މީސްތަކުންނަށް ފަސޭހަކޮށްދިނުމުގެ ނަމުގައި، އެއްވެސް ޢިލްމެއް އޭގެ އަޞްލުން ބޭރުކޮށް، ޚުލާޞާކުރުމެއް ނުވެއެވެ. އެކަން އެގޮތަށް ކުރުމަކީ، ޢިލްމަށް ވެވޭ ޚިޔާނާތެކެވެ.
2026-08-13
މީސްތަކުންނަށް ފަސޭހަކޮށްދިނުމުގެ ނަމުގައި، އެއްވެސް ޢިލްމެއް އޭގެ އަޞްލުން ބޭރުކޮށް، ޚުލާޞާކުރުމެއް ނުވެއެވެ. އެކަން އެގޮތަށް ކުރުމަކީ، ޢިލްމަށް ވެވޭ ޚިޔާނާތެކެވެ.
ތެދެކެވެ.
މީސްތަކުންނަށް އެބައިމީހުންގެ ދީނީ ކަންކަމާއި ދުނިޔަވީ ކަންކަން ފަސޭހަކޮށްދިނުމަކީ، ކުރަންޖެހޭނެ ކަމެކެވެ. ނަމަވެސް ކޮންމެ ކަމެއްވެސް ފަސޭހަކޮށްދެވޭނީ ވަކި މިންވަރަކަށެވެ. އެކަމަކާ އެކަށީގެންވާ މިންވަރަށެވެ. ނަމާދު ފަސޭހަކޮށް ދިނުމަށް، ނަމާދުގެ އަޞްލަށް ބަދަލު ގެނައުމެއް ނުވެއެވެ. އަދި ނަމާދުގެ ވަޤުތުތަކާއި ރަކްޢަތްތަކުގެ ޢަދަދަށް ބަދަލު ގެނައުމެއް ނުވެއެވެ. އަދި ދުނިޔަވީ އެހެން ކަންކަން ފަސޭހަކޮށްދިނުމުގައި ވެސް، އެކަންކަމުގެ އަޞްލު ނެތިގެންދާ މިންވަރަށް، ކަންކަން ފަސޭހަކޮށް ދިނުމެއް ވެސް ނުވެއެވެ.
- މީސްތަކުންނަށް ޢިލްމެއް ފަސޭހަކޮށްދެވޭނީ މައިގަނޑު ތިން ގޮތަކަށެވެ.
1- ކުރުކުރުން.
- މިއީ އެ ޢިލްމެއް އުނގެނި ދަސްކުރުމަށް ހޭދަކުރާ ވަޤުތާއި ކިޔަވައިދޭ ޢިލްމު އެއްކޮށް ޚުލާޞާކޮށް ކުރުކުރުމެވެ.
- އުނގެނި ދަސްކުރުމަށް ހޭދަކުރާ ވަޤުތާއި ކިޔަވައިދޭ ޢިލްމު އެއްކޮށް ޚުލާޞާކޮށް ކުރުކުރެވޭނީ، އެ ޢިލްމެއްގެ ޠަބީޢަތާ ޚިލާފު ނުވެވޭ ގޮތަށް އެ މިންވަރަށެވެ.
- ޚާއްޞަކޮށް، ކީރިތި ޤުރްއާން އުނގެނި ދަސްކުރުމުގައި، އުނގެނި ދަސްކުރުމަށް ހޭދަކުރާ ވަޤުތާއި، ކިޔަވައިދޭ ފިލާވަޅުތައް ކުރުކުރުމުގައި ރައްކާތެރިވާން ޖެހޭނެއެވެ.
- ސަބަބަކީ ބައެއް ޙާލަތްތަކުގައި، އެކަން ބޮޑު ފިތުނައަކަށް ވެދާނެތީއެވެ.
- ބައެއް ފަހަރު އެކަމުގެ ސަބަބުން، ޢިލްމު އުނގެނޭ މީހުން، ފިލާވަޅުތައް ދަސްކޮށް ފަރިތަކޮށް އާދަކުރުން ދޫކޮށްލައެވެ.
- އެއީ ވަރަށް ބޮޑު ފިތުނައެކެވެ.
ކީރިތި ޤުރްއާން ކިޔަވަން ދަސްކުރުމުގައި ކުރުކުރުން
- ކީރިތި ޤުރްއާން ކިޔަވަން ދަސްކުރުމުގައި، މުޅި ޤުރްއާން ކުރު ނުކުރެވޭނެއެވެ.
- އޭގެ ބަދަލުގައި ކުރުކުރެވޭނީ، ދަސްކުރާ ވަކިވަކި ޤުރްއާން ފިލާވަޅުތަކާއި ތަޖުވީދު ފިލާވަޅުތަކެވެ.
- އަދި އެގޮތަށް ކުރުކުރުމުގައި، ހުރިހާ ޢުމުރެއްގެ މީހުންނަށް ވެސް، ޚާއްޞަ ބައިތައް ހުރިހާ މަރުޙަލާއެއްގައި ވެސް ހިމަނަން ވާނެއެވެ.
- އޭގެތެރޭގައި ދެމުމާއި އިތުރަށް ދެމުން އަދި އިތުރަށް ޣުންނަ ކުރުމާއި މަޚްރަޖާއި ޞިފަތަކާ ގުޅޭ ފިލާވަޅުތައް ދަރަޖަ ތަފާތުކޮށްގެން، ހުރިހާ މަރުޙަލާއެއްގައިވެސް ކިޔަވައިދޭން ޖެހޭނެއެވެ.
- އަދި ކީރިތި ޤުރްއާން ކިޔަވަން ދަސްކުރުމަށް، ހޭދަކުރާ ވަޤުތު ކުރުކޮށް މަދުކުރުމުގެ ބޭނުމުގައި، ކީރިތި ޤުރްއާން ކިޔަވަން ދަސްކުރަންޖެހޭ ޠަބީޢީ ތަރުތީބު ދޫކޮށް، އާޔަތްތަކާއި ސޫރަތްތައް ކިޔުމަށް އިސްކަން ދިނުމާއި، ކޮންމެ ދުވަހަކުވެސް އާފިލާވަޅެއް ނެގުމަށް އިސްކަން ދިނުމަކީ، ކީރިތި ޤުރްއާން ކިޔަވަން ދަސްކުރުމުގެ ރޫޙާ ޚިލާފުކަމެކެވެ.
2- ބައިތަކަކަށް ބަހާލުން.
- މިއީ އެ ޢިލްމެއް އުނގެނި ދަސްކުރުމުގައި، މުޅި ފިލާވަޅު ވަކިވަކި ބައިތަކަކަށް ބަހާލުމެވެ.
- މިކަމަކީވެސް ވަކި ތަރުތީބަކުން ވަކި ގޮތަކަށް ކުރަންޖެހޭ ކަމެކެވެ.
- މިގޮތަށް ޢާންމުކޮށް، ބައިބަޔަށް ފިލާވަޅުތައް ބަހާލެވެނީ، ފުރިހަމަކުރަންޖެހޭ މަރުޙަލާތަކަށް ޚާއްޞަކޮށްގެންނެވެ.
ކީރިތި ޤުރްއާން ކިޔަވަން ދަސްކުރުމުގައި، ފިލާވަޅުތައް ބައިތަކަކަށް ބަހާލުން
- ކީރިތި ޤުރްއާން ޤުރްއާން ކިޔަވަން ދަސްކޮށްދިނުމުގައި، ފިލާވަޅުތައް ކުރު ބައިތަކަކަށް ބަހާލުމަކީ، ދަރިވަރުންގެ ޢުމުރާއި ފެންވަރާ ގުޅޭ ގޮތަށް، ފިލާވަޅުތައް ބައިކުރުމެވެ.
- މިގޮތަށް ފިލާވަޅުތައް ބައިތަކަކަށް ބަހާލުމުގައިވެސް، ރައްކާތެރިވާން ޖެހޭ ކަންތައްތަކެއް ހުންނާނެއެވެ.
- އެގޮތުން ފިލާވަޅުތަކުގެ ގުޅުން ނުކެނޑި ވަކި ތަރުތީބަކުން، ކިޔަވައިދެވޭ ގޮތަށް، ފިލާވަޅުތައް ބައިކުރުމަށް، ސަމާލުކަން ދޭން ވާނެއެވެ.
3- ފަހުމުކޮށްދިނުމަށް މަޢުލޫމާތުތަކާއި ޚާއްޞަ ތަރުތީބެއް އެކުލަވައިލުން.
- މިއީ އެ ޢިލްމެއް އުނގެނި އުނގަންނައި ދިނުމުގައްޔާއި އުނގެނި ދަސްކުރުމުގައި، ދަރިވަރުންނަށް ވީހާވެސް ފަސޭހައިން ނަގައިގަނެވޭ ގޮތަށް، ނުވަތަ ފަހުމުވާނެ ގޮތަށް، ފިލާވަޅުތަކާއި މަޢުލޫމާތުތައް އެކުލަވާލައި ތަރުތީބުކުރުމެވެ.
- މިއީ ކޮންމެ ކޮންމެ މީހަކަށް ކުރުން ފަސޭހަ ކަމަކަށް ނުވާނެއެވެ.
- ސަބަބަކީ މިކަމުގައި، ކިޔަވައިދިނުމުގެ ތެރެއިން، މުދައްރިސުންނަށް ލިބިފައިވާ ތަޖުރިބާ ވަރަށް މުހިންމު ވާނެތީއެވެ.
- ކީރިތި ޤުރްއާން އުނގެނި ދަސްކުރުން ފަސޭހަކުރުމުގެ ނަމުގައި، މަޢުލޫމާތުތައް ކުރުކުރުމާއި އުނިކުރުން އަދި މަޢުލޫމާތު ނުދީ، ހަމައެކަނި ޚަތިމް ކުރުން ފަދަ ކަންކަމަކީ ވަރަށް ބޮޑު ގޯހެކެވެ.
- އެކަމުގެ ސަބަބުން އުފެދޭނީ، ކީރިތި ޤުރްއާން އުނގެނި ދަސްކުރުމާ ބީރައްޓެހި އަދި ކީރިތި ޤުރްއާން ކިޔެވުމުގެ ޢިލްމާ ބީރައްޓެހި ޖީލެކެވެ.
- އެގޮތަށް ޚަތިމެއްކޮށް ނިމޭއިރުވެސް، ކީރިތި ޤުރްއާން ކިޔަވަން ދަސްކުރާނެ ގޮތާއި ތަރުތީބު ދަރިވަރުންނަށް ވިސްނިފައި ނެތުމަކީ، އެކަމުގެ ވަރަށް ބޮޑު ހެއްކެކެވެ.
- ކީރިތި ޤުރްއާން އުނގެނި ދަސްކުރުމުގައި، ފިލާވަޅުތައް ފަހުމުކޮށްދިނުމަށް، ޚާއްޞަ ހުރިހާ މަޢުލޫމާތުތަކަކީ، ހިތު ދަސްކުރަންޖެހޭ މަޢުލޫމާތުތަކެއް ނޫނެވެ.
- އެފަދަ ބައެއް މަޢުލޫމާތުތަކަކީ، އުނގެނޭ މީހާގެ ކިބާގައި، ފިކުރީ ގޮތުން، ކީރިތި ޤުރްއާނާ މުނާސަބު، އުނގެނުމާއި އުނގަންނައިދިނުމުގެ ވިސްނުމެއް އުފެއްދުމަށް، ފޯރުކޮށްދެވޭ މަޢުލޫމާތު ތަކެކެވެ.
ކީރިތި ޤުރްއާން އުނގެނި ދަސްކުރުމުގައި، ފިލާވަޅުތައް ފަހުމުކޮށްދިނުމަށް މަޢުލޫމާތުތަކާއި ޚާއްޞަ ތަރުތީބެއް އެކުލަވައިލުން
ކީރިތި ޤުރްއާން ކިޔަވަން ދަސްކުރުން ފަސޭހަ ކުރުމުގެ ނަމުގައި، އެހާ ގިނަ މަޢުލޫމާތުތަކެއް ލިޔުނީ، ކީއްވެގެން ހެއްޔެވެ؟ މިއީ ވަރަށް ގިނަ މީހުން އަޅުގަނޑާ ކުރާ ސުވާލެކެވެ. އެކަން އެގޮތަށް މެދުވެރިވާންޖެހުނު ސަބަބުތައް ވަރަށް ގިނައެވެ.
- އޭގެތެރެއިން މައިގަނޑު ސަބަބުތަކަކީ:-
1- ކީރީތި ޤުރްއާން އުނގަންނައިދޭ ގިނ އެދުރުންނަށް، ކީރިތި ޤުރްއާން އުނގަންނައިދޭންވީ ގޮތާއި ތަރުތީބު ނޭނގުން.
2- ކީރިތި ޤުރްއާން އުނގެނޭ މީހުންނަށް، ކީރިތި ޤުރްއާން އުނގެނި ދަސްކުރަންވީ ގޮތާއި ތަރުތީބު ނޭނގުން.
3- ކީރިތި ޤުރްއާން އުނގެނި ދަސްކުރުމެއްނެތި، އަވަހަށް ޚަތިމް ކުރާ ގިނަ މީހުންނަށް، ކީރިތި ޤުރްއާން ރަނގަޅަށް ދަސްނުވުން.
4- ކީރިތި ޤުރްއާން އުނގެނި ދަސްކުރުމެއްނެތި، އަވަހަށް ޚަތިމް ކުރާ މީހުންނަށް، 114 ސޫރަތް ނިމޭއިރުވެސް، ކީރިތި ޤުރްއާން އުނގެނި ދަސްކުރުމުގެ ތަރުތީބު ނޭނގުން.
5- ކީރިތި ޤުރްއާން އުނގެނި ދަސްކުރުމެއްނެތި، އަވަހަށް ޚަތިމް ކުރާ ގިނަ މީހުންގެ ކިބާގައި ފެންވަރު ނެތުން.
6- ކީރިތި ޤުރްއާން އުނގެނި ދަސްކުރުމެއްނެތި، އަވަހަށް ޚަތިމްކުރުމުގެ ސަބަބުން، ދަސްކުރި ފިލާވަޅުތައް، އަވަހަށް ހަނދާން ނެތުން.
7- ޤުރްއާން އުނގަންނައި ދިނުމުގައި، ވަކި ގޮތެއް ވަކި ތަރުތީބެއް ކަނޑައެޅި ޚާއްޞަކުރެވިފައި ނެތުމުގެ ސަބަބުން، ކިޔަވައިދިނުން އެއްގޮތް ކުރަން ދަތިވުން.
8- ޤުރްއާން އުނގަންނައި ދިނުމުގައި، ވަކި ގޮތެއް ވަކި ތަރުތީބެއް ކަނޑައެޅި، ޚާއްޞަކުރެވިފައި ނެތުމުގެ ސަބަބުން، ކިޔަވައިދިނުން އެއްގޮތް ކުރަން ދަތިވުމުގެ ސަބަބުން، ހުރިހާ ދަރިވަރުން އެއް ފެންވަރަކަށް ގެންދިއުމަށް ދަތިވުމާއެކު، އުނގަންނައި ދިނުމުގައި، ކުރިމަތިވާ ތަފާތު މައްސަލަތައް ޙައްލުކުރަން އުނދަގޫވުން.
9- ޤުރްއާން އުނގަންނައި ދިނުމުގައި، ވަކި ގޮތެއް ވަކި ތަރުތީބެއް ކަނޑައެޅި ޚާއްޞަކުރެވިފައި ނެތުމުގެ ސަބަބުން، ކިޔަވައިދިނުން އެއްގޮތް ކުރަން ދަތިވުމުގެ ސަބަބުން، އުނގަންނައިދިނުމުގެ ތަރުތީބު އޮޅި، އުނގަންނައިދިނުމުގައި، އުނިކަންކަން ގިނަވުން.
10- ޤުރްއާން އުނގަންނައި ދިނުމުގައި، ވަކި ގޮތެއް ވަކި ތަރުތީބެއް ކަނޑައެޅި ޚާއްޞަކުރެވިފައި ނެތުމުގެ ސަބަބުން، ކިޔަވައިދިނުން އެއްގޮތް ކުރަން ދަތިވުމުގެ ސަބަބުން، ކުރިއަށް ދާންވީ ގޮތް ނޭނގި، މުދައްރިސުންނަށް މަގު ބަންދުވުން.
11- ޤުރްއާން އުނގަންނައި ދިނުމުގައި، ވަކި ގޮތެއް ވަކި ތަރުތީބެއް ކަނޑައެޅި ޚާއްޞަކުރެވިފައި ނެތުމުގެ ސަބަބުން، ކިޔަވައިދިނުން އެއްގޮތް ކުރަން ދަތިވުމުގެ ސަބަބުން، ދަރިވަރުންގެ އަޞްލު ފެންވަރު ވަޒަންކުރަން ދަތިވުން.
12- ކީރިތި ޤުރްއާން އުނގެނި އުނގަންނައިދޭނެ ޚާއްޞަ ތަރުތީބެއް މީގެ ކުރިން، ދިވެހި ރާއްޖެއަށް ތަޢާރަފްވެފައި ނެތުން.
13- ޤާބިލް މުދައްރިސުން ތަމްރީނުކުރަން ދަތިވުން.
14- ކީރިތި ޤުރްއާން އުނގަންނައިދިނުމުގައި، ޢަރަބީންނަށް ޚާއްޞަ މިންވަރުން، ޢަރަބި ނޫން މީހުންނަށް، އެންމެ އެކަށީގެންވާ ގޮތަށް އަދި އެކަށީގެންވާ މިންވަރަށް، ކީރިތި ޤުރްއާން ކިޔަވަން ދަސްނުވުން.
15- ކީރިތި ޤުރްއާން ކިޔަވަން ދަސްކުރުމުގައި، ޢަރަބި ނޫން މީހުން ރިޢާޔަތް ކުރަންޖެހޭ ކަންކަން، ރަސްމީކޮށް، ޢަރަބި ތަޖުވީދު ފޮތްތަކުގައި، ތަރުތީބު ކުރެވިފައި ނެތުން.
16- ކީރިތި ޤުރްއާން އުނގެނި ދަސްކުރުމެއްނެތި، އަވަހަށް ޚަތިމެއް ނިންމާއިރުވެސް، ކީރިތި ޤުރްއާން އުނގެނި ދަސްކުރުމުގެ ޢިލްމީ ވިސްނުން، ދަރިވަރުންގެ ކިބާގައި ނުއުފެދުން.
17- ކީރިތި ޤުރްއާން އުނގެނި ދަސްކުރުމެއްނެތި، އަވަހަށް ޚަތިމް ކޮށްދޭ މުދައްރިސުންނަށް، އެތައް ބަޔަކަށް ޚަތިމުކޮށްދޭއިރުވެސް، އެފަދަ މުދައްރިސުންގެ ކިބާގައި، ކީރިތި ޤުރްއާން އުނގަންނައިދިނުމުގެ ޢިލްމީ ވިސްނުން ނުއުފެދުން.
18- ކީރިތި ޤުރްއާން އުނގަންނައިދިނުމުގައި، ކީރިތި ޤުރްއާނާ މުނާސަބު ޚާއްޞަ ތަރުތީބެއް ނެތުމުގެ ސަބަބުން، ކީރިތި ޤުރްއާން އުނގެނޭ ގިނަ ބަޔަކު ބާކީވެ، ނޭނގޭ ބައެއްގެ ގޮތުގައި ލޭބަލްވުން.
19- ކީރިތި ޤުރްއާން އުނގަންނައިދިނުމާ ގުޅޭ މަޢުލޫމާތުތައް، ބެލެނިވެރިންނަށް ނޭނގުމުގެ ސަބަބުން، ދަރިވަރުންނަށް އުނގަންނައިދިނުމަށް، މުދައްރިސުންކުރާ ބުރަ މަސައްކަތްތައް ކާމިޔާބުކުރަން ދަތިވުން.
20- ކީރިތި ޤުރްއާން އުނގެނި ދަސްކުރުމުގައި، ކީރިތި ޤުރްއާނާ މުނާސަބު، ޚާއްޞަ ތަރުތީބެއް އިޚްތިޔާރު ނުކުރުމުގެ ސަބަބުން، ދާއިމީ ގޮތަކަށް ޘާބިތު ވެވޭ މިންވަރަށް، ކީރިތި ޤުރްއާން އުނގެނި ދަސްކުރުމަށް ދަތިވުން.
ޚުލާޞާ
މީސްތަކުންނަށް ޢިލްމެއް ފަސޭހަކޮށް ދިނުމުގެ މާނައަކީ، މުޅި ޢިލްމު ކުރުކޮށް ޚުލާޞާކުރުމެއް ނޫނެވެ. އެއީ މުޅިން ނުބައި މާނައެކެވެ. ބައެއް ޙާލަތްތަކުގައި، ޢިލްމެއް ފަސޭހަކޮށްދިނުމަކީ، ކަންކަން އިތުރަށް ތަފްޞީލުކޮށް، ވިސްނޭ ގޮތަކަށް ވިސްނޭ ތަރުތީބަކުން ފޯރުކޮށްދިނުމެވެ.
އެހެންވީމަ ކުރިން ބުނިގޮތަށް، މީސްތަކުންނަށް ޢިލްމެއް ފަސޭހަކޮށްދެވޭނީ، މައިގަނޑު ތިން ގޮތަކަށެވެ.
1- ކުރުކުރުން.
2- ބައިތަކަކަށް ބަހާލުން.
3- ފަހުމުކޮށްދިނުމަށް މަޢުލޫމާތުތަކާއި ޚާއްޞަ ތަރުތީބެއް އެކުލަވައިލުން.
ކީރިތި ޤުރްއާން އުނގަންނައި ދިނުމުގައި، ޢަރަބި ނޫން މީހުންނަށް، އެންމެ މުހިންމު ވާނީ، މީގެ ތެރެއިން ތިންވަނަ ގޮތެވެ. ސަބަބަކީ، ފޯރުކޮށްދޭންޖެހޭ މަޢުލޫމާތުތައް ފޯރުކޮށްނުދީ، ފިލާވަޅުތައް ކުރުކޮށް، ނުވަތަ ބައިތަކަކަށް ބަހާލިކަމުގައި ވިޔަސް، ދަރިވަރުންގެ ކިބާގައި، ކީރިތި ޤުރްއާން އުނގެނުމަށް ޚާއްޞަ ވިސްނުމެއް ނުވަތަ ތަރުތީބެއް ފިކުރީ ގޮތުން ނުއުފެދޭނެތީއެވެ. އަދި ޤުރްއާން އުނގަންނައިދިނުމުގައި، ފިލާވަޅުތައް ފަހުމުކޮށްދިނުމަށް، މަޢުލޫމާތުތަކާއި ޚާއްޞަ ތަރުތީބެއް އެކުލަވައިލުމުގެ ތެރެއިން، ޤުރްއާނާ މުނާސަބުވާ ގޮތަށް، މުނާސަބު މިންވަރަށް، ފިލާވަޅުތައް ކުރުކުރުމާއި، ޚުލާޞާކުރުން އަދި އެކި ބައިތަކަށް ބަހާލެވޭ ގޮތަށް، އުނގަންނައި ދިނުން ތަރުތީބު ކުރެވިގެން ދާނެތީއެވެ.
ލިޔުނީ:- ޝުޢައިބު ޢަލީ
