ކީރިތި ޤުރްއާން ހިތު ދަސްވުމާއި ހިތު ދަސްކުރުމުގެ ތަފާތު
– ކީރިތި ޤުރްއާން ހިތުގައި ރައްކާ ކުރުމުގެ މަސައްކަތް ފެށުމުގެ ކުރިން، ކީރިތި ޤުރްއާން ހިތު ދަސްވުމާއި ކީރިތި ޤުރްއާން ހިތު ދަސްކުރުމުގެ ތަފާތު އެނގުމަކީ، ވަރަށް މުހިންމު ކަމެކެވެ.
ކީރިތި ޤުރްއާން ހިތު ދަސްވުން
– ކީރިތި ޤުރްއާން ހިތު ދަސްވުމަކީ، ބަލައިގެން ކިޔަވަން ނޭނގި، ނުވަތަ ބަލައިގެން ކިޔަވަން ދަސްނުކޮށް، ތަކުރާރުކޮށް އަޑުއަހުމުގެ ސަބަބުން، ހިތު ދަސްވުމެވެ.
– މިއީ ކީރިތި ޤުރްއާން ހިތުގައި ރައްކާކުރުމުގައި، ވަރަށް ބަލިކަށި އަދި ވަރަށް ޒިންމާދާރުކަން ކުޑަ ގޮތެކެވެ.
– ކީރިތި ޤުރްއާން ހިތު ދަސްވުމުގެ ފެށުމަކީ، ކަނުލައި އަޑު އެހުމާއެކު، ނަމޫނާ ކިޔެވުމަކާއެކު ތަކުރާރުކޮށް ކިޔުމެވެ.
– ތަކުރާރުކޮށް އިއްވައިގެން، ކީރިތި ޤުރްއާން ކިޔަވައިދެނީ، ޢާންމުކޮށް ތިން ބަޔަކަށެވެ.
1- ބަލައިގެން ކިޔަވަން ނޭނގޭ ކުޑަ ކުއްޖާ.
2- ލޯފަން މީހުން.
3- ލިޔަން ކިޔަން ނޭނގޭ މީހުން.
ބަލައިގެން ކިޔަވަން ނޭނގޭ ކުޑަ ކުއްޖާ
– ބަލައިގެން ކިޔަވަން ނޭނގޭ ކުޑަ ކުއްޖާއަކީ، ޠަބީޢީ ގޮތުން ބަލާއިރު، ހެދިބޮޑުވުމުގެ ޚާއްޞަ މަރުޙަލާއެއްގައިވާ ކުއްޖެކެވެ.
– ކީރިތި ޤުރްއާން ކިޔަވަން ދަސްކޮށްދިނުމުގައި، ބަލައިގެން ކިޔަވަން ނޭނގޭ ކުޑަ ކުއްޖާއަށް، ކީރިތި ޤުރްއާނުގެ އާޔަތްތަކާއި ސޫރަތްތައް، ތަކުރާރުކޮށް ކިޔައިދިނުމުގެ އެންމެ ބޮޑު ބޭނުމަކީ، އާޔަތްތަކުގައިވާ ތަރުތީބުން، ޢަރަބި އަކުރުތަކާއި، ޢަރަބި ފިލިތަކަށް ނުވަތަ ޢަރަބި ވަޒަންތަކަށް ދޫ ފަރިތަކުރުވުމެވެ.
– އެގޮތަށް ކިޔުއްވުމުގެ ސަބަބުން، ކުޑަ ކުއްޖާއަށް ވަރަށް ފަސޭހައިން ނުބަލައި ކިޔަން ދަސް ވާނެއެވެ.
– އެކަމުގެ ސަބަބުން، ގިނަ މީހުން ޤަބޫލުކުރަނީ، އެއީ ކީރިތި ޤުރްއާން ހިތު ދަސްކުރުން ކަމަށެވެ.
– ނަމަވެސް އެއީ ކީރިތި ޤުރްއާން ހިތު ދަސްވުމެވެ. ހިތު ދަސްކުރުމެއް ނޫނެވެ.
– ކީރިތި ޤުރްއާން ބަލައިގެން ކިޔަވަން ނޭނގޭ ކުޑަ ކުއްޖާއަށް، އެގޮތަށް ހިތު ދަސްވާތީ، ބަލައިގެން ކީރިތި ޤުރްއާން ކިޔަވަން ދަސްކުރުމުގެ ބަދަލުގައި، ގިނަ މުދައްރިސުންނާއި ބެލެނިވެރިން މަސައްކަތް ކުރަނީ، އަވަހަށް ހިތު ދަސްކޮށް ދިނުމަށެވެ.
– އެކަމުގެ ސަބަބުން ދަރިވަރުންނަށް، ކީރިތި ޤުރްއާން ހިތު ދަސްވާނީ، ހިތު ދަސްކުރަން ޖެހޭ ގޮތަކަށް ނޫނެވެ.
– ތަކުރާރުކޮށް އިވުމުގެ ސަބަބުން، ނުވަތަ ނަމޫނާ ކިޔެވުމަކާ އެއްކޮށް ތަކުރާރުކޮށް ކިޔުމުގެ ސަބަބުން، ކުޑަކުއްޖާއަށް ފަސޭހައިން ހިތު ދަސްވުމަކީ، ކީރިތި ޤުރްއާން ހިތު ދަސްކުރުމުގެ ހުނަރު ލިބިފައިވާ ކަމުގެ ޢަލާމާތެއް ނޫނެވެ.
– ކުޑަ ކުއްޖާގެ ޠަބީޢަތަކީ، ޢާންމުކޮށް އެގޮތަށް، ތަކުރާރުކޮށް އިވޭ އިވުންތަކާއި ކިޔޭ ކިޔުންތައް ހިތު ދަސްވުމެވެ.
– އެހެންވީމަ، ތަކުރާރުކޮށް ކީރިތި ޤުރްއާން، އިއްވުމުގެ ސަބަބުން، ނުވަތަ ނަމޫނާ ކިޔެވުމަކާ އެއްކޮށް، ތަކުރާރުކޮށް ކިޔުމުގެ ސަބަބުން، ކުޑަ ކުއްޖާއަށް ހިތު ދަސްވުމަކީ، ކީރިތި ޤުރްއާން ހިތު ދަސްކުރުންކަމަށް ނުބެލެވޭނެއެވެ.
ލޯފަން ދަރިވަރުން
– ލޯފަން މީހުންނަށް، ކީރިތި ޤުރްއާން ހިތު ދަސްކުރެވޭނީ، ހަމައެކަނި ނަމޫނާ ކިޔުމެއް އަޑު އަހައިގެންނެވެ.
– އަދި ފެނުމުގެ ޙިއްސު އުނިވުމުގެ ސަބަބުން، ލޯފަން މީހުންގެ ކިބާގައި، ހިތުގައި ރައްކާކުރުމުގެ ފެންވަރު މަތިވާނެއެވެ.
– އެއީ ޢާންމުކޮށް އެފަދަ މީހުންގެ ކިބާގައި ހުންނަ ޠަބީޢީ ކަމެކެވެ.
ލިޔަން ކިޔަން ނޭނގޭ މީހުން
– ކީރިތި ޤުރްއާން ލިޔަން ކިޔަން ނޭނގުމަކީ، ބަލައިގެން ކިޔަވަން ނޭނގުމާއި ލިޔަން ނޭނގުމެވެ.
– ލިޔަން ކިޔަން ނޭނގޭ މީހާއަށް، ކީރިތި ޤުރްއާން ހިތު ދަސްކުރެވޭނީ، ހަމައެކަނި ނަމޫނާ ކިޔުމެއް އަޑު އަހައިގެންނެވެ.
– ނަމަވެސް ޢާންމުކޮށް އެފަދަ މީހުންގެ ކިބާގައި، ހިތު ދަސްކުރުމުގެ ފެންވަރު ވަރަށް ދަށް ވާނެއެވެ.
– އަދި އެފަދަ މީހުންގެ ކިބާގައި، ހިތު ދަސްކުރުމުގެ ފެންވަރު މަތި ނުކުރެވޭނެއެވެ.
– ސަބަބަކީ ފެނުމުގެ ޙިއްސު ސަލާމަތުން ހުރެ، ބަލައިގެން ކީރިތި ޤުރްއާން ކިޔަވަން ދަސްނުކޮށް، ނުބަލައި ކިޔަން މަސައްކަތް ކުރާތީއެވެ.
ކީރިތި ޤުރްއާން ހިތު ދަސްކުރުން
– ކީރިތި ޤުރްއާން ހިތު ދަސްކުރުމޭ ބުނެވެނީ، ކީރިތި ޤުރްއާން ހިތުގައި ރައްކާކުރުމަށެވެ.
– ކީރިތި ޤުރްއާން ހިތު ދަސްކުރުމަކީ، ކީރިތި ޤުރްއާން ބިނާވެފައިވާ ތަރުތީބުން، ޤުރްއާން ފިލާވަޅު ބަލައިގެން ކިޔަވަން ދަސްކުރުމާއެކު، ނުބަލައި ކިޔަވަން އެނގޭ މިންވަރަށް، ބަލައިގެން ކިޔަވަން ދަސްކުރި ފިލާވަޅު، ފަރިތަކޮށް އާދަކުރުމެވެ.
– ކީރިތި ޤުރްއާން ހިތު ދަސްކުރުމުގެ ފެށުމަކީ، ކީރިތި ޤުރްއާން ބިނާވެފައިވާ ތަރުތީބުން، އެކުލަވައިލެވިފައިވާ ކިޔުމުގެ ތަމްރީނުތަކާ އެއްގޮތަށް، ބަލައިގެން ކީރިތި ޤުރްއާން ކިޔަވަން ދަސްކުރުމެވެ.
– އަދި ކީރިތި ޤުރްއާން ހިތު ދަސްކުރުމުގެ ފެންވަރު މަތި ކުރެވޭނީ، ކީރިތި ޤުރްއާން ބިނާވެފައިވާ ތަރުތީބުން، އެކުލަވައިލެވިފައިވާ ކިޔުމުގެ ތަމްރީނުތަކާ އެއްގޮތަށް، ނުބަލައި ކިޔަން މަސައްކަތް ކޮށްގެންނެވެ.
– ކީރިތި ޤުރްއާން ބަލައިގެން ކިޔެވުމުގައި، ބަލަންޖެހޭ ތަރުތީބަކީ، ކަނާތުން ވާތަށް، ކީރިތި ޤުރްއާން ބިނާވެފައިވާ ތަރުތީބެވެ.
– ކިޔުމުގެ ތަމްރީނުތައް ތަރުތީބުކުރެވިފައިވާނީ އެގޮތަށެވެ.
ކިޔުމުގެ ތަމްރީނުތައް
| 1 | تَوْضِيحْ | 2 | حَرْفٌ بَعْدَ حَرْفٍ | 3 | كَلِمَةٌ بَعْدَ كَلِمَةٍ |
| 4 | آيـَـةٌ بَعْدَ آيَــةٍ | 5 | سُورَةٌ بَعْدَ سُورَةٍ | 6 | مُعَلِّمٌ |
| 7 | كَيْفِيَّةُ ﭐلْبَيَان | 8 | مُقَابَلَة | 9 | إِقْتِدَاء |
ދިވެހިންގެ ތެރޭގައި ވަރަށް ބޮޑަށް އޮޅުން އަރާފައިވާ ކަމެއް
– ގިނަ ދިވެހިން ޤަބޫލުކުރާ ގޮތުގައި، ކީރިތި ޤުރްއާން ހިތު ދަސްކޮށް ދިނުމަކީ، ނުބަލައި ކިޔަން އެނގޭ މިންވަރަށް، މުދައްރިސުންގެ އަޑު ދަށުން، ކޮންމެ ދަރިވަރަކަށް ވަކިވަކިން، ޤުރްއާން ފިލާވަޅު ކިޔައިދިނުމެވެ.
– ނަމަވެސް އެއީ ރަނގަޅު ވިސްނުމެއް ނޫނެވެ.
– އެކަމުގެ ސަބަބުން، ދަރިވަރުންނަށް ހިތު ދަސްވެގެންދާނީ، ހިތު ދަސްކުރުމުގެ އިޚްތިޔާރެއް ނެތް ގޮތަށެވެ.
– އެއީ ދަރިވަރުންގެ އިޚްތިޔާރުން، ހިތު ދަސްކުރުންކަމަށް ނުބެލެވޭނެއެވެ.
– ދަރިވަރުންގެ އިޚްތިޔާރުން ހިތު ދަސްކުރުމަކީ، ފިލާވަޅު ނަގައި ދިނުމަށް، ކީރިތި ޤުރްއާން ބިނާވެފައިވާ ތަރުތީބުން، މުދައްރިސް ފިލާވަޅު ކިޔައިދިނުމުން، ނުބަލައި ކިޔަވަން އެނގޭ މިންވަރަށް، ދަރިވަރުން އަމިއްލައަށް، ބަލައިގެން ތަކުރާރުކޮށް ޤުރްއާން ފިލާވަޅު ކިޔުމެވެ.
– ބަލައިގެން ކީރިތި ޤުރްއާން ކިޔަވަން ނޭނގޭނަމަ، މުދައްރިސް ފިލާވަޅު ނަގައިދިނުމުން، ނުބަލައި ކިޔަވަން އެނގޭ މިންވަރަށް، ކީރިތި ޤުރްއާން ބިނާވެފައިވާ ތަރުތީބުން، އަމިއްލައަށް ޤުރްއާން ފިލާވަޅު ކިޔާކަށް ނޭނގޭނެއެވެ.
– އެހެންވީމަ މިކަމުން އަންގައިދެނީ، ކީރިތި ޤުރްއާން ބިނާވެފައިވާ ތަރުތީބުން، ބަލައިގެން ކިޔަވަން އެނގުމުގެ މުހިންމުކަމެވެ.
ކީރިތި ޤުރްއާން ހިތު ދަސްކުރުމުގައި، ޙާލަތްތައް ޚާއްޞަކުރުން
– ކީރިތި ޤުރްއާން ހިތު ދަސްކުރުމުގައި، ޙާލަތްތައް ޚާއްޞަކުރުން ބެހެނީ ތިން ބަޔަކަށެވެ.
1- ޚާއްޞަ ޤަޥާޢިދުތަކުގެ ނިސްބަތުން، ޙާލަތްތައް ޚާއްޞަކުރުން.
2- ޤުރްއާން ކިޔަވާ މީހާގެ ނިސްބަތުން، ޙާލަތްތައް ޚާއްޞަކުރުން.
3- ދަސްކުރާ ފިލާވަޅުގެ ނިސްބަތުން، ޙާލަތްތައް ޚާއްޞަކުރުން.
ޚާއްޞަ ޤަޥާޢިދުތަކުގެ ނިސްބަތުން، ޙާލަތްތައް ޚާއްޞަކުރުން
– މިއީ ކިޔުމުގެ ޚާއްޞަ ޤަޥާޢިދުތަކުގެ ނިސްބަތުން ޙާލަތްތައް ޚާއްޞަކުރުމެވެ.
– ކިޔުމުގެ ޚާއްޞަ ޤަޥާޢިދުތަކުގެ ނިސްބަތުން، ކީރިތި ޤުރްއާނުން ޚާއްޞަކުރެވޭ ޙާލަތްތަކަކީ:-
1- ދެމޭ ޙާލަތްތައް.
– މިއީ ހަމައެކަނި މައްދުގެ އަކުރުތައް އަންނަ ޙާލަތްތަކެވެ.
2- އިތުރަށް ދެމޭ ޙާލަތްތައް.
– މިއީ މައްދުގެ އަކުރުތަކުގެ ފަހަތަށް، أَلِفْ އާއި سُكُونْ އަންނަ ޙާލަތްތަކެވެ. އަދި ލީންގެ އަކުރުތަކުގެ ފަހަތަށް، سُكُونْ އަންނަ ޙާލަތްތަކެވެ.
3- އިތުރަށް ޣުންނަ ކުރެވޭ ޙާލަތްތައް.
– މިއީ نُونْ , مِيمْ ގައި تَشْدِيدْ ޖެހިފައިވާ ޙާލަތްތަކާއި، ޣުންނައާއެކު إِدْغَامْ ކުރެވޭ ޙާލަތްތައް އަދި إِخْفَاء ކުރެވޭ ޙާލަތްތަކާއި إِقْلَابْ ކުރެވޭ ޙާލަތްތަކެވެ.
4- ސުކުން އަކުރުގެ ޙާލަތްތައް.
– މިއީ ކިޔުމުން ނުވަތަ ލިޔުމުން ސުކުން ކުރެވޭ ޙާލަތްތަކެވެ.
5– مُثَقَّلْ އާއި مُخَفَّفْ ގެ ޙާލަތްތައް.
– مُثَقَّلْ ގެ ޙާލަތްތަކަކީ، تَشْدِيدْ ކުރެވޭ ޙާލަތްތަކެވެ. އަދި مُخَفَّفْ ގެ ޙާލަތްތަކަކީ، تَشْدِيدْ ނުކުރެވޭ ޙާލަތްތަކެވެ.
6- ލިޔުމުން ޘާބިތުނުވާ އަކުރުތަކުގެ ޙާލަތްތައް.
– މިއީ تَنْوِينْ އާއި تَشْدِيدْ ގެ ޙާލަތްތަކެވެ. އަދި ލިޔުމުން ޘާބިތުނުވާ ނަމަވެސް ކިޔުމުން ޘާބިތުވާ އަކުރުތައް އަންނަ ޙާލަތްތަކެވެ.
7- ކިޔުމުގައި ޚާއްޞަ ބަދަލެއް ގެންނަން ޖެހޭ އެހެން ޙާލަތްތައް.
– މިއީ ގުޅުވައިގެން ކިޔުމުގައްޔާއި، ވަޤްފު ކުރުމުގައި، ކަލިމައިގެ ފަހު އަކުރަށާއި ފަހު އަކުރުގެ ފިއްޔަށް، ކިޔުމުގައި ޚާއްޞަ ބަދަލުތައް ގެނެވޭ ޙާލަތްތަކެވެ.
– އަދި ރިވާޔަތުގެ ނިސްބަތުން، ކިޔުމުގައި ޚާއްޞަ ބަދަލުތައް ގެނެވޭ ހާލަތްތަކެވެ.
ޤުރްއާން ކިޔަވާ މީހާގެ ނިސްބަތުން، ޙާލަތްތައް ޚާއްޞަކުރުން
– މިއީ ބަހުރުވައިގެ ނިސްބަތުން، ޢަރަބި ބަހުން ވާހަކަ ދެއްކުމާ، ކީރިތި ޤުރްއާން ކިޔެވުމާ، ތަފާތުކުރަން ނުޖެހޭ ޙާލަތްތައް ޚާއްޞަކުރުމެވެ.
– ބަހުރުވައިގެ ނިސްބަތުން، ޢަރަބި ބަހުން ވާހަކަ ދެއްކުމާ، ކީރިތި ޤުރްއާން ކިޔެވުމާ ތަފާތު ކުރަން ނުޖެހޭ ޙާލަތްތަކަކީ…
1- ޢަރަބި 28 އަޑު. 2- ޢަރަބި 23 ވަޒަން.
– ބަހުރުވައިގެ ނިސްބަތުން މި ޙާލަތްތަކުގައި، ޤުރްއާން ކިޔެވުމާއި ޢަރަބި ބަހުން ވާހަކަ ދެއްކުމާ، ތަފާތެއް ނެތް ކަމުގައި ވިޔަސް، ކީރިތި ޤުރްއާން ކިޔެވުމުގައި، ޢަރަބި ނޫން މީހުން ޚާއްޞަ ސަމާލުކަން ދޭންޖެހޭ ކަންކަން މިޙާލަތްތަކުގައި ވެސް، ޚާއްޞަކުރަން ޖެހޭނެއެވެ.
– ނަމަވެސް މިޙާލަތްތައް ޚާއްޞަކުރުމުގައި ޢާންމު އުޞޫލަކީ، އެމީހަކަށް އުނދަގޫ ޙާލަތްތައް ޚާއްޞަކުރުމެވެ.
– ކަލިމައިގެ ޢިލްމު ދަސްކުރާ މަރުޙަލާގައި، ކޮންމެ ފިލާވަޅަކުން ވެސް މި ޙާލަތްތައް ޚާއްޞަކުރަންވާނެއެވެ.
– މާނައަކީ ކިޔަވަން އުނދަގޫ، މިފަދަ ޙާލަތްތައް ކޮންމެ ކަލިމައަކުން ވެސް، ޚާއްޞަ ކުރަންވާނެއެވެ.
– ސަބަބަކީ އެކި ކަލިމަތަކުން، އެކި މީހުންނަށް އުނދަގޫވާނީ، އެކި ޙާލަތްތައް ކަމުގައިވާތީއެވެ.
– އަދި އެއް ކަލިމާގައި، ފަސޭހަ މިފަދަ ޙާލަތްތައް، އެހެން ކަލިމައެއްގައި، ކިޔަން އުނދަގޫ ވެދާނެތީއެވެ.
– މިގޮތަށް ޢާންމުކޮށް އުނދަގޫވަނީ ތިން ކަމެއްގެ ސަބަބުންނެވެ.
1- އުނދަގޫވާ އަކުރުގެ ކުރިއަށް އަދި ފަހަތަށް އަންނަ އަކުރުގެ ސަބަބުން.
2- ކަލިމައިގެ ކުރިއަށް އަދި ފަހަތަށް އަންނަ އަކުރުގެ ސަބަބުން.
3- އުނދަގޫވާ ވަޒަނުގެ ކުރިއަށް އަދި ފަހަތަށް އަންނަ ވަޒަނުގެ ސަބަބުން.
ދަސްކުރާ ފިލާވަޅުގެ ނިސްބަތުން، ޙާލަތްތައް ޚާއްޞަކުރުން
– ކީރިތި ޤުރްއާން ހިތު ދަސްކުރުމުގައި، ދަސްކުރާ ފިލާވަޅުން ޙާލަތްތަކެއް ޚާއްޞަކުރުމަކީ، ހިތު ދަސްކުރުން ފަސޭހަވެ، ހިތު ދަސްކުރުމުގެ ފެންވަރު މަތިވާނެ ސަބަބެކެވެ.
1- ރައްޓެހި ކަލިމަތަކާއި ބީރައްޓެހި ކަލިމަތައް.
– ރައްޓެހި ކަލިމަތަކަކީ، ކީރިތި ޤުރްއާނުގައި ގިނައިން ތަކުރާރުވެފައިވާ ކަލިމަތަކެވެ.
– ބީރައްޓެހި ކަލިމަތަކަކީ، ކީރިތި ޤުރްއާނުގައި މަދުން ތަކުރާރުވެފައިވާ ކަލިމަތަކެވެ.
2- ހިތު ދަސްކުރަން ފަސޭހަ ކަލިމަތަކާއި އުނދަގޫ ކަލިމަތައް.
– ހިތު ދަސްކުރަން ފަސޭހަ ކަލިމަތަކަކީ، ނަގައިގަންނަން ފަސޭހަ ކަލިމަތަކެވެ.
– ހިތު ދަސްކުރަން އުނދަގޫ ކަލިމަތަކަކީ، ނަގައިގަންނަން އުނދަގޫ ކަލިމަތަކެވެ.
– ކީރިތި ޤުރްއާން ބަލައިގެން ކިޔަވަން ދަސްކުރުމުގައި، މިފަދަ ކަލިމަތައް ދަސްކޮށް ފަރިތަކޮށް އާދަކުރުމުގެ ސަބަބުން، ކީރިތި ޤުރްއާން ހިތުގައި ރައްކާކުރުމަށް ފަސޭހަވެގެންދާނެއެވެ.
3- ހިތު ދަސްކުރަން އުނދަގޫވާ ސަބަބުތަކާއި، ފަސޭހަކޮށްދޭ ސަބަބުތައް.
– ހިތު ދަސްކުރަން އުނދަގޫވާ ސަބަބުތަކަކީ، مُتَشَابِه ކަލިމަތަކާއި އާޔަތްތަކެވެ.
– ހިތު ދަސްކުރަން ފަސޭހަކޮށްދޭ ސަބަބުތަކަކީ، مُتَشَابِه ކަލިމަތަކުގެ ކުރީގައި އޮންނަ ކަލިމައެވެ. އަދި مُتَشَابِه އާޔަތްތަކުގެ ކުރީގައި އޮންނަ އާޔަތެވެ.
– مُتَشَابِه ކަލިމަތަކަކީ، އެއްގޮތް ވުމުގެ ސަބަބުން އޮޅުންއަރާ ކަލިމަތަކެވެ.
– مُتَشَابِه އާޔަތްތަކަކީ، އެއްގޮތް ވުމުގެ ސަބަބުން، އޮޅުންއަރާ އާޔަތްތަކެވެ.
ލިޔުނީ:- ޝުޢައިބު ޢަލީ / ކީރިތި ޤުރްއާން ހިތުގައި ރައްކާކުރުން