ކީރިތި ޤުރްއާން ކިޔެވުން ރީތިކުރުމުގައި ކިޔެވުމުގެ ވައްޓަފާޅި އާއި ރާގު
2026-10-06

ކީރިތި ޤުރްއާން ކިޔެވުން ރީތިކުރުމުގައި ކިޔެވުމުގެ ވައްޓަފާޅި އާއި ރާގު
- ކީރިތި ޤުރްއާން ކިޔެވުން ރީތިކުރުމުގައި،
ކިޔެވުމުގެ ވައްޓަފާޅި އާއި ރާގަކީ ތަފާތު ވަކި ދެބައެކެވެ.
- ކީރިތި ޤުރްއާން ކިޔެވުން ރީތިކުރުމުގައި ކިޔެވުމުގެ
ވައްޓަފާޅި އަކީ:- ޢަރަބި
ވަންތަ ގޮތެވެ.
- ކީރިތި ޤުރްއާން ކިޔެވުން ރީތިކުރުމުގައި ރާގަކީ:- ކީރިތި ޤުރްއާނާ މުނާސަބުވާގޮތަށް،
އަޑުގެ އިޙްސާސްތަކެއް ފަދައިން އަޑުގެ ދަރަޖަތައް ތަރުތީބުކުރުމެވެ.
- ހަމައެކަނި ވަކި ރާގަކަށް ކިޔަވަން
ދަސްކޮށްގެން، ކިޔެވުމުގެ ވައްޓަފާޅި ދާއިމީ ގޮތަކަށް ދަސްނުކުރެވޭނެއެވެ.
- ވަކި ޚާއްޞަ ރާގަކަށް ކިޔަވަން
ދަސްކުރުމުން ދަސްވެގެންދާނީ، އެރާގަކަށް ޚާއްޞަ މިންވަރުގެ ވެސް ބައެކެވެ.
- އަދި ހަމައެކަނި ކިޔެވުމުގެ
ވައްޓަފާޅި ދަސްކޮށްގެން، ވަކި ޚާއްޞަ ރާގެއް ދަސްނުކުރެވޭނެއެވެ.
- ކިޔެވުމުގެ ވައްޓަފާޅި
ދަސްކުރުމުން، ހަމައެކަނި ދަސްވެގެންދާނީ، ޢަރަބި ވަންތަ ދުލުގެ ޙަރަކާތްތަކެކެވެ.
- ބައެއް މީހުންގެ ކިޔެވުމުގައި،
ވަކި ޚާއްޞަ ރާގަކަށް ކިޔަވާކަން ފާހަގަ ނުކުރެވުނަސް، ކިޔެވުމުގައި އަޑު އަހާލަން
ފަސޭހަ ރީތިގޮތެއް ހުންނަ ސަބަބަކީ، ކިޔެވުމުގައި ޢަރަބި ވައްޓަފާޅި
އެކުލެވޭތީއެވެ.
- އަދި ބައެއް މީހުންގެ
ކިޔެވުމުގައި، ވަކި ރާގަކަށް ކިޔަވާއިރުވެސް، އަޑު އަހާ މީހާއަށް، އަސަރުކުރުވާ
ފަދަ ޚާއްޞަ ޞިފަތަކެއް، ކިޔެވުމުގައި ނުހުންނަ ސަބަބަކީ، ކިޔަވާ ކިޔެވުމުގައި
ޢަރަބި ވައްޓަފާޅި ނުހުންނާތީއެވެ.
- އެހެންވީމަ ވަކި ޚާއްޞަ ރާގަކަށް،
ޤުރްއާން ކިޔަވަން ދަސްކުރުމަށްވުރެ، ޢަރަބި ވައްޓަފާޅި ދަސްކުރުން މުހިންމު
ވާނެއެވެ.
- ސަބަބަކީ ކިޔެވުމުގައި، ޢަރަބި
ވައްޓަފާޅި އެކުލެވޭނަމަ، ތަޖުވީދުގެ ހަމަތަކާ އެއްގޮތަށް ކިޔަވަން
ފަސޭހަވުމާއެކު، ރީތިކޮށް ރާގަށް ކިޔަވަން ފަސޭހަވެ، ވަކި ޚާއްޞަ ރާގުތައް ވެސް،
ދަސްކުރަން ފަސޭހަވާނެތީއެވެ.
- ނަމަވެސް ކިޔެވުމުގައި ޢަރަބި
ވައްޓަފާޅި ނެތް ނަމަ، ތަޖުވީދުގެ ހަމަތަކާ އެއްގޮތަށް ކިޔަވަން އުނދަގޫވުމާއެކު،
ރީތިކޮށް ރާގަށް ކިޔަވަން ދަތިވުމުގެ އިތުރުން، ވަކި ޚާއްޞަ ރާގުތަކަށް ކިޔަވަން
އުނދަގޫ ވެގެންދާނެއެވެ.
ކިޔެވުމުގެ ވައްޓަފާޅި
ބިނާވެފައިވާ ބައިތައް
- ކީރިތި ޤުރްއާން ކިޔެވުމުގައި
ޢަރަބި ވައްޓާފާޅި ބިނާވެފައިވަނީ މައިގަނޑު ފަސް ބައެއްގެ މައްޗަށެވެ.
1- އަޑުގައި އެކުލެވޭ ޚާއްޞަ ޢަރަބި
ވައްޓަފާޅި.
-
މިއީ އެހެން ބަހުރުވަތަކުން ވާހަކަ ދެއްކުމުގައި، ގެންގުޅޭ ފަސޭހަކަން ދޫކޮށް،
ޢަރަބި ބަހަށް ޚާއްޞަ، މުނާސަބު ޚާއްޞަ ބަދަލެއް އަޑަށް ގެނައުމެވެ.
- އިންސާނާގެ ޠަބީޢީ އަޑު އުފެދޭނީ ނޭވާ
ހޮޅީގެ މަތީ ބައިންނެވެ.
- މާނައަކީ ދެ އަޑު ނަރުގެ
ސަބަބުންނެވެ.
- ނަމަވެސް ދިވެހި ބަހުން ވާހަކަ
ދައްކާއިރު، ޠަބީޢީ އަޑު ނެރުމުގައި އަޑު ޞިފަކުރެވޭނީ، ކަރަށްވުރެ ބޭރުން،
އަނގައިގެ ބޭރަށް ވާގޮތަށް، ލުއިކަމެއް އަންނަ ގޮތަށެވެ.
- އެކަމުގެ ސަބަބުން ބައެއް ޢަރަބި
އަކުރުތައް ކިޔަން އުނދަގޫވާނެއެވެ.
- އޭގެ ބަދަލުގައި، ޢަރަބި
ވައްޓަފާޅިއާ އެއްގޮތަށް، ޤުރްއާން ކިޔަވާއިރު، ޢާންމުކޮށް އަޑު ޞިފަކުރެވޭނީ،
ނޭވާ ހޮޅީގެ މަތީބައިން އުފެދޭ އަޑެއް ގޮތަށެވެ.
- ނުވަތަ ދެ އަޑު ނަރުގެ ދެމެދުން
އުފެދޭ އަޑެއް ގޮތަށެވެ.
- އެހެންވީމަ، ޢަރަބި ވައްޓަފާޅިއާ އެއްގޮތަށް
ޤުރްއާން ކިޔެވުމުގައި، ޠަބީޢީ އަޑު ނެރުމުގައި، ބޮޑަށް ބާރުލެވޭނީ ކަރުގެ ބުޑަށެވެ.
- މިގޮތަށް ޢަރަބި ވައްޓަފާޅިއާ
އެއްގޮތަށް، ދިވެހިންނަށް އަޑު ބަދަލުކުރެވޭނީ، ކިޔަވާ ސްޕީޑު ލަސްކޮށްގެންނެވެ.
- އޭރުން ތަޖުވީދުގެ ހަމަތަކާ
އެއްގޮތަށް ޤުރްއާން ކިޔަވަން ވަރަށް ބޮޑަށް ފަސޭހަވެގެންދާނެއެވެ.
2- ޢަރަބި 28 އަކުރު އަދާކުރުމަށް
ޚާއްޞަ، ޢަރަބި ވައްޓަފާޅި.
- މިއީ އެހެން ބަހުރުވަތަކަށް ޚާއްޞަ
އަކުރުތައް ކިޔުމުގައި ގެންގުޅޭ ފަސޭހަކަން ދޫކޮށް، ޢަރަބި އަކުރުތަކުގެ އަޑު
އުފެއްދުމަށް، އެކަށީގެންވާ މިންވަރަށް ވަޤުތު ދެވޭ ގޮތަށް، ދެ އަކުރުގެ
ދެމެދުގައި، މުނާސަބު ޚާއްޞަ ލަސް ކަމެއް ގެނައުމެވެ.
- އެކަމުގެ ސަބަބުން، ޢަރަބި
އަކުރުތަކުގެ އަޑު އުފެއްދުމަށް، އެކަށީގެންވާ މިންވަރަށް ވަޤުތު ލިބި، އަކުރުގެ
އަޑު އުފައްދަން ފަސޭހަވެގެންދާނެއެވެ.
- ޢަރަބި ބައެއް
އަކުރުތައް ނުބައިކޮށް ކިޔަން މަގުފަހި ވަނީ، ކުރީގައި އޮންނަ އަކުރު ކިޔުމުގައި،
ޢަރަބި ވައްޓަފާޅި ނެތީމައެވެ.
3- ޢަރަބި 23 ވަޒަން އަދާކުރުމަށް
ޚާއްޞަ، ޢަރަބި ވައްޓަފާޅި.
- މިއީ އެހެން ބަހުރުވަތަކަށް ޚާއްޞަ
ފިލިތައް ކިޔުމުގައި ގެންގުޅޭ ފަސޭހަކަން ދޫކޮށް، ޢަރަބި ވަންތަ ޚާއްޞަ ކަމެއް
ގެނައުމެވެ.
- އެކަމުގެ ސަބަބުން، ފިލީގެ
ސަބަބުން ކިޔަން އުނދަގޫ އަކުރުތައް ވެސް ވަރަށް ބޮޑަށް ފަސޭހަވެގެންދާނެއެވެ.
- ކީރިތި ޤުރްއާނުގެ
ބައެއް ވަޒަންތައް ނުބައިކޮށް ކިޔަން މަގުފަހި ވަނީ، ކުރީގައި އޮންނަ ވަޒަން
ފުރިހަމަ ކުރުމުގައި، ޢަރަބި ވައްޓަފާޅި ނެތީމައެވެ.
4- ޢަރަބި ކަލިމަތައް ކިޔުމަށް
ޚާއްޞަ، ޢަރަބި ވައްޓަފާޅި.
- މިއީ އެހެން ބަހުރުވަތަކަށް ޚާއްޞަ
ލަފްޒުތައް ކިޔުމުގައި، ގެންގުޅޭ ފަސޭހަކަން ދޫކޮށް، ޢަރަބި ކަލިމަތަކަށް ޚާއްޞަ
މުނާސަބު ލަސް ކަމެއް ގެނައުމެވެ. އެކަމުގެ ސަބަބުން ކިޔަން އުނދަގޫ ކަލިމަތައް
ކިޔަން ފަސޭހަވެގެންދާނެއެވެ.
- ކީރިތި ޤުރްއާނުގެ ބައެއް
ކަލިމަތައް ނުބައިކޮށް ކިޔަން މަގުފަހި ވަނީ، ކުރީގައި އޮންނަ ކަލިމަ ކިޔުމުގައި،
ޢަރަބި ވައްޓަފާޅި ނެތީމައެވެ.
5- ޢަރަބި ޖުމްލަތައް ނުވަތަ
އާޔަތްތައް ކިޔުމަށް ޚާއްޞަ، ޢަރަބި ވައްޓަފާޅި.
- މިއީ އެހެން ބަހުރުވަތަކަށް ޚާއްޞަ
ޖުމްލަތައް ކިޔުމުގައި، ގެންގުޅޭ ފަސޭހަކަން ދޫކޮށް، ޢަރަބި ކަލިމަތަކަށް ޚާއްޞަ
މުނާސަބު ލަސް ކަމެއް ގެނައުމެވެ.
-
ކީރިތި ޤުރްއާނުގެ އާޔަތްތައް ނުބައިކޮށް ކިޔަން މަގުފަހިވަނީ، އާޔަތްތައް
ކިޔުމުގައި، ޢަރަބި ވައްޓަފާޅި ނެތީމައެވެ.
ތަޖުވީދުގެ ޤަޥާޢިދުތަކާއި ޢަރަބި ވައްޓަފާޅި
- ޢަރަބި ވައްޓަފާޅިއާ ނުލައި ތަޖުވީދުގެ ޤަޥާޢިދުތަކާ އެއްގޮތަށް ކިޔެވުމަކީ ވަރަށް ދަތިކަމަކަށް ވެދާނެއެވެ.
- ސަބަބަކީ ތަޖުވީދު ޢިލްމުގެ އަޞްލު ބިނާވެފައިވަނީ، ޢަރަބިބަހުގެ މައްޗަށް ކަމުގައި ވާތީއެވެ.
- ޢަރަބި ވައްޓަފާޅި ދަސްކުރުމުގެ ސަބަބުން، ތަޖުވީދުގެ ޤަޥާޢިދުތަކާ އެއްގޮތަށް ކިޔަވަން މަގުފަހިވެ ފަސޭހަވެގެން ދާނެއެވެ.
ޚުލާޞާ
- ޢަރަބި ވައްޓަފާޅި އެންމެ
ފުރިހަމައަށް ޙާޞިލްކުރެވޭނީ، ކިޔަވަން ދަސްކުރާ މީހާގެ ޠަބީޢީ ބަހުރުވައިގެ
ވައްޓަފާޅި އާއި ޢަރަބި ބަހުގެ ވައްޓަފާޅި އެނގޭ މުދައްރިސުންގެ ފަރާތުންނެވެ.
- ހަމައެކަނި ތަޖުވީދުގެ
ޤަޥާޢިދުތައް ދަސްކޮށްގެން، މި ބައިތައް އެންމެ ފުރިހަމައަށް
ޙާޞިލްނުކުރެވޭނެއެވެ.
- ސަބަބަކީ ޢާންމުކޮށް މިފަދަ
މަޢުލޫމާތުތައް ތަޖުވީދު ފޮތްތަކުގައި ނުހުންނާނެތީއެވެ.
- ތަޖުވީދު ފޮތްތަކުގެ އަޞްލު
އެކުލަވާލެވިފައިވަނީ، ޢަރަބި ބަހުން ޢަރަބި އުސްތާޒުން ކަމަށް ވާތީ، ޤުރްއާން
ކިޔަވަން ދަސްކުރުމުގައި، ޢަރަބީންނަށް ޢަރަބި ވައްޓަފާޅި އެނގުން ލާޒިމުނުވާނެތީ،
ތަޖުވީދު ފޮތްތަކުގައި، މިފަދަ މަޢުލޫމާތުތައް ހިމަނާފައި ނުވަނީއެވެ.
- އެހެންވީމަ މިފަދަ
މަޢުލޫމާތުތަކަކީ، ތަޖުރިބާގެ އަލީގައި މުދައްރިސުން ފޯރުކޮށްދޭންޖެހޭ
މަޢުލޫމާތުތަކެކެވެ.
ލިޔުނީ:- ޝުޢައިބު ޢަލީ / ކީރިތި ޤުރްއާން ކިޔެވުމުގައި އަޑާއިރާގު
