ކީރިތި ޤުރްއާން ކިޔަވަން ދަސްކޮށްދިނުމާއި އަޑާއި ރާގު ދަސްކޮށްދިނުން

2026-08-25

ކީރިތި ޤުރްއާން ކިޔަވަން ދަސްކޮށްދިނުމާއި އަޑާއި ރާގު ދަސްކޮށްދިނުން

 

ކީރިތި ޤުރްއާން ކިޔަވަން ދަސްކޮށްދިނުން

 

ކީރިތި ޤުރްއާން ކިޔަވަން ދަސްކޮށްދިނުމަކީ، އަކުރުން އަކުރަށް، ކަލިމައިން ކަލިމައަށް އަދި އާޔަތުން އާޔަތަށް، ކީރިތި ޤުރްއާން ބިނާވެފައިވާ ތަރުތީބުން، ބިނާކުރަން ދަސްކޮށްދިނުމެވެ.

 

އަޑާއި ރާގު ދަސްކޮށްދިނުން

 

އަޑާއި ރާގު ދަސްކޮށްދިނުމަކީ، އަކުރުން އަކުރަށް ކަލިމައިން ކަލިމައަށް، އަދި އާޔަތުން އާޔަތަށް ބިނާކުރުމުގައި، ކީރިތި ޤުރްއާނާ މުނާސަބު ރާގެއް ދަސްކޮށްދިނުމެވެ. ކީރިތި ޤުރްއާން ކިޔަވަން ދަސްކޮށްދިނުމުގައި، އަޑާއި ރާގު ދަސްކުރަން ފަށާ މަރުޙަލާއަކީ، ކަލިމަ ދަސްކުރަން ފަށާ މަރުޙަލާއެވެ. ކީރިތި ޤުރްއާން ބިނާކުރުމުގައި، އަކުރު އިތުރުވާ ވަރަކަށް، ރާގު އުފެއްދުމަށާއި ރާގު ޘާބިތުކުރުމަށް ފަސޭހަވާނެއެވެ.

 

 

ކީރިތި ޤުރްއާން ބިނާކުރަން ނޭނގޭ ދަރިވަރުންނަށް އާޑާއި ރާގު ދަސްކޮށްދިނުމަކީ ފިތުނައެއް

 

 

ކީރިތި ޤުރްއާން އުނގަންނައިދިނުމުގެ ނަމުގައި، ކިޔާ އެއް އާޔަތެއް ނުވަތަ ކިޔާ އެއް ސޫރަތެއް ތަކުރާރުކޮށް ކިޔައިދިނުމުން، ދަރިވަރުންނަށް ވަޤުތީ ގޮތުން، ކިޔަން އެނގޭތީ، ގިނަ މީހުންނަށް ޤަބޫލުކުރެވެނީ، އެއީ ކީރިތި ޤުރްއާން އުނގެނި ދަސްކުރުން ކަމަށެވެ. އަދި އެކަމުގެ ސަބަބުން، އަކުރުން އަކުރަށް، ކަލިމައިން ކަލިމައަށް، އަދި އާޔަތުން އާޔަތަށް ބިނާކުރަމުން، ކީރިތި ޤުރްއާން ކިޔަވަން ދަސްކުރުން ގިނަ މީހުން ދޫކޮށްލައެވެ.

 

 

އަކުރުން އަކުރަށް، ކަލިމައިން ކަލިމައަށް، އަދި އާޔަތުން އާޔަތަށް، ބިނާކުރަން ނޭނގޭ ދަރިވަރުންނަށް، ނުވަތަ އެގޮތަށް ބިނާކުރަން އިސްކަން ނުދީ، އަޑާއި ރާގު ދަސްކޮށްދިނުމަށް، އާޔަތްތަކާއި ސޫރަތްތައް ކިޔައިދިނުމަކީ، ކީރިތި ޤުރްއާން އުނގެނި ދަސްކުރުމުގެ އަޞްލު އޮޅި، ކީރިތި ޤުރްއާން އުނގެނި ދަސްކުރުމުގެ މަޤްޞަދާ ޚިލާފުވެވޭނެ ސަބަބަކެވެ. އެއީ ވަރަށް ބޮޑު ފިތުނައެކެވެ.

 

 

ރާގު ދަސްކޮށްދިނުމުގެ ނަމުގައި، ތަކުރާރުކޮށް ކިޔާ އެއް އާޔަތެއް ނުވަތަ އެއް ސޫރަތެއް ކިޔައިދިނުމުން، ދަރިވަރުން އެ އާޔަތްތަކާއި ސޫރަތްތަކަށް ފަރިތަވެދާނެއެވެ. އެކަމުގެ ސަބަބުން، ކީރިތި ޤުރްއާން އުނގަންނައި ދިނުމުގެ ޢިލްމު ނެތް މީހުންނަށް ހީވާނީ، އެއީ ޤުރްއާން ރަނގަޅަށް ދަސްވުން ކަމަށެވެ. ނަމަވެސް އެއީ ވާނުވާ ނޭނގޭ، އެކަމަކު ވާހަކަ ދައްކަން އެނގޭ ކުޑަ ކުއްޖާއަށް ވެސް، ތަކުރާރުކޮށް ކިޔައިދޭނަމަ، ޙާޞިލްވާނެ މިންވަރެކެވެ. ތަކުރާރުކޮށް އާޔަތްތަކާއި ސޫރަތްތައް ކިޔައިދިނުމުން، ދަރިވަރުންނަށް އެ އާޔަތްތަކާއި ސޫރަތްތައް ދަސްވާނީ، ވަޤުތީ ދަސްކުރުމެއް ގޮތަށެވެ. ދާއިމީ ގޮތަކަށް ދަސްކުރެވޭނީ، ވާނުވާ އެނގިގެން ދަސްކުރާނަމައެވެ. ވާނުވާ އެނގޭ ގޮތަށް، ކީރިތި ޤުރްއާން ދަސްކުރެވޭނީ، އަކުރުން އަކުރަށް، ކަލިމައިން ކަލިމައަށް، އަދި އާޔަތުން އާޔަތަށް، ބިނާކުރަން ދަސްކޮށް ފަރިތަކޮށް އާދަކޮށްގެންނެވެ.

 

 

 

އެހެންވީމަ، އަކުރުން އަކުރަށް ކަލިމައިން ކަލިމައަށް، އަދި އާޔަތުން އާޔަތަށް ބިނާކުރަން ނޭނގޭ ދަރިވަރުންނަށް، ކީރިތި ޤުރްއާނުގެ އާޔަތްތަކާއި ސޫރަތްތައް ތަކުރާރުކޮށް މީހަކު ކިޔައިދިނުމުން، ފަރިތަކޮށް ކިޔުމަކީ ވެދާނެކަމެކެވެ. ނަމަވެސް އެއީ، ކީރިތި ޤުރްއާން ކިޔެވުމުގެ ޢިލްމު އެނގޭ ކަމުގެ ޢަލާމާތެއް ނޫނެވެ. ނުވަތަ ވާނުވާ އެނގިގެން ކީރިތި ޤުރްއާން ކިޔަވާ ކަމުގެ ޢަލާމާތެއް ނޫނެވެ.

 

 

އެންމެ ރަނގަޅު ގޮތަކީ، އަކުރުން އަކުރަށް ކަލިމައިން ކަލިމައަށް، އަދި އާޔަތުން އާޔަތަށް ބިނާކުރަމުން، ރީތިކޮށް ރާގަށް ކިޔަވަން ދަސްކުރުމެވެ. އޭރުން ކީރިތި ޤުރްއާން ކިޔަވަން ދަސްކުރެވޭނީ، އެންމެ ފުރިހަމައަށެވެ. ރީތިކޮށް ރާގަށް ކިޔަވަން ދަސްކުރުމުގެ ފެށުމަކީ ވެސް އެއީއެވެ.

 

 

ލިޔުނީ:- ޝުޢައިބު ޢަލީ