ގިނަ ދަރިވަރުންތަކެއް ބާކީވާގޮތަށް، ކީރިތި ޤުރްއާން އުނގަންނައި ދިނުމަކީ ހެދޭ ވަރަށް ބޮޑު ގޯހެކެވެ.

2026-08-31

ގިނަ ދަރިވަރުންތަކެއް ބާކީވާގޮތަށް، ކީރިތި ޤުރްއާން އުނގަންނައި ދިނުމަކީ ހެދޭ ވަރަށް ބޮޑު ގޯހެކެވެ.

 

މީގެ އަހަރުތަކެއް ކުރިން، ޤުރްއާން ކުލާހެއްގައި ކިޔަވައިދޭ މުދައްރިސުން ތަމްރީނުކުރުމަށް، އަޅުގަނޑު ހިންގި ޕްރޮގްރާމެކެވެ.

 

އެ ޕްރޮގްރާމު ފެށުމުގެ ކުރިން، މުދައްރިސުންގެ ފެންވަރު ހުރި ހިސާބު ދެނެގަތުމަށް، އަޅުގަނޑު ސުވާލުތަކެއް ކުރީމެވެ.

 

އެގޮތުން އަޅުގަނޑު ސުވާލުރީމެވެ.

 

ބަލައިގެން ކިޔަވަން ދަސްކުރާ ފިލާވަޅެއް ދަރިވަރުންނަށް ދަސްކޮށްދޭނީ ކިހިނެއް؟

 

ޖަވާބުގައި ހުރިހާ މުދައްރިސުންވެސް ބުނީ، މުދައްރިސުންގެ އަޑު ދަށުން ނުވަތަ މުދައްރިސް ކިޔައި ނިމުމުން ކިޔަންޖެހޭ ގޮތަށް ކިޔައިދޭނީ ކަމަށެވެ.

އެ ޖަވާބު ދިނުމުން، އަޅުގަނޑު އަނެއްކާވެސް ސުވާލުކުރީމެވެ. އެގޮތަށް ކިޔައިދޭނީ ކިހާ މިންވަރަކަށް ހެއްޔެވެ؟ ޢަދަދުން ބުނެދޭށޭވެ.

ޖަވާބުގައި ހުރިހާ މުދައްރިސުންވެސް ބުނީ، ދަރިވަރަށް ބަލައިގެން ކިޔަވަން ދަސްވަންދެން ކިޔައިދޭނީ ކަމަށެވެ.

އެ ޖަވާބު ދިނުމުން އަޅުގަނޑު އަނެއްކާވެސް ސުވާލުކުރީމެވެ. އެގޮތަށް މުދައްރިސުންގެ އަޑު ދަށުން ނުވަތަ މުދައްރިސް ކިޔައި ނިމުމުން ކިޔަންޖެހޭ ގޮތަށް ކިޔައިދީގެން، މުދައްރިސާއި ދަރިވަރު ވަރުބަލިވާއިރުވެސް، ދަރިވަރަށް ފިލާވަޅު ދަސްނުވެދާނެއެވެ. އެގޮތަށް ދިމާވެއްޖެނަމަ ދެން ޢަމަލުކުރާނި ކިހިނެއް؟

 

އެހާ ހިސާބުން، ހުރިހާ މުދައްރިސުން ހުއްޓުން އެރިއެވެ. އެ ސުވާލަށް ޖަވާބު ދިނުމަށް، އެ މުދައްރިސުން ފަސްޖެހުމުން، އެ މުދައްރިސުން އިތުރަށް ތަމްރީނުކުރުމުގެ ގޮތުން، ފަށަންޖެހޭ ހިސާބު ސާފުވީއެވެ.

 

އިތުރަށް އެއްވެސް ސުވާލެއް ނުކޮށް، ކީރިތި ޤުރްއާން ކިޔަވަން ދަސްކުރުމަށް ޚާއްޞަ ކިޔުމުގެ ތަމްރީނުތަކުގެ ގޮތުގައި، އަޅުގަނޑު އެކުލަވާލި ބައެއް ތަމްރީނުތައް، އެ މުދައްރިސުންނަށް ކިޔައިދިނީމެވެ. އެ ތަމްރީނުތަކަކީ:...

 

1- تَوْضِيحْ  - ކިޔުމުގައި ތަފްޞީލު ކުރުން.

2- حَرْفٌ بَعْدَ حَرْفٍ - ކަނާތުން ވާތަށް އަކުރަކަށްފަހު އަކުރެއް ގުޅުވުން ނުވަތަ އިތުރުކުރުން.

3- كَلِمَةٌ بَعْدَ كَلِمَةٍ  - ކަނާތުން ވާތަށް ކަލިމައަކަށް ފަހު ކަލިމައެއް ގުޅުވުން ނުވަތަ އިތުރުކުރުން.

4- آيـَـةٌ بَعْدَ آيَــةٍ  - ކަނާތުން ވާތަށް އާޔަތަކަށް ފަހު އާޔަތެއް ގުޅުވުން ނުވަތަ އިތުރުކުރުން.

6-  مُعَلِّمْ - ތަކުރާރުކުރަމުން ކިޔުން.

 

މި ތަމްރީނުތަކުގެ ތަޢާރަފެއް ދިނުމަށްފަހު، ކީރިތި ޤުރްއާން އުނގަންނައިދޭ މާޙައުލުގައި، މި ތަމްރީނުތައް ތަޖުރިބާކުރުމަށް، ދެ ހަފްތާގެ މުއްދަތެއް ދިނީމެވެ. ބޭނުމަކީ، މުދައްރިސުންނަށް ޖަވާބުދޭން ނޭނގުނު ސުވާލުގެ ޖަވާބު، ޢަމަލީގޮތުން ހޯދައި ވިސްނައިގަތުމަށް ފުރުޞަތު ދިނުމެވެ.

 

ދެ ހަފްތާގެ މުއްދަތަށް، އަޅުގަނޑު މަޝްވަރާދިން ގޮތަށް ކިޔަވައިދިނުމަށްފަހު، އަނެއްކާވެސް ބައްދަލުވުމެއް ބޭއްވުނެވެ.

އަޅުގަނޑު އޭގެ ދެ ހަފްތާ ކުރިން، އެ މުދައްރިސުންނާ ކުރި ސުވާލު އަނެއްކާވެސް ތަކުރާރުކުރީމެވެ.

އެ ސުވާލަކީ، މުދައްރިސުންގެ އަޑު ދަށުން ނުވަތަ މުދައްރިސް ކިޔައި ނިމުމުން ކިޔަންޖެހޭ ގޮތަށް ކިޔައިދީގެން، މުދައްރިސާއި ދަރިވަރު ވަރުބަލިވާއިރުވެސް، ދަރިވަރަށް ފިލާވަޅު ދަސްނުވެދާނެއެވެ. އެގޮތަށް ދިމާވެއްޖެ ނަމަ ދެން ޢަމަލުކުރާނި ކިހިނެއް؟

 

ޖަވާބުގައި ހުރިހާ މުދައްރިސުންވެސް، އެއް އަޑަކުން ބުނީ، އެގޮތަށް ކިޔަވަން ދަސްކޮށްދިނުން ރަނގަޅު ނުވާނެކަމަށެވެ. ކީރިތި ޤުރްއާން ބިނާވެފައިވާ ތަރުތީބުން، ފެށުންތައް ތަކުރާރުކުރެވޭ ގޮތަށް، އަކުރުން އަކުރަށް، ކަލިމައިން ކަލިމައަށް، އަދި އާޔަތުން އާޔަތަށް، ކީރިތި ޤުރްއާން ކިޔަވަން ދަސްކޮށްދެވޭ ނަމަ، އެފަދަ މައްސަލަތައް ކުރިމަތިނުވާނެ ކަމަށެވެ. އޭރުން ކޮންމެ ފިލާވަޅެއް ވެސް އެންމެ މަދުވެގެން ތަކުރާރު ކުރެވޭނީ، އެ ފިލާވަޅަކާ އެކަށީގެންވާ އެންމެ ފުރިހަމަ ޢަދަދަށެވެ. އަދި އެގޮތަށް ކިޔަވައިދިނުމުން، އަމިއްލައަށް ބިނާކުރަން ދަރިވަރުންނަށް އެނގޭނެކަމަށް ހުރިހާ މުދައްރިސުންވެސް އެއްބަސްވިއެވެ. އަދި އެގޮތަށް، ކިތަންމެ މަދުން ކިޔައިދެވުނަސް، އޭގެ ޒާތުގައި ކިޔައިދެވޭނީ، ވަރަށް ފުރިހަމައަށް ކަމަށް ޤަބޫލުކުރިއެވެ.

މިއީ އުނގަންނައި ދިނުމުގައި، ވިސްނައި ފިކުރުކުރާ މުދައްރިސުންނަށް ފަހުމުވާނެ ކަމެކެވެ. ހަމަ އެކަނި އާޔަތްތަކާއި ސޫރަތްތައް ކިޔައިދޭ މުދައްރިސުންނަށް، މިފަދަ ކަންކަން ފަހުމެއް ނުވާނެއެވެ.

 

ކީރިތި ޤުރްއާން ކިޔަވަން ދަސްކުރުމުގައި، ޤުރްއާން ބިނާވެފައިވާ ތަރުތީބުން ކިޔުމަށް، ޚާއްޞަ ތަމްރީނުތަކާ އެއްގޮތަށް ކިޔުމުގައި، ފުރަތަމަކޮޅުގައި ވަޤުތު ނެގުމަކީ ގާތް ކަމެކެވެ. ނަމަވެސް ފަރިތަވުމުން ވަރަށް ކުޑަ ވަޤުތުކޮޅެއްގެ ތެރޭގައި، އެ ހުރިހާ ތަމްރީނުތަކާ އެއްގޮތަށް، ފިލާވަޅު އެއްކޮށް ނިންމާލެވޭނެއެވެ. އަދި އެގޮތަށް ކިޔަވަން ދަސްކުރުމުން، ކީރިތި ޤުރްއާން ދަސްވެގެންދާނީ، އެންމެ ފުރިހަމައަށެވެ. ކީރިތި ޤުރްއާނުގެ ޠަބީޢަތާ ގުޅޭ ގޮތަށެވެ.

 

އެ މުދައްރިސުންނަށް، މި ބައިތައް ފަހުމުވުމުން، އަނެއްކާވެސް އިތުރު ސުވާލެއް އަޅުގަނޑު ކުރިމަތިކުރީމެވެ.

 

އެ ސުވާލަކީ....

 

މުދައްރިސުންގެ އަޑު ދަށުން ނުވަތަ މުދައްރިސް ކިޔައި ނިމުމުން ކިޔަންޖެހޭ ގޮތަށް ކިޔައިދީގެން، ގިނަ ދަރިވަރުންތަކަކަށް، ޤުރްއާން ކިޔަވަން ދަސްކުރުމަކީ، ވަރަށް އުނދަގޫ ކަމެކެވެ. ވޭތުވެދިޔަ ދެ ހަފްތާގެ ތެރޭގައި، ލިބުނު ތަޖުރިބާއަށް ވިސްނައި، މި ސުވާލުގެ ޖަވާބު ދިނުމަށް ބުނީމެވެ.

 

ހުރިހާ މުދައްރިސުންވެސް އެއް އަޑަކުން ބުނީ، އެންމެ ފުރަތަމަ އާޔަތް ނުވަތަ ސޫރަތް ކިޔައިދިނުމަކީ، ކީރިތި ޤުރްއާން އުނގަންނައިދިނުން ނޫންކަމަށް، މިހާރު ޤަބޫލުކުރެވިއްޖެ ކަމަށެވެ. ބައެއް ދަރިވަރުންނަށް އުނދަގޫ އެވަނީ ނުބައި ތަރުތީބަކުން އުނގަންނައިދޭތީ ކަމަށް، ހުރިހާ މުދައްރިސުން ވެސް އެއްބަސްވިއެވެ. އަދި ޤުރްއާން ކިޔަވަން ދަސްކުރަން އުނދަގޫވެ، ދިވެހި ބަހުން ޤުރްއާން ލިޔެދީގެން ކިޔަވައިދޭން ޖެހޭ ހިސާބަށް ދަނީ، ކީރިތި ޤުރްއާން ބިނާވެފައިވާ ތަރުތީބުން، ޤުރްއާން އުނގަންނައި ދިނުމުގެ ބަދަލުގައި، ހަމައެކަނި އާޔަތްތަކާއި ސޫރަތްތައް، އަޑު ދަށުން ކިޔައިދިނުމަށް އިސްކަންދޭތީކަމަށް، ހުރިހާ މުދައްރިސުން ވެސް ޤަބޫލުކުރިއެވެ.

 

ޚުލާޞާ

ދިވެހި ރާއްޖޭގައި، ޤުރްއާން މުދައްރިސުން ތަމްރީނު ކުރާ ގޮތް ބަދަލުކޮށް، އިތުރަށް ހަރުދަނާ ކުރަންޖެހެއެވެ. ޓީޗިންގ ހަދާ ގިނަ މުދައްރިސުންނަށް، އެނގެނީ އެންމެ ކަމެކެވެ. އެއީ ހަމައެކަނި އަޑު ދަށުން ކިޔައިދިނުމެވެ. އެގޮތަށް ކިޔައިދިނުމުގެ ސަބަބުން، ނޭނގޭ ކުދިން ތިބެނީ އެއްކޮށް ބާކީވެފައެވެ. ބަދަލު ވެގެންދަނީ، އިތުރަށް ނޭނގޭ ބަޔަކަށެވެ. އަދި އެގޮތަށް އާޔަތްތަކާއި ސޫރަތްތައް ކިޔައިދީގެން، ވަޤުތީގޮތުން ދަސްވާ ކުދިންނަށް ވެސް، ވާނުވާ ނޭނގެއެވެ. އަވަހަށް ހަނދާން ނެތިގެންދެއެވެ. ޤުރްއާން ޓީޗިންގ ހަދާ ގިނަ މުދައްރިސުންނަށް، ޓެކްނިކަލީ ޤުރްއާނާ ގުޅޭ ޚާއްޞަ ތަރުތީބުން، ޤުރްއާން ކިޔަވައިދޭކަށް ނޭނގެއެވެ. މިއީ ކީރިތި އުނގަންނައި ދިނުމުގައި ކުރިމަތިވެފައިވާ ވަރަށް ބޮޑު އުނިކަމެކެވެ. ބެލެނިވެރިންގެ ކަންބޮޑުވުމެކެވެ. ހަމައެކަނި މޮޅު ކުއްޖާ މޮޅުވާގޮތަށް، ދަށް ކުދިން އިތުރަށް ދަށްވާގޮތަށް އުނގަންނައިދިނުމަކީ، ޙަޤީޤީ މާނާގައި އުނގަންނައިދިނުމެވެ.

 

އުނގަންނައި ދިނުމުގެ މާނައަކީ، އެނގޭ ބަޔަކަށް އުނގަންނައި ދިނުމެއް ނޫނެވެ. ނުވަތަ އެނގޭ ބަޔަކަށް ޚާއްޞަވާ ގޮތަށް އުނގަންނައި ދިނުމެއް ނޫނެވެ. ޙަޤީޤީ މާނާގައި އުނގަންނައި ދިނުމަކީ، ނޭނގޭ ބަޔަކަށް އުނގަންނައިދިނުމެވެ. ނޭނގޭ ބަޔަކު، އިތުރަށް ކުރިއަށް ގެންދެވޭ ގޮތަށް އުނގަންނައި ދިނުމެވެ. ކީރިތި ޤުރްއާން މަޖުބޫރު މާއްދާއަކަށް ހެދުމާއެކު، މުދައްރިސުންނަށް ވަރަށް ގިނަ ދަތިތަކާ ކުރިމަތިވާނެއެވެ. އެކަންކަމުން ސަލާމަތްވާން ބޭނުންވާނަމަ، ކީރިތި ޤުރްއާން އުނގަންނައި ދިނުމުގައި، ކީރިތި ޤުރްއާން ބިނާވެފައިވާ ޠަބީޢީ ތަރުތީބު އިޚްތިޔާރުކުރަން ޖެހެއެވެ.

 

ލިޔުނީ:- ޝުޢައިބު ޢަލީ