އިންސާނާ ހެދިބޮޑުވުމުގެ ޠަބީޢީ ތަރުތީބަށާއި ކީރިތި ޤުރްއާން ބިނާވެފައިވާ ޠަބީޢީ ތަރުތީބަށް ރިޢާޔަތްކޮށްގެން، ކީރިތި ޤުރްއާން ކިޔަވަން ދަސްކޮށްދިނުން

2026-09-01

އިންސާނާ ހެދިބޮޑުވުމުގެ ޠަބީޢީ ތަރުތީބަށާއި ކީރިތި ޤުރްއާން ބިނާވެފައިވާ ޠަބީޢީ ތަރުތީބަށް ރިޢާޔަތްކޮށްގެން، ކީރިތި ޤުރްއާން ކިޔަވަން ދަސްކޮށްދިނުން

 

އިންސާނާ ހެދި ބޮޑުވުމަކީ ވެސް ބިނާކުރެވޭ ބިނާކުރުމެކެވެ. އެކަމުގައި ވަނީ، އިންސާނާގެ ބާރު ނުފޯރާ ޤުދުރަތީ ގޮތުން އުފެދޭ އިޚްތިޔާރީ ތަރުތީބެކެވެ. ކީރިތި ޤުރްއާން ކިޔަވަން ދަސްކޮށްދިނުމަކީ ވެސް، ބިނާކުރެވޭ ބިނާކުރުމެކެވެ. ނަމަވެސް އެކަމުގައިވަނީ، އިންސާނާގެ ބާރު ފޯރުވޭނެފަދަ އިޚްތިޔާރީ ތަރުތީބެކެވެ. އެއީ ކީރިތި ޤުރްއާން ބިނާވެފައިވާ ތަރުތީބުން، އުފައްދަންޖެހޭ އިޚްތިޔާރީ ތަރުތީބެކެވެ. އެހެންވީމަ، އިންސާނާ ހެދި ބޮޑުވުމުގައި އަންނަ ތަރުތީބުން، އުނގަންނައި ދިނުމުގައި އެންމެ ކާމިޔާބު ތަރުތީބު ދެނެގަނެވޭނެއެވެ.

 

އިންސާނާގެ ހެދި ބޮޑުވުމުގައި އަންނަ ހުރިހާ މަރުޙަލާތަކެއްގައި ވެސް ފެށުމަކީ، އިންސާނާގެ އިޚްތިޔާރެވެ. ކުޑަ ކުއްޖާ ފިރުކެން ފަށަނީ، ވަށައިގެންވާ މާޙައުލުގައި އުޅޭ މީހުން ފިރުކޭތަން ފެންނާތީއެއް ނޫނެވެ. ނަމަވެސް ޤުދުރަތީ ގޮތުން އުފެދޭ އިޚްތިޔާރީ ރޫހެއްގެ ސަބަބުންނެވެ. ހަމަ އެގޮތަށް، ކީރިތި ޤުރްއާން އުނގަންނައިދިނުމުގެ ފެށުމަކީ ވެސް، ދަރިވަރުންގެ ކިބާގައި އިޚްތިޔާރުން ކިޔައިގަތުމުގެ ރޫޙެއް އުފެއްދުމެވެ. އާޔަތްތަކާއި ސޫރަތްތައް ތަކުރާރުކޮށް ކިޔައިދީގެން، އިޚްތިޔާރުން ކިޔައިގަތުމުގެ ރޫޙެއް ދަރިވަރުންގެ ކިބާގައި ނުއުފެއްދޭނެއެވެ. އެފަދަ ރޫޙެއް އުފެއްދޭނީ، އަކުރުން އަކުރަށް، ކަލިމައިން ކަލިމައަށް އަދި އާޔަތުން އާޔަތަށް، ކަނާތުން ވާތަށް ބިނާކުރަން ދަސްކޮށް ފަރިތަކޮށް އާދަކުރަން މަޖުބޫރުކޮށްގެންނެވެ.

 

ކީރިތި ޤުރްއާން ބިނާކުރަން ދަސްކުރުމަކީ، އަކުރާއި ފިލި ގުޅުވަމުން އަދި އަކުރު ގުޅުވަމުން ބިނާކުރަން ދަސްކުރުމެވެ. ކީރިތި ޤުރްއާން ބިނާކުރަމުން ކިޔުމަކީ، އަކުރުން އަކުރަށް، ކަލިމައިން ކަލިމައަށް އަދި އާޔަތުން އާޔަތަށް ކަނާތުން ވާތަށް ބިނާކުރަމުން ކިޔެވުމެވެ. ކީރިތި ޤުރްއާން ބިނާކޮށްގެން ކިޔުމަކީ، އާޔަތްތަކާއި ސޫރަތްތައް ކިޔުމެވެ.

 

ޤުރްއާން މުދައްރިސުން ތަމްރީނު ކުރުމުގައި، އިންސާނާ ހެދި ބޮޑުވުމާ ގުޅޭ ޢިލްމު ކިޔަވައިދެއެވެ. އެހެން ނަމަވެސް، އެ ކިޔަވައިދޭ ތިއަރީތަކާ ކީރިތި ޤުރްއާން އުނގަންނައިދިނުމާ ގުޅުވާލާކަށް ގިނަ މުދައްރިސުންނަކަށް ނޭނގެއެވެ.

 

އަޅުގަނޑުމެން ޓީޗިންގ ހެދިއިރު، ކިޔަވައިދިން މުދައްރިސުންނާ އެފަދަ ސުވާލުތައް ކުރިމަތިކުރަމެވެ. ނަމަވެސް އެކަށީގެންވާ ޖަވާބެއް ނުލިބެއެވެ. ނަމަވެސް ޙަޤީޤަތަކީ، ޤުރްއާން ޓީޗިންގ ގައި، ކިޔަވައިދޭ އެފަދަ ތިއަރީތަކަކީ، ކީރިތި ޤުރްއާން ކިޔަވަން ދަސްކޮށްދިނުމުގައިވެސް، ބޭނުންހިފޭ ތިއަރީތަކެއް ކަމެވެ. މައްސަލައަކީ، އެފަދަ ތިއަރީތަކާ ޤުރްއާން އުނގަންނައި ދިނުމާ ގުޅުވާލަންވީ ގޮތާއި ތަރުތީބު ނޭނގުމެވެ.

 

މި ލިޔުމުގައި އަޅުގަނޑު ފާހަގަ ކޮށްލާނީ، އިންސާނާ ހެދިބޮޑުވުމުގެ ޠަބީޢީ ތަރުތީބާއި ކީރިތި ޤުރްއާން ބިނާވެފައިވާ ޠަބީޢީ ތަރުތީބުގެ ގުޅުމެވެ.

 

އިންސާނާ ހެދި ބޮޑުވަމުން އަންނައިރު، އިންސާނާގެ އަމިއްލަ ފައިމައްޗަށް ތެދުވުމުގެ ފެށުމަކީ، ފިރުކެން ފެށުމެވެ. މިއީ އެއްވެސް ޝައްކެއް ނެތް މިންވަރަށް، އިންސާނާ ހެދި ބޮޑުވުމާ ގުޅޭ ހުރިހާ ތިއަރީއެއްގައިވެސް ޤަބޫލުކުރާ ހަމައެކެވެ. އަދި ޢާންމުކޮށް، މިއީ އެންމެންވެސް ޤަބޫލުކުރާނެ ކަމެކެވެ. އިންސާނާ ހެދި ބޮޑުވުމުގެ މި ތަރުތީބަށް، އިންކާރު ކުރާނެ، ހަމަ އެކަކުވެސް ނުހުންނާނެއެވެ.

 

 

ނަމަވެސް މިހުރިހާ ތިއަރީ ތަކެއް ކިޔަވައިގެން، ކީރިތި ޤުރްއާން ކިޔަވަން ދަސްކޮށްދިނުމަށް ޚާއްޞަވާ ޤުރްއާން މުދައްރިސުން އިސްކަން ދެނީ ދަރިވަރުންނަށް ވާނުވާ ނޭނގުނަސް، އާޔަތްތަކާއި ސޫރަތްތައް ކިޔައިދިނުމަށެވެ. ގިނަ މުދައްރިސުން އެގޮތަށް ޢަމަލުކުރަނީ، ޒިންމާއިން ސަލާމަތްވުމަށެވެ. ބޮލަށް ފަސޭހަކުރުމަށެވެ. ވަޤުތު ސަލާމަތް ކުރުމަށެވެ. ސަބަބަކީ، އެގޮތަށް ޤުރްއާން ކިޔަވަން ދަސްކޮށްދޭ ނަމަ، ކިރިޔާވެސް ދޫ ޙަރަކާތް ކުރެވޭ ކުއްޖާ ކިޔަވާނެތީއެވެ. އެކަމުގެ ސަބަބުން، ބެލެނިވެރިންނަށް ހީވާނީ، ހަމަ ޙަޤީޤަތުގައިވެސް، ދަރިވަރަށް ކުރިއެރުން ލިބެނީ ކަމަށެވެ. އެހެންވީމަ ޙަޤީޤަތުގައި، އެއީ އޮޅުވާލެވޭ ވަރަށް ބޮޑު އޮޅުވާލުމެކެވެ.

 

އިންސާނާ ހެދި ބޮޑުވަމުން އަންނަ ތަރުތީބަށް ބަލައިގެން، އިންސާނާ އުނގެނި ދަސްކުރާ ކޮންމެ ކަމެއް، އުނގެނި ދަސްކުރުމުގައިވެސް، ފިރުކޭ މަރުޙަލާއެއް ކަނޑައަޅައެވެ. ބޭނުމަކީ، އުނގެނޭ މީހާގެ ކިބާގައި، އޭނާގެ އަމިއްލަ އިޚްތިޔާރުން، އެ ދަސްކުރާ ކަމެއް، ޢަމަލީ ގޮތުން ކުރުމުގެ ރޫޙު އުފެއްދުމެވެ. ކުޑަ ކުއްޖާ އަމިއްލަ އިޚްތިޔާރުން، އަމިއްލަ ފައިމައްޗަށް ތެދުވެ ހިނގަން ފެށުމުގެ ކުރިން، ފިރުކޭ ފަދައިންނެވެ. އެ މަރުޙަލާ އުނިކޮށްފި ނަމަ، ކުޑަ ކުއްޖާއަށް އަމިއްލަ ފައި މައްޗަށް ތެދުވެ ހިނގުމަކީ، ފަސޭހަ ކަމަކަށް ނުވާނެއެވެ.

 

މިއަދު އަޅުގަނޑުމެންގެ ތެރޭގައި، އެންމެ ބޮޑަށް ދެކެވޭ ވާހަކައަކީ، ކީރިތި ޤުރްއާން ބަލައިގެން ކިޔަވަން، ދަރިވަރުން ނުފަރިތަ ވާހަކައެވެ. ބަލައިގެން ކިޔަވަން އުނދަގޫވާތީ ނުބަލައި ކިޔައިދިނުމުން، ފިލާވަޅު ދަސްވެއްޖެކަމަށް ނިންމައި ބެލެނިވެރިންނަށް އޮޅުވާލާ ވާހަކައެކެވެ. ބަލައިގެން ކިޔަވަން އުނދަގޫވާތީ ދިވެހި ބަހުން ޤުރްއާން ލިޔެދީގެން ކިޔަވައިދޭ ވާހަކައެވެ. މިއީ ކަންބޮޑު ވާންޖެހޭ ކަމެކެވެ. ޤުރްއާން އުނގަންނައިދިނުމުގެ ނަމުގައި، ކީރިތި ޤުރްއާން އޭގެ އަޞްލުން ބޭރުކުރާ ހިސާބަށް، ކަންކަން ދިއުމަކީ ވަރަށް ބޮޑު ފިތުނައެކެވެ.

 

އިންސާނާ ހެދި ބޮޑުވަމުން އަންނަ މަރުޙަލާތަކާއި، ކީރިތި ޤުރްއާން ކިޔަވަން ދަސްކޮށްދޭ މަރުޙަލާތައް، ވަރަށް ފުރިހަމައަށް ގުޅުވައިލެވިދާނެއެވެ. އެގޮތުން އިންސާނާގެ އަމިއްލަ ފައި މައްޗަށް ތެދުވެ ހިނގަން ފެށުމުގެ ކުރިން، ފިރުކޭ ފަދައިން، ކީރިތި ޤުރްއާނުގެ އާޔަތްތަކާއި ސޫރަތްތައް ކިޔަން ފެށުމުގެ ކުރިން، ކީރިތި ޤުރްއާން ކިޔަވަން ދަސްކުރުމުގައި ވެސް، ފިރުކޭ މަރުޙަލާއެއް ވެއެވެ. އެއީ ކީރިތި ޤުރްއާން ބިނާކުރަން ދަސްކުރާ މަރުޙަލާއެވެ. އެއަށްފަހު އަންނާނީ، ބިނާކުރަމުން ކަލިމަތަކާއި އާޔަތްތައް އަދި ސޫރަތްތައް ކިޔާ މަރުޙަލާއެވެ. އެއަށް ފަހު ދެން އަންނާނީ، ބިނާކުރަމުން ކަލިމަތަކާއި އާޔަތްތައް އަދި ސޫރަތްތައް ކިޔާ މަރުޙަލާއެވެ.

 

މުދައްރިސުންނާއި ބެލެނިވެރިން ބުނެދީބަލާށެވެ. ކީރިތި ޤުރްއާން އުނގަންނައި ދިނުމުގައި، މި ތަރުތީބުން، މި މަރުޙަލާތައް ފުރިހަމަކުރުމަށް، އިސްކަން ދެވޭ ހެއްޔެވެ؟ ދަރިވަރުންނަށް ކީރިތި ޤުރްއާން އުނދަގޫ ވާހަކަ އާއި ނޭނގޭ ވާހަކަ އަދި ދަރިވަރުންނަށް ކުރިއެރުން ނުލިބޭ ވާހަކަ ދެއްކުމުގެ ކުރިން، މިކަންކަން ފުރިހަމަ ކުރެވުނު ހެއްޔެވެ؟ ނުވަތަ މިކަންކަން ފުރިހަމަކުރުމަށް، މުދައްރިސުންނަށް އެއްބާރުލުން ދެވުނު ހެއްޔެވެ؟ މިކަންކަން ފުރިހަމަ ކުރުމަށް ދަރިވަރުންނަށް މަޖުބޫރުކުރެވުނު ހެއްޔެވެ؟

 

ޚުލާޞާ

 

ބިނާކުރަން ދަސްކޮށް ފަރިތަކޮށް އާދަކުރުމެއް ނެތި، ހަމައެކަނި އާޔަތްތަކާއި ސޫރަތްތައް ކިޔައިދިނުމަކީ، ކީރިތި ޤުރްއާން އުނގަންނައިދިނުމެއް ނޫނެވެ. އިންސާނާ ހެދި ބޮޑުވުމުގެ ތަރުތީބަށް ބަލާއިރު، ކީރިތި ޤުރްއާން އުނގަންނައި ދިނުމުގައި، ބިނާކުރަން ދަސްކޮށް ފަރިތަކޮށް އާދަކުރުމެއް ނެތި، ހަމައެކަނި އާޔަތްތަކާއި ސޫރަތްތައް ކިޔައިދިނުމަކީ، ހަމަޖެހޭ ގޮތެއް ނޫނެވެ.

 

އެހެންވީމަ، ކީރިތި ޤުރްއާން ކިޔަވަން ދަސްކުރުމުގެ ޙަޤީޤީ ތަރުތީބު ދޫކޮށް، އަވަހަށް އާޔަތްތަކާއި ސޫރަތްތައް ކިޔަން އިސްކަން ދިނުމަށްފަހު، ދަރިވަރުންނަށް ކީރިތި ޤުރްއާން އުނދަގޫ ވާހަކަ އާއި ދަރިވަރުންނަށް ކުރިއެރުން ނުލިބޭ ވާހަކަ ދެއްކުމުގެ ބޭނުމަކީ ކޮބައި ހެއްޔެވެ؟

 

އިންސާނާ ހެދިބޮޑުވުމުގެ ޠަބީޢީ ތަރުތީބަށާއި ކީރިތި ޤުރްއާން ބިނާވެފައިވާ ޠަބީޢީ ތަރުތީބަށް ރިޢާޔަތްކޮށްގެން، އަކުރުން އަކުރަށް، ކަލިމައިން ކަލިމައަށް އަދި އާޔަތުން އާޔަތަށް ބިނާކުރަން ދަސްކުރުމަށްފަހު، ބިނާކޮށްގެން ކަލިމަތަކާއި އާޔަތްތައް އަދި ސޫރަތްތައް ކިޔުމަށް، ދަރިވަރުންނަށް މަޖުބޫރުކުރިޔަސް، އެކަމާ ދެކޮޅަށް އެންމެ ފުރަތަމަވެސް ތެދުވަނީ، ގިނަ ފަހަރު ބެލެނިވެރިންނާއި ދަރިވަރުންނެވެ. އެހެންވީމަ ޤުރްއާން އުނގަންނައިދިނުން ހަރުދަނާކުރެވޭނީ، ބެލެނިވެރިންނާއި މުދައްރިސުންނަކީވެސް، ކީރިތި ޤުރްއާން އުނގަންނައިދިނުމުގެ ޢިލްމު ޙަޤީޤީ މާނާގައި އެނގޭ ބަޔަކަށް ވެގެންނެވެ.

 

ލިޔުނީ:- ޝުޢައިބު ޢަލީ

އިންސާނާ ހެދިބޮޑުވުމުގެ ޠަބީޢީ ތަރުތީބަށާއި ކީރިތި ޤުރްއާން ބިނާވެފައިވާ ޠަބީޢީ ތަރުތީބަށް ރިޢާޔަތްކޮށްގެން، ކީރިތި ޤުރްއާން ކިޔަވަން ދަސްކޮށްދިނުން — bayaanalquran.com