ ޤަޥާޢިދުތަކަކީ:-
ހ. ޤުރްއާނުގެ ލިޔުމުގައި އަކުރުތައް ބެހިގެންވާ ބައިތައް.
ށ. ވަޞްލީ ހަމްޒާގައި ފިލި ޖަހަން ޖެހޭ ޤަޥާޢިދު.
ނ. ދެމުމާ ގުޅުން ހުރި ޤަޥާޢިދުތައް.
ރ. ޣުންނަ ކުރުމާ ގުޅޭ ޤަޥާޢިދުތައް.
ބ. ދެ އަކުރު ދެމެދުގައި ޢަމަލުކުރެވޭ ޚާއްޞަ ޤަޥާޢިދުތައް.
ޅ. ދެ ކަލިމަ ގުޅުވުމުގައި ޢަމަލުކުރެވޭ ޚާއްޞަ ޤަޥާޢިދުތައް.
– މި ތަރުތީބުން އުނގެނި ދަސްކުރުން ބިނާކުރެވޭނީ، ކީރިތި ޤުރްއާން ބިނާވެފައިވާ ތަރުތީބުން އެކުލަވާލެވިފައިވާ ކިޔުމުގެ ތަމްރީނުތަކާ އެއްގޮތަށް ކިޔައިގެންނެވެ.
– އާޔަތް ނުވަތަ ސޫރަތް ކިޔައިގެން މި ތަރުތީބުން އުނގެނި ދަސްކުރުން، ބިނާ ނުކުރެވޭނެއެވެ.
– ކީރިތި ޤުރްއާން ބިނާވެފައިވާ ތަރުތީބުން، ކަނާތުން ވާތަށް އެކުލަވާލެވިފައިވާ ކިޔުމުގެ ޚާއްޞަ މައިގަނޑު ތަމްރީނުތަކަކީ:-
|
1 |
تَوْضِيحْ |
2 |
حَرْفٌ بَعْدَ حَرْفٍ |
3 |
كَلِمَةٌ بَعْدَ كَلِمَةٍ |
4 |
آيـَـةٌ بَعْدَ آيَــةٍ |
5 |
سُورَةٌ بَعْدَ سُورَةٍ |
3- ސުވާލާއި ޖަވާބު ޚާއްޞަކުރާ ވަޤުތު.
– ކީރިތި ޤުރްއާން އުނގެނި ދަސްކުރާ މަރުޙަލާގައި، ސުވާލާއި ޖަވާބު ޚާއްޞަކުރާނީ، ކީރިތި ޤުރްއާން ބިނާވެފައިވާ ތަރުތީބުން އެކުލަވާލެވިފައިވާ ކިޔުމުގެ ތަމްރީނުތަކާ އެއްގޮތަށް ކިޔާ ވަޤުތުގައެވެ.
– މާނައަކީ ކީރިތި ޤުރްއާން، ކިޔަވަން ދަސްކުރުމަށް ޚާއްޞަކޮށްގެން ކިޔާ ވަޤުތުގައެވެ.
– އޭގެ ބަދަލުގައި، އާޔަތް ނުވަތަ ސޫރަތް ކިޔާ ވަޤުތުގައި، ސުވާލާއި ޖަވާބު ޚާއްޞަކުރުމަކީ، ރަނގަޅު ގޮތެއް ނޫނެވެ.
– އާޔަތް ނުވަތަ ސޫރަތް ކިޔާ ވަޤުތުގައި ސުވާލާއި ޖަވާބު ޚާއްޞަކުރުމުގެ ސަބަބުން، ތަކުރާރުކޮށް ކިޔެވުން މެދުކެނޑި އެކަމުގެ ސަބަބުން، އަޑާއި ރާގު ތަރުތީބުކުރަން ނުވަތަ ދަސްކުރަން ދަތިވެގެންދާނެއެވެ.
– އެކަން އެގޮތަށް މެދުވެރިނުވާ ގޮތަށް، އުނގެނި ދަސްކުރާ މީހާއަށް ފަސޭހަވާނެ ގޮތަށް، މަދު މިންވަރުން ގިނަ މިންވަރަށް ތަރުތީބު ކުރެވޭ ގޮތަށް، ސުވާލާއި ޖަވާބު ޚާއްޞަކުރާނީ، ތިރީގައިވާ ކިޔުމުގެ ތަމްރީނުތަކާ އެއްގޮތަށް ކިޔާ ވަޤުތުގައެވެ.
|
1 |
تَوْضِيحْ |
2 |
حَرْفٌ بَعْدَ حَرْفٍ |
3 |
كَلِمَةٌ بَعْدَ كَلِمَةٍ |
4 |
آيـَـةٌ بَعْدَ آيَــةٍ |
5 |
سُورَةٌ بَعْدَ سُورَةٍ |
4- ސުވާލާއި ޖަވާބު ޚާއްޞަކުރުމުގައި މިންވަރު.
– ކީރިތި ޤުރްއާން އުނގެނި ދަސްކުރާ މަރުޙަލާގައި ޚާއްޞަކުރާނީ، ދަރިވަރުންގެ ޢުމުރާއި ފެންވަރާ ގުޅޭ ގޮތަށް، ކުރު ސުވާލާއި ކުރު ޖަވާބެވެ.
އިމްތިޙާނު ކުރުމުގައި ސުވާލާއި ޖަވާބު ޚާއްޞަކުރުން
– އިމްތިޙާނު ކުރުމުގައި، ސުވާލާއި ޖަވާބު ޚާއްޞަ ކުރުމަކީ، ދަރިވަރުންގެ ފެންވަރު ވަޒަންކުރުމަށް ޚާއްޞަކޮށްގެން، ސުވާލާއި ޖަވާބު ޚާއްޞަކުރުމެވެ.
– އުނގަންނައިދިނުމުގައި ސުވާލާއި ޖަވާބު ޚާއްޞަ ކުރުމާއި، އިމްތިޙާނުކުރުމަށް ސުވާލާއި ޖަވާބު ޚާއްޞަކުރުމަކީ ވަރަށް ތަފާތު ދެކަމެކެވެ.
– އިމްތިޙާނު ކުރުމުގައި ވެސް، ސުވާލާއި ޖަވާބު ޚާއްޞަ ކުރުން ބިނާވެފައިވަނީ، ހަތަރު ބައެއްގެ މައްޗަށެވެ.
1- ސުވާލާއި ޖަވާބު ޚާއްޞަކުރާ ގޮތް.
– އިމްތިޙާނުކުރުމުގައި ސުވާލާއި ޖަވާބު ޚާއްޞަކުރާނީ، އަނގަބަހުންނާއި ލިޔުމުންނެވެ.
2- ސުވާލާއި ޖަވާބު ޚާއްޞަކުރާ ތަރުތީބު.
– އިމްތިޙާނުކުރުމަށް ސުވާލާއި ޖަވާބު ޚާއްޞަކުރުމުގައި ތަރުތީބުކުރާނީ، ދަރިވަރުންގެ ޢުމުރާއި ފެންވަރާ ގުޅޭ ގޮތަށެވެ.
– އަދި ވިދިވިދިގެން، ގުޅޭ ސުވާލުތައް ނާންނަ ގޮތަށެވެ.
3- ސުވާލާއި ޖަވާބު ޚާއްޞަކުރާ ވަޤުތު.
– އިމްތިޙާނުކުރުމުގައި ސުވާލާއި ޖަވާބު ޚާއްޞަކުރާނީ، އިމްތިޙާނުކުރުމަށް ކަނޑައެޅިފައިވާ ވަޤުތުގައެވެ.
– ޤުރްއާން ކިޔަވަމުންދާ ވަޤުތު ތަކުރާރުކޮށް ކިޔެވުން ހުއްޓޭ ގޮތަށް، ސުވާލާއި ޖަވާބު ޚާއްޞަކުރުމަކީ އެއްގޮތަކަވެސް ރަނގަޅު ގޮތެއް ނޫނެވެ.
– ރަނގަޅު ގޮތަކީ، އެކަމަށް ވަކި ޚާއްޞަ ވަޤުތެއް ކަނޑައެޅުމެވެ.
4- ސުވާލާއި ޖަވާބު ޚާއްޞަކުރުމުގައި މިންވަރު.
– އިމްތިޙާނުކުރުމުގައި ޚާއްޞަކުރާނީ، ދަރިވަރުންގެ ޢުމުރާއި ފެންވަރާ ގުޅޭ ގޮތަށް ދިގު ސުވާލާއި ދިގު ޖަވާބެވެ.
ލިޔުނީ:- ޝުޢައިބު ޢަލީ / ހުސްއެދުރުން-2