ކީރިތި ޤުރްއާން ހިތު ދަސްވުމާއި ހިތު ދަސްކުރުމުގެ ތަފާތު

2026-06-24

ކީރިތި ޤުރްއާން ހިތު ދަސްވުމާއި ހިތު ދަސްކުރުމުގެ ތަފާތު

 

- ކީރިތި ޤުރްއާން ހިތުގައި ރައްކާ ކުރުމުގެ މަސައްކަތް ފެށުމުގެ ކުރިން، ކީރިތި ޤުރްއާން ހިތު ދަސްވުމާއި ކީރިތި ޤުރްއާން ހިތު ދަސްކުރުމުގެ ތަފާތު އެނގުމަކީ، ވަރަށް މުހިންމު ކަމެކެވެ.

 

ކީރިތި ޤުރްއާން ހިތު ދަސްވުން

- ކީރިތި ޤުރްއާން ހިތު ދަސްވުމަކީ، ބަލައިގެން ކިޔަވަން ނޭނގި، ނުވަތަ ބަލައިގެން ކިޔަވަން ދަސްނުކޮށް، ތަކުރާރުކޮށް އަޑުއަހުމުގެ ސަބަބުން، ހިތު ދަސްވުމެވެ.

- މިއީ ކީރިތި ޤުރްއާން ހިތުގައި ރައްކާކުރުމުގައި، ވަރަށް ބަލިކަށި އަދި ވަރަށް ޒިންމާދާރުކަން ކުޑަ ގޮތެކެވެ.

- ކީރިތި ޤުރްއާން ހިތު ދަސްވުމުގެ ފެށުމަކީ، ކަނުލައި އަޑު އެހުމާއެކު، ނަމޫނާ ކިޔެވުމަކާއެކު ތަކުރާރުކޮށް ކިޔުމެވެ.

- ތަކުރާރުކޮށް އިއްވައިގެން، ކީރިތި ޤުރްއާން ކިޔަވައިދެނީ، ޢާންމުކޮށް ތިން ބަޔަކަށެވެ.

1- ބަލައިގެން ކިޔަވަން ނޭނގޭ ކުޑަ ކުއްޖާ.

2- ލޯފަން މީހުން.

3- ލިޔަން ކިޔަން ނޭނގޭ މީހުން.

 

ބަލައިގެން ކިޔަވަން ނޭނގޭ ކުޑަ ކުއްޖާ

 

- ބަލައިގެން ކިޔަވަން ނޭނގޭ ކުޑަ ކުއްޖާއަކީ، ޠަބީޢީ ގޮތުން ބަލާއިރު، ހެދިބޮޑުވުމުގެ ޚާއްޞަ މަރުޙަލާއެއްގައިވާ ކުއްޖެކެވެ.

- ކީރިތި ޤުރްއާން ކިޔަވަން ދަސްކޮށްދިނުމުގައި، ބަލައިގެން ކިޔަވަން ނޭނގޭ ކުޑަ ކުއްޖާއަށް، ކީރިތި ޤުރްއާނުގެ އާޔަތްތަކާއި ސޫރަތްތައް، ތަކުރާރުކޮށް ކިޔައިދިނުމުގެ އެންމެ ބޮޑު ބޭނުމަކީ، އާޔަތްތަކުގައިވާ ތަރުތީބުން، ޢަރަބި އަކުރުތަކާއި، ޢަރަބި ފިލިތަކަށް ނުވަތަ ޢަރަބި ވަޒަންތަކަށް ދޫ ފަރިތަކުރުވުމެވެ.

- އެގޮތަށް ކިޔުއްވުމުގެ ސަބަބުން، ކުޑަ ކުއްޖާއަށް ވަރަށް ފަސޭހައިން ނުބަލައި ކިޔަން ދަސް ވާނެއެވެ.

- އެކަމުގެ ސަބަބުން، ގިނަ މީހުން ޤަބޫލުކުރަނީ، އެއީ ކީރިތި ޤުރްއާން ހިތު ދަސްކުރުން ކަމަށެވެ.

- ނަމަވެސް އެއީ ކީރިތި ޤުރްއާން ހިތު ދަސްވުމެވެ. ހިތު ދަސްކުރުމެއް ނޫނެވެ.

- ކީރިތި ޤުރްއާން ބަލައިގެން ކިޔަވަން ނޭނގޭ ކުޑަ ކުއްޖާއަށް، އެގޮތަށް ހިތު ދަސްވާތީ، ބަލައިގެން ކީރިތި ޤުރްއާން ކިޔަވަން ދަސްކުރުމުގެ ބަދަލުގައި، ގިނަ މުދައްރިސުންނާއި ބެލެނިވެރިން މަސައްކަތް ކުރަނީ، އަވަހަށް ހިތު ދަސްކޮށް ދިނުމަށެވެ.

- އެކަމުގެ ސަބަބުން ދަރިވަރުންނަށް، ކީރިތި ޤުރްއާން ހިތު ދަސްވާނީ، ހިތު ދަސްކުރަން ޖެހޭ ގޮތަކަށް ނޫނެވެ.

- ތަކުރާރުކޮށް އިވުމުގެ ސަބަބުން، ނުވަތަ ނަމޫނާ ކިޔެވުމަކާ އެއްކޮށް ތަކުރާރުކޮށް ކިޔުމުގެ ސަބަބުން، ކުޑަކުއްޖާއަށް ފަސޭހައިން ހިތު ދަސްވުމަކީ، ކީރިތި ޤުރްއާން ހިތު ދަސްކުރުމުގެ ހުނަރު ލިބިފައިވާ ކަމުގެ ޢަލާމާތެއް ނޫނެވެ.

- ކުޑަ ކުއްޖާގެ ޠަބީޢަތަކީ، ޢާންމުކޮށް އެގޮތަށް، ތަކުރާރުކޮށް އިވޭ އިވުންތަކާއި ކިޔޭ ކިޔުންތައް ހިތު ދަސްވުމެވެ.

- އެހެންވީމަ، ތަކުރާރުކޮށް ކީރިތި ޤުރްއާން، އިއްވުމުގެ ސަބަބުން، ނުވަތަ ނަމޫނާ ކިޔެވުމަކާ އެއްކޮށް، ތަކުރާރުކޮށް ކިޔުމުގެ ސަބަބުން، ކުޑަ ކުއްޖާއަށް ހިތު ދަސްވުމަކީ، ކީރިތި ޤުރްއާން ހިތު ދަސްކުރުންކަމަށް ނުބެލެވޭނެއެވެ.

 

ލޯފަން ދަރިވަރުން

 

- ލޯފަން މީހުންނަށް، ކީރިތި ޤުރްއާން ހިތު ދަސްކުރެވޭނީ، ހަމައެކަނި ނަމޫނާ ކިޔުމެއް އަޑު އަހައިގެންނެވެ.

- އަދި ފެނުމުގެ ޙިއްސު އުނިވުމުގެ ސަބަބުން، ލޯފަން މީހުންގެ ކިބާގައި، ހިތުގައި ރައްކާކުރުމުގެ ފެންވަރު މަތިވާނެއެވެ.

- އެއީ ޢާންމުކޮށް އެފަދަ މީހުންގެ ކިބާގައި ހުންނަ ޠަބީޢީ ކަމެކެވެ.

 

ލިޔަން ކިޔަން ނޭނގޭ މީހުން

 

- ކީރިތި ޤުރްއާން ލިޔަން ކިޔަން ނޭނގުމަކީ، ބަލައިގެން ކިޔަވަން ނޭނގުމާއި ލިޔަން ނޭނގުމެވެ.

- ލިޔަން ކިޔަން ނޭނގޭ މީހާއަށް، ކީރިތި ޤުރްއާން ހިތު ދަސްކުރެވޭނީ، ހަމައެކަނި ނަމޫނާ ކިޔުމެއް އަޑު އަހައިގެންނެވެ.

- ނަމަވެސް ޢާންމުކޮށް އެފަދަ މީހުންގެ ކިބާގައި، ހިތު ދަސްކުރުމުގެ ފެންވަރު ވަރަށް ދަށް ވާނެއެވެ.

- އަދި އެފަދަ މީހުންގެ ކިބާގައި، ހިތު ދަސްކުރުމުގެ ފެންވަރު މަތި ނުކުރެވޭނެއެވެ.

- ސަބަބަކީ ފެނުމުގެ ޙިއްސު ސަލާމަތުން ހުރެ، ބަލައިގެން  ކީރިތި ޤުރްއާން ކިޔަވަން ދަސްނުކޮށް، ނުބަލައި ކިޔަން މަސައްކަތް ކުރާތީއެވެ.

 

ކީރިތި ޤުރްއާން ހިތު ދަސްކުރުން

 

- ކީރިތި ޤުރްއާން ހިތު ދަސްކުރުމޭ ބުނެވެނީ، ކީރިތި ޤުރްއާން ހިތުގައި ރައްކާކުރުމަށެވެ.

- ކީރިތި ޤުރްއާން ހިތު ދަސްކުރުމަކީ، ކީރިތި ޤުރްއާން ބިނާވެފައިވާ ތަރުތީބުން، ޤުރްއާން ފިލާވަޅު ބަލައިގެން ކިޔަވަން ދަސްކުރުމާއެކު، ނުބަލައި ކިޔަވަން އެނގޭ މިންވަރަށް، ބަލައިގެން ކިޔަވަން ދަސްކުރި ފިލާވަޅު، ފަރިތަކޮށް އާދަކުރުމެވެ.

- ކީރިތި ޤުރްއާން ހިތު ދަސްކުރުމުގެ ފެށުމަކީ، ކީރިތި ޤުރްއާން ބިނާވެފައިވާ ތަރުތީބުން، އެކުލަވައިލެވިފައިވާ ކިޔުމުގެ ތަމްރީނުތަކާ އެއްގޮތަށް، ބަލައިގެން ކީރިތި ޤުރްއާން ކިޔަވަން ދަސްކުރުމެވެ.

- އަދި ކީރިތި ޤުރްއާން ހިތު ދަސްކުރުމުގެ ފެންވަރު މަތި ކުރެވޭނީ، ކީރިތި ޤުރްއާން ބިނާވެފައިވާ ތަރުތީބުން، އެކުލަވައިލެވިފައިވާ ކިޔުމުގެ ތަމްރީނުތަކާ އެއްގޮތަށް، ނުބަލައި ކިޔަން މަސައްކަތް ކޮށްގެންނެވެ.

- ކީރިތި ޤުރްއާން ބަލައިގެން ކިޔެވުމުގައި، ބަލަންޖެހޭ ތަރުތީބަކީ، ކަނާތުން ވާތަށް، ކީރިތި ޤުރްއާން ބިނާވެފައިވާ ތަރުތީބެވެ.

- ކިޔުމުގެ ތަމްރީނުތައް ތަރުތީބުކުރެވިފައިވާނީ އެގޮތަށެވެ.

ކިޔުމުގެ ތަމްރީނުތައް

1 تَوْضِيحْ 2 حَرْفٌ بَعْدَ حَرْفٍ 3 كَلِمَةٌ بَعْدَ كَلِمَةٍ
4 آيـَـةٌ بَعْدَ آيَــةٍ 5 سُورَةٌ بَعْدَ سُورَةٍ 6 مُعَلِّمٌ
7 كَيْفِيَّةُ ﭐلْبَيَان 8 مُقَابَلَة 9 إِقْتِدَاء

ދިވެހިންގެ ތެރޭގައި ވަރަށް ބޮޑަށް އޮޅުން އަރާފައިވާ ކަމެއް

 

- ގިނަ ދިވެހިން ޤަބޫލުކުރާ ގޮތުގައި، ކީރިތި ޤުރްއާން ހިތު ދަސްކޮށް ދިނުމަކީ، ނުބަލައި ކިޔަން އެނގޭ މިންވަރަށް، މުދައްރިސުންގެ އަޑު ދަށުން، ކޮންމެ ދަރިވަރަކަށް ވަކިވަކިން، ޤުރްއާން ފިލާވަޅު ކިޔައިދިނުމެވެ.

- ނަމަވެސް އެއީ ރަނގަޅު ވިސްނުމެއް ނޫނެވެ.

- އެކަމުގެ ސަބަބުން، ދަރިވަރުންނަށް ހިތު ދަސްވެގެންދާނީ، ހިތު ދަސްކުރުމުގެ އިޚްތިޔާރެއް ނެތް ގޮތަށެވެ.

- އެއީ ދަރިވަރުންގެ އިޚްތިޔާރުން، ހިތު ދަސްކުރުންކަމަށް ނުބެލެވޭނެއެވެ.

- ދަރިވަރުންގެ އިޚްތިޔާރުން ހިތު ދަސްކުރުމަކީ، ފިލާވަޅު ނަގައި ދިނުމަށް، ކީރިތި ޤުރްއާން ބިނާވެފައިވާ ތަރުތީބުން، މުދައްރިސް ފިލާވަޅު ކިޔައިދިނުމުން، ނުބަލައި ކިޔަވަން އެނގޭ މިންވަރަށް، ދަރިވަރުން އަމިއްލައަށް، ބަލައިގެން ތަކުރާރުކޮށް ޤުރްއާން ފިލާވަޅު ކިޔުމެވެ.

- ބަލައިގެން ކީރިތި ޤުރްއާން ކިޔަވަން ނޭނގޭނަމަ، މުދައްރިސް ފިލާވަޅު ނަގައިދިނުމުން، ނުބަލައި ކިޔަވަން އެނގޭ މިންވަރަށް، ކީރިތި ޤުރްއާން ބިނާވެފައިވާ ތަރުތީބުން، އަމިއްލައަށް ޤުރްއާން ފިލާވަޅު ކިޔާކަށް ނޭނގޭނެއެވެ.

- އެހެންވީމަ މިކަމުން އަންގައިދެނީ، ކީރިތި ޤުރްއާން ބިނާވެފައިވާ ތަރުތީބުން، ބަލައިގެން ކިޔަވަން އެނގުމުގެ މުހިންމުކަމެވެ.

 

ކީރިތި ޤުރްއާން ހިތު ދަސްކުރުމުގައި، ޙާލަތްތައް ޚާއްޞަކުރުން

 

- ކީރިތި ޤުރްއާން ހިތު ދަސްކުރުމުގައި، ޙާލަތްތައް ޚާއްޞަކުރުން ބެހެނީ ތިން ބަޔަކަށެވެ.

1- ޚާއްޞަ ޤަޥާޢިދުތަކުގެ ނިސްބަތުން، ޙާލަތްތައް ޚާއްޞަކުރުން.

2- ޤުރްއާން ކިޔަވާ މީހާގެ ނިސްބަތުން، ޙާލަތްތައް ޚާއްޞަކުރުން.

3- ދަސްކުރާ ފިލާވަޅުގެ ނިސްބަތުން، ޙާލަތްތައް ޚާއްޞަކުރުން.

 

ޚާއްޞަ ޤަޥާޢިދުތަކުގެ ނިސްބަތުން، ޙާލަތްތައް ޚާއްޞަކުރުން

 

- މިއީ ކިޔުމުގެ ޚާއްޞަ ޤަޥާޢިދުތަކުގެ ނިސްބަތުން ޙާލަތްތައް ޚާއްޞަކުރުމެވެ.

- ކިޔުމުގެ ޚާއްޞަ ޤަޥާޢިދުތަކުގެ ނިސްބަތުން، ކީރިތި ޤުރްއާނުން ޚާއްޞަކުރެވޭ ޙާލަތްތަކަކީ:-

1- ދެމޭ ޙާލަތްތައް.

- މިއީ ހަމައެކަނި މައްދުގެ އަކުރުތައް އަންނަ ޙާލަތްތަކެވެ.

2- އިތުރަށް ދެމޭ ޙާލަތްތައް.

- މިއީ މައްދުގެ އަކުރުތަކުގެ ފަހަތަށް، أَلِفْ އާއި سُكُونْ އަންނަ ޙާލަތްތަކެވެ. އަދި ލީންގެ އަކުރުތަކުގެ ފަހަތަށް، سُكُونْ އަންނަ ޙާލަތްތަކެވެ.

3- އިތުރަށް ޣުންނަ ކުރެވޭ ޙާލަތްތައް.

- މިއީ  نُونْ , مِيمْ ގައި تَشْدِيدْ ޖެހިފައިވާ ޙާލަތްތަކާއި، ޣުންނައާއެކު إِدْغَامْ ކުރެވޭ ޙާލަތްތައް އަދި إِخْفَاء ކުރެވޭ ޙާލަތްތަކާއި إِقْلَابْ ކުރެވޭ ޙާލަތްތަކެވެ.

4- ސުކުން އަކުރުގެ ޙާލަތްތައް.

- މިއީ ކިޔުމުން ނުވަތަ ލިޔުމުން ސުކުން ކުރެވޭ ޙާލަތްތަކެވެ.

5- مُثَقَّلْ އާއި مُخَفَّفْ ގެ ޙާލަތްތައް.

- مُثَقَّلْ ގެ ޙާލަތްތަކަކީ، تَشْدِيدْ ކުރެވޭ ޙާލަތްތަކެވެ. އަދި مُخَفَّفْ ގެ ޙާލަތްތަކަކީ، تَشْدِيدْ ނުކުރެވޭ ޙާލަތްތަކެވެ.

6- ލިޔުމުން ޘާބިތުނުވާ އަކުރުތަކުގެ ޙާލަތްތައް.

- މިއީ  تَنْوِينْ  އާއި تَشْدِيدْ ގެ ޙާލަތްތަކެވެ. އަދި ލިޔުމުން ޘާބިތުނުވާ ނަމަވެސް ކިޔުމުން ޘާބިތުވާ އަކުރުތައް އަންނަ ޙާލަތްތަކެވެ.

7- ކިޔުމުގައި ޚާއްޞަ ބަދަލެއް ގެންނަން ޖެހޭ އެހެން ޙާލަތްތައް.

- މިއީ ގުޅުވައިގެން ކިޔުމުގައްޔާއި، ވަޤްފު ކުރުމުގައި، ކަލިމައިގެ ފަހު އަކުރަށާއި ފަހު އަކުރުގެ ފިއްޔަށް، ކިޔުމުގައި ޚާއްޞަ ބަދަލުތައް ގެނެވޭ ޙާލަތްތަކެވެ.

- އަދި ރިވާޔަތުގެ ނިސްބަތުން، ކިޔުމުގައި ޚާއްޞަ ބަދަލުތައް ގެނެވޭ ހާލަތްތަކެވެ.

 

 

ޤުރްއާން ކިޔަވާ މީހާގެ ނިސްބަތުން، ޙާލަތްތައް ޚާއްޞަކުރުން

 

- މިއީ ބަހުރުވައިގެ ނިސްބަތުން، ޢަރަބި ބަހުން ވާހަކަ ދެއްކުމާ، ކީރިތި ޤުރްއާން ކިޔެވުމާ، ތަފާތުކުރަން ނުޖެހޭ ޙާލަތްތައް ޚާއްޞަކުރުމެވެ.

- ބަހުރުވައިގެ ނިސްބަތުން، ޢަރަބި ބަހުން ވާހަކަ ދެއްކުމާ، ކީރިތި ޤުރްއާން ކިޔެވުމާ ތަފާތު ކުރަން ނުޖެހޭ ޙާލަތްތަކަކީ...

1- ޢަރަބި 28 އަޑު.                                      2- ޢަރަބި 23 ވަޒަން.

- ބަހުރުވައިގެ ނިސްބަތުން މި ޙާލަތްތަކުގައި، ޤުރްއާން ކިޔެވުމާއި ޢަރަބި ބަހުން ވާހަކަ ދެއްކުމާ، ތަފާތެއް ނެތް ކަމުގައި ވިޔަސް، ކީރިތި ޤުރްއާން ކިޔެވުމުގައި، ޢަރަބި ނޫން މީހުން ޚާއްޞަ ސަމާލުކަން ދޭންޖެހޭ ކަންކަން މިޙާލަތްތަކުގައި ވެސް، ޚާއްޞަކުރަން ޖެހޭނެއެވެ.

- ނަމަވެސް މިޙާލަތްތައް ޚާއްޞަކުރުމުގައި ޢާންމު އުޞޫލަކީ، އެމީހަކަށް އުނދަގޫ ޙާލަތްތައް ޚާއްޞަކުރުމެވެ.

- ކަލިމައިގެ ޢިލްމު ދަސްކުރާ މަރުޙަލާގައި، ކޮންމެ ފިލާވަޅަކުން ވެސް މި ޙާލަތްތައް ޚާއްޞަކުރަންވާނެއެވެ.

- މާނައަކީ ކިޔަވަން އުނދަގޫ، މިފަދަ ޙާލަތްތައް ކޮންމެ ކަލިމައަކުން ވެސް، ޚާއްޞަ ކުރަންވާނެއެވެ.

- ސަބަބަކީ އެކި ކަލިމަތަކުން، އެކި މީހުންނަށް އުނދަގޫވާނީ، އެކި ޙާލަތްތައް ކަމުގައިވާތީއެވެ.

- އަދި އެއް ކަލިމާގައި، ފަސޭހަ މިފަދަ ޙާލަތްތައް، އެހެން ކަލިމައެއްގައި، ކިޔަން އުނދަގޫ ވެދާނެތީއެވެ.

- މިގޮތަށް ޢާންމުކޮށް އުނދަގޫވަނީ ތިން ކަމެއްގެ ސަބަބުންނެވެ.

1- އުނދަގޫވާ އަކުރުގެ ކުރިއަށް އަދި ފަހަތަށް އަންނަ އަކުރުގެ ސަބަބުން.

2- ކަލިމައިގެ ކުރިއަށް އަދި ފަހަތަށް އަންނަ އަކުރުގެ ސަބަބުން.

3- އުނދަގޫވާ ވަޒަނުގެ ކުރިއަށް އަދި ފަހަތަށް އަންނަ ވަޒަނުގެ ސަބަބުން.

 

ދަސްކުރާ ފިލާވަޅުގެ ނިސްބަތުން، ޙާލަތްތައް ޚާއްޞަކުރުން

 

- ކީރިތި ޤުރްއާން ހިތު ދަސްކުރުމުގައި، ދަސްކުރާ ފިލާވަޅުން ޙާލަތްތަކެއް ޚާއްޞަކުރުމަކީ، ހިތު ދަސްކުރުން ފަސޭހަވެ، ހިތު ދަސްކުރުމުގެ ފެންވަރު މަތިވާނެ ސަބަބެކެވެ.

1- ރައްޓެހި ކަލިމަތަކާއި ބީރައްޓެހި ކަލިމަތައް.

- ރައްޓެހި ކަލިމަތަކަކީ، ކީރިތި ޤުރްއާނުގައި ގިނައިން ތަކުރާރުވެފައިވާ ކަލިމަތަކެވެ.

- ބީރައްޓެހި ކަލިމަތަކަކީ، ކީރިތި ޤުރްއާނުގައި މަދުން ތަކުރާރުވެފައިވާ ކަލިމަތަކެވެ.

2- ހިތު ދަސްކުރަން ފަސޭހަ ކަލިމަތަކާއި އުނދަގޫ ކަލިމަތައް.

- ހިތު ދަސްކުރަން ފަސޭހަ ކަލިމަތަކަކީ، ނަގައިގަންނަން ފަސޭހަ ކަލިމަތަކެވެ.

- ހިތު ދަސްކުރަން އުނދަގޫ ކަލިމަތަކަކީ، ނަގައިގަންނަން އުނދަގޫ ކަލިމަތަކެވެ.

- ކީރިތި ޤުރްއާން ބަލައިގެން ކިޔަވަން ދަސްކުރުމުގައި، މިފަދަ ކަލިމަތައް ދަސްކޮށް ފަރިތަކޮށް އާދަކުރުމުގެ ސަބަބުން، ކީރިތި ޤުރްއާން ހިތުގައި ރައްކާކުރުމަށް ފަސޭހަވެގެންދާނެއެވެ.

3- ހިތު ދަސްކުރަން އުނދަގޫވާ ސަބަބުތަކާއި، ފަސޭހަކޮށްދޭ ސަބަބުތައް.

- ހިތު ދަސްކުރަން އުނދަގޫވާ ސަބަބުތަކަކީ، مُتَشَابِه ކަލިމަތަކާއި އާޔަތްތަކެވެ.

- ހިތު ދަސްކުރަން ފަސޭހަކޮށްދޭ ސަބަބުތަކަކީ، مُتَشَابِه ކަލިމަތަކުގެ ކުރީގައި އޮންނަ ކަލިމައެވެ. އަދި مُتَشَابِه އާޔަތްތަކުގެ ކުރީގައި އޮންނަ އާޔަތެވެ.

- مُتَشَابِه ކަލިމަތަކަކީ، އެއްގޮތް ވުމުގެ ސަބަބުން އޮޅުންއަރާ ކަލިމަތަކެވެ.

- مُتَشَابِه އާޔަތްތަކަކީ، އެއްގޮތް ވުމުގެ ސަބަބުން، އޮޅުންއަރާ އާޔަތްތަކެވެ.

 

ލިޔުނީ:- ޝުޢައިބު ޢަލީ / ކީރިތި ޤުރްއާން ހިތުގައި ރައްކާކުރުން

ކީރިތި ޤުރްއާން ހިތު ދަސްވުމާއި ހިތު ދަސްކުރުމުގެ ތަފާތު — bayaanalquran.com