ކީރިތި ޤުރްއާނުގެ ކަލިމަތައް ދަސްކޮށް ފަރިތަކޮށް އާދަކުރުމަށް ޚާއްޞަ މަރުޙަލާއެއް މުހިންމުވާ ސަބަބު

2026-06-26

ކީރިތި ޤުރްއާނުގެ ކަލިމަތައް ދަސްކޮށް ފަރިތަކޮށް އާދަކުރުމަށް ޚާއްޞަ މަރުޙަލާއެއް މުހިންމުވާ ސަބަބު

- ކީރިތި ޤުރްއާން ބިނާވެފައިވަނީ ކަލިމަތަކެއް މައްޗަށެވެ. އަދި ކަލިމަތައް ބިނާވެފައިވަނީ އަކުރުތަކެއްގެ މައްޗަށެވެ.

- ވީމާ ކީރިތި ޤުރްއާން ކިޔަވަން ދަސްކުރުމުގައި، ބޮޑަށް އިސްކަންދޭން ޖެހޭނީ، އަކުރުން އަކުރަށް ކަލިމަތައް ފަރިތަކުރުމަށެވެ.

 

ކީރިތި ޤުރްއާން ކިޔަވަން ދަސްކުރުމަށް ކަލިމަ އުނގަންނައިދިނުން ތަރުތީބުކުރުން

 

- މިއީ ކަލިމަ ދަސްކޮށްދިނުމުގައި ވަކި ޚާއްޞަ ތަރުތީބަކުން، ކަލިމަ އުނގަންނައިދިނުން ތަރުތީބު ކުރުމެވެ.

- ކީރިތި ޤުރްއާން ކިޔެވުމަށް، ކަލިމަ އުނގަންނައިދިނުން ތަރުތީބުކުރެވެނީ 4 ގޮތަކަށެވެ.

1- އެކުލަވައިލެވިފައިވާ ކަލިމަތައް ދަސްކުރުން.

- މިއީ ކިޔުމުންނާއި ލިޔުމުން އޮޅުންއަރާ އަކުރުތަކަށް ރިޢާޔަތްކޮށްގެން، ކަލިމަތަކެއް އެކުލަވައިލައިގެން އުނގަންނައިދިނުމެވެ.

2- ޚާއްޞަ ކަލިމަތައް ދަސްކުރުން.

- މިއީ ޢަރަބި ކޮންމެ ވަޒަނަކަށް ޚާއްޞަ، ޢަރަބި ޢާންމު ކަލިމަތަކަކުން އުނގަންނައިދިނުމެވެ.

3- ޢާންމު ކަލިމަތައް ދަސްކުރުން.

- މިއީ ވަކި ވަޒަނަކަށް ޚާއްޞަނުކޮށް، ޢަރަބި ބަހުން ވާހަކަ ދެއްކުމުގައި ބޭނުން ކުރާ ޢާންމު ކަލިމަތަކުން އުނގަންނައިދިނުމެވެ.

4- ކީރިތި ޤުރްއާނުގެ ކަލިމަތައް ދަސްކުރުން.

- މިއީ ކީރިތި ޤުރްއާނުގެ ކަލިމަތައް މުޞްޙަފުގައި ރަސްމުކުރެވިފައިވާ ގޮތަށް ދަސްކުރުމެވެ.

- މި ގޮތަށް ކީރިތި ޤުރްއާނުން ކަލިމަތައް ދަސްކުރުމުގައި ކީރިތި ޤުރްއާނުގެ ލިޔުމުގައިވާ އަކުރުތައް ބެހެނީ 3 ބަޔަކަށެވެ.

1- އެއްގޮތަކަށް ވެސް ނުކިޔޭ އަކުރުތައް.

2- ބައެއް ޙާލަތުގައި ކިޔޭ އަކުރުތައް.

3- އަބަދުވެސް ކިޔޭ އަކުރުތައް.

ކީރިތި ޤުރްއާނުގެ ކަލިމަތައް ދަސްކުރުމުގައި މަތީގައިވާ 3 ބަޔަށް ރިޢާޔަތްކުރަންޖެހޭ މައިގަނޑު ސަބަބުތައް

 

1- ކީރިތި ޤުރްއާނުން ކިތަންމެ ކުރު މިންވަރެއް ކިޔެވި ކަމުގައި ވިޔަސް، މަތީގައިވާ 3 ބަޔަށް ފަރިތަ ވާންޖެހޭތީއެވެ.

2- ސޫރަތް ފަށައިގަންނަ މަރުޙަލާގެ ކުދިންނަށް، އެންމެ ފުރިހަމައަށް، ތަޖުވީދުގެ ޤަޥާޢިދުތައް ކިޔަވައި ނުދެވޭނެތީއެވެ.

3- ކީރިތި ޤުރްއާނުގެ ލިޔުމުގައިވާ، ހުރިހާ އަކުރެއް ކިޔަން އުޅުމުގެ ސަބަބުން، ކީރިތި ޤުރްއާނަށް ނުފަރިތަވާނެތީއެވެ.

4- ހަމައެކަނި މީހެއްގެ އަޑު ދަށުން ކިޔުމުގެ ބަދަލުގައި، ވާނުވާ އެނގިގެން، ކީރިތި ޤުރްއާން ކިޔެވުމަށް މަގުފަހިވާނެތީއެވެ.

ޚުލާޞާ

- ކީރިތި ޤުރްއާން ކިޔަވަން ދަސްކޮށްދިނުމުގައި، އަކުރު ފިލި ދަސްކުރާ މަރުޙަލާ ނިމި، ސޫރަތް ފަށާ ހިސާބުން، އަކުރާއި ފިލި އަދި ކަލިމަތައް މުރާޖާ ކުރުމަކީ، ވަރަށް ދަށް ކަމެއްގެ ގޮތުގައި، ބައެއް މީހުން ޤަބޫލުކުރެއެވެ. ބައެއް ދަރިވަރުންވެސް ޤަބޫލުކުރަނީ އެގޮތަށެވެ.

- އެއީ އެއްގޮތަކަށްވެސް ރަނގަޅު ވިސްނުމެއް ނޫނެވެ.

- ހަމައެކަނި، އެކުލަވާލެވިފައިވާ ކަލިމަތަކުންނާއި، ޢަރަބި ޢާންމު ކަލިމަތަކުން، ތަޖުވީދުގެ ޤަޥާޢިދުތަކާއެކު، ކަލިމައިގެ ޢިލްމު ޙާޞިލް ނުކުރެވޭނެއެވެ.

- ކީރިތި ޤުރްއާނުގެ ކަލިމަތަކުން، ކަލިމައިގެ ޢިލްމު ދަސްކޮށް ފަރިތަކޮށް އާދަކުރުމަކީ، އާޔަތް ކިޔުމުގައި ޢަމަލުކުރަންޖެހޭ، ތަޖުވީދުގެ އެކި ޤަޥާޢިދުތައް އުނގެނި ދަސްކުރުމުގެ ފެށުމެވެ.

ލިޔުނީ:- ޝުޢައިބު ޢަލީ / الكلمات الصعبة والسهلة