ކީރިތި ޤުރްއާނަށް ބަލައިގެން ހިތު ދަސްކުރުމާއި، ކީރިތި ޤުރްއާން ކިޔައިގެން ހިތު ދަސްކުރުމުގެ ތަފާތު
ކީރިތި ޤުރްއާނަށް ބަލައިގެން ހިތު ދަސްކުރުން
ކީރިތި ޤުރްއާނަށް، ތަކުރާރުކޮށް ބަލައިގެން ހިތު ދަސްކުރުމަކީ، ބަލައިގެން ކިޔަވަން ދަސްކޮށް ފަރިތަކޮށް އާދަކޮށްގެން ހިތު ދަސްކުރުމެވެ. ކީރިތި ޤުރްއާން ހިތު ދަސްކުރުމުގައި މިއީ، އެންމެ ރަނގަޅު އެންމެ ފުރިހަމަ ގޮތެވެ. ސަބަބަކީ، ލިޔެފައި އޮންނަ އެއްޗަކަށް، ތަކުރާރުކޮށް ބަލައިގެން ހިތު ދަސްކުރަން މަސައްކަތް ކުރުމުގެ ސަބަބުން، ވަރަށް ފަސޭހައިން ހިތު ދަސްކުރެވޭނެތީއެވެ. އަދި އެކަމުގެ ސަބަބުން، ހިތު ދަސްކުރުމުގެ ބާރު ގަދަވާނެތީއެވެ.
ކީރިތި ޤުރްއާން ކިޔައިގެން ހިތު ދަސްކުރުން
ކީރިތި ޤުރްއާން ކިޔައިގެން ހިތު ދަސްކުރުމަކީ، ނަމޫނާ ކިޔެވުމަކާ އެއްކޮށް ތަކުރާރުކޮށް ކިޔައިގެން ހިތު ދަސްކުރުމެވެ. ކީރިތި ޤުރްއާން ހިތު ދަސްކުރުމުގައި މިއީ ވަރަށް ބަލިކަށި ގޮތެކެވެ. މިގޮތަށް ހިތު ދަސްކުރަން މަސައްކަތް ކުރުމުގެ ސަބަބުން، ހިތު ދަސްކުރުމުގެ ބާރު ބަލިކަށިވެގެންދާނެއެވެ. ގިނަ މީހުންނަށް ކީރިތި ޤުރްއާން ހިތު ދަސްކުރަން އުނދަގޫވަނީ، މިގޮތަށް ހިތު ދަސްކުރަން މަސައްކަތް ކުރާތީއެވެ.
ލިޔުނީ:- ޝުޢައިބު ޢަލީ / ކީރިތި ޤުރްއާން ހިތުގައި ރައްކާކުރުން