ކީރިތި ޤުރްއާން ކިޔަވަން ދަސްކުރުމުގައި، ކިޔޭ ދަރަޖައިން ކިޔާ ދަރަޖައަށް ބަދަލުވުން

2026-06-02

ކީރިތި ޤުރްއާން ކިޔަވަން ދަސްކުރުމުގައި، ކިޔޭ ދަރަޖައިން ކިޔާ ދަރަޖައަށް ބަދަލުވުން

 

 

ކީރިތި ޤުރްއާން ކިޔަވަން ދަސްކުރުމުގައި، ކިޔޭ ދަރަޖައިން ކިޔާ ދަރަޖައަށް ބަދަލުވާ ގޮތް ދެނެގަތުމުގެ ކުރިން، އެނގެން ޖެހޭނީ، ހެދި ބޮޑުވަމުން އަންނަ އިންސާނާގެ ޠަބީޢަތަށެވެ.

 

އިންސާނާ ހެދި ބޮޑުވަމުން އަންނަ އިރު، އޭނާގެ ޠަބީޢަތަކީ، އިވުމެވެ. ފެނުމެވެ. އިޚްތިޔާރަކާ ނުލައި ކިޔުމެވެ. ނަމަވެސް އިންސާނާ ހެދި ބޮޑުވަމުން އަންނަ ވަރަކަށް، ދިރިއުޅޭ މާޙައުލުންނާއި އުނގެނި ދަސްކުރާ މާޙައުލުން، މެދުވެރިކުރާ ތަފާތު ސަބަބުތަކު ސަބަބުން، އިވޭ އިވުން އަހާ އެހުމަކަށް ބަދަލުވެގެން ދެއެވެ. އަދި ފެންނަ ފެނުން ބަލާބެލުމަކަށް ބަދަލުވެގެން ދެއެވެ. އަދި ކިޔޭ ކިޔުން ކިޔާކިޔުމަކަށް ބަދަލުވެގެން ދެއެވެ.

 

ކީރިތި ޤުރްއާން ކިޔަވަން ދަސްކުރުމަށް އަންނަ ދަރިވަރުންގެ ޠަބީޢަތަކީ ވެސް އެއީއެވެ. ވަކި ގޮތަކަށް ވަކި ތަރުތީބަކުން، ކީރިތި ޤުރްއާން ކިޔަވަން ދަސްކޮށް ފަރިތަކޮށް އާދަކުރުމުގެ ސަބަބުން، ކީރިތި ޤުރްއާން ކިޔަވަން ދަސްކުރުމުގައި، އިވޭ އިވުން އަހާ އެހުމަކަށް ބަދަލުވާނެއެވެ. ފެންނަ ފެނުން ބަލާބެލުމަކަށް ބަދަލުވާނެއެވެ. އަދި ކިޔޭ ކިޔުން ކިޔާކިޔުމަކަށް ބަދަލުވާނެއެވެ. ކީރިތި ޤުރްއާން ކިޔަވަން ދަސްކޮށްދިނުމުގައި، ދަރިވަރުންނަށް، މި ބަދަލުތައް ނާންނަ ގޮތަށް، ހަމައެކަނި ނަމޫނާ ކިޔެވުމާ އެއްކޮށް، ތަކުރާރުކޮށް ކިޔަވަން ޖެއްސުމަކީ، އެއްގޮތަކަށް ވެސް ރަނގަޅު ގޮތެއް ނޫނެވެ. އެކަމުގެ ސަބަބުން، ދަސްކުރާ މިންވަރު ވަރަށް އަވަހަށް ހަނދާން ނެތިގެންދާނެއެވެ. އަދި ކީރިތި ޤުރްއާން ކިޔެވުމާ ގުޅޭ ކަންކަމާމެދު ވިސްނަން ދަރިވަރުންނަށް އުނދަގޫ ވެގެންދާނެއެވެ.

 

ދިވެހި ރާއްޖޭގައި، ކީރިތި ޤުރްއާން އަވަހަށް ޚަތިމުކުރާ ދަރިވަރުން ނިސްބަތުން ގިނައެވެ. ކީރިތި ޤުރްއާން ކިޔަވަން ދަސްކުރާ ދަރިވަރުން ނިސްބަތުން ގިނައެވެ. ކީރިތި ޤުރްއާން ކިޔަވަން ދަސްކޮށްދޭ ތަންތަން ނިސްބަތުން ގިނައެވެ. ޤުރްއާން މުބާރާތްތައް ބާއްވާ މިންވަރު ނިސްބަތުން ގިނައެވެ. ޤުރްއާން ކިޔަވައިދޭ މުދައްރިސުން ވެސް، ނިސްބަތުން ގިނައެވެ. ނަމަވެސް ކީރިތި ޤުރްއާނުގެ ދާއިރާއަށް އެކަށީގެންވާ ކުރިއެރުމެއް ލިބޭ ތަނެއް ނުފެނެއެވެ.

 

އަވަހަށް ޚަތިމުކުރާ ގިނަ ކުދިން ޚަތިމެއް ނިންމާއިރުވެސް، އަދި ޤުރްއާން މުބާރާތްތައް އެހާ ގިނައިން ބާއްވާއިރުވެސް، އަދި ޤުރްއާން އުނގަންނައި ދިނުމަށް، ގިނަ މަސައްކަތްތަކެއް ކުރާއިރުވެސް،  ކީރިތި ޤުރްއާން ކިޔަވަން ދަސްކުރުމުގައި، އިވޭ އިވުން އަހާ އެހުމަކަށް ބަދަލު ނުކުރެވެއެވެ. ފެންނަ ފެނުން ބަލާބެލުމަކަށް ބަދަލު ނުކުރެވެއެވެ. ކިޔޭ ކިޔުން ކިޔާ ކިޔުމަކަށް ބަދަލު ނުކުރެވެއެވެ.  ޤުރްއާން ކިޔެވުމާ ގުޅޭ ކަންކަމާމެދު ވިސްނައި ފިކުރުކުރަން ދަތިވެއެވެ. މަޢުލޫމާތުތައް ނަގައިގަތުމަށް އުނދަގޫވެއެވެ.

 

 

މިއީ ކީރިތި ޤުރްއާން ކިޔަވަން ދަސްކޮށްދޭ ގޮތް ރަނގަޅު ނޫންކަމުގެ ޢަލާމާތެކެވެ. މިކަންކަން ޙައްލުކުރެވޭނީ، ބެލެނިވެރިންގެ އެއްބާރުލުން ލިބިގެންނެވެ. ދަރިވަރުގެ އިޚްތިޔާރުން، ކީރިތި ޤުރްއާން ބިނާކުރަމުން، ޤުރްއާން ކިޔެވުމުގެ ބަދަލުގައި، ހަމައެކަނި ނަމަކަށް، ނަމޫނާ ކިޔުމަކާ އެކު، ކީރިތި ޤުރްއާން ކިޔަން އިސްކަންދެވޭ ނަމަ، އަދި އެކަމަށް ބާރުއަޅާނަމަ، ކީރިތި ޤުރްއާން ކިޔަވަން ދަސްކުރުމުގައި،  ކިޔޭ ކިޔުން ކިޔާ ކިޔުމަކަށް ބަދަލު ނުކުރެވޭނެއެވެ. އިވޭ އިވުން އަހާ އެހުމަކަށް ބަދަލު ނުކުރެވޭނެއެވެ. ފެންނަ ފެނުން ބަލާ ބެލުމަކަށް ބަދަލު ނުކުރެވޭނެއެވެ.

 

ކީރިތި ޤުރްއާން ކިޔަވަން ދަސްކުރުމުގައި، ކިޔޭ ދަރަޖައިން ކިޔާ ދަރަޖައަށް ބަދަލުވުމަށް މަސައްކަތް ފަށާ މަރުޙަލާ

 

ކީރިތި ޤުރްއާން ކިޔަވަން ދަސްކުރުމުގައި، ކިޔޭ ދަރަޖައިން ކިޔާ ދަރަޖައަށް ބަދަލުވުމަށް މަސައްކަތް ފަށާ މަރުޙަލާ އަކީ، އަކުރުގެ ނަން ދަސްކުރާ މަރުޙަލާއެވެ. މާނައަކީ އަކުރު ދަސްކުރަން ފަށާ މަރުޙަލާއެވެ. އެއަށް ފަހު އަންނަ ކޮންމެ މަރުޙަލާއަކީ ވެސް، ކިޔޭ ދަރަޖައިން ކިޔާ ދަރަޖައަށް ބަދަލުވުމަށް ޚާއްޞަ މަރުޙަލާތަކެވެ.

 

ކީރިތި ޤުރްއާން ކިޔަވަން ދަސްކުރުމުގައި، ކިޔޭ ދަރަޖައިން ކިޔާ ދަރަޖައަށް ދަރިވަރުންގެ ޙާލަތު ބަދަލުކުރުމަށް، ޤުރްއާން ފިލާވަޅު ކިޔަވާނެ ގޮތާއި ތަރުތީބު

 

ކީރިތި ޤުރްއާން ކިޔަވަން ދަސްކުރުމުގައި، ކިޔޭ ދަރަޖައިން ކިޔާ ދަރަޖައަށް ދަރިވަރުންގެ ޙާލަތު ބަދަލުކުރުމަށް، ޤުރްއާން ފިލާވަޅު ކިޔަވާނީ، ކީރިތި ޤުރްއާން ބިނާވެފައިވާ ތަރުތީބުން އެކުލަވާލެވިފައިވާ، ކިޔުމުގެ ތަމްރީނުތަކާ އެއްގޮތަށެވެ. އެ ތަމްރީނުތަކަކީ:-

توضيح | حرف بعد حرف | كلمة بعد كلمة | آية بعد آية

 

-  މަތީގައިވާ ތަމްރީނުތަކާ އެއްގޮތަށް ކިޔުމުގައި،  ތިރީގައިވާ ކިޔުމުގެ ތަމްރީނުތަކާ އެއްގޮތަށް ކިޔަންވާނެއެވެ.

 

معلّم | كيفية البيان | مقابلة | إقتداء

 

- މި ތަމްރީނުތަކުގެ ތަފްޞީލު މި ވެބްސަޓުގައި ހިމެނޭ، ތަޖުވީދު ފޮތްތަކުން ލިބޭނެއެވެ.

 

ލިޔުނީ:- ޝުޢައިބު ޢަލީ