ހަމަ ޙަޤީޤަތުގައިވެސް، ޤުރްއާން މުބާރާތްތަކުގެ ސަބަބުން، ޙަޤީޤީ މާނާގައި، ކީރިތި ޤުރްއާން ދެކެ ލޯބިވާ ބަޔަކު އަދި އެފޮތް އުނގެނި ދަސްކުރަން ޝައުޤުވެރިވާ ބަޔަކު، އުފެއްދޭ ހެއްޔެވެ؟
2026-07-24
ހަމަ ޙަޤީޤަތުގައިވެސް، ޤުރްއާން މުބާރާތްތަކުގެ ސަބަބުން، ޙަޤީޤީ މާނާގައި، ކީރިތި ޤުރްއާން ދެކެ ލޯބިވާ ބަޔަކު އަދި އެފޮތް އުނގެނި ދަސްކުރަން ޝައުޤުވެރިވާ ބަޔަކު، އުފެއްދޭ ހެއްޔެވެ؟
ޤުރްއާން މުބާރާތްތައް ބޭއްވުމުގެ އެންމެ ބޮޑު މަޤްޞަދެއްކަމުގައި ބުނެވެނީ، ކީރިތި ޤުރްއާން އުނގެނި ދަސްކުރުމަށް، މީސްތަކުންގެ ހިތުގައި ކީރިތި ޤުރްއާނާމެދު ލޯބި އުފައްދައި، އެފޮތް އުނގެނި ދަސްކުރުމަށް، ޝައުޤުވެރިކަން އުފެއްދުމެވެ. ނަމަވެސް ޤުރްއާން މުބާރާތްތައް ބާއްވާ ގޮތުން، އެކަން ޙާޞިލެއް ނުވެއެވެ.
ޤުރްއާން މުބާރާތްތަކުގައި، ހަވަރަކަށް ފޮޅުވަތް ހަމަވާ މިންވަރަށް، ހަމައެކަނި އާޔަތްތަކެއް ކިޔަންޖެހޭ ގޮތަށް އޮތުމަކީ، ޤުރްއާން މުބާރާތްތަކުގެ ސަބަބުން، ޙަޤީޤީ މާނާގައި، ކީރިތި ޤުރްއާން އުނގެނި ދަސްކުރާ ބަޔަކު ނުއުފެއްދޭ، އެންމެ ބޮޑު ސަބަބެވެ. އަދި އެއީ ނޭނގޭ ކުދިންނާއި އުނދަގޫ އަދި ނުފަރިތަ ކުދިންނަށް، ކީރިތި ޤުރްއާން އުނގެނި ދަސްކުރުމަށް، ހިތްވަރު ނުލިބޭ އެންމެ ބޮޑު ސަބަބެވެ.
ރަށު ފެންވަރުގައި ބާއްވާ ޤުރްއާން މުބާރާތްތަކުގައި، ހަވަރަކަށް ފޮޅުވަތް ހަމަވާ މިންވަރަށް، ހަމައެކަނި އާޔަތްތަކެއް ކިޔަންޖެހޭ ގޮތަށް ހެދުމުގެ ބަދަލުގައި، ކީރިތި ޤުރްއާން ބިނާވެފައިވާ ތަރުތީބުން، ހަރުފަތްތަކެއް ފުރިހަމަ ކުރަންޖެހޭ ގޮތަށް، މުބާރާތްތަކުގެ ކިޔެވުން ތަރުތީބުކުރެވިފައި އޮންނަނަމަ، ކީރިތި ޤުރްއާން ކިޔަވަން މަސައްކަތް ކުރާ ދަރިވަރުން ނުވަތަ ކީރިތި ޤުރްއާން އުނގެނި ދަސްކުރަން މަސައްކަތް ކުރާ ދަރިވަރުން ގިނަވާނެއެވެ. އޭރުން ކޮންމެ މުބާރާތަކުންވެސް، ހަރުފަތަކަށް ފަހު ހަރުފަތެއް ފުރިހަމަކޮށް، އެންމެ ފަހުގެ ހަރުފަތަށް ވާޞިލްވުމަށް، ދަރިވަރުން މަސައްކަތް ކުރާނެއެވެ. އަޅުގަނޑު މި ގޮތަށް ޤުރްއާން މުބާރާތް ބޭއްވީމެވެ. ނަތީޖާ ވަރަށް ކާމިޔާބެވެ.
ނަމަވެސް، އެގޮތަށް ޤުރްއާން މުބާރާތް ބޭއްވުމަކީ، ބައެއް ބެލެނިވެރިންނާއި ދަރިވަރުން ބޭނުންވާނެ ގޮތެއް ނޫނެވެ. ސަބަބަކީ، ކީރިތި ޤުރްއާން ބިނާވެފައިވާ ތަރުތީބުން، ހަރުފަތްތަކެއް ފުރިހަމަކުރަންޖެހޭ ގޮތަށް އޮތުމުން، ކިޔަވާ ދަރިވަރުންގެ އަޞްލު ފެންވަރު ހާމަވާނެތީއެވެ. ހަމައެކަނި އާޔަތް ކިޔަވަންޖެހޭ ގޮތަށް، ޤުރްއާން މުބާރާތްތައް ބާއްވާނަމަ، ކީރިތި ޤުރްއާން އުނގެނި ދަސްކުރުމަށް، ދަށް ކުދިންނަށް ހިތްވަރެއް ނުލިބޭނެއެވެ. ސަބަބަކީ، ކީރިތި ޤުރްއާން އުނގެނި ދަސްނުކޮށް، ބައެއް ކުދިންނަށް އާޔަތްތައް ކިޔާލެވޭނެތީއެވެ. އޭރުން، ޤުރްއާން މުބާރާތްތަކަކީ، ކީރިތި ޤުރްއާން އުނގެނި ދަސްނުކޮށް، ހަމައެކަނި އާޔަތް ކިޔުމަށް އިސްކަންދޭ ދަރިވަރުންނަށް، ޚާއްޞަ މުބާރާތަކަށް ވެދާނެއެވެ. ހަމައެކަނި އާޔަތް ކިޔަވާ ގޮތަށް، ޤުރްއާން މުބާރާތް ބާއްވާނަމަ، ނޭނގޭ ދަރިވަރުން ނުވަތަ ނުފަރިތަ އަދި އުނދަގޫ ދަރިވަރުން، ޤުރްއާން މުބާރާތްތަކުގައި ބައިވެރިވެ، އިތުރަށް ކުރިއަށް ދާކަށް ބޭނުމެއް ނުވާނެއެވެ. އެގޮތަށް ބާއްވާ ޤުރްއާން މުބާރާތްތަކުގެ ސަބަބުން، ނޭނގޭ ދަރިވަރުން ނުވަތަ ނުފަރިތަ އަދި އުނދަގޫ ދަރިވަރުން، އިތުރަށް ބާކީވެ، ކީރިތި ޤުރްއާން އުނގެނި ދަސްކުރުމަށް، އިސްކަންދޭ ބަޔަކު ނުއުފެދޭނެއެވެ.
އަޞްލަކީ ޤުރްއާން މުބާރާތްތަކުގެ ބޭނުމަކީ، ޤުރްއާން މުބާރާތުގައި ބައިވެރިވުމަށްޓަކައި، ދުރާލައި ކީރިތި ޤުރްއާން އުނގެނި ދަސްކުރުމަށްފަހު، ޤުރްއާން މުބާރާތުގައި، ބައިވެރިވެ އާޔަތްތަކުން ބިނާވެފައިވާ މިންވަރެއް ކިޔެވުމަށް، މީސްތަކުންގެ ހިތުގައި ޝައުޤުވެރިކަން އުފެއްދުމެވެ. ނަމަވެސް އެ މަޤްޞަދު ޙާޞިލެއް ނުކުރެވެއެވެ. ސަބަބަކީ، ޤުރްއާން މުބާރާތަށް ޝައުޤުވެރިކަން އުފެއްދުމުގެ ކުރިން، ކީރިތި ޤުރްއާން އުނގެނި ދަސްކުރުމަށް ޝައުޤުވެރިކަން ނުއުފެއްދޭތީއެވެ. ކީރިތި ޤުރްއާން އުނގެނި ދަސްކުރުމަށް، ޝައުޤުވެރިކަން ނުއުފެދޭ އެންމެ ބޮޑު އެއް ސަބަބަކީ، ކީރިތި ޤުރްއާން އުނގެނި ދަސްނުކުރާ ކުއްޖާއަށް ވެސް، ހަމައެކަނި އާޔަތްތައް ކިޔައިގެން، ވަނަވަނަ ޙާޞިލްކުރެވޭ ގޮތަށް، މުބާރާތްތައް ބާއްވާތީއެވެ. އެހެންވީމަ، ޤުރްއާން މުބާރާތްތަކުގެ ސަބަބުން، ޤުރްއާން އުނގެނި ދަސްކުރުމަށް، އިސްކަންދޭ ބަޔަކު މިޒަމާނުގައި އުފައްދަން، އެންމެ ފަސޭހަވާނީ، ޤުރްއާން މުބާރާތްތަކުގައި، ކީރިތި ޤުރްއާން ބިނާވެފައިވާ ތަރުތީބުން، ހަރުފަތްތަކެއް ފުރިހަމަކުރަންޖެހޭ ގޮތަށް، ޤުރްއާން މުބާރާތްތައް ބާއްވައިގެންނެވެ. އޭރުން ފަހަރަކު ހަރުފަތެއް ފުރިހަމަކުރުމަށް، ދަރިވަރުން މަސައްކަތް ކުރާނެއެވެ. އަދި އެ އުންމީދުގައި، ގިނަ ދަރިވަރުންތަކެއް ޤުރްއާން މުބާރާތްތަކުގައި ބައިވެރިވާނެއެވެ.
ޤުރްއާން މުބާރާތްތަކުގެ ސަބަބުން، ކީރިތި ޤުރްއާން ކިޔެވުމަށް ލޯބިކުރާ ބަޔަކު އުފެއްދޭނީ، ޤުރްއާން މުބާރާތުގެ ކުރިން، ރަނގަޅަށް ކީރިތި ޤުރްއާން އުނގަންނައިދީގެންނެވެ. އެގޮތަށް ރަނގަޅަށް އުނގަންނައިދެވޭނީ، ޤުރްއާން މުބާރާތްތައް ބާއްވާ ގޮތް ކުރިން މިބުނި ގޮތަށް، ބަދަލުކޮށްގެންނެވެ. އެކަން އެގޮތަށް ނުކުރާނަމަ، ނޭނގޭ ކުދިންނާއި ނުފަރިތަ ކުދިން އަދި ކިޔަވަން އުނދަގޫ ކުދިންގެ ހިތުގައި އުފެދޭނީ، އިތުރު ފޫހިކަމެކެވެ. އެކުދިން ޤުރްއާން މުބާރާތްތަކުގައި، ބައިވެރިވާކަށް ބޭނުމެއް ނުވާނެއެވެ. އަދި އެންމެ ފަހުން، ކީރިތި ޤުރްއާން ކިޔަވާކަށް ވެސް، އެފަދަ ކުދިން ބޭނުމެއް ނުވާނެއެވެ.
ދިވެހި ރާއްޖޭގައި، ޤުރްއާން މުބާރާތްތައް ބާއްވާ ޢަދަދާއި އެކަމަށް ކުރާ ހޭދައަށް ބަލާއިރު، ޙަޤީޤަތުގައި އެކަމުގެ ސަބަބުން، އުންމީދީ ނަތީޖާއެއް ނުނެރެވެއެވެ. ކަލަގަދަކޮށް ނަތީޖާ ފާޅުކުރުމަކީ، ލިބޭ ކުރިއެރުމެއް ނޫނެވެ. އެއީ އުނިކަންކަން ފޮރުވުމަށް ކުރާ ކަމެކެވެ. ޤުރްއާން މުބާރާތްތައް ބާއްވާ ގޮތުގެ ސަބަބުން، ޙަޤީޤަތުގައި ގިނަ ކުދިންތަކެއް، ކީރިތި ޤުރްއާނާ ދުރުވަނީއެވެ. ޤުރްއާން މުބާރާތްތަކަކީ، ހަމައެކަނި އާޔަތް ފަރިތަކޮށް ކިޔާލަން އެނގޭ ކުދިންނަށް ހިންގޭ ޙަރަކާތަކަށް މިވަނީ ވެފައެވެ.
އެހެންވީމަ، އެގޮތަށް ބާއްވާ ޤުރްއާން މުބާރާތްތަކުގެ ސަބަބުން، ކީރިތި ޤުރްއާނުގެ ދާއިރާއަށް، ކުރިއެރުން ލިބޭކަމަށް ޤަބޫލެއް ނުކުރެވެއެވެ. ޤުރްއާނުގެ ދާއިރާއަށް ކުރިއެރުން ލިބުމަކީ، ޤުރްއާން މުބާރާތްތަކުގެ ސަބަބުން، ނޭނގޭ ބަޔަކު އެނގޭ ބަޔަކަށް ވުމެވެ. ޤުރްއާން މުބާރާތްތަކުގެ ސަބަބުން، އުނދަގޫ ބަޔަކަށް ޤުރްއާން ފަސޭހަވުމެވެ. ޤުރްއާން މުބާރާތްތަކުގެ ސަބަބުން، ނުފަރިތަ ބަޔަކު ފަރިތަ ބަޔަކަށް ބަދަލުވުމެވެ. ހަމައެކަނި އާޔަތްތައް ކިޔުމަށް ޚާއްޞަ ޤުރްއާން މުބާރާތްތަކުން، އެކަންކަން ޙާޞިލުވޭ ހެއްޔެވެ؟ އެކަންކަން ޙާޞިލުކުރެވޭނީ، ކީރިތި ޤުރްއާން ބިނާވެފައިވާ ތަރުތީބުން، ހަރުފަތްތަކެއް ފުރިހަމަކުރަންޖެހޭ ގޮތަށް، މުބާރާތްތައް ބާއްވައިގެންނެވެ.
އެ ހަރުފަތްތަކަކީ:-
1- تَوْضِيحْ ކުރަންޖެހޭ ހަރުފަތް.
2- حَرْفٌ بَعْدَ حَرۡفٍ އާ އެއްގޮތަށް ކިޔަންޖެހޭ ހަރުފަތް.
3- كَلِمَةٌ بَعْدَ كَلِمَةٍ އާ އެއްގޮތަށް ކިޔަންޖެހޭ ހަރުފަތް.
4- آيـَـةٌ بَعْدَ آيَــةٍ އާ އެއްގޮތަށް ކިޔަންޖެހޭ ހަރުފަތް.
5- تِلَاوَة ތަރުތީބުން އާޔަތްތައް ކިޔެވުން.
- މި ނޫނަސް ދަރިވަރުންގެ ފެންވަރާއި ޙާލަތަށް ބަލައި، އިތުރު ހަރުފަތްތަކެއް ވެސް، އިތުރު ކުރެވިދާނެއެވެ.
މިގޮތަށް، ކީރިތި ޤުރްއާން ބިނާވެފައިވާ ތަރުތީބުން، ހަރުފަތްތަކެއް ފުރިހަމަކުރަންޖެހޭ ގޮތަށް، ޤުރްއާން މުބާރާތްތައް ބޭއްވުމުގެ ސަބަބުން، ނޭނގޭ ކުދިންނަށާއި އުނދަގޫ ކުދިންނަށް އަދި ނުފަރިތަ ކުދިންނަށް ހިތްވަރު ލިބިގެންދާނެއެވެ. ފުރަތަމަ މުބާރާތުގައި، تَوْضِيحْ ކުރަންޖެހޭ ހަރުފަތުން ކުއްޖަކަށް ވަނައެއް ލިބިދާނެއެވެ. ނަތީޖާއެއްގެ ގޮތުން، ޖެހިގެން އަންނަ މުބާރާތުގައި، حَرْفٌ بَعْدَ حَرۡفٍ އާ އެއްގޮތަށް، ކިޔަންޖެހޭ ހަރުފަތުން ވަނައެއް ހޯދުމަށް، އެ ދަރިވަރު މަސައްކަތް ކުރާނެއެވެ. އަދި تَوْضِيحْ ކުރަންޖެހޭ ހަރުފަތުންނާއި حَرْفٌ بَعْدَ حَرۡفٍ އާ އެއްގޮތަށް ކިޔަންޖެހޭ ހަރުފަތުން ވަނަ ލިބުމުން، ޖެހިގެން އަންނަ މުބާރާތުން، كَلِمَةٌ بَعْدَ كَلِمَةٍ އާ އެއްގޮތަށް ކިޔަންޖެހޭ ހަރުފަތުން، ވަނައެއް ހޯދުމަށް، ދަރިވަރުން މަސައްކަތް ކުރާނެއެވެ. އަދި ޖެހިގެން އަންނަ މުބާރާތުން، تَوْضِيحْ ކުރަންޖެހޭ ހަރުފަތުންނާއި، حَرْفٌ بَعْدَ حَرۡفٍ އާ އެއްގޮތަށް ކިޔަންޖެހޭ ހަރުފަތުން، އަދި كَلِمَةٌ بَعْدَ كَلِمَةٍ އާ އެއްގޮތަށް ކިޔަންޖެހޭ ހަރުފަތުން، ވަނަ ލިބުމުގެ ސަބަބުން، ދަރިވަރަށް އިތުރަށް ހިތްވަރު ލިބި آيـَـةٌ بَعْدَ آيَــةٍ އާ އެއްގޮތަށް ކިޔަންޖެހޭ ހަރުފަތުން، ވަނައެއް ހޯދުމަށް، ހިތްވަރާއެކު މަސައްކަތް ކުރާނެއެވެ.
އެންމެ ފަހުން ކުރިން ނޭނގުނު ދަރިވަރުންނާއި، ކުރިން ނުފަރިތަ ދަރިވަރުން އަދި ކުރިން ކިޔަވަން އުނދަގޫވި ދަރިވަރުން ވެގެންދާނީ، تِلَاوَة ގެ ބައި ފުރިހަމަކުރަން ކެރޭ މިންވަރަށް، ކީރިތި ޤުރްއާނަށް ފަރިތަ ޤާބިލު ދަރިވަރުން ތަކަކަށެވެ. ޤުރްއާން ޤުބާރާތްތަކުގެ ސަބަބުން، ޙަޤީޤީ މާނާގައި، ކީރިތި ޤުރްއާނުގެ ދާއިރާއަށް ކުރިއެރުން ލިބުމަކީ އެއީއެވެ.
އަޅުގަނޑު މިކަން ވަރަށް ރަނގަޅަށް ތަޖުރިބާކޮށްފީއެވެ.
ކީރިތި ޤުރްއާން ބިނާވެފައިވާ ތަރުތީބުން، ހަރުފަތްތަކެއް ފުރިހަމަކުރަންޖެހޭ ގޮތަށް، ޤުރްއާން މުބާރާތްތައް ބޭއްވުމުން، ޙަޤީޤީ މާނާގައި ކީރިތި ޤުރްއާން އުނގެނި ދަސްކުރުމަށް، ދަރިވަރުންނަށް މަޖުބޫރުވިއެވެ. އަދި ދަށް ކުދިންނަށް، އިތުރަށް ކުރިއަށް ދިއުމަށް، ހުޅުވާލެވުނު ތަނަވަސް ފުރުޞަތަކަށް، އެކަން ވެގެންދިޔައެވެ. ކުރިން ބާކީވެފައި ތިބި ކުދިންނަށް، އެކުދިންގެ ފެންވަރުން، ޤުރްއާން މުބާރާތްތަކުގައި ހުށައަޅައިދީ، ވަނަވަނަ ޙާޞިލްކުރުމަށް ފުރުޞަތު ލިބިގެންދިޔައެވެ. ނަތީޖާއެއްގެ ގޮތުން އެފަދަ ކުދިންގެ ހިތުގައި، ޝައުޤުވެރިކަން އުފެދުނެވެ.
ނަމަވެސް، ކީރިތި ޤުރްއާން ބިނާވެފައިވާ ތަރުތީބުން، ހަރުފަތްތަކެއް ފުރިހަމަކުރަންޖެހޭ ގޮތަށް، ޤުރްއާން މުބާރާތްތަކުގެ ކިޔެވުން ބަދަލުކުރުމުން، ވަރަށް ގިނަބައެއްގެ ފުރައްސާރަ އާއި ފާޑުކިޔުން އަޅުގަނޑަށް އަމާޒުވިއެވެ. އަދި އެގޮތަށް ޤުރްއާން މުބާރާތް ބޭއްވުމުގެ ސަބަބުން، އަޅުގަނޑަށް ވެސް ބައެއް ކަހަލަ ފިއްތުންތައް ކުރިމަތިވިއެވެ. ބައެއް ބެލެނިވެރިން ވަނީ، ޤުރްއާން މުބާރާތަށް ހަމަޖެހުނު ފަންޑުތަކަށް، ހުރަސްއަޅައި އެކަން ހުއްޓުވާފައެވެ. އަދި ބައެއް ދަރިވަރުން ވެސް، އެގޮތަށް ޤުރްއާން މުބާރާތް ބޭއްވުމާ ދެކޮޅު ހެދިއެވެ. ނަމަވެސް ގޮތް ދޫނުކޮށް، އެގޮތަށް ޤުރްއާން މުބާރާތް ބޭއްވީމެވެ. އަދި ކުރިއަށް އޮތްތަނުގައި ވެސް، ޤުރްއާން މުބާރާތްތައް ބާއްވާނީ ހަމަ އެގޮތަށެވެ. އިންޝާﷲ
މިކަމުގައި އަޅުގަނޑަށް ފާހަގަކުރެވުނު ކަމަކީ، ޤުރްއާން މުބާރާތްތަކަށް ބާރު ފޯރުވައި، ވަކި ގޮތަކަށް ޤުރްއާން މުބާރާތްތަކުގެ ނަތީޖާ ހިފެހެއްޓުމަށް، ވަކި ބަޔަކު މަސައްކަތް ކުރާކަމެވެ. ކީރިތި ޤުރްއާން ބިނާވެފައިވާ ތަރުތީބުން، ހަރުފަތްތަކެއް ފުރިހަމަކުރަންޖެހޭ ގޮތަށް، ޤުރްއާން މުބާރާތްތައް ބޭއްވުމުން، ކީރިތި ޤުރްއާން އުނގެނި ދަސްކުރުމުގެ ބަދަލުގައި، ހަމައެކަނި އާޔަތްތައް ކިޔުމަށް އިސްކަންދީގެން، މުބާރާތްތަކުގައި އާޔަތްތައް ކިޔައިގެން، ވަނަ ޙާޞިލްކުރަމުން އައި ކުދިންގެ އަޞްލު ފެންވަރު ހާމަވެ، އެކުދިންނަށް ވަނަ ނުލިބިދާނެތީ، ބައެއް ބެލެނިވެރިން ކަންބޮޑުވިކަން، އަޅުގަނޑަށް ފާހަގަކުރެވުނެވެ. އެކަމުގެ ސަބަބުން، ވަރަށް ގިނަ ގޮތް ގޮތުން، ވަރަށް ގިނަ ދަތިތަކާ ކުރިމަތިލާން ޖެހުނެވެ. އެހެން ނަމަވެސް ގޮތް ދޫކުރުމުގެ ވިސްނުމެއް ނެތެވެ. މިހާރު އަޅުގަނޑު ތައްޔާރު މިވަނީ، ދިވެހި ރާއްޖޭގެ ހުރިހާ ހިސާބަކުން ވެސް، ދަރިވަރުންނަށް އޮންލައިންކޮށް ބައިވެރިވެވޭގޮތަށް، ކީރިތި ޤުރްއާން ބިނާވެފައިވާ ތަރުތީބުން، ހަރުފަތްތަކެއް ފުރިހަމަކުރަންޖެހޭ ގޮތަށް، ކޮންމެ އަހަރަކުވެސް، ޤުރްއާން މުބާރާތެއް ބޭއްވުމަށެވެ. އިންޝާﷲ
ސްކޫލްތަކުގައި، މިހާރު ޤުރްއާން މުބާރާތްތައް ބާއްވާ ގޮތަށް ބަލާއިރު، އެންމެ ފުރަތަމަވެސް ބާއްވަނީ އޮޑިޝަނެކެވެ. އޭގެ ކުރިން ޚާއްޞަ އުނގެނި ދަސްކުރުމުގެ މަރުޙަލާއެއް ނާދެއެވެ. ޤުރްއާން މުބާރާތްތަކަށް ފަރިތަކުރުމުގެ ނަމުގައި ކުރާކަމަކީ، މުޤައްރަރު ނިމެންދެން އާޔަތްތައް ކިޔުމެވެ. ނޭނގޭ ކުދިން ކުރިއަށް ގެންދެވޭނެ ކަހަލަ އުކުޅުތަކެއް ބޭނުމެއް ނުކުރެއެވެ.
ޤުރްއާން މުބާރާތްތަކުގައި، ވާދަކުރުމުގެ ފުރުޞަތު ލިބެނީ، އެގޮތަށް ބާއްވާ އޮޑިޝަނުން ހޮވޭ ދަރިވަރުންނެވެ. މި ގޮތަށް ބާއްވާ ޤުރްއާން މުބާރާތްތަކުން، ނޭނގޭ ދަރިވަރުންނާއި ނުފަރިތަ ދަރިވަރުން އަދި ކިޔަވަން އުނދަގޫ ދަރިވަރުންނަށް ކުރިއެރުން ލިބޭނެ ހެއްޔެވެ؟ އެކުދިންގެ ހިތުގައި، ކީރިތި ޤުރްއާނަށް ލޯބި އުފެދި، ކީރިތި ޤުރްއާން އުނގެނި ދަސްކުރުމުގެ ޝައުޤުވެރިކަން އުފެދޭނެ ހެއްޔެވެ؟ ހަމަ ޔަޤީނުން ވެސް، އެގޮތަށް ޤުރްއާން މުބާރާތްތައް ބާއްވާނަމަ، ގިނަ ދަރިވަރުންތަކެއް ބާކީވާނެއެވެ. ޤުރްއާނާމެދު އެކުދިންގެ ހިތުގައި އުފެދޭނީ ފޫހިކަމެކެވެ. މިކަމުގެ ޙައްލަކީ، ކުރިން ބުނިގޮތަށް، ކީރިތި ޤުރްއާން ބިނާވެފައިވާ ތަރުތީބުން، ހަރުފަތްތަކެއް ފުރިހަމަކުރަންޖެހޭ ގޮތަށް، ކޮންމެ ދަރިވަރަކަށް ވެސް، އެކުއްޖެއްގެ ފެންވަރުން، ޤުރްއާން މުބާރާތުގައި، ހުށައަޅައިދެވޭނެ ފަދަ ގޮތަކަށް، ޤުރްއާން މުބާރާތްތައް ބޭއްވުމެވެ. ހަމައެކަނި އާޔަތްތައް ކިޔަންޖެހޭ ގޮތަށް ޤުރްއާން މުބާރާތްތައް ބޭއްވުމުން، އެފަދަ ކުދިން އިތުރަށް ފަސްޖެހި، ކީރިތި ޤުރްއާން އުނގެނި ދަސްކުރުމާ ދުރުވާނެއެވެ.
ވަޤުތު ނެތްކަމަށް ބުނެ، ސްކޫލްތަކުގައި ބާއްވާ ޤުރްއާން މުބާރާތްތަކުގައި ވާދަކުރުމަށް، އޮޑިޝަނެއް ބޭއްވުމަކީ، އެއްގޮތަކަށް ވެސް ހަމަޖެހޭ ރަނގަޅު ގޮތެއް ނޫނެވެ. އެއީ ކީރިތި ޤުރްއާނުގެ ރޫޙާ ޚިލާފަށް ކުރާ ކަމެކެވެ. ސްކޫލްގެ ކޮންމެ ދަރިވަރަކަށް ވެސް، ޤުރްއާން މުބާރާތުގައި ވާދަކުރުމުގެ ފުރުޞަތު އޮންނަން ޖެހޭނެއެވެ. ރަނގަޅަށް ކީރިތި ޤުރްއާން އުނގަންނައި ނުދެވޭއިރު، ޤުރްއާން މުބާރާތްތަކުން، ފުރުޞަތު ނުލިބި ގިނަ ދަރިވަރުންތަކެއް ބާކީވާ ގޮތަށް، މުބާރާތް ބޭއްވުމަކީ ފަހަތަށް އެޅޭ ފިޔަވަޅެކެވެ. އުންމީދަކީ މިފަދަ ކަންކަން ޙައްލުވެގެން ދިއުމެވެ.
ލިޔުނީ:- ޝުޢައިބު ޢަލީ
