ލޮބުވެތި ބެލެނިވެރިންނޭވެ. ކީރިތި ޤުރްއާނަށް ދަރިވަރުން މޮޅުކަމަށް ނިންމުމުގެ ކުރިން މިކަންކަމާމެދު ފިކުރުކޮށް ވިސްނާލާށެވެ.
2026-08-18
ލޮބުވެތި ބެލެނިވެރިންނޭވެ. ކީރިތި ޤުރްއާނަށް ދަރިވަރުން މޮޅުކަމަށް ނިންމުމުގެ ކުރިން މިކަންކަމާމެދު ފިކުރުކޮށް ވިސްނާލާށެވެ.
ކީރިތި ޤުރްއާނަށް ދަރިވަރުން މޮޅުކަމަށް ނިންމޭނީ، ކީރިތި ޤުރްއާން އުނގެނި ދަސްކުރުމުގައި އަންނަ ފެށުންތަކަށް، ދަރިވަރުން ފަރިތަވުމުންނެވެ.
ކީރިތި ޤުރްއާން އުނގެނި ދަސްކުރުމުގައި އަންނަ ފެށުންތަކަށް ފަރިތަނުވެ، ނުވަތަ ފެށުންތައް ހަނދާން ނައްތާލުމަށްފަހު، ޤުރްއާން މުބާރާތަކުން ވަނަ އެއް ލިބުމުން، ނުވަތަ އަވަހަށް ޚަތިމުކުރުމުން، ދަރިވަރުން ކީރިތި ޤުރްއާނަށް މޮޅުކަމަށް ނިންމާނީ، ކޮން ގޮތަކަށް ބަލައިގެން ހެއްޔެވެ؟ އެއީ ދަރިވަރުން ކީރިތި ޤުރްއާނަށް މޮޅުކަން އަންގައިދޭ ޢަލާމާތްތަކެއް ނޫނެވެ. ކީރިތި ޤުރްއާނަށް މޮޅުކަން އަންގައިދޭ ޢަލާމާތްތަކަކީ، ކީރިތި ޤުރްއާން އުނގެނި ދަސްކުރުމުގައި އަންނަ ފެށުންތަކަށް ފަރިތަވުމެވެ. ނުވަތަ ފެށުންތައް ހަނދާނުގައި ހަރުލުމެވެ.
ކީރިތި ޤުރްއާން އުނގެނި ދަސްކުރުމުގައި އަންނަ މައިގަނޑު ފެށުންތައް
- ކީރިތި ޤުރްއާން އުނގެނި ދަސްކުރުމުގައި އަންނަ މައިގަނޑު ފެށުންތަކަކީ:-
1- ޤުރްއާން ބިނާކުރުމުގެ ފެށުން.
- ކީރިތި ޤުރްއާން ބިނާކުރުމުގެ ފެށުމަކީ، އަކުރާއި ފިއްޔެވެ. ނުވަތަ އަކުރާއި ވަޒަންތަކެވެ. ނުވަތަ އަޑު ތަކާއި އެ އަޑުތައް ބޭނުންކުރެވޭ ވައްޓަފާޅިތަކެވެ.
2- ތަޖުވީދު ޢިލްމު ބިނާކުރުމުގައި ފެށުން.
- ތަޖުވީދު ޢިލްމު ބިނާކުރުމުގައި ފެށުމަކީ، ކީރިތި ޤުރްއާން ކިޔެވުމާއި ޢަރަބި ބަހުން ވާހަކަ ދެއްކުމާ ތަފާތުކުރެވޭ މައިގަނޑު ކަންކަމެވެ.
- އެއީ ދެމޭ ޙާލަތްތަކާއި އިތުރަށް ދެމޭ ޙާލަތްތައް އަދި އިތުރަށް ޣުންނަ ކުރެވޭ ޙާލަތްތަކެވެ.
3- އަކުރު ބިނާކުރުމުގައި ފެށުން.
- އަކުރު ބިނާކުރުމުގެ މާނައަކީ، އަކުރުގެ އަޑު ބިނާކުރުމެވެ.
- އަކުރުގެ އަޑު ބިނާކުރުމުގައި ފެށުމަކީ، ނަމޫނާ ކިޔުމެއް އަޑުއެހުމެވެ.
- މާނައަކީ އަކުރުގެ އަޑު ޞިފަކުރަން ދަސްކުރުމެވެ.
4- ކަލިމަ ބިނާކުރުމުގައި ފެށުން.
- ކަލިމަ ބިނާކުރުމުގެ ފެށުމަކީ، ކަލިމައިގެ ފުރަތަމަކޮޅުގެ އަކުރުތަކެވެ.
- އެ ބައިތަކަށް ފަރިތަވެއްޖެނަމަ، ކަލިމައިގެ ނިމުން ފަސޭހަވާނެއެވެ.
5- އާޔަތް ބިނާކުރުމުގައި ފެށުން.
- އާޔަތް ބިނާކުރުމުގެ ފެށުމަކީ، އާޔަތުގެ ފުރަތަމަ ކޮޅުގެ ކަލިމަތަކެވެ.
- އެ ބައިތަކަށް ފަރިތަވެއްޖެނަމަ، އާޔަތުގެ ނިމުން ފަސޭހަވާނެއެވެ.
6- ސޫރަތް ބިނާކުރުމުގައި ފެށުން.
- ސޫރަތް ބިނާކުރުމުގެ ފެށުމަކީ، ސޫރަތުގެ ފުރަތަމަ ކޮޅުގެ އާޔަތްތަކެވެ.
- އެ ބައިތަކަށް ފަރިތަވެއްޖެނަމަ، ސޫރަތުގެ ނިމުން ފަސޭހަވާނެއެވެ.
7- ސޫރަތް ދަސްކުރުމުގައި ފެށުން.
- ސޫރަތް ދަސްކުރުމުގެ ފެށުމަކީ، ކުރު އާޔަތްތަކާއި ކުރު ސޫރަތްތަކެވެ.
- ކުރު ސޫރަތްތަކާއި ކުރު އާޔަތްތައް އެންމެ ގިނަވާނީ، ކީރިތި ޤުރްއާނުގެ ތިރީސްވަނަ ފޮތުގައެވެ.
8- ބަލައިގެން ކިޔަވަން ދަސްކުރުމުގައި ފެށުން.
- ބަލައިގެން ކިޔަވަން ދަސްކުރުމުގެ ފެށުމަކީ، ބަލައިގެން ކީރިތި ޤުރްއާން ބިނާކުރަން ދަސްކޮށް ފަރިތަކޮށް އާދަކުރުމެވެ.
- ބަލައިގެން ކީރިތި ޤުރްއާން ބިނާކުރާނީ، އަކުރުން އަކުރަށް، ކަލިމައިން ކަލިމައަށް އަދި އާޔަތުން އާޔަތަށް ސޫރަތުން ސޫރަތަށެވެ.
9- ނުބަލައި ކިޔަވަން ދަސްކުރުމުގައި ފެށުން.
- ނުބަލައި ކިޔަވަން ދަސްކުރުމުގައި ފެށުމަކީ، ބަލައިގެން ކިޔަވަން ދަސްކޮށް ފަރިތަކޮށް އާދަކުރުމެވެ.
- ބަލައިގެން ކިޔަވަން ދަސްކުރާ ފިލާވަޅުތައް، ތަކުރާރު ކުރުމުގެ ސަބަބުން، ނުބަލައި ކިޔަވަން ފަސޭހަވެގެންދާނެއެވެ.
10- ޚަތިމްކުރަން ތައްޔާރުވުމުގައި ފެށުން.
- ޚަތިމްކުރަން ތައްޔާރުވުމުގައި ފެށުމަކީ، ތަޖުވީދުގެ ހަމަތަކާ އެއްގޮތަށް، ކީރިތި ޤުރްއާން އުނގެނި ދަސްކުރުމެވެ.
- ކީރިތި ޤުރްއާން އުނގެނި ދަސްނުކޮށް، އަވަސް އަވަހަށް ޚަތިމްކުރުމަކީ، އެއްގޮތަކަށް ވެސް، ރަނގަޅު ގޮތެއް ނޫނެވެ.
ޤުރްއާން މުބާރާތްތަކުން ވަނަވަނަ ޙާޞިލްކުރާ ދަރިވަރުން މޮޅުކަމަށް ނިންމައި، ކީރިތި ޤުރްއާން އުނގެނި ދަސްކުރުން ދޫކޮށްލާއިރު، އެ ދަރިވަރުންގެ ކިބާގައި އިސްވެދިޔަ ކަންކަން ފުރިހަމަވޭ ހެއްޔެވެ؟
ސޫރަތް ފަށާ ހިސާބުން، ގިނަ ދަރިވަރުން ކީރިތި ޤުރްއާން ބިނާކުރުމުގެ ފެށުން ހަނދާން ނައްތާލައެވެ. ސޫރަތް ފަށާ ހިސާބުން، ކީރިތި ޤުރްއާނުގެ ކަލިމައެއް ވަކިން ކިޔުމަކީވެސް، ދިވެހިންގެ ތެރޭގައި ވަރަށް ދަށް ކަމެއްކަމަށް، ކީރިތި ޤުރްއާނުގެ ޢިލްމު ނެތް މީހުން ޤަބޫލުކުރެއެވެ. ސޫރަތް ފަށާ ހިސާބުން، ކަލިމަތަކާއި އާޔަތްތައް ދަސްކުރަނީ، ފެށުން ތަކުރާރު ނުކުރެވޭ ގޮތަށެވެ.
ފެށުން ތަކުރާރުނުކުރެވޭ ގޮތަށް، ހުރިހާ އަކުރަކަށް ހުރިހާ ކަލިމައަކަށް ހުރިހާ އާޔަތަކަށް، އެއް ދަރަޖައެއް ދެވޭ ގޮތަށް ކީރިތި ޤުރްއާން ކިޔުމަކީ، ކީރިތި ޤުރްއާން އުނގެނި ދަސްކުރުމެއް ނޫނެވެ. އެއީ ވަޤުތީ ކަމަކަށް ކީރިތި ޤުރްއާން ހަމައެކަނި ކިޔާލުމެވެ. އެހެންވީމަ އަވަހަށް ޚަތިމުކުރުމުން ދ ނުވަތަ ޤުރްއާން މުބާރާތަކުން ވަނަ ލިބުމުން، ދަރިވަރުން ކީރިތި ޤުރްއާނަށް މޮޅުކަމަށް ނިންމުމުގެ ކުރިން، ކީރިތި ޤުރްއާން އުނގެނި ދަސްކުރުމުގައި އަންނަ ފެށުންތަކަށް ދަރިވަރުން ފަރިތަވެފައިވޭތޯ ޔަޤީންކުރާށެވެ. އެހެން ނޫނީ ފަހުން ލަދެއްގައި ބެދޭނެއެވެ.
ޤުރްއާން މުބާރާތްތަކުން ވަނަވަނަ ޙާޞިލްކުރާ ދަރިވަރުންނާއި، އަވަހަށް ކީރިތި ޤުރްއާން ޚަތިމުކުރާ ކުދިން، ކީރިތި ޤުރްއާނަށް މޮޅުކަމަށް، ނިންމުމުގެ ކުރިން، ކީރިތި ޤުރްއާން އުނގެނި ދަސްކުރުމުގައި އަންނަ ފެށުންތަކަށް ފަރިތަކަން ޔަޤީންކުރުމަށް، އާޔަތްތަކާއި ސޫރަތްތައް ކިޔުއްވުމުގެ ބަދަލުގައި، ތިރީގައިވާ ތަމްރީނުތަކުން ސުވާލުކޮށްލާށެވެ. އޭރުން ދަރިވަރުންގެ އަޞްލު ފެންވަރު ހާމަވާނެއެވެ.
1- تَوْضِيح
2- حَرْفٌ بَعْدَ حَرْفٍ
3- كَلِمَةٌ بَعْدَ كَلِمَةٍ
4- آيَةٌ بَعْدَ آيَةٍ
- ފެށުންތައް ތަކުރާރުކުރެވޭ ގޮތަށް، ކީރިތި ޤުރްއާން ކިޔަވަން ދަސްކުރެވޭނީ، އަދި ދަރިވަރުންގެ އަޞްލު ފެންވަރު ވަޒަންކުރެވޭނީ، މި ތަމްރީނުތަކާ އެއްގޮތަށް ކިޔުއްވައިގެންނެވެ.
- ހަމައެކަނި އާޔަތްތަކާއި ސޫރަތްތައް ކިޔުއްވައިގެން، ދަރިވަރުންގެ އަޞްލު ފެންވަރު ވަޒަން ނުކުރެވޭނެއެވެ. އެހެންވީމަ، އަވަހަށް ޚަތިމް ކުރިޔަސް، އަދި ޤުރްއާން މުބާރާތްތަކުން ވަނަވަނަ ޙާޞިލް ކުރިޔަސް، ދަރިވަރުންގެ އަޞްލު ފެންވަރު ހާމައެއް ނުވާނެއެވެ.
ލިޔުނީ:- ޝުޢައިބު ޢަލީ
