ކީރިތި ޤުރްއާނުގެ ކަލިމަތައް ދަސްކޮށް ފަރިތަކޮށް އާދަކުރުމަށް ޚާއްޞަ މަރުޙަލާއެއް މުހިންމުވާ ސަބަބު
– ކީރިތި ޤުރްއާން ބިނާވެފައިވަނީ ކަލިމަތަކެއް މައްޗަށެވެ. އަދި ކަލިމަތައް ބިނާވެފައިވަނީ އަކުރުތަކެއްގެ މައްޗަށެވެ.
– ވީމާ ކީރިތި ޤުރްއާން ކިޔަވަން ދަސްކުރުމުގައި، ބޮޑަށް އިސްކަންދޭން ޖެހޭނީ، އަކުރުން އަކުރަށް ކަލިމަތައް ފަރިތަކުރުމަށެވެ.
ކީރިތި ޤުރްއާން ކިޔަވަން ދަސްކުރުމަށް ކަލިމަ އުނގަންނައިދިނުން ތަރުތީބުކުރުން
– މިއީ ކަލިމަ ދަސްކޮށްދިނުމުގައި ވަކި ޚާއްޞަ ތަރުތީބަކުން، ކަލިމަ އުނގަންނައިދިނުން ތަރުތީބު ކުރުމެވެ.
– ކީރިތި ޤުރްއާން ކިޔެވުމަށް، ކަލިމަ އުނގަންނައިދިނުން ތަރުތީބުކުރެވެނީ 4 ގޮތަކަށެވެ.
1- އެކުލަވައިލެވިފައިވާ ކަލިމަތައް ދަސްކުރުން.
– މިއީ ކިޔުމުންނާއި ލިޔުމުން އޮޅުންއަރާ އަކުރުތަކަށް ރިޢާޔަތްކޮށްގެން، ކަލިމަތަކެއް އެކުލަވައިލައިގެން އުނގަންނައިދިނުމެވެ.
2- ޚާއްޞަ ކަލިމަތައް ދަސްކުރުން.
– މިއީ ޢަރަބި ކޮންމެ ވަޒަނަކަށް ޚާއްޞަ، ޢަރަބި ޢާންމު ކަލިމަތަކަކުން އުނގަންނައިދިނުމެވެ.
3- ޢާންމު ކަލިމަތައް ދަސްކުރުން.
– މިއީ ވަކި ވަޒަނަކަށް ޚާއްޞަނުކޮށް، ޢަރަބި ބަހުން ވާހަކަ ދެއްކުމުގައި ބޭނުން ކުރާ ޢާންމު ކަލިމަތަކުން އުނގަންނައިދިނުމެވެ.
4- ކީރިތި ޤުރްއާނުގެ ކަލިމަތައް ދަސްކުރުން.
– މިއީ ކީރިތި ޤުރްއާނުގެ ކަލިމަތައް މުޞްޙަފުގައި ރަސްމުކުރެވިފައިވާ ގޮތަށް ދަސްކުރުމެވެ.
– މި ގޮތަށް ކީރިތި ޤުރްއާނުން ކަލިމަތައް ދަސްކުރުމުގައި ކީރިތި ޤުރްއާނުގެ ލިޔުމުގައިވާ އަކުރުތައް ބެހެނީ 3 ބަޔަކަށެވެ.
1- އެއްގޮތަކަށް ވެސް ނުކިޔޭ އަކުރުތައް.
2- ބައެއް ޙާލަތުގައި ކިޔޭ އަކުރުތައް.
3- އަބަދުވެސް ކިޔޭ އަކުރުތައް.
ކީރިތި ޤުރްއާނުގެ ކަލިމަތައް ދަސްކުރުމުގައި މަތީގައިވާ 3 ބަޔަށް ރިޢާޔަތްކުރަންޖެހޭ މައިގަނޑު ސަބަބުތައް
1- ކީރިތި ޤުރްއާނުން ކިތަންމެ ކުރު މިންވަރެއް ކިޔެވި ކަމުގައި ވިޔަސް، މަތީގައިވާ 3 ބަޔަށް ފަރިތަ ވާންޖެހޭތީއެވެ.
2- ސޫރަތް ފަށައިގަންނަ މަރުޙަލާގެ ކުދިންނަށް، އެންމެ ފުރިހަމައަށް، ތަޖުވީދުގެ ޤަޥާޢިދުތައް ކިޔަވައި ނުދެވޭނެތީއެވެ.
3- ކީރިތި ޤުރްއާނުގެ ލިޔުމުގައިވާ، ހުރިހާ އަކުރެއް ކިޔަން އުޅުމުގެ ސަބަބުން، ކީރިތި ޤުރްއާނަށް ނުފަރިތަވާނެތީއެވެ.
4- ހަމައެކަނި މީހެއްގެ އަޑު ދަށުން ކިޔުމުގެ ބަދަލުގައި، ވާނުވާ އެނގިގެން، ކީރިތި ޤުރްއާން ކިޔެވުމަށް މަގުފަހިވާނެތީއެވެ.
ޚުލާޞާ
– ކީރިތި ޤުރްއާން ކިޔަވަން ދަސްކޮށްދިނުމުގައި، އަކުރު ފިލި ދަސްކުރާ މަރުޙަލާ ނިމި، ސޫރަތް ފަށާ ހިސާބުން، އަކުރާއި ފިލި އަދި ކަލިމަތައް މުރާޖާ ކުރުމަކީ، ވަރަށް ދަށް ކަމެއްގެ ގޮތުގައި، ބައެއް މީހުން ޤަބޫލުކުރެއެވެ. ބައެއް ދަރިވަރުންވެސް ޤަބޫލުކުރަނީ އެގޮތަށެވެ.
– އެއީ އެއްގޮތަކަށްވެސް ރަނގަޅު ވިސްނުމެއް ނޫނެވެ.
– ހަމައެކަނި، އެކުލަވާލެވިފައިވާ ކަލިމަތަކުންނާއި، ޢަރަބި ޢާންމު ކަލިމަތަކުން، ތަޖުވީދުގެ ޤަޥާޢިދުތަކާއެކު، ކަލިމައިގެ ޢިލްމު ޙާޞިލް ނުކުރެވޭނެއެވެ.
– ކީރިތި ޤުރްއާނުގެ ކަލިމަތަކުން، ކަލިމައިގެ ޢިލްމު ދަސްކޮށް ފަރިތަކޮށް އާދަކުރުމަކީ، އާޔަތް ކިޔުމުގައި ޢަމަލުކުރަންޖެހޭ، ތަޖުވީދުގެ އެކި ޤަޥާޢިދުތައް އުނގެނި ދަސްކުރުމުގެ ފެށުމެވެ.
ލިޔުނީ:- ޝުޢައިބު ޢަލީ / الكلمات الصعبة والسهلة