އޮންލައިންކޮށް ކީރިތި ޤުރްއާން އުނގަންނައިދޭން ޖެހުނީ ކީއްވެ؟
އޮންލައިންކޮށް ކީރިތި ޤުރްއާން އުނގަންނައި ދޭންޖެހުނު ސަބަބަށް ދިއުމުގެ ކުރިން، ޤުރްއާން މުދައްރިސުން ބެހިގެންވާ ދަރަޖަތައް ނުވަތަ ބައިތަކަށް ބަލާލަން ޖެހެއެވެ. ސަބަބަކީ، އޮންލައިންކޮށް ޤުރްއާން އުނގަންނައިދިނުން، މުހިންމުވުން ބިނާވެފައިވަނީ، ޤުރްއާން މުދައްރިސުން ތަމްރީނުވެފައިވާ ދަރަޖައިގެ މައްޗަށް ކަމުގައިވާތީއެވެ.
ޤުރްއާން މުދައްރިސުން ޢާންމުކޮށް ބެހެނީ ދެ ދަރަޖައަކަށެވެ. އެއީ
1- ޤުރްއާން ކިޔައިދޭ މުދައްރިސުން.
2- ޤުރްއާން ކިޔަވައިދޭ މުދައްރިސުން.
ޤުރްއާން ކިޔައިދޭ މުދައްރިސުން
ޤުރްއާން ކިޔައިދޭ މުދައްރިސުންނަކީ، ހަމައެކަނި ޤުރްއާން ކިޔުމަށް އިސްކަންދީގެން، ކޮންމެ ދުވަހަކު އާ ފިލާވަޅެއް ނެގުމާއި، އަވަހަށް ޚަތިމުކުރުމާއި، ތަކުރާރުކޮށް އާޔަތް ނުވަތަ ސޫރަތް ކިޔައިގެން، ހިތު ދަސްކޮށްދިނުމަށް، އިސްކަންދޭ މުދައްރިސުންނެވެ. ޤުރްއާނުން ކިޔާ މިންވަރު، ދަސްކޮށް ފަރިތަކޮށް އާދަކުރުމާއި، ވަކި ތަރުތީބަކުން ވަކި ގޮތަކަށް، ދަރިވަރުންގެ ވިސްނުން ބިނާކުރުމަށް، އެފަދަ މުދައްރިސުން އިސްކަމެއް ނުދޭނެއެވެ. އެކަމުގެ ސަބަބުން، ކީރިތި ޤުރްއާން ކިޔަން ދަސްވެގެންދާނީ، ވަޤުތީ ކަމެއް ދަސްކުރާ ގޮތަށެވެ. ދިވެހި ރާއްޖޭގައި ގިނައީ އެފަދަ ޤުރްއާން މުދައްރިސުންނެވެ. ދިވެހި ރާއްޖޭގައި، ޤުރްއާން މުދައްރިސުން ތަމްރީނުކުރެވެނީ ވެސް އެދަރަޖައަށެވެ. އަމިއްލައަށް ފެނިގެން، ދިރާސާކޮށް ވިސްނައި ފިކުރުކުރާ ޤުރްއާން މުދައްރިސުން ފިޔަވައެވެ.
ކީރިތި ޤުރްއާން އުނގަންނައިދިނުމަކީ، މާ ބޮޑު ޒިންމާއެއް ނެތް، ވަރަށް ލުއި ފަސޭހަ ކަމެއްގެ ގޮތުގައި، މީސްތަކުންނަށް ޤަބޫލުކުރެވެން ފެށީވެސް، ޤުރްއާން ކިޔަވައިދިނުމުގެ ނަމުގައި، އެފަދަ މުދައްރިސުން، ކީރިތި ޤުރްއާން ކިޔައިދޭތީއެވެ. ތެދެކެވެ. ކީރިތި ޤުރްއާން ކިޔައިދިނުމުގައި މާ ބޮޑު ޒިންމާއެއް ނޯންނާނެއެވެ. ނަމަވެސް، ކީރިތި ޤުރްއާން އުނގަންނައި ދިނުމަކީ، ނުވަތަ ކީރިތި ޤުރްއާން ކިޔަވައިދިނުމަކީ، ޒިންމާ ބޮޑު ކަމެކެވެ.
ކީރިތި ޤުރްއާން ކިޔައި ދިނުމުގައި، ޤުރްއާނުން ޚާއްޞަ ކުރަނީ، އާޔަތްތަކާއި ސޫރަތްތަކެވެ. އާޔަތްތަކާއި ސޫރަތްތައް ކިޔައި ދިނުމުގައި، އިސްކަންދެވެނީ، މުދައްރިސާ އެއްކޮށް ކިޔުމާއި، މުދައްރިސް ކިޔައި ނިމުމުން ކިޔުމެވެ. އެއީ ޙަޤީޤީ މާނާގައި، ކީރިތި ޤުރްއާން އުނގެނި ދަސްކުރުމެއް ނޫނެވެ.
ޤުރްއާން ކިޔަވައިދޭ މުދައްރިސުން
ޤުރްއާން ކިޔަވައިދޭ މުދައްރިސުންނަކީ، ކީރިތި ޤުރްއާން ކިޔެވުމަކީ، ދާއިމީ ކަމެއްގެ ގޮތުގައި ދެކިގެން، ކީރިތި ޤުރްއާން ކިޔަވައިދޭ ނުވަތަ އުނގަންނައިދޭ މުދައްރިސުންނެވެ. އެފަދަ މުދައްރިސުންނަކީ، އެއްވެސް ޚިޔާލެއް ފިކުރެއް ނެތި، މާ ބޮޑު އިޚްތިޔާރަކާ ނުލައި، ހަމައެކަނި ޤުރްއާން ކިޔަން ދަސްކޮށް ދިނުމުގެ ބަދަލުގައި، ވަކި ތަރުތީބަކުން ވަކި ގޮތަކަށް ވިސްނުން ބިނާކުރަމުން، ދަރިވަރުންގެ އިޚްތިޔާރުން، ކީރިތި ޤުރްއާން ކިޔަވަން ދަސްކޮށްދޭ މުދައްރިސުންނެވެ. ޤުރްއާނުން ކިޔަވާ މިންވަރު، ދަސްކޮށް ފަރިތަކޮށް އާދަކުރުމާއި، ވަކި ތަރުތީބަކުން ވަކި ގޮތަކަށް، ދަރިވަރުންގެ ވިސްނުން ބިނާކުރުމަށް، އެފަދަ މުދައްރިސުން އިސްކަން ދޭނެއެވެ.
އެހެންވީމަ ކީރިތި ޤުރްއާން ކިޔައިދޭ މުދައްރިސުންނަށްވުރެ، ކީރިތި ޤުރްއާން ކިޔަވައިދޭ މުދައްރިސުންގެ ޒިންމާތައް ބޮޑުވެފައި ގިނަ ވާނެއެވެ. ވިސްނަންޖެހޭ ކަންކަން ގިނަވާނެއެވެ. އަދި ކީރިތި ޤުރްއާން ކިޔައިދޭ މުދައްރިސުންނަށްވުރެ، ކީރިތި ޤުރްއާން ކިޔަވައިދޭ މުދައްރިސުންގެ ފެންވަރު ރަނގަޅު ވާނެއެވެ. ތަޖުރިބާ ގިނަވާނެއެވެ. މަޢުލޫމާތު މުއްސަނދިވާނެއެވެ. އުނގަންނައިދޭ ގޮތާއި ތަރުތީބުގެ ގޮތުން ވެސް، ހަރުދަނާ ވާނެއެވެ.
އޮންލައިންކޮށް ކީރިތި ޤުރްއާން އުނގަންނައިދޭން ޖެހުނު ސަބަބު
ދިވެހި ރާއްޖޭގައި ކީރިތި ޤުރްއާން އުނގަންނައިދިނުމުގެ ނަމުގައި، ކީރިތި ޤުރްއާން ކިޔައިދޭތާ އެތައް އަހަރެއް ވެއްޖެއެވެ. ނަމަވެސް ޤާބިލު ދަރިވަރުން އުފެދޭ މިންވަރު، ނިސްބަތުން ވަރަށް މަދެވެ. މިކަމުގެ ޙައްލަކީ، ކީރިތި ޤުރްއާން ކިޔައިދޭ މުދައްރިސުންނަށްވުރެ، ކީރިތި ޤުރްއާން ކިޔަވައިދޭ މުދައްރިސުން އިތުރުކުރުމެވެ. އެފަދަ މުދައްރިސުން އުފެއްދުމެވެ. އެކަން އެގޮތަށް ކުރާނަމަ، ސަރުކާރާއި ބެލެނިވެރިން ހޭލުންތެރިކުރުމަށް، މަސައްކަތްތަކެއް ކުރަންޖެހެއެވެ. އެކަން ކުރެވޭނީ، އަމިއްލަ ގޮތުން، ކީރިތި ޤުރްއާން ކިޔަވައިދިނުމަށް ޚާއްޞަވެ، ޤުރްއާން ކިޔަވައިދިނުމާ ގުޅޭ ތަފާތު ދިރާސާތައް ކުރާ، ޤުރްއާން މުދައްރިސުންނަށެވެ.
ސަބަބަކީ ރަސްމީކޮށް ސަރުކާރުން އެފަދަ ދިރާސާތަކެއް ހަދާފައި ނުވާތީއެވެ. އަދި ކީރިތި ޤުރްއާން މަޖުބޫރު މާއްދާއަކަށް ހެދުމުގެ ކުރިން، ޤުރްއާން އުނގަންނައިދޭ ގޮތް އެއްގޮތް ކުރުމަށް، ޤުރްއާން މުދައްރިސުން ބޭނުންކޮށްގެން، އެކަމަށް ޚާއްޞަ ދިރާސާތަކެއް ހަދާފައި ނުވާތީއެވެ. ކީރިތި ޤުރްއާން ކިޔަވަން ދަސްކުރަން ޖެހޭ ގޮތާއި ތަރުތީބު ކަނޑައެޅުމަށް، ކުރަންޖެހޭ އެއްވެސް ކަމެއް، ރަސްމީ ޞިފައެއްގައި، ކުރެވިފައި ނުވާތީއެވެ.
މިފަދަ ސަބަބުތަކާ ހެދި، ކީރިތި ޤުރްއަން ކިޔަވަން ދަސްކޮށްދިނުމަށް، ޚާއްޞަވެފައިވާ މުދައްރިސުންނަށް، އެންމެ ރަނގަޅު ގޮތަކީ، އޮންލައިންކޮށް ކީރިތި ޤުރްއާން އުނގަންނައިދިނުމެވެ. އޭރުން ގިނަ ބަޔަކަށް، ކީރިތި ޤުރްއާން ކިޔަވަން ދަސްކުރުމާ ގުޅޭ މަޢުލޫމާތުތައް ފޯރުކޮށްދެވި، ދިވެހި މުޖުތަމަޢު ހޭލުންތެރި ކުރުވޭނެއެވެ. ދަރިވަރުންނާއެކު ބެލެނިވެރިންނަށް ވެސް، އޮންލައިންކޮށް ކިޔެވުމަށާއި ކިޔަވައިދޭ އަޑު އެހުމަށް، ފުރުޞަތު ލިބިގެންދާނެއެވެ. ފޯރުކޮށްދެވޭ މަޢުލޫމާތުތަކާ މެދު ވިސްނައި ފިކުރުކުރުމަށް، މަގުފަހިވެގެންދާނެއެވެ. ދަރިވަރުން ޒިންމާދާރު ކުރެވޭނެއެވެ.
ނަމަވެސް، ވަކި ބަޔަކަށް ޤުރްއާން ކިޔަވައިދިނުމަށް، ނުވަތަ ވަކި ރަށަކަށް ޚާއްޞަ ވެގެން ހުންނަ ނަމަ، އެފަދަ މުދައްރިސުންގެ ސަބަބުން، މުޖުތަމަޢަށް ކުރާ ފައިދާ ކުޑަ ވާނެއެވެ. އަދި ވަޤުތާއި ޚަރަދުގެ ގޮތުން ބެލިޔަސް، ވަކި ރަށަކަށް ނުވަތަ ވަކި ބަޔަކަށް، ކީރިތި ޤުރްއާން އުނގަންނައި ދިނުމަށް ޚާއްޞަވުމަކީ، ދެކޮޅު ޖެހޭނެ ކަމެއް ނޫނެވެ.
ޤުރްއާން އުނގަންނައިދިނުމުގައި، ފިޒިކަލް ކުލާސްތަކަށްވުރެ، އޮންލައިން ކުލާސްތަކަށް، އަޅުގަނޑު އިސްކަން ދޭން ފެށީ މި ސަބަބާހެދިއެވެ. ބޭނުމަކީ ގިނައިން ދަރިވަރުން ހޯދުމެއް ނޫނެވެ. ބޭނުމަކީ، ގިނަ ބަޔަކަށް ފޯރުކޮށްދިނުމެވެ. ސަބަބަކީ ކީރިތި ޤުރްއާން ކިޔަވަން ދަސްކޮށްދިނުމުގައި، ގިނަ ދިވެހިންގެ ވިސްނުން އަދިވެސް އިޞްލާޙު ނުވާތީއެވެ. ބަދަލު ނުވާތީއެވެ. އަދިވެސް ގިނަ ބަޔަކު ކީރިތި ޤުރްއާން ކިޔަވަން ދަސްކުރަނީ، ވަޤުތީ ކަމެއް ދަސްކުރާ ގޮތަށެވެ.
އޮންލައިން ކުލާހުގެ ބެލެނިވެރިޔަކު ބުންޏެވެ. ” އަޅުގަނޑުގެ ދަރިފުޅު ޤުރްއާން މުބާރާތްތަކުން ވަނަވަނަ ޙާޞިލްކުރެއެވެ. ފަސް ޚަތިމުކޮށްފިއެވެ. 15 ފޮތް ހިތު ދަސްކޮށްފިއެވެ. ރަށުތެރޭގައްޔާއި ސްކޫލްތެރޭގައި، އެއީ، ކީރިތި ޤުރްއާން ރީތިކޮށް ކިޔެވުމަށް މަޝްހޫރު ދަރިވަރެކެވެ. އެ މަޝްހޫރުކަމުގެ ސަބަބުން، ދަރިފުޅު ބަދަލުވީ، ކަނު ބަނދެފައިވާ މީހަކަށެވެ. ނަމަވެސް، އޮންލައިން ކުލާހުގައި ބައިވެރިވެ، ދެވޭ އިރުޝާދުތަކާ މެދު ފުންކޮށް ވިސްނާލުމުން، ދަރިފުޅަށް އެނގެންޖެހޭ ބޭސިކް ބައިތައް ވެސް، އެނގިފައި ނުވާކަން، އިޙްސާސް ކުރެވުނެވެ. އެހެންވެ އަލުން ކީރިތި ޤުރްއާން ރަނގަޅަށް އުނގެނި ދަސްކުރުމުގެ މަސައްކަތް ފަށައިފީމެވެ.”
ކީރިތި ޤުރްއާން ކިޔަވައިދޭ ނުވަތަ އުނގަންނައިދޭ މުދައްރިސުން، އޮންލައިން ކުލާސްތައް ކުރިއަށް ގެންދިއުން މުހިންމުވަނީ، މި ފަދަ ސަބަބުތަކާ ހެދިއެވެ. ގިނަ ބަޔަކަށް ފޯރުކޮށް ދެވޭނީ އޭރުންނެވެ.
ލިޔުނީ:- ޝުޢައިބު ޢަލީ