وَاوْ އަދާކުރުމުގައި، ހުރިހާ ޙާލަތެއްގައި ދެ ތުންފަތް ވަށް ކުރަން ޖެހޭނެތަ؟
2026-03-17
وَاوْ އަދާކުރުމުގައި، ހުރިހާ ޙާލަތެއްގައި ދެ ތުންފަތް ވަށް ކުރަން ޖެހޭނެތަ؟
- وَاوْ އަދާކުރުމުގައި، އެކި ޙާލަތްތަކުގައި، ދެ ތުންފަތް ވަށްކުރެވޭ ވަޤުތު ތަފާތުވާނެއެވެ.
- وَاوْ އަދާކުރުމުގައި ދެ ތުންފަތް ވަށްކުރެވޭ ވަޤުތު ބެހެނީ ދެ ބަޔަކަށެވެ.
1- وَاوْ ކިޔަން ފެށުމުގެ ކުރިން ދެތުންފަތް ވަށް ކުރުން.
2- وَاوْ ކިޔާ ވަޤުތު ދެ ތުންފަތް ވަށްކުރުން.
وَاوْ ކިޔަން ފެށުމުގެ ކުރިން ދެތުންފަތް ވަށް ކުރުން
- وَاوْ ކިޔަން ފެށުމުގެ ކުރިން ދެތުންފަތް ވަށް ކުރަން ޖެހޭނީ، އަބަފިލި އަދި އިބިފިލީގެ ޙާލަތުގައެވެ.
- وَاوْ ކިޔުމުގައި، އަބަފިލި އަދި އިބިފިލީގެ ޙާލަތުގައި، وَاوْ ކިޔަން ފެށުމުގެ ކުރިން ދެތުންފަތް ވަށް ކުރުމުން ފުދޭނެއެވެ.
- މާނައަކީ، وَاوْ ގައި އަބަފިލި އަދި އިބިފިލި ޖެހުމުން، وَاوْ ކިޔާ ވަޤުތު ދެތުންފަތް ވަށްކުރާކަށް ނުޖެހޭނެއެވެ.
- ސަބަބަކީ، މި ދެ ޙާލަތުގައި، ފިލީގެ އަޑުގެ މިސްރާބުގެ ސަބަބުން، وَاوْ ކިޔާ ވަޤުތު، ދެތުންފަތް ވަށްކުރުމަށް ފުރުޞަތު ނުލިބޭނެތީއެވެ.
- އެހެންވީމަ އަބަފިލި އަދި އިބިފިލީގެ ޙާލަތުގައި، وَاوْ ކިޔާ ވަޤުތު، ދެތުންފަތް ވަށްކުރުމަށް، މަސައްކަތް ކުރުމަކީ، އެއްގޮތަކަށް ވެސް ރަނގަޅު ގޮތެއް ނޫނެވެ.
- އެކަމުގެ ސަބަބުން، ޤުރްއާން ކިޔަވަން ވަރަށް އުނދަގޫވާނެއެވެ.
وَاوْ ކިޔާ ވަޤުތު ދެ ތުންފަތް ވަށްކުރުން
- وَاوْ ކިޔާ ވަޤުތު، ދެ ތުންފަތް ވަށްކުރަން ޖެހޭނީ، އުބުފިލި އަދި ސުކުންގެ ޙާލަތުގައެވެ.
- وَاوْ ކިޔުމުގައި، އުބުފިލީގެ ޙާލަތުގައި، وَاوْ ކިޔާ ވަޤުތު ދެތުންފަތް ވަށްކުރުން ފެށޭނީ، ދެތުންފަތް ވަށްކުރުމާއި ދެތުންފަތް އޫކުރުން ޖަމާވެގެންނެވެ.
- އަބަފިލި އަދި އުބުފިލި ޖެހޭ ޙާލަތްތަކުގައި، އަދާކުރެވޭ ގޮތާ ޚިލާފަށް، މި ޙާލަތުގައި، وَاوْ ކިޔާ ވަޤުތު ދެތުންފަތް ވަށްކުރުން ދެމިގެންދާނެއެވެ.
- މިގޮތަށް ދިމާވާ ސަބަބަކީ، އުބުފިލި އަދާކުރުމުގައި، ދެތުންފަތް އޫކުރެވޭތީއެވެ.
- وَاوْ ގައި އުބުފިލި ޖެހޭ ޙާލަތުގައި، ދެތުންފަތް ވަށްކުރުމަށްވުރެ ބޮޑަށް އިސްކަން ދޭންޖެހޭނީ، ދެތުންފަތް އޫކުރުމެވެ.
- އެހެންވީމަ وَاوْ ގައި، އުބުފިލި ޖެހޭ ޙާލަތުގައި އަދާކުރެވޭނީ، ދެތުންފަތް ވަށްކުރުމާއި ދެތުންފަތް އޫކުރުން ޖަމާވެގެންނެވެ.
- މި ޙާލަތުގައި ދެތުންފަތް ވަށްކުރުމާއި އޫކުރުން ވަކި ކުރުމަކީ، ކުރެވޭނެ ކަމެއް ނޫނެވެ.
- ސުކުންގެ ޙާލަތުގައި، وَاوْ ކިޔުމުގައި، ދެތުންފަތް ވަށްކުރުން ފެށޭނީ، وَاوْ ކިޔާ ވަޤުތުގައެވެ.
- ނަމަވެސް وَاوْ ގައި، ސުކުން ކުރެވޭ ޙާލަތުގައި އަދާކުރެވޭނީ، ހަމައެކަނި ދެތުންފަތް ވަށްކޮށްގެންނެވެ.
- މިޙާލަތުގައި ދެތުންފަތް އޫކޮށްގެން ނުވާނެއެވެ.
- وَاوْ ގައި، ސުކުން ކުރެވޭ ޙާލަތޭ ބުނާ ބަހުގެ މާނައަކީ، މައްދު وَاوْ ގެ ޙާލަތް ފިޔަވައި، ސުކުން ކުރެވޭ އެހެން ޙާލަތްތަކެވެ.
- މައްދު وَاوْ ގެ ޙާލަތަކީ، އަޞްލު ސުކުން އަކުރުގެ ޙާލަތެއް ނޫނެވެ.
ޚުލާޞާ
- وَاوْ އަދާކުރުމުގައި، ދެ ތުންފަތް ވަށްކުރަން ޖެހޭނެއެވެ.
- ނަމަވެސް އެކި ޙާލަތްތަކުގައި، ދެތުންފަތް ވަށް ކުރެވޭ ވަޤުތާއި މިންވަރު ތަފާތުވާނެއެވެ.
- وَاوْ އަދާކުރުމުގައި، ދެތުންފަތް ވަށް ކުރެވޭ ވަޤުތާއި މިންވަރު ތަފާތުކުރެވޭ ޙާލަތްތައް ބެހެނީ، ހަތަރު ބަޔަކަށެވެ. އެއީ
1- وَاوْ ގައި އަބަފިލި ޖެހޭ ޙާލަތް
2- وَاوْ ގައި އިބިފިލި ޖެހޭ ޙާލަތް
3- وَاوْ ގައި އުބުފިލި ޖެހޭ ޙާލަތް
4- وَاوْ ގައި ސުކުން ކުރެވޭ ޙާލަތް
ލިޔުނީ:- ޝުޢައިބު ޢަލީ
