ތަޖުވީދު ޢިލްމުގެ ފެށުމަކީ ކޮބާ؟

2026-07-25

ތަޖުވީދު ޢިލްމުގެ ފެށުމަކީ ކޮބާ؟

 

ކީރިތި ޤުރްއާން ކިޔަވަން ދަސްކުރުމުގައި، ތަޖުވީދު ޢިލްމުގެ ފެށުން ދެނެގަތުމަކީ، ވަރަށް މުހިންމު ކަމެކެވެ. ބޭނުމަކީ ކީރިތި ޤުރްއާން އުނގެނި ދަސްކުރުން ހަރުދަނާކުރުމަށް، ހަރުދަނާ ތަރުތީބެއް އިޚްތިޔާރުކުރުމެވެ.

 

ގިނަ ބަޔަކު ޤަބޫލުކުރަނީ، ކީރިތި ޤުރްއާން ކިޔެވުމަށް، އުނގެނި ދަސްކުރާ، ތަޖުވީދު ޢިލްމުގެ ފެށުމަކީ، ޢަރަބި އަކުރުތަކުގެ މަޚްރަޖާއި ޞިފަތައް ކަމަށެވެ. ނަމަވެސް އެއީ މުޅިން ރަނގަޅު ވިސްނުމެއް ނޫނެވެ. ކީރިތި ޤުރްއާން ކިޔެވުމަށް، އުނގެނި ދަސްކުރާ، ތަޖުވީދު ޢިލްމުގެ ފެށުމަކީ، ޢަރަބި އަކުރުތަކުގެ މަޚްރަޖާއި ޞިފަތައް ކަމަށް ނުވަތަ އަކުރުގެ އަޑު ޞައްޙަކުރުންކަމަށް، ވިސްނިފައި އޮންނަ މައިގަނޑު ސަބަބަކީ، ކީރިތި ޤުރްއާން އުނގެނި ދަސްކުރުމުގައި، އެންމެ ފުރަތަމަ ކަމަކަށް އަކުރު ދަސްކުރަންޖެހޭތީއެވެ. ނަމަވެސް އެއީ ކީރިތި ޤުރްއާން ކިޔެވުމަށް، އުނގެނި ދަސްކުރާ، ތަޖުވީދު ޢިލްމުގެ ފެށުމެއް ނޫނެވެ. ކީރިތި ޤުރްއާން ކިޔެވުމަށް، އުނގެނި ދަސްކުރާ، ތަޖުވީދު ޢިލްމުގެ ފެށުން ދެނެގަތުމުގެ ކުރިން، ޢަރަބި ތަޖުވީދު ޢިލްމު ބެހިގެންވާ ބައިތައް ދެނެގަތުން މުހިންމެވެ.

ޢަރަބި ތަޖުވީދު ޢިލްމު ބެހިގެންވަނީ ދެ ބަޔަކަށެވެ. އެއީ

 

1- ޢަރަބި ބަހަށް ޚާއްޞަ ތަޖުވީދު ޢިލްމު.

 

މިއީ ޢަރަބި ބަހަށް ޚާއްޞަކުރެވިފައިވާ، ޢަރަބި ބަހުގެ ޠަބީޢީ ތަޖުވީދު ޢިލްމެވެ. ކީރިތި ޤުރްއާން ބާވައިލެއްވުމުގެ ކުރިންވެސް، ޢަރަބި ބަސްވަނީ އުފެދިފައެވެ. އެހެންވީމަ، ޢަރަބި ބަހަށް ޚާއްޞަ ތަޖުވީދު ޢިލްމަކީ، މާކުރީއްސުރެ އުފެދިފައިވާ ޢިލްމެކެވެ. ކޮންމެ ބަހުރުވައަކަށް ވެސް، ޚާއްޞަ ޠަބީޢީ ތަޖުވީދު ޢިލްމެއް ވެއެވެ. އެއީ ކޮންމެ ބަހުރުވައަކަށް ވެސް ޚާއްޞަ އަޑުތަކާއި ވަޒަންތައް އަދާކުރަންޖެހޭ ގޮތް ބުނެދޭ ޢިލްމެވެ. ޙަޤީޤަތުގައި، ޢަރަބި އަކުރުތަކުގެ މަޚްރަޖާއި ޞިފަތަކަކީ، ޢަރަބި ބަހުގެ ޠަބީޢީ ތަޖުވީދު ޢިލްމުގެ ތެރޭގައި ހިމެނޭ ބައެކެވެ. ޢަރަބި ނޫން މީހުން ވެސް، ކީރިތި ޤުރްއާން ކިޔަވާނެތީ، ކީރިތި ޤުރްއާން ކިޔެވުމަށް ޚާއްޞަ، ތަޖުވީދު ޢިލްމު އުނގެނި ދަސްކުރުމަށް ޚާއްޞަ ތަޖުވީދު ފޮތްތަކަށް، އެބައި ވެސް އެވަނީ، ފަހުން އިތުރު ކުރެވިފައެވެ. ކީރިތި ޤުރްއާން ކިޔެވުމުގައި، އަކުރުގެ މަޚްރަޖާއި ޞިފަތައް މުހިންމުވަނީ، ނުވަތަ ޢަރަބި އަކުރުތަކުގެ އަޑު ޞައްޙަކުރުން މުހިންމުވަނީ، ކީރިތި ޤުރްއާން ޢަރަބި ބަހުން އޮތީމައެވެ. އެހެންވީމަ ޢަރަބި އަކުރުތަކުގެ މަޚްރަޖާއި ޞިފަތައް ދަސްކޮށް، އަކުރުގެ އަޑު ޞައްޙަކުރުމަކީ، ޢަރަބި ބަހަށް ޚާއްޞަ ތަޖުވީދު ޢިލްމުގެ ފެށުމެވެ. އެއީ ކީރިތި ޤުރްއާން ކިޔެވުމަށް ޚާއްޞަ ތަޖުވީދު ޢިލްމުގެ ފެށުމެއް ނޫނެވެ.

 

2- ކީރިތި ޤުރްއާން ކިޔެވުމަށް ޚާއްޞަ ތަޖުވީދު ޢިލްމު.

 

ކީރިތި ޤުރްއާން ކިޔެވުމަށް ޚާއްޞަ ތަޖުވީދު ޢިލްމުގެ ފެށުމަކީ، ޢަރަބި ބަހުން ވާހަކަ ދެއްކުމާއި ކީރިތި ޤުރްއާން ކިޔެވުމާ ތަފާތުކުރެވޭ ކަންކަމެވެ. ނުވަތަ އެފަދަ ޤަޥާޢިދުތަކެވެ. އޭގެ ތެރޭގައި، ހިމެނޭ މައިގަނޑު ޤަޥާޢިދުތަކަކީ، ދެމުމާއި އިތުރަށް ދެމުން އަދި އިތުރަށް ޣުންނަކުރުން ފަދަ ޤަޥާޢިދުތަކެވެ. ކީރިތި ޤުރްއާން ކިޔެވުމުގައި، ޠަބީޢީ ގޮތުން ދެމޭ ޙާލަތްތަކުގައިވެސް، ވަކި މިންވަރެއް ވަނީ ކަނޑައެޅިފައެވެ. ނަމަވެސް ޢަރަބި ބަހުން ވާހަކަ ދެއްކުމުގައި، ޠަބީޢީ ދެމުމަށް، ވަކި މިންވަރެއް ކަނޑައެޅިފައެއް ނުވެއެވެ. އަދި ކީރިތި ޤުރްއާން ކިޔެވުމުގައި އިތުރަށް ދެމުމާއި އިތުރަށް ޣުންނަށް ކުރަންޖެހޭ ޙާލަތްތައް އަންނާނެއެވެ. ނަމަވެސް ޢަރަބި ބަހުން ވާހަކަ ދެއްކުމުގައި، އެފަދަ ޙާލަތްތަކެއް ނާންނާނެއެވެ.

 

އެހެންވީމަ ކީރިތި ޤުރްއާން ކިޔެވުމަށް ޚާއްޞަ ތަޖުވީދު ޢިލްމުގެ ފެށުމަކީ، ދެމުމާއި އިތުރަށް ދެމުން އަދި އިތުރަށް ޣުންނަ ކުރުމާ ގުޅޭ ޤަޥާޢިދުތަކެވެ. އެއީ ކީރިތި ޤުރްއާން ކިޔެވުމަށް ޚާއްޞަ ތަޖުވީދު ޢިލްމުގެ ޚުލާޞާއެވެ. ޢަރަބި އަކުރުތައް ބަރާބަރަށް އަދާނުކުރެވުނަސް، ކީރިތި ޤުރްއާން ކިޔެވުމުގައި، އެކަންކަން ފުރިހަމަ ކުރަންޖެހޭނެއެވެ. އަދި ޢަރަބި އަކުރުތަކުގެ އަޑު ފުރިހަމަކުރުމަކީ، އެއްފަހަރާ ވަޤުތުން ރަނގަޅުކުރެވޭނެ ކަންކަމެއް ނޫނެވެ. އަކުރުގެ އަޑު އިޞްލާޙުކުރުމުގައި، މަރުޙަލާތަކެއް ވެއެވެ. ނަމަވެސް ދެމުމާއި އިތުރަށް ދެމުން އަދި އިތުރަށް ޣުންނަ ކުރުންފަދަ ކަންކަމަކީ، ފަސޭހައިން ދަސްކުރެވޭ ބައިތަކެކެވެ.

 

ތަޖުވީދު ޢިލްމުގެ ފެށުމަކީ، ޢަރަބި އަކުރުތަކުގެ މަޚްރަޖާއި ޞިފަތައް ދަސްކޮށް، އަކުރުގެ އަޑު އިޞްލާޙުކުރުންކަމަށް ބުނެ، އަކުރުގެ މަޚްރަޖާއި ޞިފަތައް ދަސްކޮށް، އެއްފަހަރާ އަކުރުގެ އަޑު އިޞްލާޙުކޮށް، އެންމެ ފުރިހައަށް ކިޔަން، މަސައްކަތް ކުރުމުގެ ސަބަބުން، ކީރިތި ޤުރްއާން ކިޔެވުމުގައި، ދަތި އުނދަގޫ ކަމެއް އުފެދުމާއެކު، އެކަން ދާއިމީ ކަމަކަށްވެ، އެކަން ކަނޑުވާލުމަށް އުނދަގޫވުމަކީ، ވަރަށް ޢާންމުކޮށް ދިމާވާ މައްސަލައެކެވެ. އެކަމުގެ ސަބަބުން، ކީރިތި ޤުރްއާނަށް ފަރިތަ މީހުންނަށް ވެސް، ޤުރްއާން ކިޔެވެނީ، ކީރިތި ޤުރްއާނަށް ނުފަރިތަ މީހަކު ކިޔަވާ ގޮތަށެވެ. މިއީ ވަރަށް ބޮޑަށް ވިސްނާލަންޖެހޭ ކަމެކެވެ. އަކުރުގެ އަޑު އިޞްލާޙުކުރުމުގައި ތިން މިންވަރެއް ވެއެވެ.

1- އަކުރުގެ އަޑު ޞައްޙަވާ މިންވަރު ދަސްކުރުން.

2- އަކުރުގެ އަޑު ފުރިހަމަވާ މިންވަރު ދަސްކުރުން.

3- އަކުރުގެ އަޑު އެންމެ ފުރިހަމާ މިންވަރު ދަސްކުރުން.

- މިއީ ވަކި ތަރުތީބަކުން ދަސްކުރަންޖެހޭ މިންވަރުތަކެކެވެ. އެއްފަހަރާ ނުވަތަ ފިލާވަޅު ނަގައިދޭ ފުރަތަމަ ދުވަހު، މި ހުރިހާ މަރުޙަލާތަކެއް ފުރިހަމަ ނުކުރެވިދާނެއެވެ. އެކަމަށް ދަރިވަރުންނަށް އެކަށީގެންވާ މިންވަރަށް ވަޤުތު ދޭންޖެހޭނެއެވެ.

 

ޢަރަބި އަކުރުތަކުގެ އަޑު ޞައްޙަކުރުމުގައި އަންނަ މަރުޙަލާތައް

 

- ޢަރަބި އަކުރުތަކުގެ އަޑު ޞައްޙަކުރުމުގައި ދެ މަރުޙަލާއެއް ވެއެވެ.

1- އަކުރުގެ އަޑު ޞައްޙަ ކުރުމުގެ ފުރަތަމަ މަރުޙަލާ.

2- އަކުރުގެ އަޑު ޞައްޙަ ކުރުމުގެ ދެވަނަ މަރުޙަލާ.

 

އަކުރުގެ އަޑު ޞައްޙަ ކުރުމުގެ ފުރަތަމަ މަރުޙަލާ

 

- މިއީ މަޚްރަޖު އަދި ޞިފަތައް ކިޔައިނުދީ، އަކުރުގެ އަޑު ޞިފަކުރަން ދަސްކޮށްދިނުމުގެ މަރުޙަލާއެވެ.

- ޢަރަބި އަކުރުތަކުގެ އަޑު ޞައްޙަކުރުމުގައި، މިއީ އެންމެ މުހިންމު އަދި އެންމެ ފުޅާ މަރުޙަލާއެވެ.

- މަޚްރަޖު އަދި ޞިފަތައް ދަސްކޮށްގެން، އަކުރުގެ އަޑު ދަސްކުރުމަށްވުރެ، މިގޮތް ފަސޭހަވެފައި ފުރިހަމަވާނެއެވެ.

 

އަކުރުގެ އަޑު ޞައްޙަ ކުރުމުގެ ދެވަނަ މަރުޙަލާ

 

- މިއީ އަކުރުގެ މަޚްރަޖާއި ޞިފަތައް ދަސްކޮށްދިނުމުގެ މަރުޙަލާއެވެ.

- އަކުރުގެ އަޑު ދަސްކުރުމުގައި، ފުރަތަމަ މަރުޙަލާ ފުރިހަމަ ކޮށްފިނަމަ، ދެވަނަ މަރުޙަލާ ފުރިހަމަކުރުމަށް، ވަރަށް ފަސޭހަ ވެގެންދާނެއެވެ.

- ސަބަބަކީ ފުރަތަމަ މަރުޙަލާއިން، ދަރިވަރަށް އިވޭ އަޑު ކޮޕީކުރުމުގެ ހުނަރާއި، އަޑު ޞިފަކުރުމުގެ ހުނަރު ޙާޞިލްވެފައިވާތީއެވެ.

- އަކުރުގެ މަޚްރަޖާއި ޞިފަތައް ދަސްކޮށްދިނުމުގައި ތަރުތީބެއް ވެއެވެ. އެއީ

ހ. އަކުރުގެ މަޚްރަޖު ދަސްކޮށްދިނުމުގެ މަރުޙަލާ.

ށ. އަކުރުގެ ޞިފަތައް ދަސްކޮށްދިނުން.

 

ޚުލާޞާ

 

އަކުރުގެ މަޚްރަޖާއި ޞިފަތައް ދަސްކޮށް އަކުރުގެ އަޑު އިޞްލާޙުކުރުމުގެ މަރުޙަލާއަކީ، ދިގު ދެމިގެންދާ މަރުޙަލާއެކެވެ. އެހެންވީމަ އެއީ ޙަޤީޤަތުގައި، ކީރިތި ޤުރްއާން ކިޔެވުމަށް ޚާއްޞަ ތަޖުވީދު ޢިލްމުގެ ފެށުމެއް ނޫނެވެ. ކީރިތި ޤުރްއާން ކިޔެވުމަށް ޚާއްޞަ ތަޖުވީދު ޢިލްމުގެ ފެށުމަކީ، ޢަރަބި ބަހުން ވާހަކަ ދެއްކުމާއި، ކީރިތި ޤުރްއާން ކިޔެވުމާ ތަފާތު ކޮށްދޭ މައިގަނޑު ކަންކަމެވެ. އެއީ ދެމުމާއި އިތުރަށް ދެމުން އަދި އިތުރަށް ޣުންނަ ކުރުމެވެ.

 

ލިޔުނީ:- ޝުޢައިބު ޢަލީ