ކީރިތި ޤުރްއާން ކިޔެވުމުގައި ކުޅަދާނަވުން

2026-03-02

ކީރިތި ޤުރްއާން ކިޔެވުމުގައި ކުޅަދާނަވުން

- ކީރިތި ޤުރްއާން ކިޔެވުމުގައި ކުޅަދާނަވުމަކީ، ފަރިތަކަމާއި ހުނަރުވެރިކަމާއެކު، ކީރިތި ޤުރްއާން ކިޔަވަން އެނގުމެވެ.

- ކީރިތި ޤުރްއާން ކިޔަވަން ދަސްކުރާ، ޢަރަބި ނޫން ކޮންމެ މީހެއްގެވެސް ޠަބީޢަތަކީ، ކީރިތި ޤުރްއާން ކިޔެވުމަށް ނުކުޅެދުންތެރިވުމެވެ.

- ކީރިތި ޤުރްއާން ކިޔެވުމުގައި، ކުޅަދާނަ މީހަކަށް ވެވޭނީ، ވަކި ތަރުތީބަކުން ޚާއްޞަ މަރުޙަލާތަކެއް ފުރިހަމަކޮށްގެންނެވެ.

 

- ކީރިތި ޤުރްއާން ކިޔެވުމުގައި ކުޅަދާނަވުން ބެހެނީ ތިން ބަޔަކަށެވެ.

1- ދުލާއި އަނގައިގެ ޙަރަކާތުން ކުޅަދާނަވުން.

- ކީރިތި ޤުރްއާން ކިޔެވުމުގައި، ދުލާއި އަނގައިގެ ޙަރަކާތުން ކުޅަދާނަވުމަކީ، އަކުރުން އަކުރަށް، ކަލިމައިން ކަލިމައަށް، އަދި އާޔަތުން އާޔަތަށް، އެއްވެސް ދަތިކަމެއް އުނދަގޫކަމެއް ނެތި، ފަރިތަކަމާއެކު ދުލާއި އަނގައިގެ ޙަރަކާތުން ވާޞިލްވުމަށް ފަރިތަވުމެވެ.

2- ލޮލުގެ ޙަރަކާތުން ކުޅަދާނަވުން.

- ކީރިތި ޤުރްއާން ކިޔެވުމުގައި، ލޮލުގެ ޙަރަކާތުން ކުޅަދާނަވުމަކީ، އަކުރުން އަކުރަށް، ކަލިމައިން ކަލިމައަށް، އަދި އާޔަތުން އާޔަތަށް، އެއްވެސް ދަތިކަމެއް އުނދަގޫކަމެއް ނެތި، ފަރިތަކަމާއެކު ލޮލުގެ ޙަރަކާތުން ވާޞިލްވުމަށް ފަރިތަވުމެވެ.

3- ހިތާއި ސިކުނޑީން ކުޅަދާނަވުން.

- ކީރިތި ޤުރްއާން ކިޔެވުމުގައި، ހިތާއި ސިކުނޑީން ކުޅަދާނަވުމަކީ، ކިޔަވަމުންދާ ވަޤުތު، އަކުރުން އަކުރަށް، ކަލިމައިން ކަލިމައަށް، އަދި އާޔަތުން އާޔަތަށް، އެއްވެސް ދަތިކަމެއް އުނދަގޫކަމެއް ނެތި، ވިސްނައި ފިކުރުކުރަން ފަރިތަވުމެވެ.

 

 

- ކީރިތި ޤުރްއާން ކިޔެވުމުގައި، ހިތާއި ސިކުނޑީން ކުޅަދާނަވުން ބެހެނީ ދެ ބަޔަކަށެވެ.

1- ކީރިތި ޤުރްއާން ކިޔެވުމުގައި، ޢަމަލުކުރަންޖެހޭ ތަޖުވީދުގެ ޤަޥާޢިދުތަކާ މެދު، ވިސްނައި ފިކުރުކުރުމުގައި ކުޅަދާނަވުން.

2- ކީރިތި ޤުރްއާނުގެ މާނައާމެދު ވިސްނައި ފިކުރުކުރުމުގައި ކުޅަދާނަވުން.

 

ކީރިތި ޤުރްއާން ކިޔަވަން ދަސްކުރުމުގައި، ނުވަތަ ކިޔެވުމުގައި، އެމީހަކަށް ކުޅަދާނަ މިންވަރު ދެނެގަތުން

- ކީރިތި ޤުރްއާން ކިޔަވަން ދަސްކުރުމުގައި، ނުވަތަ ކިޔެވުމުގައި، އެމީހަކަށް ކުޅަދާނަ މިންވަރު ދެނެގަތުމަކީ، ވަރަށް މުހިންމު ކަމެކެވެ.

- ސަބަބަކީ މިކަމުގައި އެކި މީހުން ތަފާތުވާނެތީއެވެ.

- ކީރިތި ޤުރްއާން ކިޔަވަން ދަސްކުރުމުގައި، ނުވަތަ ކިޔެވުމުގައި، އެމީހަކަށް ކުޅަދާނަ މިންވަރު، ދެނެގަތުން ގުޅިފައިވަނީ، ކިޔަވާ ސްޕީޑާއެވެ.

- ތަކުރާރުކޮށް ބަލައިގެން ކީރިތި ޤުރްއާން ކިޔަވާއިރުވެސް، ބަލައިގެން ނުވަތަ ނުބަލައި، ކީރިތި ޤުރްއާން ކިޔަވަން ދަސްކުރުމަށް، އުނދަގޫވާ އެންމެ ބޮޑު ސަބަބަކީ، ޤުރްއާން ކިޔެވުމުގައި، އެމީހަކާ އެކަށީގެންވާ ރަނގަޅު ސްޕީޑް އިޚްތިޔާރު ނުކުރާތީއެވެ.

- ކީރިތި ޤުރްއާން ބަލައިގެން ކިޔެވުމަކީ، ސްކޭން ކުރުމެކެވެ. ނުވަތަ ނަކަލު ކުރުމެކެވެ.

- ކިޔެވުން އަވަސްކުރާ މިންވަރަކަށް، ސްކޭން ކުރުމުގެ ފެންވަރު ދަށްވާނެއެވެ. ނުވަތަ ނަކަލުކުރުމުގެ ފެންވަރު ދަށްވާނެއެވެ.

- ޤުރްއާން ކިޔެވުމުގައި، ކިޔެވުން އަވަސްކުރަން ޖެހޭނީ، ތަޖުވީދުގެ ޤަޥާޢިދުތަކާ އެއްގޮތަށް، ފަރުވާތެރިކަމާ އެކު ކިޔެވުމަށް، އެމީހަކަށް ކުޅަދާނަ މިންވަރަކަށެވެ.

- އެގޮތުން ޤުރްއާން ކިޔެވުން އަވަސްކުރުމުގައި، މައިގަނޑު ތިން ކަމަކަމަށް ވިސްނަން ޖެހޭނެއެވެ.

1- ދުލާއި އަނގައިގެ ޙަރަކާތުން، އެމީހަކަށް ކުޅަދާނަވާ މިންވަރުގެ ސްޕީޑެއް އިޚްތިޔާރުކުރުން.

- މިއީ އަކުރުން އަކުރަށް، ކަލިމައިން ކަލިމައަށް، އަދި އާޔަތުން އާޔަތަށް ވާޞިލްވުމުގައި، ތަޖުވީދުގެ ޤަޥާޢިދުތަކާ އެއްގޮތަށް، ކިޔަވަން މަގުފަހިވާ މިންވަރުގެ، ސްޕީޑެއް އިޚްތިޔާރުކުރުމެވެ.

2- ލޮލުގެ ޙަރަކާތުން، އެމީހަކަށް ކުޅަދާނަވާ މިންވަރުގެ ސްޕީޑެއް އިޚްތިޔާރުކުރުން.

- މިއީ އަކުރުން އަކުރަށް، ކަލިމައިން ކަލިމައަށް، އަދި އާޔަތުން އާޔަތަށް، ފަރުވާތެރިކަމާ އެކު، ބަލައިގެން ކިޔަވަން މަގުފަހިވާ މިންވަރުގެ، ސްޕީޑެއް އިޚްތިޔާރުކުރުމެވެ.

3- ހިތާއި ސިކުނޑީން، އެމީހަކަށް ކުޅަދާނަވާ މިންވަރުގެ ސްޕީޑެއް އިޚްތިޔާރުކުރުން.

- މިއީ އަކުރުން އަކުރަށް، ކަލިމައިން ކަލިމައަށް، އަދި އާޔަތުން އާޔަތަށް، ފަރުވާތެރިކަމާ އެކު، ވިސްނައި ފިކުރުކުރަމުން، ކިޔަވަން މަގުފަހިވާ މިންވަރުގެ ސްޕީޑެއް އިޚްތިޔާރުކުރުމެވެ.

ޚުލާޞާ

- ކީރިތި ޤުރްއާން ކިޔަވަން ދަސްކުރުމުގައި، ބަލައިގެން ވިޔަސް އަދި ނުބަލައި ވިޔަސް، ތަޖުވީދުގެ ހަމަތަކާ އެއްގޮތަށް ރީތިކޮށް ރާގަށް ކިޔަވަން އުނދަގޫވާ އެންމެ ބޮޑު ސަބަބަކީ، ޤުރްއާން ކިޔެވުމުގައި، އެމީހަކާ އެކަށީގެން ނުވާ މިންވަރުގެ ސްޕީޑެއް އިޚްތިޔާރުކުރުމެވެ.

- އަދި ޤުރްއާން ކިޔެވުމުގައި، ކިޔަވާ މީހާއާ އެކަށީގެން ނުވާ މިންވަރަށް، ނުވަތަ ކުޅަދާނަ ނުވާ މިންވަރަށް، ކިޔެވުން އަވަސްކުރުމުގެ ސަބަބުން ވެސް ކުށްކިޔެއެވެ.

ލިޔުނީ:- ޝުޢައިބު ޢަލީ

ކީރިތި ޤުރްއާން ކިޔެވުމުގައި ކުޅަދާނަވުން — bayaanalquran.com