ކީރިތި ޤުރްއާން އުނގެނި ދަސްނުކޮށް ހިތު ދަސްކުރުމުން ލިބޭނެ ގެއްލުން
މިތަނުގައި ކީރިތި ޤުރްއާން އުނގެނި ދަސްކުރުމޭ މިބުނާ ބަހުގެ މާނައަކީ، ކިޔަވަން ދަސްކުރުމެވެ.
ކީރިތި ޤުރްއާން ކިޔަވަން ދަސްކުރުމަކީ ބަލައިގެން ކީރިތި ޤުރްއާން ކިޔަވަން ދަސްކުރުމެވެ. ނުބަލައި ކިޔަވަން ދަސްކުރުމަކީ، ކީރިތި ޤުރްއާން ކިޔަވަން ދަސްކުރުމެއް ނޫނެވެ. އެއީ ބަލައިގެން ކިޔަވަން ދަސްކުރި މިންވަރު ނުބަލައި ކިޔަވަން ދަސްކުރުމެވެ. ބަލައިގެން ކިޔަވަން ނޭނގޭ ( އުނގެނި ދަސްނުކުރާ ) މިންވަރު ހިތު ދަސްކުރުމުން، ނުވަތަ ނުބަލައި ކިޔަވަން ދަސްކުރުމުން ލިބޭނީ ކޮން ފައިދާއެއް ހެއްޔެވެ؟
ބަލައިގެން ޤުރްއާން ކިޔަވަން ދަސްނުކޮށް، ނުބަލައި ޤުރްއާން ކިޔަވަން ދަސްކުރުމުން، ލިބޭނެ އެންމެ ބޮޑު އެއް ގެއްލުމަކީ، ޤުރްއާން ކިޔެވުމުގައި، ދުލުގެ ޙަރަކާތާއި ލޮލުގެ ޙަރަކާތް، އެއްވަރުކުރަން އުނދަގޫވުމެވެ. މާނައަކީ ކިޔަމުންދާ ވަރަކަށް، ކިޔާތަނަށް ބަލަން އުނދަގޫވުމެވެ. އެކަމުގެ ސަބަބުން، ބަލައިގެން ކިޔަވަން ދަސްނުކޮށް، ނުބަލައި ކިޔަވަން އިސްކަންދޭ ދަރިވަރުންނަށް، ކީރިތި ޤުރްއާން ބަލައިގެން ކިޔެވުމަކީ، ވަރަށް ދަތިކަމަކަށް ވެގެންދާނެއެވެ. މިއީ މިހާރުވެސް، ދަރިވަރުންގެ ފަރާތުން ފެންނަ ކަމެކެވެ.
ބަލައިގެން ޤުރްއާން ކިޔަވަން ދަސްނުކޮށް، ކީރިތި ޤުރްއާން ނުބަލައި ކިޔަވަން މަސައްކަތް ކުރުމުގެ ސަބަބުން، ޤުރްއާން ކިޔެވުމުގެ ސްޕީޑް، އެމީހަކާ އެކަށީގެންވާ މިންވަރަށް، ކޮންޓްރޯލް ކުރުމަށް، ފުރުޞަތެއް ނުލިބޭނެއެވެ. އެކަމުގެ ސަބަބުން، ކީރިތި ޤުރްއާން ކިޔެވުމުގައި، ކިޔޭ ކުށްތައް ގިނަވެ، އެފަދަ ކުށްތައް އިޞްލާޙުކުރަން ދަތިވާނެއެވެ. އަދި ކީރިތި ޤުރްއާނުގެ ރަސްމުން، ތަޖުވީދުގެ ޤަޥާޢިދުތަކާ ގުޅޭ އެކި ޙާލަތްތައް ނަގައިގަތުމަށް އުނދަގޫވާނެއެވެ.
ބައެއް މީހުންނަށް ޤަބޫލުކުރެވިފައި އޮންނަނީ، ކީރިތި ޤުރްއާނަށް ފަރިތަވުމަކީ، ނުބަލައި ނުވަތަ އަވަހަށް ކިޔަވަން އެނގުން ކަމަށެވެ. ނަމަވެސް އެއީ ކުށް ހީއެކެވެ. ކީރިތި ޤުރްއާނަށް ފަރިތަވުމަކީ، ތަޖުވީދުގެ ހަމަތަކާ އެއްގޮތަށް ބަލައިގެން ކިޔަވަން ފަރިތަވުމެވެ. އޭގެ ބަދަލުގައި، ބަލައިގެން ކިޔަވަން ދަސްނުކޮށް، ނުބަލައި ކިޔަވާއިރު، ކިޔެވުން އަވަސްކުރަމުން ގޮސް، ތަޖުވީދުގެ ޤަޥާއިދުތައް ދޫކޮށް، ތިމާގެ ދުލަށް ކުޅަދާނަ ނުވާ މިންވަރަށް ކިޔެވުން އަވަސްކުރުމަކީ، ކީރިތި ޤުރްއާނަށް ފަރިތަވުމެއް ނޫނެވެ. އެއީ ކީރިތި ޤުރްއާނަށް ޤަދަރު ކުޑަކުރުމެވެ.
ކީރިތި ޤުރްއާން އުނގަންނައިދޭ މުދައްރިސުންގެ ޙާލަތަށް ބެލިކަމުގައިވިޔަސް، ބަލައިގެން ކިޔަވަން ދަސްކޮށްދޭ މުދައްރިސުންނަށްވުރެ، ހަމައެކަނި ޤުރްއާން ހިތު ދަސްކޮށްދޭ މުދައްރިސުން، އުނގަންނައިދިނުމުގައި، ޢިލްމީ ގޮތުން ބަލިކަށިވާނެއެވެ. އެގޮތަށް ދިމާވާ އެންމެ ބޮޑު ސަބަބަކީ، ޙަޤީޤީ މާނާގައި، ކީރިތި ޤުރްއާން ކިޔަވަން ދަސްކޮށް ނުދޭތީއެވެ. ޙަޤީޤީ މާނާގައި، ކީރިތި ޤުރްއާން ކިޔަވަން ދަސްކޮށްދިނުމަކީ، ބަލައިގެން ކިޔަވަން ދަސްކޮށްދިނުމެވެ. ހަމައެކަނި ހިތު ދަސްކޮށް ދިނުމެއް ނޫނެވެ.
ލިޔުނީ:- ޝުޢައިބު ޢަލީ