ޢިލްމު އުނގެނުމުގައި ހުރިހާ ބަރަކާތެއްް ވަނީ އަބަދުވެސް ފެށުންތަކުގައެވެ.

2026-08-13

ޢިލްމު އުނގެނުމުގައި ހުރިހާ ބަރަކާތެއްް ވަނީ އަބަދުވެސް ފެށުންތަކުގައެވެ.

 

ކީރިތި ޤުރްއާން އުނގެނި ދަސްކުރުމުގައި ފެށުންތައް

 

- ޢިލްމު އުނގެނުމުގައި ބަރަކާތްވަނީ އަބަދުވެސް ފެށުންތަކުގައެވެ.

- ޢިލްމު އުނގެނުމުގައި ފެށުންތަކޭ ބުނެވެނީ، އެ ޢިލްމެއްގެ ފެށުމުގައި އަންނަ، މުހިންމު ބައިތަކެވެ.

- އެއީ ކޮންމެ ޢިލްމެއް ވެސް، ބިނާވެފައިވާ އަޞްލެވެ. ނުވަތަ އަޞްލުތަކެވެ.

- އޭގެތެރޭގައި، އެ ޢިލްމެއް އުނގެނި ދަސްކުރުމުގައި އަންނަ، ވަކިވަކި ބައިތަކުގެ ފެށުންތައް ވެސް ހިމެނެއެވެ.

- ކޮންމެ ޢިލްމެއް އުނގެނި ދަސްކުރިކަމުގައި ވިޔަސް، އެ ޢިލްމެއްގެ ފެށުމުގައި، އުނގެނި ދަސްކުރާ ބައިތަކަކީ، އުނގެނި ދަސްކުރާ މީހާއަށް، އެންމެ މުހިންމު ބައިތަކެވެ.

- އަދި އެ ޢިލްމަކުން ޤާބިލް ބަޔަކު އުފެއްދުމަށް، އެންމެ މުހިންމު ދައުރެއް އަދާކުރަނީވެސް، އެ ޢިލްމެއްގެ ފެށުންތަކެވެ.

- އުނގެނި ދަސްކުރާ ޢިލްމެއްގެ ފެށުންތަކަށް، އުނގެނޭ މީހާ ނުފަރިތަ ވެއްޖެނަމަ، އެ ޢިލްމެއްގެ ނިމުންތަކަށް ނުފަރިތަވާނެއެވެ.

- އެކަމުގެ ސަބަބުން، އުނގެނި ދަސްކުރާ ޢިލްމެއް، މާގިނަ މުއްދަތަކަށް، ހަނދާނުގައި ހަރެއް ނުލާނެއެވެ. ވަރަށް އަވަހަށް ހަނދާން ނެތޭނެއެވެ.

 

ކީރިތި ޤުރްއާން އުނގެނި ދަސްކުރުމުގައި އަންނަ މައިގަނޑު ފެށުންތައް

 

- ކީރިތި ޤުރްއާން އުނގެނި ދަސްކުރުމުގައި އަންނަ މައިގަނޑު ފެށުންތަކަކީ:-

1- ޤުރްއާން ބިނާކުރުމުގެ ފެށުން.

2- ތަޖުވީދު ޢިލްމު ބިނާކުރުމުގައި ފެށުން.

3- އަކުރު ބިނާކުރުމުގައި ފެށުން.

4- ކަލިމަ ބިނާކުރުމުގައި ފެށުން.

5- އާޔަތް ބިނާކުރުމުގައި ފެށުން.

6- ސޫރަތް ބިނާކުރުމުގައި ފެށުން.

7- ސޫރަތް ދަސްކުރުމުގައި ފެށުން.

8- ބަލައިގެން ކިޔަވަން ދަސްކުރުމުގައި ފެށުން.

9- ނުބަލައި ކިޔަވަން ދަސްކުރުމުގައި ފެށުން.

10- ޚަތިމްކުރަން ތައްޔާރުވުމުގައި ފެށުން.

 

އަކުރު ބިނާކުރުމުގައި ފެށުން

- އަކުރު ބިނާކުރުމުގެ މާނައަކީ، އަކުރުގެ އަޑު ބިނާކުރުމެވެ.

- އަކުރުގެ އަޑު ބިނާކުރުމުގައި ފެށުމަކީ، ނަމޫނާ ކިޔުމެއް އަޑުއެހުމެވެ.

- ނަމޫނާ ކިޔުމެއް ތަކުރާރުކޮށް އަޑު އަހާނަމަ، އަކުރުގެ އަޑު ޞިފަކުރަން ދަސްވާނެއެވެ.

- އެކަމުގެ ސަބަބުން، ވަރަށް ފަސޭހައިން އަކުރުގެ އަޑު ބިނާކުރަން ދަސްކޮށް ފަރިތަކޮށް އާދަކުރެވޭނެއެވެ.

- މިއީ އަކުރުގެ އަޑު ބިނާކުރުމުގައި ޠަބީޢީ ގޮތެވެ. އަދި އެންމެ ރަނގަޅު ގޮތެވެ.

 

ޤުރްއާން ބިނާކުރުމުގެ ފެށުން

- ކީރިތި ޤުރްއާން ބިނާކުރުމުގެ ފެށުމަކީ، އަކުރާއި ފިއްޔެވެ. ނުވަތަ އަކުރާއި ވަޒަންތަކެވެ. ނުވަތަ އަޑުތަކާއި އެ އަޑުތައް ބޭނުންކުރެވޭ ވައްޓަފާޅިތަކެވެ.

- މިއީ ކޮންމެ ބަހުރުވައެއް ވެސް، ބިނާކުރުމުގެ ފެށުމެވެ.

- ކީރިތި ޤުރްއާން އުނގެނި ދަސްކުރާއިރު، ޤުރްއާން ބިނާކުރުމުގެ ފެށުން، ހަނދާން ނައްތާލެވޭ ގޮތަށް، ނުވަތަ މުރާޖާ ނުކުރެވޭ ގޮތަށް، ކީރިތި ޤުރްއާން އުނގެނި ދަސްކުރުމަކީ، އެއްގޮތަކަށް ވެސް ރަނގަޅު ގޮތެއް ނޫނެވެ.

- ސަބަބަކީ، އެކަމުގެ ސަބަބުން، އަވަހަށް ކީރިތި ޤުރްއާން ހަނދާން ނެތޭނެތީއެވެ.

- އަދި ކީރިތި ޤުރްއާން ބިނާކުރުމުގެ ފެށުން، ހަނދާން ނައްތާލުމުގެ ސަބަބުން، ދަސްކުރި މިންވަރު ހަނދާން ނެތުމުން، އަލުން ދަސްކުރަން ވެސް އުނދަގޫވާނެތީއެވެ.

- ކީރިތި ޤުރްއާން އުނގެނި ދަސްކުރުމެއް ނެތި، އަވަހަށް އާޔަތްތައް ކިޔުމަށާއި އަވަހަށް ޚަތިމްކުރުމަށް، އިސްކަންދޭ މީހުންނަށް، ކީރިތި ޤުރްއާން އުނދަގޫވަނީ އެ ސަބަބާ ހެދިއެވެ.

- އަދި އެފަދަ މީހުން ދަސްކުރާ ފިލާވަޅުތައް، އަވަހަށް ހަނދާން ނެތެނީ ވެސް، އެސަބަބާ ހެދިއެވެ.

- އަވަހަށް އާޔަތްތައް ކިޔުމަށާއި، އަވަހަށް ޚަތިމްކުރުމަށް އިސްކަންދޭ ގިނަ ދަރިވަރުން، އާޔަތް ނުވަތަ ސޫރަތް ދަސްކުރަން ފަށާ ހިސާބުން، އަކުރުތަކުގެ ނަމާއި ފިލިތަކުގެ ނަންތައް ވެސް، އެންމެ ކުޑަމިނުން ހަނދާނުގައި ނުހުރެއެވެ.

- މާނައަކީ އެފަދަ ދަރިވަރުން، އާޔަތް ނުވަތަ ސޫރަތް ފަށާ ހިސާބުން، ކީރިތި ޤުރްއާން ބިނާކުރުމުގެ ފެށުން، ހަނދާން ނައްތާލައެވެ.

- އެއީ އިޚްލާޞްތެރި ނިޔަތެއްގައި، ކީރިތި ޤުރްއާން އުނގެނި ދަސްކުރާ މީހާ ޢަމަލުކުރާނެ ގޮތެއް ނޫނެވެ.

- ކީރިތި ޤުރްއާން ބިނާކުރުމުގެ ފެށުން ހަނދާން ނައްތާ ނުލެވޭ ގޮތަށް، ކީރިތި ޤުރްއާން އުނގެނޭ ހުރިހާ މަރުޙަލާއެއްގައިވެސް ޚާއްޞަކުރެވޭ ކިޔުމުގެ ތަމްރީނަކީ:-   تَوْضِيح  މި ތަމްރީނެވެ.

- މި ތަމްރީނުގެ ސަބަބުން، ކީރިތި ޤުރްއާން ބިނާކުރުމުގެ ފެށުން، ކުރު މިންވަރުން ގިނަ މިންވަރަށް،  ވާޞިލް ވެވޭ ގޮތަށް، އަވަސް ތަކުރާރުވުމަކުން ތަކުރާރު ކުރެވޭނެއެވެ.

 

ތަޖުވީދު ޢިލްމު ބިނާކުރުމުގައި ފެށުން

 

- ތަޖުވީދު ޢިލްމުގެ ފެށުމަކީ، ކީރިތި ޤުރްއާން ކިޔެވުމާއި ޢަރަބި ބަހުން ވާހަކަ ދެއްކުމާ ތަފާތުކުރެވޭ މައިގަނޑު ކަންކަމެވެ.

- އެއީ ދެމޭ ޙާލަތްތަކާއި އިތުރަށް ދެމޭ ޙާލަތްތައް އަދި އިތުރަށް ޣުންނަ ކުރެވޭ ޙާލަތްތަކެވެ.

- ކީރިތި ޤުރްއާން އުނގެނި ދަސްކުރުމުގައި، ކޮންމެ މަރުޙަލާއެއްގައިވެސް، އެބައިތައް ތަކުރާރުކުރަން ޖެހޭނެއެވެ.

- އެފަދަ ބައިތައް އަބަދުވެސް ތަކުރާރުކުރުމަށް، ކީރިތި ޤުރްއާން ކިޔަވަން ދަސްކުރުމުގައި އަންނަ، ހުރިހާ މަރުޙަލާއެއްގައި ވެސް، ޙާލަތްތައް ޚާއްޞަކުރުމަށް ޚާއްޞަ ތަމްރީނު ކުރިއަށް ގެންދަންޖެހޭނެއެވެ.

- އެހެން ނޫނީ އެބައިތައް ދަސްކޮށް ފަރިތަކޮށް އާދަނުކުރެވެނީސް، ހަނދާން ނެތިދާނެއެވެ.

- ސަބަބަކީ، އެކި މީހުންނަށް އެފަދަ ބައިތައް ދަސްކޮށް ފަރިތަކޮށް އާދަކުރުމަށް ނަގާ މުއްދަތު ތަފާތުވާނެތީއެވެ.

 

ކަލިމަ ބިނާކުރުމުގައި ފެށުން

 

- ކަލިމަ ބިނާކުރުމުގެ ފެށުމަކީ، ކަލިމައިގެ ފުރަތަމަކޮޅުގެ އަކުރުތަކެވެ.

- އެ ބައިތަކަށް ފަރިތަވެއްޖެނަމަ، ކަލިމައިގެ ނިމުން ފަސޭހަވާނެއެވެ.

- އެ އަކުރުތަކާއި އެ އަކުރުތަކުގެ ތަރުތީބަށް ފަރިތަވެއްޖެ ނަމަ، އެކަލިމައެއް ޤުރްއާނުގައި އޮންނަ ގޮތް ނުވަތަ އޮންނާނެ ގޮތް ވަރަށް ފަސޭހައިން ދަސްވާނެއެވެ.

- އެކަމުގެ ސަބަބުން، ބަލައިގެން ކިޔަވަން ދަސްކުރާ ކަލިމަ ނުބަލައި ކިޔަވަން އެނގޭ ގޮތަށް، އެނގޭ މިންވަރަށް ދަސްކޮށް ފަރިތަކޮށް އާދަކުރަން ފަސޭހަ ވެގެންދާނެއެވެ.

- ކަލިމަ ބިނާކުރުމުގެ ފެށުން، ހަނދާން ނައްތާ ނުލެވޭ ގޮތަށް، ކީރިތި ޤުރްއާން އުނގެނޭ ހުރިހާ މަރުޙަލާއެއްގައިވެސް ޚާއްޞަކުރެވޭ ކިޔުމުގެ ތަމްރީނުތަކަކީ:-  تَوْضِيح   /  حَرْفٌ بَعْدَ حَرْفٍ   މި ތަމްރީނުތަކެވެ.

- މި ތަމްރީނުތަކުގެ ސަބަބުން، ކަލިމަ ބިނާކުރުމުގެ ފެށުން، ކުރު މިންވަރުން ގިނަ މިންވަރަށް،  ވާޞިލް ވެވޭ ގޮތަށް، އަވަސް ތަކުރާރުވުމަކުން ތަކުރާރު ކުރެވޭނެއެވެ.

 

އާޔަތް ބިނާކުރުމުގައި ފެށުން

 

- އާޔަތް ބިނާކުރުމުގެ ފެށުމަކީ، އާޔަތުގެ ފުރަތަމަ ކޮޅުގެ ކަލިމަތަކެވެ.

- އެ ބައިތަކަށް ފަރިތަވެއްޖެނަމަ، އާޔަތުގެ ނިމުން ފަސޭހަވާނެއެވެ.

- އެ ކަލިމަތަކާއި ކަލިމަތަކުގެ ތަރުތީބަށް ފަރިތަވެއްޖެ ނަމަ، އެ އާޔަތެއް ޤުރްއާނުގައި އޮންނަ ގޮތް ނުވަތަ އޮންނާނެ ގޮތް ނުވަތަ އެ އާޔަތުގައި ކަލިމަތައް ތަރުތީބު ވެފައިވާ ގޮތް، ވަރަށް ފަސޭހައިން ދަސްވާނެއެވެ.

- އެކަމުގެ ސަބަބުން، ބަލައިގެން ކިޔަވަން ދަސްކުރާ އާޔަތް ނުބަލައި ކިޔަވަން އެނގޭ ގޮތަށް، އެނގޭ މިންވަރަށް ދަސްކޮށް ފަރިތަކޮށް އާދަކުރަން ފަސޭހަ ވެގެންދާނެއެވެ.

- އާޔަތް ބިނާކުރުމުގެ ފެށުން، ހަނދާން ނައްތާ ނުލެވޭ ގޮތަށް، ކީރިތި ޤުރްއާން އުނގެނޭ ހުރިހާ މަރުޙަލާއެއްގައިވެސް ޚާއްޞަކުރެވޭ ކިޔުމުގެ ތަމްރީނުތަކަކީ:-  كَلِمَةٌ بَعْدَ كَلِمَةٍ މި ތަމްރީނެވެ.

- މި ތަމްރީނުގެ ސަބަބުން، އާޔަތް ބިނާކުރުމުގެ ފެށުން، ކުރު މިންވަރުން ގިނަ މިންވަރަށް،  ވާޞިލް ވެވޭ ގޮތަށް، އަވަސް ތަކުރާރުވުމަކުން ތަކުރާރު ކުރެވޭނެއެވެ.

 

ސޫރަތް ބިނާކުރުމުގައި ފެށުން

 

- ސޫރަތް ބިނާކުރުމުގެ ފެށުމަކީ، ސޫރަތުގެ ފުރަތަމަ ކޮޅުގެ އާޔަތްތަކެވެ.

- އެ ބައިތަކަށް ފަރިތަވެއްޖެނަމަ، ސޫރަތުގެ ނިމުން ފަސޭހަވާނެއެވެ.

- އަދި އެ އާޔަތްތަކާއި އާޔަތްތަކުގެ ތަރުތީބަށް ފަރިތަވެއްޖެ ނަމަ، އެ ސޫރަތެއްގައި، އާޔަތްތައް ތަރުތީބު ވެފައިވާ ގޮތް، ވަރަށް ފަސޭހައިން ދަސްވާނެއެވެ.

- އެކަމުގެ ސަބަބުން، ބަލައިގެން ކިޔަވަން ދަސްކުރާ ސޫރަތް ނުބަލައި ކިޔަވަން އެނގޭ ގޮތަށް، އެނގޭ މިންވަރަށް ދަސްކޮށް ފަރިތަކޮށް އާދަކުރަން ފަސޭހަ ވެގެންދާނެއެވެ.

- ސޫރަތް ބިނާކުރުމުގެ ފެށުން، ހަނދާން ނައްތާ ނުލެވޭ ގޮތަށް، ކީރިތި ޤުރްއާން އުނގެނޭ ހުރިހާ މަރުޙަލާއެއްގައިވެސް ޚާއްޞަކުރެވޭ ކިޔުމުގެ ތަމްރީނުތަކަކީ:- آيَةٌ بَعْدَ آيَةٍ މި ތަމްރީނެވެ.

- މި ތަމްރީނުގެ ސަބަބުން، ސޫރަތް ބިނާކުރުމުގެ ފެށުން، ކުރު މިންވަރުން ގިނަ މިންވަރަށް،  ވާޞިލް ވެވޭ ގޮތަށް، އަވަސް ތަކުރާރުވުމަކުން ތަކުރާރު ކުރެވޭނެއެވެ.

 

ސޫރަތް ދަސްކުރުމުގައި ފެށުން

 

- ސޫރަތް ދަސްކުރުމުގެ ފެށުމަކީ، ކުރު އާޔަތްތަކާއި ކުރު ސޫރަތްތަކެވެ.

- ކުރު ސޫރަތްތަކާއި ކުރު އާޔަތްތައް އެންމެ ގިނަވާނީ، ކީރިތި ޤުރްއާނުގެ ތިރީސްވަނަ ފޮތުގައެވެ.

- އެހެންވީމަ، ބަޤަރާ ސޫރަތް ފެށުމުގެ ކުރިން، ކީރިތި ޤުރްއާނުގެ ތިރީސްވަނަ ފޮތް ދަސްކޮށް ފަރިތަކޮށް އާދަކުރަންޖެހޭނެއެވެ.

- އޭރުން ބާކީ ހުރި ސޫރަތްތައް ދަސްކޮށް ފަރިތަކޮށް އާދަކުރުމަށް، ތައްޔާރުވެވޭނެއެވެ.

- ކީރިތި ޤުރްއާނުގެ ތިރީސްވަނަ ފޮތް ދަސްކޮށް ފަރިތަކޮށް އާދަނުކޮށް، ބަޤަރާ ސޫރަތުން ކިޔަވަން ފަށާ ދަރިވަރުންނަށް، ދިގު އާޔަތްތަކާއި ތަޖުވީދު ޢިލްމު އުނގެނި ދަސްކުރުމަށް ދަތިތަކެއް ކުރިމަތިވާނެއެވެ.

 

ބަލައިގެން ކިޔަވަން ދަސްކުރުމުގައި ފެށުން

 

- ބަލައިގެން ކިޔަވަން ދަސްކުރުމުގެ ފެށުމަކީ، ބަލައިގެން ކީރިތި ޤުރްއާން ބިނާކުރަން ދަސްކޮށް ފަރިތަކޮށް އާދަކުރުމެވެ.

- ބަލައިގެން ކީރިތި ޤުރްއާން ބިނާކުރާނީ، އަކުރުން އަކުރަށް، ކަލިމައިން ކަލިމައަށް އަދި އާޔަތުން އާޔަތަށް ސޫރަތުން ސޫރަތަށެވެ.

- މިގޮތަށް ބިނާކުރުމުގައި، އުނދަގޫ ކަލިމަތަކާއި އުނދަގޫ ވެދާނެ ކަލިމަތައް އަދި ޚާއްޞަ ޙާލަތްތައް ޚާއްޞަކުރަން ވާނެއެވެ.

 

ނުބަލައި ކިޔަވަން ދަސްކުރުމުގައި ފެށުން

 

- ނުބަލައި ކިޔަވަން ދަސްކުރުމުގައި ފެށުމަކީ، ބަލައިގެން ކިޔަވަން ދަސްކޮށް ފަރިތަކޮށް އާދަކުރުމެވެ.

- ބަލައިގެން ކިޔަވަން ދަސްކުރާ ފިލާވަޅުތައް، ތަކުރާރު ކުރުމުގެ ސަބަބުން، ނުބަލައި ކިޔަވަން ފަސޭހަވެގެންދާނެއެވެ.

 

ޚަތިމްކުރަން ތައްޔާރުވުމުގައި ފެށުން

 

- ޚަތިމްކުރަން ތައްޔާރުވުމުގައި ފެށުމަކީ، ތަޖުވީދުގެ ހަމަތަކާ އެއްގޮތަށް، ކީރިތި ޤުރްއާން އުނގެނި ދަސްކުރުމެވެ.

- ކީރިތި ޤުރްއާން އުނގެނި ދަސްނުކޮށް، އަވަސް އަވަހަށް ޚަތިމްކުރުމަކީ، އެއްގޮތަކަށް ވެސް، ރަނގަޅު ގޮތެއް ނޫނެވެ.

 

ޚުލާޞާ

ކީރިތި ޤުރްއާން ކިޔަވަން ދަސްކުރުމުގައި، ފެށުން ތަކުރާރު ނުކުރެވޭ ގޮތަށް، ނުވަތަ ފެށުމާއި ނިމުމަށް އެއް ދަރަޖައެއް ދެވޭ ގޮތަށް، އާޔަތްތަކާއި ސޫރަތްތައް ކިޔުމަށް، އިސްކަން ދިނުމާއި އަވަހަށް ޚަތިމްކުރުމަކީ، ޙަޤީޤީ މާނާގައި، ކީރިތި ޤުރްއާން އުނގެނި ދަސްކުރުމެއް ނޫނެވެ. އެއީ މުޅިންވެސް، ވަޤުތީ ދަސްކުރުމެއްގައި ހުންނާނެ ޞިފަތަކެކެވެ. ކީރިތި ޤުރްއާން އުނގެނި ދަސްކުރަންޖެހޭނީ، ދާއިމީ ކަމެއްގެ ގޮތުގައި ދެކިގެންނެވެ. އެއީ ކީރިތި ޤުރްއާން އުނގެނި ދަސްކުރުމުގައި، އިޚްލާޞްތެރިކަމުގެ ބިންގަލެވެ.

 

ލިޔުނީ:- ޝުޢައިބު ޢަލީ / ތަޖުވީދުގެ ފެށުން