ކީރިތި ޤުރްއާނަކީ، ކިޔަވަން ދަސްކުރަން އުނދަގޫ ފޮތެއް ކަމަށް ޞިފަކުރުމަކީ، ކީރިތި ޤުރްއާނާ ދެކޮޅަށް ކުރެވޭ ފިކުރީ ހަނގުރާމައެކެވެ.

2026-08-30

ކީރިތި ޤުރްއާނަކީ، ކިޔަވަން ދަސްކުރަން އުނދަގޫ ފޮތެއް ކަމަށް ޞިފަކުރުމަކީ، ކީރިތި ޤުރްއާނާ ދެކޮޅަށް ކުރެވޭ ފިކުރީ ހަނގުރާމައެކެވެ. އެއީ ކީރިތި ޤުރްއާނަށް ޢަމަލުކުރުން، އުނދަގޫ ކަމެއްގެ ގޮތުގައި ޞިފަކޮށްދިނުމަށް، އަޅާ އެންމެ ފުރަތަމަ ފިޔަވަޅެވެ.

 

 

ކީރިތި ޤުރްއާން ކިޔަވަން ދަސްކުރާ ގިނަބަޔަކަށް، ކީރިތި ޤުރްއާން ދަސްކުރުމަށާއި ކީރިތި ޤުރްއާން ކިޔަވަން އުނދަގޫވާކަން އެނގުނު ހިސާބުން، ކީރިތި ޤުރްއާން ކިޔަވަން ދަސްކުރާނެ ގޮތާއި ތަރުތީބަށް ޚާއްޞަކޮށްގެން، އަޅުގަނޑު މަޢުލޫމާތު ލިޔަން ފެށީމެވެ. އަދި ދިވެހި ރާއްޖޭގެ އެކި ރަށްތަކަށް ދަތުރުކޮށް، އެ ރަށްރަށުގައި ޤުރްއާން އުނގަންނައި ދިނުމުގެ ކަންކަން ކުރިއަށްދާ ގޮތް ބަލައި ދިރާސާކޮށް ހުރި މައްސަލަތައް ފާހަގަކުރީމެވެ. އަދި ކީރިތި ޤުރްއާން އުނގަންނައިދިނުމުގައި ހުރި މައްސަލަތައް ޙައްލުކުރުމުގެ މަސައްކަތް ފެށީމެވެ.

 

އަޅުގަނޑަށް ފާހަގަކުރެވުނީ، ގިނަ ބަޔަކު ދިރިއުޅޭ ރަށްރަށުން ވެސް،  ކީރިތި ޤުރްއާނުން ކުރިއެރުން ލިބޭ ކުދިން މަދުކަމެވެ. އެކަމުގެ ސަބަބުން، ގިނަ ބަޔަކަށް ހީވެފައި އޮންނަނީ، ކީރިތި ޤުރްއާން ކިޔަވަން ދަސްކުރުމަކީ، ވަރަށް އުނދަގޫ ކަމެއް ކަމެއްގެ ގޮތުގައެވެ. ޙަޤީޤަތުގައި، ކީރިތި ޤުރްއާން އުނގެނި ދަސްކުރުން އުނދަގޫ ވަނީ އެއް ނޫނެވެ. ނަމަވެސް، ދަސްކުރަންވީ ގޮތާއި ތަރުތީބު ނޭނގި ނުވަތަ އެއްވެސް ތަރުތީބެއް ނެތި، އާޔަތްތަކާއި ސޫރަތްތައް ކިޔަން ފެށުމުން، ގިނަ ބަޔަކަށް ދަސްކުރަން އުނދަގޫވަނީއެވެ. އެކަމުގެ ސަބަބުން، ކީރިތި ޤުރްއާނުން ކުރިއެރުން ލިބޭނީ، ވަރަށް މަދު ކުއްޖަކަށެވެ.

 

މިކަންކަން ބަލައި ދިރާސާކުރުމުގައި، އަޅުގަނޑު އެންމެ ބޮޑަށް އަޅައިގަތް އެއްކަމަކީ، ދިވެހި ރާއްޖެ އިސްލާމްވުމަށް ފަހު، އެހާ ގިނަދުވަސްތަކެއް ވެގެން ދިޔައިރުވެސް،  ކީރިތި ޤުރްއާން ކިޔަވަން ދަސްކުރާނެ ގޮތާއި ތަރުތީބު، ޤުރްއާނާ މުނާސަބު ތަރުތީބަކުން، ބުނެދީފައިވާ ޚާއްޞަ އެއްވެސް ލިޔުމެއް ނެތުމެވެ. އެހާ ގިނަ ބަޔަކަށް، ކީރިތި ޤުރްއާން ކިޔަވަން ދަސްކުރަން އުނދަގޫވުމާއި، ބަލައިގެން ކިޔަވަން ދަސްކުރާ ކުދިން އަވަހަށް ހަނދާން ނެތުމާއި، ޤުރްއާން އުނގެނުމުގައްޔާއި އުނގަންނައި ދިނުމުގައި، ކުރިއަށް ދާންވީ ގޮތް ނޭނގި، ދިވެހި އަކުރުތަކާއި ފިލިތަކުން، ޤުރްއާން ލިޔެދީގެން ކިޔަވަންޖެހޭ ނުވަތަ ކިޔަވައިދޭންޖެހޭ ހިސާބަށް ޙާލަތު ދިޔައިރުވެސް، ކީރިތި ޤުރްއާން ކިޔަވަން ދަސްކުރަންވީ ގޮތާއި ތަރުތީބެއް އަދި ގުޅޭ މަޢުލޫމާތުތަކެއް، ލިޔެވިފައި ނެތުމުން އޭރު އަޅުގަނޑުވެސް ވަރަށް އަޖައިބު ވިއެވެ.

 

ފަހުން އަޅުގަނޑުގެ ހިތުގައި އުފެދުނު ސުވާލުތަކަށް ޖަވާބު ލިބުނެވެ. ކީރިތި ޤުރްއާން ކިޔަވަން ދަސްކުރުމަށް ޚާއްޞަ ތަރުތީބާއި މަޢުލޫމާތުތައް އެކުލަވާލައި، ޢާންމުކުރަން ފެށުމާއެކު، އަޅުގަނޑަށް ކުރިމަތިވި ގޮންޖެހުންތަކުގެ ސަބަބުން، އެނގިގެން ދިޔައީ، ކީރިތި ޤުރްއާން ކިޔަވަން ދަސްކުރުމަކީ، ވަރަށް އުނދަގޫ ކަމެއްގެ ގޮތުގައި، މީސްތަކުންނަށް ވިސްނައިދީގެން، ކީރިތި ޤުރްއާނާ މީސްތަކުން ދުރުކުރުމަކީ، ވަކި ކަހަލަ ބަޔަކު އަޑީގައި ތިބެގެން ކުރާ ކަމެއްކަމެވެ. އޭރުން އެ މީހުން ބޭނުންވާ ގޮތަށް، ކީރިތި ޤުރްއާނާ ބީރައްޓެހި ޖީލެއް އުފެދޭނެއެވެ.

 

ކީރިތި ޤުރްއާނަކީ، ކިޔަވަން އުނދަގޫ ފޮތެއްކަމަށް ވިސްނައިދިނުމަކީ، އެފޮތާ އެއްގޮތަށް ޢަމަލުކުރުން އުނދަގޫކަމެއްކަމަށް، ވިސްނައިދިނުމުގެ ފެށުމެވެ. ހިތާމައަކީ މިކަމުގައި، ދީނީ ވިސްނުމުގެ ބަޔަކުވެސް އަޑީގައި ތިބުމެވެ. ޤުރްއާނުގެ ދާއިރާގައި މަސައްކަތް ކުރާ ބަޔަކުވެސް އަޑީގައި ތިބުމެވެ. ޤުރްއާނުގެ ދާއިރާގައި މަސައްކަތް ކުރާ ބައެއް މީހުންގެ ބޭނުމަކީ، ވިޔަފާރި އުޞޫލުން ޤުރްއާން ކިޔަވަން ދަސްކޮށްދިނުމެވެ. އެކަން ކުރެވޭނީ، އެމީހުން ކައިރިއަށް، ގިނަގިނައިން އަންނަން ޖެހޭ ގޮތަށް، ޤުރްއާން  އުނގަންނައި ދީގެންނެވެ. ކީރިތި ޤުރްއާން ބިނާވެފައިވާ ތަރުތީބުން، ޤުރްއާން އުނގެނި ދަސްކޮށްފި ނަމަ، މުޅި ޢުމުރު ޤުރްއާން ކިޔަވަން ދަސްކުރުމުގައި، ހޭދަކުރާކަށް ނުޖެހޭނެއެވެ. އިންޝާﷲ. އޭރުން ސްކޫލް މަރުޙަލާ ނިމޭއިރު ކޮންމެ ދަރިވަރަކަށް ވެސް، ވަރަށް ރަނގަޅަށް، ކީރިތި ޤުރްއާން ކިޔެވުމުގެ ޢިލްމު އެނގޭނެއެވެ. ދެން ބާކީ ޢުމުރުގައި އޮތް ދުވަސްތަކުގައި، ކީރިތި ޤުރްއާނުގެ މާނައަށް ބަލައި، ވިސްނައި ފިކުރުކުރަން ވަޤުތު ލިބޭނެއެވެ.

 

ކީރިތި ޤުރްއާން ބިނާވެފައިވާ ތަރުތީބުން، ކީރިތި ޤުރްއާން ކިޔަވަން ދަސްކުރާ ގިނަ ކުދިން ވެގެންދާނީ، ކީރިތި ޤުރްއާނާ ވަރަށް ގާތް ބަޔަކަށެވެ. އެކަމުގެ ސަބަބުން، ކީރިތި ޤުރްއާން ކިޔަވަން ދަސްވުމުން، ކީރިތި ޤުރްއާނުގެ މާނަ ދެނެގަތުމަށް، އެފަދަ ކުދިން މަސައްކަތް ކުރުމަކީ ވަރަށް ގާތް ކަމެކެވެ. ކީރިތި ޤުރްއާން ކިޔަވަން ދަސްކުރުން އުނދަގޫކޮށް، ކީރިތި ޤުރްއާން ކިޔަވަން ދަސްކުރުމަކީ، އުނދަގޫ ކަމެއް ކަމަށް ވިސްނައިދީގެން، ބަޔަކު މަސައްކަތް ކުރަނީ، އެގޮތަށް ވެސް، ދަރިވަރުން ކީރިތި ޤުރްއާނާ ގާތްވިޔަ ނުދިނުމަށެވެ.

 

 

ކީރިތި ޤުރްއާން ކިޔަވަން ދަސްކުރުން ފަސޭހަކޮށް އިތުރަށް ހަރުދަނާކުރުމާ ދެކޮޅަށް އެންމެ ގިނައިން ވާހަކަ ދައްކަނީ، އިސްލާމް ދީނުގެ ޢަދުއްވުންނެވެ. ބޭނުމަކީ އިސްލާމް ދީނުގެ ފުރަތަމަ މަސްދަރަކީ، މުސްލިމުންނާ ބީރައްޓެހި މަސްދަރަކަށް ހެދުމެވެ. އެކަމުގެ ސަބަބުން، އެމީހުން ބޭނުންވާ ކަހަލަ ބަޔަކު އުފެއްދޭނެއެވެ.

 

ކީރިތި ޤުރްއާން ކިޔަވަން ދަސްކުރުން ހަރުދަނާކޮށް، ވަކި ތަރުތީބަކުން އުނގަންނައިދިނުމަކީ، ކީރިތި ޤުރްއާން އުނގެނި ދަސްކުރުން ފަސޭހަވާނެ ސަބަބެކެވެ. އެކަމުގެ ސަބަބުން، ކީރިތި ޤުރްއާން ކިޔަވަން ދަސްކުރަން މަސައްކަތް ކުރާ ކޮންމެ މީހަކަށް ވެސް ފަސޭހަ ވެގެންދާނެއެވެ. މީސްތަކުންނަށް ކީރިތި ޤުރްއާން ކިޔަވަން ދަސްކުރުން ފަސޭހަކުރުމަކީ، ޤުރްއާން މުދައްރިސުންގެ ބޮލުގައި އެޅިފައިވާ ދީނީ ވާޖިބެކެވެ. ކީރިތި ޤުރްއާނަކީ އުނދަގޫ ފޮތެއް ކަމަށް ޞިފަކޮށްގެން، ކީރިތި ޤުރްއާނާ މީސްތަކުން ދުރަށް ޖެއްސުމަށް، މަސައްކަތް ކުރާ މީހުންނާ ދެކޮޅަށް ތެދުވާންޖެހޭ ބަޔަކީ، ޤުރްއާން މުދައްރިސުންނެވެ.

 

 

ލިޔުނީ:- ޝުޢައިބު ޢަލީ