ކީރިތި ޤުރްއާނުގައިވާ ގޮތަށް، ކަލިމަތަކުގެ އަޞްލު ދަސްކުރެވޭ ގޮތަށް، ކީރިތި ޤުރްއާން ބަލައިގެން ކިޔަވަން ދަސްނުކޮށް، ނުބަލައި ކިޔަވަން ދަސްކުރުމަކީ ފިތުނައެކެވެ.

2026-09-02

ކީރިތި ޤުރްއާނުގައިވާ ގޮތަށް، ކަލިމަތަކުގެ އަޞްލު ދަސްކުރެވޭ ގޮތަށް، ކީރިތި ޤުރްއާން ބަލައިގެން ކިޔަވަން ދަސްނުކޮށް، ނުބަލައި ކިޔަވަން ދަސްކުރުމަކީ ފިތުނައެކެވެ.

 

މިގޮތަށް ބުނުމުން ބައެއް މުދައްރިސުންނާއި ބެލެނިވެރިން ހިތް ހަމަނުޖެހުމަކީ ވެދާނެ ކަމެކެވެ. ނަމަވެސް އެއީ އެކަން އޮތް ގޮތެވެ. ކީރިތި ޤުރްއާން ބަލައިގެން ކިޔަވަން ދަސްނުކޮށް، ނުބަލައި ކިޔަވަން ދަސްކުރާ ކުއްޖާއަށް، ކީރިތި ޤުރްއާނުގައި ކަލިމަ އޮތް ގޮތާއި އޮންނާނެ ގޮތް ނުވަތަ ކަލިމަ ކިޔޭ ގޮތާއި ކަލިމަ ލިޔެވިފައިވާ ގޮތް ޞިފަކުރަން ނޭނގުމަކީ، ބައެއް މީހުން ހީކުރާ މިންވަރަށް ވުރެ ބޮޑު މައްސަލައެކެވެ.

 

މިކަން ގުޅިފައިވަނީ، ކީރިތި ޤުރްއާނުގެ ކަލިމަތައް ޞިފަކުރުމާއެވެ. ކީރިތި ޤުރްއާނުގެ ކަލިމަތައް ޞިފަކުރެވޭނީ ނުވަތަ ޞޫރަކުރެވޭނީ ދެ ގޮތަކަށެވެ. އެއީ:-

 

1- ލިޔުމުން ކަލިމަތައް ޞިފަކުރުން.

2- ކިޔުމުން ކަލިމަތައް ޞިފަކުރުން.

 

ކީރިތި ޤުރްއާން ކިޔަވަން ދަސްކުރުމުގައި، މި ދެގޮތަށް ކީރިތި ޤުރްއާނުގެ ކަލިމަތައް ޞިފަކުރަން އެނގުމަކީ، ވަރަށް މުހިންމު ކަމެކެވެ. މި ދެގޮތަށް ކީރިތި ޤުރްއާނުގެ ކަލިމަތައް ޞިފަކުރަން އެނގޭނީ، އެންމެ ފުރަތަމަ، ކީރިތި ޤުރްއާން ބިނާވެފައިވާ ގޮތަށް، އެ ތަރުތީބުން، ކީރިތި ޤުރްއާން ބަލައިގެން ކިޔަވަން ދަސްކޮށްގެންނެވެ. އެގޮތަށް ބަލައިގެން ކިޔަވަން ދަސްނުކޮށް، ނުބަލައި ކިޔަވަން ދަސްކުރުމުގެ ސަބަބުން، ދަރިވަރުންނަށް ކީރިތި ޤުރްއާނުގައި، ކަލިމަތައް ވަކިކުރެވިފައިވާ ގޮތެއް ނޭނގޭނެއެވެ. ނުބަލައި ކިޔެވުމުގައި ދަސްވެގެންދާނީ، އެކީ އެކަތިގަނޑަކަށެވެ. އެކަމުގެ ސަބަބުން، ވަޤުފް ކުރުމުގައި، ކަލިމައިގެ ފަހު އަކުރު ދެނެގަތުމަށް އުނދަގޫވެގެންދާނެއެވެ.

މިސާލު

ކީރިތި ޤުރްއާނުގައި ކަލިމަ އޮންނަ ގޮތް

ކިޔުމުން ކަލިމަ ޞިފަކުރަންޖެހޭ ގޮތް

ލިޔުމުން ކަލިމަ ޞިފަކުރަންޖެހޭ ގޮތް

ٱلَّذِينَ

أَلْلَذِينَ ٱلَّذِينَ

وَٱلْجِبَالُ

وَلْـجِبَالُ وَٱلْجِبَالُ

ٱلْأَيَّــامُ

أَلْأَيْيَـامِ

ٱلْأَيَّــامُ

أُوْلُـواْ

أُلُـو

أُوْلُـواْ

جَمِيلًا

جَـمِـيلَنْ

جَمِيلًا

صَلُّوهُ

صَلْلُوهُـ

صَلُّوهُ

ٱللَّـهُـمَّ

أَلْلَاهُـمْمَ

ٱللَّـهُـمَّ

يُـؤْمِنُواْ

يُـأْمِنُو

يُـؤْمِنُواْ

سِلْسِلَةٍ

سِلْسِلَـتِـنْ

سِلْسِلَةٍ

يُـبْـدِئُ

يُـبْـدِءُ

يُـبْـدِئُ

هُدًى

هُدَنْ

هُدًى

 

ކީރިތި ޤުރްއާން ބިނާވެފައިވާ ތަރުތީބުން، އަކުރުން އަކުރަށް، ކަލިމައިން ކަލިމައަށް އަދ އާޔަތުން އާޔަތަށް ބިނާކުރަމުން، ބަލައިގެން ކިޔަވަން ދަސްކޮށް ފަރިތަކޮށް އާދަކުރުމެއް ނެތި، ނުބަލައި ކިޔަވަން ދަސްކުރުމުގެ ސަބަބުން، ގިނަ ފަހަރު ދަރިވަރުންނަށް ދަސްވެގެންދާނީ، ހަމައެކަނި ކިޔުމުން ކަލިމަ ޞިފަކުރަންޖެހޭ ގޮތެވެ. ގިނަ ފަހަރު އެމިންވަރުވެސް ނޭނގެއެވެ. ސަބަބަކީ، ކިޔުމުން ކަލިމަ ޞިފަކުރަންޖެހޭ ގޮތް ވެސް ދަސްކުރެވޭނީ، ލިޔުމުން ކަލިމަ ޞިފަކުރަންޖެހޭ ގޮތް އެނގިގެންނެވެ. ލިޔުމުން ކަލިމަ ޞިފަކުރަންޖެހޭ ގޮތް ދަސްކުރެވޭނީ، ބަލައިގެން ކިޔަވަން ދަސްކޮށްގެންނެވެ.

 

ކީރިތި ޤުރްއާނުގެ ކަލިމަތައް، ޞިފަކުރަން ނޭނގުމުގެ ސަބަބުން، ކީރިތި ޤުރްއާން ކިޔަވަން ދަސްކުރުމުގައި، މިފަދަ ބޮޑެތި މައްސަލަތައް ކުރިމަތިވާނަމަ، އެ އުނގެނުމެއް ޞައްޙަ ވާނެކަމަށް ޤަބޫލުކުރެވޭނެ ހެއްޔެވެ؟

 

ކީރިތި ޤުރްއާން ކިޔަވަން ދަސްކުރަން ޖެހޭނީ، ކަލިމަ ކިޔޭގޮތާއި ލިޔެވޭ ގޮތް ދަސްކުރެވޭ ގޮތަށެވެ. ނަމަވެސް ކަލިމަ ޞިފަކުރުމުގައި، އަބަދުވެސް އިސްކަން ދޭންޖެހޭނީ، ކީރިތި ޤުރްއާނުގެ ލިޔުމަށެވެ. ކީރިތި ޤުރްއާން ހިތު ދަސްކުރުމުގެ ކުރިން، މިކަންކަން ފުރިހަމަ ނުކުރެވޭނަމަ، ހިތު ދަސްކުރާ ފިލާވަޅު ޞިފަކުރަން ދަރިވަރުންނަށް ދަތިވާނެއެވެ.

 

ބަލައިގެން ކިޔަވަން ނޭނގޭ ކުޑަ ކުދިންނަށް، އަދި ރަނގަޅަށް އަކުރުތަކާއި ފިލިތައް ކިޔަން ނޭނގޭ ކުދިންނަށް، ކީރިތި ޤުރްއާން ހިތު ދަސްކޮށްދިނުމަކީ ވެސް، ވަރަށް ރަނގަޅު ކަމެކެވެ. ނަމަވެސް އެކަންވެސް ކުރަންޖެހޭނީ، ހަރުދަނާ ތަރުތީބަކުން ކިރިތި ޤުރްއާން ބަލައިގެން ކިޔަވަން ދަސްކޮށްދެވޭ ގޮތަށެވެ. ކީރިތި ޤުރްއާން ބަލައިގެން ކިޔަވަން ނޭނގޭ ކުދިންނަށް، ނުބަލައި ކިޔަން ދަސްކޮށްދިނުމަށް ފަހު، ބަލައިގެން ކިޔަވަން ދަސްކޮށްދިނުމަށް، މާބޮޑު މަސައްކަތްތަކެއް ކުރާތަނެއް ނުފެނެއެވެ. ނުބަލައި ކިޔަން އެނގުމުން، ގިނަ މީހުން ޤަބޫލުކުރަނީ، ކީރިތި ޤުރްއާން ރަނގަޅަށް ދަސްވެއްޖެ ކަމަށެވެ. ނަމަވެސް ޙަޤީޤަތުގައި އެއީ ކީރިތި ޤުރްއާން ދަސްވުމެއް ނޫނެވެ.

 

 

ދިވެހި ރާއްޖޭގެ މިހާރުގެ ޙާލަތަށް ބަލާއިރު، ކީރިތި ޤުރްއާން އުނގެނި ދަސްކުރުމަކީ، ހަމައެކަނި ދުނިޔަވީ އެދުމެއް ޙާޞިލްކުރުމަށް ކުރާ ކަމަކަށް ވެއްޖެއެވެ. އަދި ކީރިތި ޤުރްއާން އުނގަންނައިދިނުމަކީ ވެސް، ހަމައެކަނި ދުނިޔަވީ ގޮތުން ބޮޑު ފައިދާއެއް ހޯދުމަށް، ކުރާ ކަމަކަށް ވެއްޖެއެވެ. ދެކޮޅުން ވެސް ފިތުނަވެރި ވެއްޖެއެވެ. އެކަމުގެ ސަބަބުން، ބެލެނިވެރިންނާއި ދަރިވަރުން އަދި މުދައްރިސުންވެސް، ކީރިތި ޤުރްއާން އުނގަންނައި ދިނުމުގައި، އެންމެ ރަނގަޅު ހޯދުމަށް މާބޮޑު މަސައްކަތްތަކެއް ނުކުރެއެވެ. ބެލެނިވެރިންނާއި ދަރިވަރުން ބޭނުންވަނީ އަވަސްއަވަހެވެ. މުދައްރިސުން ބޭނުންވަނީ، ދަރިވަރުންނާއި ބެލެނިވެރިން ރުހޭ ގޮތަކަށް ކިޔަވައިދީގެން، ފަސޭހައިން ފައިސާ ހޯދުމެވެ. މިކަމުގައި އެންމެ ރަނގަޅު ގޮތް ދެނެގަތުމަށް، ވާހަކަ ދެއްކުމަކީ ވެސް، ދިވެހި ރާއްޖޭގައި ބޮޑު ކުށެއް ފަދައެވެ. ސަބަބަކީ ކީރިތި ޤުރްއާން އުނގެނުމުގައި، ރަނގަޅު ގޮތާއި ރަނގަޅު މަގު ނުވަތަ ރަނގަޅު ތަރުތީބު އިޚްތިޔާރުކޮށްފިނަމަ، ލަސް ކަމެއް އަންނަ ކަމަށް، ޢާންމުކޮށް ފާހަގަކުރެވޭތީއެވެ. ނަމަވެސް އެ ލަސްކަމަކީ ޙަޤީޤަތުގައި، ވަޤުތީ ލަސްކަމެކެވެ.

 

ޚުލާޞާ

ކީރިތި ޤުރްއާން ނުބަލައި ކިޔަވަން ދަސްކުރުމުގައި، އެންމެ ރަނގަޅު ހަރުދަނާ ގޮތަކީ، ކީރިތި ޤުރްއާން ބިނާވެފައިވާ ތަރުތީބުން، އަކުރުން އަކުރަށް، ކަލިމައިން ކަލިމައަށް އަދި އާޔަތުން އާޔަތަށް ބިނާކުރަމުން، ބަލައިގެން ކިޔަވަން ދަސްކޮށް ފަރިތަކޮށް އާދަކުރުމުގެ ސަބަބުން، ނުބަލައި ކިޔަވަން އެނގޭ ގޮތަށް، ކީރިތި ޤުރްއާން ކިޔަވަން ދަސްކުރުމެވެ. އޭރުން ދަރިވަރުންނަށް، ކީރިތި ޤުރްއާން ދަސްވެގެންދާނީ، އެންމެ ފުރިހަމައަށެވެ. އަދި އެގޮތަށް ދަސްކުރުމަކީ، ހުރިހާ އެންމެންނާ ވެސް ގުޅޭ، ހުރިހާ ފެންވަރަކާވެސް ގުޅޭ، އެންމެ އެކަށީގެންވާ ހަމައެކަނި ގޮތެވެ.

 

ލިޔުނީ:- ޝުޢައިބު ޢަލީ

ކީރިތި ޤުރްއާނުގައިވާ ގޮތަށް، ކަލިމަތަކުގެ އަޞްލު ދަސްކުރެވޭ ގޮތަށް، ކީރިތި ޤުރްއާން ބަލައިގެން ކިޔަވަން ދަސްނުކޮށް، ނުބަލައި ކިޔަވަން ދަސްކުރުމަކީ ފިތުނައެކެވެ. — bayaanalquran.com