ކީރިތި ޤުރްއާން އުނގެނި ދަސްކުރުމުގައި އަންނަ ފެށުންތަކާއި ޢަރަބި ބަހުގެ ޤަޥާޢިދު ދަސްކުރުމުގެ ފެށުން

2026-08-20

ކީރިތި ޤުރްއާން އުނގެނި ދަސްކުރުމުގައި އަންނަ ފެށުންތަކާއި ޢަރަބި ބަހުގެ ޤަޥާޢިދު ދަސްކުރުމުގެ ފެށުން

 

- ކީރިތި ޤުރްއާން އުނގެނި ދަސްކުރުމުގައި އަންނަ ފެށުންތަކާއި، ޢަރަބި ބަހުގެ ޤަޥާޢިދު ދަސްކުރުމުގައި އަންނަ ފެށުންތަކަކީ، ވަރަށް ގުޅުން ބޮޑު، ވަކި ނުކުރެވޭނެ ބައިތަކެކެވެ.

- ކީރިތި ޤުރްއާން އުނގެނި ދަސްކުރުމުގައި، އަންނަ ފެށުންތައް ފަރިތަކުރުމަކީ، ޢަރަބި ބަހުގެ ޤަޥާޢިދުތައް ދަސްކުރުމުގައި، އެންމެ ފުރަތަމަ ފިޔަވަޅެވެ.

- ޢަރަބި ނޫން މީހުންނަށް، ޢަރަބި ބަހުގެ ޤަޥާޢިދު ދަސްކުރުމުގެ ފެށުމަކީ، ކީރިތި ޤުރްއާން ކިޔަވަން ދަސްކުރުމުގައި އަންނަ ފެށުންތަކެވެ.

-  ނަމަވެސް ޢަރަބީންނަށް، ޢަރަބި ބަހުގެ ޤަޥާޢިދު ދަސްކުރުމުގެ ފެށުމަކީ، ޢަރަބީންގެ މާދަރީބަސް ދަސްކުރުމުގައި އަންނަ، ޚާއްޞަ ފެށުންތަކެވެ.

- އޭގެ ތެރޭގައި، ކީރިތި ޤުރްއާން ކިޔަވަން ދަސްކުރުމުގައި އަންނަ ފެށުންތައް ވެސް ހިމެނެއެވެ.

- ޢަރަބީންނަށް އެމީހުން ދިރިއުޅޭ މާޙައުލުގެ ތެރެއިން، ޢަރަބި ބަހުން ވާހަކަ ދައްކަން އެނގޭނެއެވެ.

- އަދި ޢަރަބީންގެ އަމިއްލަ މާދަރީބަސް ދަސްކުރުމުގެ ތެރެއިން، ޢަރަބި ބަހުގެ ޤަޥާޢިދުތަކާއި، ކީރިތި ޤުރްއާން އުނގެނި ދަސްކުރުމުގައި، އަންނަ ޚާއްޞަ ފެށުންތައް ޢަރަބީންނަށް ދަސްކުރެވޭނެއެވެ.

- އެހެން ނަމަވެސް، ޢަރަބި ނޫން މީހުންނަށް، އެގޮތަކަށް އެކަމެއް ނުކުރެވޭނެއެވެ.

- ޢަރަބި ނޫން މީހުންނަށް، ޢަރަބި ނޭނގުނަސް، ވަރަށް ޅަޢުމުރުގައި، ކީރިތި ޤުރްއާން ކިޔަވަން ދަސްކުރަން ފަށާނެއެވެ.

- ސަބަބަކީ އަޅުކަންތައް އަދާކުރުމަށް، ތައްޔާރުވުމަށް، އެކަން ކޮންމެހެންވެސް ކުރަންޖެހޭތީއެވެ.

- އެހެންވެ އެކަމުގެ ސަބަބުން، ޢަރަބި ނޫން މީހުންނަށް މުހިންމު ވާނީ، އެންމެ ފުރަތަމަ، ޤުރްއާން ކިޔެވުމުގައި އަންނަ ފެށުންތައް ފަރިތަކުރުމެވެ.

- ނަތީޖާއެއްގެ ގޮތުން، ޢަރަބި ބަހުގެ ޤަޥާޢިދު ދަސްކުރުމުގައި، އަންނަ ގިނަ ފެށުންތައް ފުރިހަމަކުރެވި، ބާކީ ހުރި ފެށުންތަކަށް ވެސް ތައްޔާރު ވެވޭނެއެވެ.

- ޢަރަބި ބަހުގެ ޤަޥާޢިދު ދަސްކުރުމުގައި، އެންމެ މުހިންމު ފެށުމަކީ، ކިޔައިގަންނަން އެނގުމެވެ.

- ޢަރަބި ނޫން މީހުންނަށް، އެކަން އެންމެ ފުރިހަމައަށް ޙާޞިލްކުރެވޭނީ، ކީރިތި ޤުރްއާން އުނގެނި ދަސްކުރުމުގެ ތެރެއިންނެވެ.

 

ކީރިތި ޤުރްއާން އުނގެނި ދަސްކުރުމުގައި އަންނަ ފެށުންތަކާއި، ޢަރަބި ބަހުގެ ޤަޥާޢިދު އުނގެނި ދަސްކުރުމުގައި އަންނަ ފެށުންތައް

ކީރިތި ޤުރްއާން އުނގެނި ދަސްކުރުމުގައި އަންނަ ފެށުންތައް

ޢަރަބި ބަހުގެ ޤަޥާޢިދު އުނގެނި ދަސްކުރުމުގައި އަންނަ ފެށުންތައް

1- ޤުރްއާން ބިނާކުރުމުގައި ފެށުން. 1- ޢަރަބި ބަހުގެ ޤަޥާޢިދު ދަސްކުރުމުގައި ފެށުން.
2- ތަޖުވީދު ޢިލްމު ބިނާކުރުމުގައި ފެށުން. 2- ޢަރަބި ބަސް ބިނާކުރުމުގައި ފެށުން.
3- އަކުރު ބިނާކުރުމުގައި ފެށުން. 3- ޢަރަބި ބަހުގެ ތަޖުވީދު ޢިލްމު ބިނާކުރުމުގައި ފެށުން.
4- ކަލިމަ ބިނާކުރުމުގައި ފެށުން. 4- އަކުރު ބިނާކުރުމުގައި ފެށުން.
5- އާޔަތް ބިނާކުރުމުގައި ފެށުން. 5- ކަލިމަ ބިނާކުރުމުގައި ފެށުން.
6- ސޫރަތް ބިނާކުރުމުގައި ފެށުން. 6- ކަލިމައިގެ ޙާލަތު ދެނެގަތުމުގައި ފެށުން.
7- ސޫރަތް ދަސްކުރުމުގައި ފެށުން. 7- ޖުމްލަ ބިނާކުރުމުގައި ފެށުން.
8- ބަލައިގެން ކިޔަވަން ދަސްކުރުމުގައި ފެށުން. 8- نَـحْوُ ގެ ޤަޥާޢިދު ދަސްކުރުމުގައި ފެށުން.
9- ނުބަލައި ކިޔަވަން ދަސްކުރުމުގައި ފެށުން. 9- صَرْفُ ގެ ޤަޥާޢިދު ދަސްކުރުމުގައި ފެށުން.
10- ޚަތިމްކުރަން ތައްޔާރުވުމުގައި ފެށުން. 10- ޢަރަބި ބަހުން ވާހަކަ ދެއްކުމުގައި ފެށުން.

- ކީރިތި ޤުރްއާން އުނގެނި ދަސްކުރުމުގައި، ފެށުންތައް ދަސްކޮށް ފަރިތަކޮށް އާދަނުކުރެވޭނަމަ، ތަޖުވީދުގެ ހަމަތަކާ އެއްގޮތަށް، ރީތިކޮށް ޤުރްއާން ކިޔަވާ މީހާއަށް ވެސް، ޢަރަބި ބަހުން ލިޔެފައި ހުންނަ ޢާންމު ލިޔުންތަކާއި، ޙަދީޘްތައް އަދި ދުޢާތައް ކިޔަން އުނދަގޫވާނެއެވެ.

- ކީރިތި ޤުރްއާން އުނގެނި ދަސްކުރަން ޖެހޭނީ، ޢަރަބި ބަހުގެ ޤަޥާޢިދުތައް އުނގެނި ދަސްކުރުމަށް، ތައްޔާރުވެވޭ ގޮތަށެވެ.

- އެކަން އެގޮތަށް ކުރެވޭނީ، ކީރިތި ޤުރްއާން އުނގެނި ދަސްކުރުމުގައި، އަންނަ ފެށުންތައް ފަރިތަކުރެވޭ ގޮތަށް، ކީރިތި ޤުރްއާން ބިނާވެފައިވާ ތަރުތީބުން، ކީރިތި ޤުރްއާން އުނގެނި ދަސްކޮށްގެންނެވެ.

 

ކީރިތި ޤުރްއާން އުނގެނި ދަސްކުރުމުގައި އަންނަ ފެށުންތަކާއި ޢަރަބި ބަހުގެ ޤަޥާޢިދު ދަސްކުރުމުގައި އަންނަ ފެށުންތަކުގެ ގުޅުން

 

- ކީރިތި ޤުރްއާން އުނގެނި ދަސްކުރުމުގައި އަންނަ މައިގަނޑު ފެށުންތަކަކީ:-

 

1- ޤުރްއާން ބިނާކުރުމުގައި ފެށުން.

- ކީރިތި ޤުރްއާން އުނގެނި ދަސްކުރުމުގައި، ކީރިތި ޤުރްއާން ބިނާކުރުމުގެ ފެށުމަކީ، އަކުރާއި ފިއްޔެވެ. ނުވަތަ އަކުރާއި ވަޒަންތަކެވެ. ނުވަތަ އަޑު ތަކާއި އެ އަޑުތައް ބޭނުންކުރެވޭ ވައްޓަފާޅިތަކެވެ.

- ޢަރަބި ބަހުގެ ޤަޥާޢިދުން ބަލާނަމަ މިއީ ޢަރަބި ބަސް ބިނާކުރުމުގައި ފެށުމެވެ.

- އަދި މިއީ ޢަރަބި ބަހުގެ ޤަޥާޢިދު ދަސްކުރުމުގައި ވެސް ފެށުމެވެ.

- ޢަރަބި ބަހުގެ ޤަޥާޢިދު ދަސްކުރުމުގައި ފެށުމަކީ، ޢަރަބި އަކުރުތަކާއި ޢަރަބި ވަޒަންތަކުން ކަލިމަތައް ބިނާކުރަން އެނގުމެވެ.

- މާނައަކީ ޢަރަބި ކަލިމަތަކާއި ޢަރަބި ޖުމްލަތައް ބަލައިގެން ކިޔަން އެނގުމެވެ.

- މިކަމުން އަންގައިދެނީ، ކީރިތި ޤުރްއާން ބިނާކުރުމުގެ ފެށުން ހަނދާން ނައްތާ ނުލެވޭ ގޮތަށް، ކީރިތި ޤުރްއާން އުނގެނި ދަސްކުރުމުގެ މުހިންމުކަމެވެ.

- ކީރިތި ޤުރްއާން ބިނާކުރުމުގެ ފެށުން ހަނދާން ނައްތާ ނުލެވޭ ގޮތަށް، ކީރިތި ޤުރްއާން އުނގެނޭ ހުރިހާ މަރުޙަލާއެއްގައިވެސް ޚާއްޞަކުރެވޭ ކިޔުމުގެ ތަމްރީނަކީ:-   تَوْضِيح  މި ތަމްރީނެވެ.

 

2- ތަޖުވީދު ޢިލްމު ބިނާކުރުމުގައި ފެށުން.

- ކީރިތި ޤުރްއާން އުނގެނި ދަސްކުރުމުގައި، ތަޖުވީދު ޢިލްމު ބިނާކުރުމުގައި ފެށުމަކީ، ކީރިތި ޤުރްއާން ކިޔެވުމާއި ޢަރަބި ބަހުން ވާހަކަ ދެއްކުމާ ތަފާތުކުރެވޭ މައިގަނޑު ކަންކަމެވެ.

- އެއީ ދެމޭ ޙާލަތްތަކާއި އިތުރަށް ދެމޭ ޙާލަތްތައް އަދި އިތުރަށް ޣުންނަ ކުރެވޭ ޙާލަތްތަކެވެ.

- ކީރިތި ޤުރްއާން ކިޔަވަން ދަސްކުރުމުގައި އަންނަ، އެ ޙާލަތްތައް ޚާއްޞަކުރުމަށް ޚާއްޞަ ތަމްރީނު ކުރިއަށް ގެންދަންޖެހޭނެއެވެ.

- ޢަރަބި ބަހުގެ ޤަޥާޢިދުން ބަލާނަމަ، މިއީ ޢަރަބި ބަހުން ވާހަކަ ދެއްކުމުގެ ޠަބީޢީ ގޮތާއި، ކީރިތި ޤުރްއާން ކިޔެވުމުގެ ތަފާތު ދަސްކުރުމުގައި ފެށުމެވެ.

 

3- އަކުރު ބިނާކުރުމުގައި ފެށުން.

- އަކުރު ބިނާކުރުމުގެ މާނައަކީ، އަކުރުގެ އަޑު ބިނާކުރުމެވެ.

- ކީރިތި ޤުރްއާން އުނގެނި ދަސްކުރުމުގައި، އަކުރުގެ އަޑު ބިނާކުރުމުގައި ފެށުމަކީ، ނަމޫނާ ކިޔުމެއް އަޑުއެހުމެވެ.

- މާނައަކީ އަކުރުގެ އަޑު ޞިފަކުރަން ދަސްކުރުމެވެ.

- ޢަރަބި ބަހުގެ ޤަޥާޢިދުން ބަލާނަމަ، މިއީ ޢަރަބި ބަހުގެ ތަޖުވީދު ޢިލްމު ބިނާކުރުމުގައި ފެށުމެވެ.

- ޢަރަބި ބަހުގެ ޤަޥާޢިދުން ތަޖުވީދު ޢިލްމުގެ ފެށުމަކީ، އަކުރުގެ އަޑު ބިނާކުރުމެވެ.

 

4- ކަލިމަ ބިނާކުރުމުގައި ފެށުން.

- ކީރިތި ޤުރްއާން އުނގެނި ދަސްކުރުމުގައި، ކަލިމަ ބިނާކުރުމުގެ ފެށުމަކީ، ކަލިމައިގެ ފުރަތަމަކޮޅުގެ އަކުރުތަކެވެ.

- އެ ބައިތަކަށް ފަރިތަވެއްޖެނަމަ، ކަލިމައިގެ ނިމުން ފަސޭހަވާނެއެވެ.

- ޢަރަބި ބަހުގެ ޤަޥާޢިދުން ބަލާނަމަ، މިއީ ޢަރަބި ލަފްޒުތައް އޮންނަ ގޮތާއި އޮންނާނެ ގޮތް ދަސްކުރެވޭ ގޮތަށް، ޢަރަބި ކަލިމަތައް ބިނާކުރަން ދަސްކުރުމުގައި ފެށުމެވެ.

- އަދި މިއީ ޢަރަބި ބަހުގެ ޤަޥާޢިދުން، ކަލިމައިގެ ޙާލަތު ދެނެގަތުމުގައިވެސް ފެށުމެވެ.

- ކަލިމަ ބިނާކުރުމުގެ ފެށުން، ހަނދާން ނައްތާ ނުލެވޭ ގޮތަށް، ކީރިތި ޤުރްއާން އުނގެނޭ ހުރިހާ މަރުޙަލާއެއްގައިވެސް ޚާއްޞަކުރެވޭ ކިޔުމުގެ ތަމްރީނުތަކަކީ:-  تَوْضِيح   /  حَرْفٌ بَعْدَ حَرْفٍ   މި ތަމްރީނުތަކެވެ.

 

5- އާޔަތް ބިނާކުރުމުގައި ފެށުން.

- ކީރިތި ޤުރްއާން އުނގެނި ދަސްކުރުމުގައި، އާޔަތް ބިނާކުރުމުގެ ފެށުމަކީ، އާޔަތުގެ ފުރަތަމަ ކޮޅުގެ ކަލިމަތަކެވެ.

- އެ ބައިތަކަށް ފަރިތަވެއްޖެނަމަ، އާޔަތުގެ ނިމުން ފަސޭހަވާނެއެވެ.

- ޢަރަބި ބަހުގެ ޤަޥާޢިދުން ބަލާނަމަ، މިއީ ޢަރަބި ޖުމްލަތައް ތަރުތީބު ކުރާނެ ގޮތާއި، ތަރުތީބު ކުރެވޭ ގޮތް ދަސްކުރެވޭ ގޮތަށް، ޢަރަބި ކަލިމަތަކުން ޖުމްލަތައް ބިނާކުރަން ދަސްކުރުމުގައި ފެށުމެވެ.

- އާޔަތް ބިނާކުރުމުގެ ފެށުން، ހަނދާން ނައްތާ ނުލެވޭ ގޮތަށް، ކީރިތި ޤުރްއާން އުނގެނޭ ހުރިހާ މަރުޙަލާއެއްގައިވެސް ޚާއްޞަކުރެވޭ ކިޔުމުގެ ތަމްރީނުތަކަކީ:-  كَلِمَةٌ بَعْدَ كَلِمَةٍ މި ތަމްރީނެވެ.

 

6- ސޫރަތް ބިނާކުރުމުގައި ފެށުން.

- ކީރިތި ޤުރްއާން އުނގެނި ދަސްކުރުމުގައި، ސޫރަތް ބިނާކުރުމުގެ ފެށުމަކީ، ސޫރަތުގެ ފުރަތަމަ ކޮޅުގެ އާޔަތްތަކެވެ.

- އެ ބައިތަކަށް ފަރިތަވެއްޖެނަމަ، ސޫރަތުގެ ނިމުން ފަސޭހަވާނެއެވެ.

- ޢަރަބި ބަހުގެ ޤަޥާޢިދުން ބަލާނަމަ، މިއީ އިސްވެ ވަކި ގޮތަކަށް ތަރުތީބު ކުރެވިފައިވާ ގިނަ ޖުމްލަތަކެއް، ހަމަ އެ ތަރުތީބުން ބިނާކުރަން ދަސްކުރުމުގައި ފެށުމެވެ.

- ސޫރަތް ބިނާކުރުމުގެ ފެށުން، ހަނދާން ނައްތާ ނުލެވޭ ގޮތަށް، ކީރިތި ޤުރްއާން އުނގެނޭ ހުރިހާ މަރުޙަލާއެއްގައިވެސް ޚާއްޞަކުރެވޭ ކިޔުމުގެ ތަމްރީނުތަކަކީ:- آيَةٌ بَعْدَ آيَةٍ މި ތަމްރީނެވެ.

 

7- ސޫރަތް ދަސްކުރުމުގައި ފެށުން.

- ކީރިތި ޤުރްއާން އުނގެނި ދަސްކުރުމުގައި، ސޫރަތް ދަސްކުރުމުގެ ފެށުމަކީ، ކުރު އާޔަތްތަކާއި ކުރު ސޫރަތްތަކެވެ.

- ކުރު ސޫރަތްތަކާއި ކުރު އާޔަތްތައް އެންމެ ގިނަވާނީ، ކީރިތި ޤުރްއާނުގެ ތިރީސްވަނަ ފޮތުގައެވެ.

- ޢަރަބި ބަހުގެ ޤަޥާޢިދުން ބަލާނަމަ، މިއީ އަމިއްލަ އިޚްތިޔާރުން، ޢަރަބި ޖުމްލަތައް ބިނާކުރަން ދަސްކުރުމުގައި ފެށުމެވެ.

- ޢަރަބި ޖުމްލަތައް ބިނާކުރުމުގެ ފެށުމަކީ ކުރު ޖުމްލަތަކެވެ. ނުވަތަ ކުރު މިންވަރެވެ.

 

8- ބަލައިގެން ކިޔަވަން ދަސްކުރުމުގައި ފެށުން.

- ކީރިތި ޤުރްއާން އުނގެނި ދަސްކުރުމުގައި، ބަލައިގެން ކިޔަވަން ދަސްކުރުމުގެ ފެށުމަކީ، ބަލައިގެން ކީރިތި ޤުރްއާން ބިނާކުރަން ދަސްކޮށް ފަރިތަކޮށް އާދަކުރުމެވެ.

- ބަލައިގެން ކީރިތި ޤުރްއާން ބިނާކުރާނީ، އަކުރުން އަކުރަށް، ކަލިމައިން ކަލިމައަށް އަދި އާޔަތުން އާޔަތަށް ސޫރަތުން ސޫރަތަށެވެ.

- ޢަރަބި ބަހުގެ ޤަޥާޢިދުން ބަލާނަމަ، މިއީ ޢަރަބި ބަހުން އިސްވެ ފުރިހަމަވެފައިވާ ލިޔުމެއް ކިޔަން ދަސްކުރުމުގައި ފެށުމެވެ.

- ޢަރަބި ބަހުން ކިޔަން އެނގުމުގެ މާނައަކީ، ޢަރަބި ބަހުން ލިޔެފައިވާ ލިޔުމެއް ބަލައިގެން ކިޔަން އެނގުމެވެ.

- ނުބަލައި ކިޔަން އެނގުމަކީ، ޢަރަބި ބަހުން ކިޔަން އެނގުމެއް ނޫނެވެ.

 

9- ނުބަލައި ކިޔަވަން ދަސްކުރުމުގައި ފެށުން.

- ކީރިތި ޤުރްއާން އުނގެނި ދަސްކުރުމުގައި، ނުބަލައި ކިޔަވަން ދަސްކުރުމުގެ ފެށުމަކީ، ބަލައިގެން ކިޔަވަން ދަސްކޮށް ފަރިތަކޮށް އާދަކުރުމެވެ.

- ކީރިތި ޤުރްއާން ބިނާވެފައިވާ ތަރުތީބުން، ބަލައިގެން ކިޔަވަން ދަސްކުރާ ފިލާވަޅުތައް، ތަކުރާރު ކުރުމުގެ ސަބަބުން، ނުބަލައި ކިޔަވަން ފަސޭހަވެގެންދާނެއެވެ.

- ޢަރަބި ބަހުގެ ޤަޥާޢިދުން ބަލާނަމަ، މިއީ ފަޞާޙާތްތެރިކަމާއި ބަލާޣާތްތެރިކަމާއެކު، ޢަރަބި ލިޔުމެއް ނުބަލައި ކިޔަން ދަސްކުރުމުގައި ފެށުމެވެ.

- އެކަމުގެ ސަބަބުން، ޢަރަބި ބަހުން ވާހަކަ ދެއްކުމަށް ދޫ ފަރިތަވެގެންދާނެއެވެ.

 

10- ޚަތިމްކުރަން ތައްޔާރުވުމުގައި ފެށުން.

- ކީރިތި ޤުރްއާން އުނގެނި ދަސްކުރުމުގައި، ޚަތިމްކުރަން ތައްޔާރުވުމުގައި ފެށުމަކީ، ތަޖުވީދުގެ ހަމަތަކާ އެއްގޮތަށް، ކީރިތި ޤުރްއާން އުނގެނި ދަސްކުރުމެވެ.

- ޢަރަބި ބަހުގެ ޤަޥާޢިދުން ބަލާނަމަ، މިއީ ޢަރަބި ބަހުން އޮތް ލިޔުމެއް ފަޞާޙާތްތެރިކަމާއި ބަލާޣާތްތެރިކަމާއެކު ކިޔަން ދަސްކުރުމުގައި ފެށުމެވެ.

 

- އިސްވެދިޔަ ފެށުންތަކުގެ އިތުރުން، ޢަރަބި ބަހުގެ ޤަޥާޢިދު ދަސްކުރުމުގައި، ތިން ފެށުމެއް ޚާއްޞަކުރެވެއެވެ. އެއީ

1- نَـحْوُ ގެ ޤަޥާޢިދު ދަސްކުރުމުގައި ފެށުން.

2- صَرْفُ ގެ ޤަޥާޢިދު ދަސްކުރުމުގައި ފެށުން.

3- ޢަރަބި ބަހުން ވާހަކަ ދެއްކުމުގައި ފެށުން.

 

نَـحْوُ ގެ ޤަޥާޢިދު ދަސްކުރުމުގައި ފެށުން

 

- نَـحْوُ ގެ ޤަޥާޢިދަކީ، ޢަރަބި ކަލިމަތަކުގެ ފަހު އަކުރުގައި، ފިލި ޖެހުމާއި ކަލިމައިގެ ޙާލަތު ދެނެގަންނަ ޤަޥާޢިދެވެ.

- ކަލިމައިގެ ފަހު އަކުރުގެ ފިއްޔަށް، އަންނަ ބަދަލުތަކަކީ، ޢަރަބި ޖުމްލައިގައި، ކަލިމަ އޮންނަ ޙާލަތުގެ ސަބަބުން، އަންނަ ބަދަލުތަކެކެވެ.

- މި ގޮތަށް ކަލިމައިގެ ފަހު އަކުރުގެ ފިއްޔަށް އަންނަ ބަދަލުތައް ދަސްކުރުމުގެ ކުރިން، ދަސްކުރަން ޖެހޭނީ، ކަލިމައިގެ ޙާލަތްތަކެވެ.

- ކަލިމަތަކުގެ ޙާލަތްތައް ދަސްކުރަން ޖެހޭނީ، ޢަރަބި ބަހުގެ ޤަޥާޢިދުން ޖުމްލަތައް ބިނާކުރަން ދަސްކޮށްގެންނެވެ.

- ޢަރަބި ބަހުގެ ޤަޥާޢިދުން، ޖުމްލަތައް ބިނާކުރަން އެނގޭނީ، ޢަރަބި ކަލިމަތަކާއި ޖުމްލަތައް ފަރިތަކަމާއެކު ކިޔައިގަންނަން އެނގޭނަމައެވެ.

- ޢަރަބި ނޫން މީހުންނަށް، އެންމެ ފަސޭހައިން ޢަރަބި ކަލިމަތަކާއި ޖުމްލަތައް ކިޔައިގަންނަން ދަސްކުރެވޭނީ، ކީރިތި ޤުރްއާން ކިޔަވަން ދަސްކުރުމުގެ ތެރެއިންނެވެ.

- ސަބަބަކީ، ކީރިތި ޤުރްއާން އުނގެނި ދަސްކުރުމުގައި އަންނަ ފެށުންތަކަށް ފަރިތަވުމުން، ޢަރަބި ކަލިމަތަކާއި ޖުމްލަތައް ކިޔައިގަންނަން ދަސްކުރެވޭނެތީއެވެ.

- އެހެންވީމަ نَـحْوُ ގެ ޤަޥާޢިދު ދަސްކުރުމުގައި ޢާންމު ފެށުމަކީ، ޢަރަބި ކަލިމަތަކާއި ޖުމްލަތައް ކިޔަން ދަސްކުރުމެވެ.

- نَـحْوُ ގެ ޤަޥާޢިދު ދަސްކުރުމުގައި ޚާއްޞަ ފެށުމަކީ، اِسْم , فِعْل  އަދި  حَرْف ވަކި ކުރަން ދަސްކުރުމެވެ.

- ކީރިތި ޤުރްއާން ކިޔެވުމުގައި، ވަޤްފު ކުރުމުގައި ކަލިމައިގެ ފަހުއަކުރަށާއި ފަހު އަކުރުގެ ފިއްޔަށް ގެނެވޭ ބަދަލުތަކަކީ، نَـحْوُ ގެ ޤަޥާޢިދެއް ނޫނެވެ.

- އެއީ ކީރިތި ޤުރްއާން ކިޔެވުމުގައި ޚާއްޞަކުރެވޭ ވަޤްފުގެ ޢާންމު ޤަޥާޢިދެވެ.

- އެ ޤަޥާޢިދު ގުޅިފައިވަނީ ތަޖުވީދު ޢިލްމާއެވެ.

 

صَرْفُ ގެ ޤަޥާޢިދު ދަސްކުރުމުގައި ފެށުން

 

- صَرْفُ ގެ ޤަޥާޢިދަކީ، ކަލިމައަށް ގެނެވޭ ބަދަލުތައް ދެނެގަތުމަށް ޚާޢްޞަ ޤަޥާޢިދެވެ.

- ކަލިމައަށް ގެނެވޭ ބަދަލުތަކުގެ ތެރޭގައި ކަލިމައިގެ އަކުރުތަކުގެ ތަރުތީބަށާއި ފިލިތަކަށް ގެނެވޭ ބަދަލުތައް ހިމެނެއެވެ.

- އެހެންވީމަ صَرْفُ ގެ ޤަޥާޢިދު ދަސްކުރުމުގައި، ޢާންމު ފެށުމަކީ، ޢަރަބި ކަލިމަތަކާއި ޖުމްލަތައް ކިޔަން ދަސްކުރުމެވެ.

-  صَرْفُ ގެ ޤަޥާޢިދު ދަސްކުރުމުގައި ޚާއްޞަ ފެށުމަކީ، اِسْم , فِعْل  އަދި  حَرْف ވަކި ކުރަން ދަސްކުރުމެވެ.

- ކީރިތި ޤުރްއާން ކިޔެވުމުގައި، ވަޤްފު ކުރުމުގައި ކަލިމައިގެ ފަހު އަކުރަށާއި ފަހު އަކުރުގެ ފިއްޔަށް ގެނެވޭ ބަދަލުތަކަކީ، صَرْفُ ގެ ޤަޥާޢިދެއް ނޫނެވެ.

- އެއީ ކީރިތި ޤުރްއާން ކިޔެވުމުގައި ޚާއްޞަކުރެވޭ ވަޤްފުގެ ޢާންމު ޤަޥާޢިދެވެ.

- އެ ޤަޥާޢިދު ގުޅިފައިވަނީ ތަޖުވީދު ޢިލްމާއެވެ.

 

ޢަރަބި ބަހުން ވާހަކަ ދެއްކުމުގައި ފެށުން

- ޢަރަބި ބަހުން ވާހަކަ ދެއްކުމުގައި ފެށުން ބެހެނީ ދެ ބަޔަކަށެވެ.

1- ޢަރަބި ކަލިމަތަކާއި ޢަރަބި ޖުމުލަތައް އަކުރުން އަކުރަށް ކަލިމައިން ކަލިމައަށް ބިނާކުރަން ދަސްކޮށް ފަރިތަކޮށް އާދަކުރުން.

2- ޢަރަބި ބަހުގެ ޤަޥާޢިދާ އެއްގޮތަށް ކަލިމަތައް ތަރުތީބުކޮށްގެން، ޖުމްލަ ބިނާކުރަށް ދަސްކޮށް ފަރިތަކޮށް އާދަކުރުން.

- ޢަރަބި ނޫން މީހުންނަށް، ޢަރަބި ބަހުން ވާހަކަ ދެއްކުމުގައި ފެށުމަކީ، އަކުރުން އަކުރަށް ކަލިމައިން ކަލިމައަށް އަދި އާޔަތުން އާޔަތަށް، ކީރިތި ޤުރްއާން ބިނާކުރަން ދަސްކޮށް ފަރިތަކޮށް އާދަކުރުމެވެ.

- އެކަމުގެ ސަބަބުން، ޢަރަބި ބަހުގެ ޤަޥާޢިދާ އެއްގޮތަށް، ކަލިމަތައް ތަރުތީބުކޮށްގެން، ޖުމްލަ ބިނާކުރަށް ދަސްކޮށް ފަރިތަކޮށް އާދަކުރަން، ޢަރަބި ނޫން މީހުންނަށް ފަސޭހަ ވެގެންދާނެއެވެ.

 

ލިޔުނީ:- ޝުޢައިބު ޢަލީ / ވަޤްފުގެ ޚާއްޞަ ޤަޥާޢިދުތައް ދަސްކުރުން

ކީރިތި ޤުރްއާން އުނގެނި ދަސްކުރުމުގައި އަންނަ ފެށުންތަކާއި ޢަރަބި ބަހުގެ ޤަޥާޢިދު ދަސްކުރުމުގެ ފެށުން — bayaanalquran.com